އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަލް-ފުދެއިލްގެ ޙަޔާތް ބަދަލުކޮށްލި އާޔަތް

އަލް-ފުދެއިލްގެ ޙަޔާތް ބަދަލުކޮށްލި އާޔަތް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 36 ސިކުންތު

އަލް-ފުދެއިލް އިބްނު އިޔާޛް އަކީ ދީނީ ހުރިހާ ކަމަކަށް އަބަދުވެސް ތަބަޢާވެ، ފުރިހަމަ މުސްލިމެއްގެ ގޮތުގައި އުޅުއްވިކަމަށް ނަން މަޝްހޫރުވެފައިވާ ދީންވެރިއެކެވެ.

ނަމަވެސް އޭނާއަކީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެފަދައިން ފުރިހަމަ މުސްލިމެއްގެ ގޮތުގައި އުޅުއްވި ބޭފުޅެއް ނޫނެވެ.

ޒުވާން އުމުރު އޭނާ ހޭދަ ކުރެއްވީ ވައްކަމާއި ލޫޓުމާރު ކުރުމުގައެވެ. އޭނާ އެއިރު ނަން މައްޝޫރުވެފައި ވަނީ ވެސް މަގު ފޭރޭ މީހެއްގެ ގޮތުގައެވެ. ރޭގަނޑުގެ ވަގުތު ތަކުގައި ފުދެއިލްގެ މަސައްކަތަކަށް އެއިރު ވެފައިވަނީ އަބޫ ވާޑާއި ސާރާޚާސް ސިޓީގެ މަގުތަކުން ދަތުރުކުރާ މީހުން ލޫޓުވުމެވެ.

މި ދެ ސިޓީ ދެމެދުގައި އޮތް އަވަށެއްގައި، ފުދެއިލް ވަރަށް ލޯބިވީ އަންހެނަކު ދިރިއުޅުނެވެ. އެއަންހެން މީހާ ދެކޭ ހިތުން ކެތްތެރިކަން ކޮޅުން ލައިގެން އެއް ރޭ ފުދެއިލްއެއަންހެން މީހާގެ ގޭގެ ފާރު މަތިން އެރިއެވެ.

ފާރުމަތިން އެރި އިރު، މީހަކު ޤުރްއާން ކިޔަވަން އިން އަޑު އޭނާއަށް އިވުނެވެ. އޭނާއަށް އިވުނީ ސޫރަތުލް ޙަދީދް ގެ 16 ވަނަ އާޔަތެވެ. އެއާޔަތުގެ މާނައިގައި ވެއެވެ.

" ﷲ ހަނދުމަކުރުމަަށާއި ޙައްޤު ބަސްފުޅުގެ ތެރެއިން ބާވައިލެއްވި ފޮތައް އެއުރެންގެ ހިތްތައް މަޑުމައިތިރި ވުމަށާއި، މީގެ ކުރިން ފޮތް ލިބުނު މީހުން ފަދައިން ނުވުމަށް، އީމާންވި މީހުންނަށް އަދިވެސް ވަގުތު ނާންނަނީ ހެއްޔެވެ؟ ފަހެ އެއުރެންނަށް ޒަމާން ދިގުވެގެން ދިޔައެވެ. ދެން (އެކަމުގެ ސަބަބުން) އެއުރެންގެ ހިތްތައް ހަރުކަށިވިއެވެ. އަދި އެއުރެންކުރެ ގިނަ މީހުންނީ ފާސިގުންނެވެ."

(ޤުރްއާން 57:16)

މިއާޔަތް އަޑުއަހާފައި އަލް-ފުދެއިލް ޖަވާބު ދެއްވިއެވެ. "ޔާ ރައްބުއެވެ. ހަމަކަށަވަރުން ވެސް އެވަގުތު އަތުވެއްޖެއެވެ."

އެވަގުތު އޭނާ އިން ތަނުން ތެދުވެ، އަމިއްލަ އަވަށަށް ދާން ހިނގައިގެތެވެ. ދިޔަ މަގުމަތީގައި، ދަތުރު ކުރަމުން ދިޔަ ބަޔަކު އޭނާއަށް ފެނުނެވެ. އެމީހުން ދިޔައީ ވަރަށް ސީރިއަސް ކަމަކާއި މަޝްވަރާ ކުރަމުންނެވެ.

"އަހަރުމެންގެ ދަތުރައިގެން ކުރިއަށް ދާން ދެން ހިނގާށެވެ." އޭގެން އެކަކު ބުނިއަޑު ފުދެއިލަށް އިވުނެވެ.

"ނޫނެކެވެ. މަގުމަތީގައި އަލް-ފުދެއިލް އެބައުޅެއެވެ. އޭނާ އަހަރުމެން ލޫޓު ކޮށްފާނެއެވެ. އެހެންކަމުން ދަތުރައިގެން ދެން ކުރިއަށް ދާނީ ހެނދުނުގެ ވަގުތުގައެވެ." އެމީހާއަށް އެހެން މީހަކު ދިން ޖަވާބު ފުދެއިލަށް އަޑުއިވުނެވެ.

މިވާހަކަތައް އަޑުއަހާފައި ފުދެއިލް ހިތައް އެރިއެވެ. "ރޭގަނޑުގެ ވަގުތުގައި އަހުރެން ފާފަ ކުރަމުން މަގުތަކުގައި އުޅޭއިރު، އެހެން މުސްލިމު އަޚުންތަކެއް މިތަނުގައި ފިލާ މަޑުކޮށްގެން އެތިބެނީ އަހުރެން ދެކެ ބިރުންނެވެ. މާތް ﷲ އަހުރެންނަށް މިރޭ މިހުރިހާ ކަމެއް މިދެއްކެވީ، އަހަރެންގެ ޢަމަލުތައް ސީދާ ކުރުމަށް ފުރުސަތު ދިނުމަށްކަން ޔަގީނެވެ. ޔާ ﷲ އެވެ. މިއަޅާ އިބަ ރަސްކަލާނގެ ހަޟްރަތައް ކުށްތަންވެ މިއަޅާއަށް ކުރެވުނު ހުރިހާ ފާފަތަކަކަށް ތަޢުބާ ވަމެވެ.

މިވާހަކައިން ލިބުނު އެންމެ ބޮޑު އިބުރަތަކީ ކިތަންމެ ގިނަ ނުވަތަ ބޮޑެތި ފާފަތަކެއް ކޮށްފައިވާ މީހަކަށް ވެސް، ތަޢުބާވެ މާތް ﷲ އަށް ތަބަޢާވުމުގެ ފުރުސަތު އޮވެދާނެކަމެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