އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަރުދަނާ އީމާންކަމެއް ހުރިނަމަ "ނަގޫރޯޅިއެއްގެ މަތީގަ އިށީންނަން ޖެހުނަސް" އެއްވެސް ބިރެއް ނުގަންނާނެ: ވައްހާޖް ޠަރިން

ހަރުދަނާ އީމާންކަމެއް ހުރިނަމަ "ނަގޫރޯޅިއެއްގެ މަތީގަ އިށީންނަން ޖެހުނަސް" އެއްވެސް ބިރެއް ނުގަންނާނެ: ވައްހާޖް ޠަރިން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 22 ސިކުންތު

މީގެ އަހަރުތަކެއް ކުރިއެވެ. އެމެރިކާގެ ސްޓޭޓަކަށް ޠޫފާނެއް އަރައިގެން ސަލާމަތްވުމަށް އެންމެން ކޮޅުކޮޅަށް ދުވަނީއެވެ. ނަމަވެސް މަގުމަތީގައި ކުޑަކުއްޖަކު ހަމަ ހަމަޖެހިލައިގެން އުޅޭތީ ކެމެރާތަކުގެ ސަމާލުކަން އެކުއްޖާއަށް ހުއްޓުނެވެ.

"ކޮއްކޮ ތިހެން ހެވިފައި މަގުމަތީގައި ތިއަ އުޅެނީ ޠޫފާނަށް ބިރުނުގަންނާތީތޯ" ސުވާލުކުރުމުން އެ ކުއްޖާ ދިން ޖަވާބު އެނގޭހެއްޔެވެ؟ ޖަވާބަކީ ބިރު ނުގަންނަ ކަމަށެވެ. ބިރު ނުގަންނަ ސަބަބެއް ކަމަށް ބުނީ އޭނާ އުޅޭ ގޮތް ބަލަން އޭނާގެ ބައްޕަ ހުރިކަމެވެ. ހެވިފައި ހުރެގެން ޖަވާބު ދިނުމަށްފަހު ގޭގެ ދޮރުމަތީގައި ހުރި އޭނާގެ ބައްޕަ ކެމެރާމަނުންނަށް ދައްކައިލިއެވެ.

ވިސްނާށެވެ. އެ ކުޑަ ކުއްޖާ ބިރު ނުގަތީ އޭނާގެ ސަލާމަތަށް ބައްޕަ ހުރިކަން އެނގޭތީއެވެ. ވީއިރު ތިބާގެ ސަލާމަތަށް ﷲ ތަޢާލާ ވޮޑިގެންވާކަން ހިތުގެ އަޑިން ޤަބޫލުކުރާނަމަ ބިރުގަންނަންވީ ކާކު ދެކެ ހެއްޔެވެ؟ އިތުރަށް ކަންބޮޑުވާން ޖެހޭ ހެއްޔެވެ؟ ކޮންމެ މުޞީބާތެއް ފޮނުއްވަވަނީ ނުވަތަ މިންވަރު ކުރައްވަނީވެސް އަދި އެކަމަކުން ސަލާމަތް ކުރައްވަނީވެސް ﷲ ތަޢާލާކަން ހިތުގެ އަޑިން ޤަބޫލުކުރާނަމަ އެއްވެސް އިތުރު ފަރާތަކަށް ބިރުގަންނަން ޖެހޭ ހެއްޔެވެ؟

ތިބާގެ ކަރުގައި މީހަކު ވަޅި ޖެއްސި ނަމަވެސް ބުރިކޮށްލެވޭނީ ﷲ ތަޢާލާ މިންވަރު ކުރައްވަވައިފިނަމަ ނޫން ހެއްޔެވެ؟ ދަގަނޑު ގޮޅިއަކަށްލައި ބަންދުކުރި ނަމަވެސް އެކަންވެސް ކުރެވޭނީ ﷲ ތަޢާލާ މިންވަރު ކުރެއްވެވި ނަމަ ނޫންހެއްޔެވެ؟ ވީއިރު އެހެން އެއްވެސް ފަރާތަކަށް ބިރުގަނެ އަޅުވެތިވާންޖެހެންވީ ކީއްވެގެން ހެއްޔެވެ؟

ހަަމަ ހުވާކޮށްފައި ބުނަމެވެ. ﷲ ތަޢާލާއަށް ފުރިހަމައަށް އީމާންވެ ބިރުވެތިވެގެން ހުންނަ މީހާ އެއްވެސް ކަމަކަށް ބިރެއް ނުގަންނާނެއެވެ. ﷲ ތަޢާލާ ނޫން އެއްވެސް ފަރަތަކަށް ބިރުވެތިވެ އަޅުވެތިއެއް ނުވާނެއެވެ.

