ޝުކުރުވެރިވާން ނުދަންނަ މީހާއަށް ދުނިޔޭގަ ވެސް އާޚިރަތުގަވެސް ކުރިއެރުމެއް ނުލިބޭނެ: ވައްހާޖް ޠަރިން

އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 57 ސިކުންތު

ފުރަތަމަ ފަށާނީ ދުނިޔޭގެ މިސާލަކުންނެވެ. ކުންފުނިތަކާއި އޮފީސްތަކުގެ އެންމެ މަތީ މަޤާމުތަކުގައި ތިބީ ކޮން ކަމެއް ހެއްޔެވެ؟ 95 އިންސައްތަ މީހުންނަކީ އެމީހަކު މަސައްކަތްކުރާ ތަނަކުން އެމީހަކަށް ލިބޭ މުސާރަ އާއި އިނާޔަތްތައް ޤަބޫލުކޮށް ޝުކުރުވެރިވާ މީހުންނެވެ.

އިތުރު ކުރިއެރުން ހޯދަން އެމީހުން މަސައްކަތްކުރާނީ ލިބެމުން އަންނަ އިނާޔަތްތައް ޝުކުރުވެރިކަމާއިއެކު ބަލައިގަންނަމުންނެވެ. ޝުކުރުވެރި ނުވާމީހާއަށް މާގިނަ ދުވަހަކު އެއް ތަނެއްގައި ނުހުރެވޭނެއެވެ. އުނދަގޫ ބޮޑުވެގެން ބޭރުކުރާނެއެވެ. ނޫން ނަމަ އަމިއްލައަށް ދާނެއެވެ.

ދެން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ހަޔާތްޕުޅަށް ބަލާށެވެ. އަވަހާރަފުޅުން ހޭފުޅު ލެއްވެވުމާއިއެކު ފުރަތަމަ ވެސް ކުރެއްވެވި ކަމަކީ ޝުކުރުވެރިވެވަޑައިގަތުމެވެ. ކޮން ކަމަކަށް ހެއްޔެވެ؟ ހެނދުނުގެ ފަރިއްކޮޅަށް ބޭނުންފުޅު ކުރައްވަވާނެ ކަދުރު އޮށެއް ނެތް ނަމަވެސް މެއެވެ. ޝުކުރުވެރިވެ ވަޑައިގަންނަވަނީ އަވަހާރަފުޅުން ހޭފުޅު ލެއްވެވުނު ކަމަށްޓަކައެވެ. އިތުރު ދުވަހެއް ﷲ ތަޢާލާ ދެއްވެވި ކަމަށްޓަކައެވެ. އެއަށްފަހު ކޮންމެ ކަމެއް ކުރެއްވެވުމަށްފަހުވެސް ޝުކުރުވެރިވެވަޑައިގަންނަވައެވެ.

އަދިވެސް ބުނަން ހެއްޔެވެ؟ ރަސޫލް (ޞޢވ) މި ނަމޫނާ ދެއްކެވީ މީގެ 1400 އަހަރުކުރިންނެވެ. މިއަދުގެ ސައިކޮލިޖިސްޓުން މިކަން ޤަބޫލުކުރެއެވެ. ޝުކުރުވެރިވާ މީހާގެ މައްސަލަތައް މަދުކަން ޤަބޫލުކުރެއެވެ. ޚާއްޞަކޮށް ޑިޕްރެޝަންގެ މައްސަލަތަކެވެ.

އިސްލާމް ދީން ބުނަނީ ފަތިހު ހޭލައި ފަތިސް ނަމާދުކުރުމަށެވެ. އަވަހަށް މަސައްކަތް ފަށައި އަވަހަށް މަސައްކަތް ނިންމުމަމަށެވެ. އަވަހަށް ރޭގަނޑު ނިދުމަށެވެ. އެހެނީ ރޭގަނޑު ލައްވަވާފައިވަނީ މަސައްކަތްކުރާކަށް ނޫނެވެ. އަރާމުކޮށް އަވަހަށް ނިދައި ތާޒާކަންމަތީގައި ފަތިހު ތެދުވެ މަސައްކަތް ފެށުމަށެވެ.

ދެން މިއަދުގެ ޑޮކްޓަރުން އެބުނަނީ ކީކޭހެއްޔެވެ؟ އިސްލާމް ދީނުގައި އޮތް ގޮތަށް ޢަމަލުކުރަން ނޫންހެއްޔެވެ؟ ތިމާ ދަންނަ ކާމިޔާބު މީހުންގެ ހަޔާތަށް ނިކަން ބަލައިބަލާށެވެ. ކާމިޔާބު މީހުންގެ ހަޔާތް ފޮތްތަކުން ކިޔައި ދިރާސާކޮށްބަލާށެވެ. އެމީހުން އަމަލުކޮށްފައި ހުރީ މިގޮތަށް ނޫން ހެއްޔެވެ؟

ރޭގަނޑު އަވަހަށް ނިދޭނީ ދުވަހު ކުރި މަސައްކަތުން ޙާޞިލުކުރެވުނު މިންވަރަށް ޝުކުރުވެރިވާން އެނގޭ މީހުންނަށެވެ. އަދިވެސް އިތުރުކޮށްލަން ބޭނުން މީހުންގެ ހިތެއް ނުފުރޭނެއެވެ. 24 ގަޑިއިރު މަސައްކަތް ކުރި ނަމަވެސް ހިތެއް ނުފުރޭނެއެވެ.

ވީމާ ކާމިޔާބު މީހަކަށްވާން އެދޭނަމަ ޝުކުރުވެރިވާ މީހަކަށް ވާން ޖެހޭނެއެވެ. މި ކިޔައިދިން ކަންކަމަށް ވިސްނުމުން މިކަމުގެ ހެކިތައް ލިބިގެންދާނެއެވެ.

- ވައްހާޖް ޠަރިންގެ ދަރުސަކުން -

ކޮމެންޓް ކުރެއްވުމަށް

މި ވަގުތު އެއްވެސް ކޮމެންޓެއް ކިޔުންތެރީން ފާޅުކޮށްފައި ނެތް.

އަބްދުއްލަތީފް