މީސްތަކުންގެ ތެރެއިން ވަރަށް ގިނަ ބައަކު މިހާރަކަށް އައިސް އަބަދުވެސް އުޅޭތަން ފެންނަނީ ކޮންމެވެސް ކަމަކާއި ބިރުގަނެގެންނެވެ. ބިންހެލުމެއް އައިސް އަޑިއަށް ހިނގައިދާނެތީ ބިރުގަންނަ މީހަކު ވަރަށް މަދެވެ. ނަމަވެސް ދިރިއުޅެން ކުރާ މަސައްކަތް ބަނގުރޫޓުވެ ނުވަތަ ލިބޭ އާމްދަނީ މަދުވެދާނެތީ ބިރުގަންނަ މީހުން ވަރަށް ގިނައެވެ.

އެއްބައަކު އަބަދު ބިރުން ތިބެނީ ވަޒީފާ ގެއްލިދާނެ ކަމަށެވެ. އަނެއް ބައަކު ބިރުންތިބެނީ ބަލިވެދާނެ ކަމަށެވެ. ބިރު ނުގަންނާނީ ކޮން ކަމަކަށް ހެއްޔެވެ؟ ލޯބިވެރިޔާ ގެއްލިދާނެތީ އެބަ ބިރުގަނެއެވެ. ކުއްޔަށް ހިފައިގެން އުޅޭތަނުން ނުކުންނަން ޖެހިދާނެތީ ވެސް ބިރުން އެބައުޅެއެވެ.

ހަމައެކަނި ބިރުގަންނަނީއެއްވެސް ނޫނެވެ. ބިރުންގޮސް ހަލާކުވެސް ވަނީއެވެ. ﷲ ތަޢާލާ ނޫން އެއްވެސް ފަރާތަކަށް އަޅުވެތިނުވާން އަންގަވާފައިވާކަންވެސް އެބަ ހަނދާންނެތެއެވެ. ހަނދާން ނެތްވަރުން ގޮސް ތިމާ ފަދަ އެހެން އިންސާނުންނަށް އެބަ އަޅުވެތިވެސް ވެއެވެ. އަޅުވެތިވެ އެމީހުން ބުނާހައި ކަމެއްވެސް އެބަކުރެއެވެ. އެއިގެ ތެރޭގައި ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ކަންކަން ވެސް އެބަކުރެއެވެ. ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑި ނުގަންނަވާ ކަންކަމުގެ ތެރޭގައި ހިމެނޭ އެކަލާނގެ ބާވައިލެއްވެވި ދީނާއި ބެހޭ ގޮތުން ދޮގު މައުލޫމާތުވެސް އެބަދެއެވެ.

މިބުނަނީ ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވީ ނަމަވެސް ބިރުގަންނަވާ މީހާ ބޭނުންވާ ގޮތަށް ދީނުގެ ޙުކުމްތައް ބަދަލުކޮށްގެން ކިޔައިދޭ ވާހަކައެވެ. މިބުނަނީ ﷲ ތަޢާލާ ކަނޑައެޅިގެން ނަހީ ކުރައްވަވާފައިވާ ކަންކަން ކުރާމީހުންގެ އަމަލުތައް ދިފާއުވެސް ކުރާވާހަކައެވެ.

މީސްތަކުންނޭވެ! މިހައި ދަށު ދަރަޖައަށް ވެއްޓިގެން މިދަނީ ހަމަ އީމާންތެރިކަން ކުޑަކަމުންނެވެ. ﷲ ތަޢާލާގެ އާޔަތްތަކަށް އިތުބާރުކުރެވޭވަރަށްވުރެ ބޮޑަށް އިންސާނުންގެ ބަސް ޤަބޫލުކުރެވޭތީއެވެ. މިއީ ވަރަށް ދެރަ ނިކަމެތި ކަމެކެވެ.

ހިތުގެ އަޑިން ﷲ ތަޢާލާއަށް އިތުބާރުކޮށް އިޚްލާޞްތެރިކަމާއިއެކު ހެޔޮ އަަމަލުކުރުންމަތީގައި ދެމިހުންނަ މީހާ ދޫކޮށް ނުލައްވަވާނެ ކަމަށް ހުރި އާޔަތްތަކަށް އިތުބާރު ނުކުރެވޭތީއެވެ. މުޞީބާތްތައް ކުރިމަތި ކުރައްވަވަނީ އިމްތިޙާން ކުރެއްވުމަށް ކަމަށާއި ކޮންމެ މުޞީބާތަކުން ވެސް އަރައިގަނެވޭނެ މަގު ދައްކަވާނެކަމަށް ހުރި އާޔަތްތަކަށް އިތުބާރު ނުކުރެވޭތީއެވެ. ދުނިޔެމަތީގައި އަރައި ނުގަނެވިއްޖެ ނަމަ އާޚިރަތް ދުވަހުން ލިބޭނެ ނިޢްމަތްތައް މާމަތިވެރިކަންވެސް ޤަބޫލު ނުކުރެވޭތީއެވެ.

- މަޢްލޫމާތު: ވައްހާޖް ޠަރިން، އިސްލާމީ ތިލަފަތް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް