ޝެއިޚް އިލްޔާސް ހުންނެވީ ޖަވާބުދާރީވާން ތައްޔާރަށް- ވަކީލުން

އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު

ދީނީ ޢިލްކުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލުމާއި ބެހޭ ގޮތުން ދެއްކެވި ވާހަކަތަކާއި ގުޅިގެން ޝެއިޚް އިލްޔާސް ޙުސެއިން ފުލުހަސް ހާޒިރު ކުރަނީ ދީނީ ޢިލްމުވެރިންނަށް ބިރު ދައްކަން ކަމަށާއި ނަމަވެސް އެމަނިކުފާނު ހުންނެވީ ފުލުހަށް ވަޑައިގެން ޖަވާބުދާރީވެ ވަޑައިގަންނަވަން ތައްޔާރަށް ކަމަށް ޝެއިޚް އިލްޔާސް ގެ ޤާނޫނީ ވަކީލުން ބުނެފިއެވެ.

ޝެއިޚް އިލްޔާސްގެ ޤާނޫނީ ވަކީލުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވަކީލު ޙުސެއިން ޝަމީމް ވިދާޅުވީ، އިލްޔާސް ހާޒިރުވާން އެންގި ޗިޓުގައި ބަޔާންކޮށްފައިވާ ގޮތާއި ފުލުހުން ކުރިން ބުނެފައިވާ ބުނުމާއި ދިމާ ނުވާ ކަމަށެވެ.

އެކަމާއި ގުޅޭ ތަފްސީލު ދެއްވަމުން ވަކީލު މަހުފޫޒު ސައީދު ވިދާޅުވީ ޝެއިޚް އިލްޔާސް ހާޒިރުވާން އެންގި ޗިޓުގައި ބުނެފައިވަނީ ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި އޮއްވާ ފެނުނު މައްސަލައިގެ ތަހުގީގަށް ބަޔާން ނެގުމަށް ކަމަށާއި ނަމަވެސް ކުރިން ފުލުހުން ބުނެފައިވަނީ ޑރ. އަފްރާޝީމް ގެ މަރާއި އެހެން ބައެއް މައްސަލަތަކުގެ ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ދެއްކުމުން ކަމަށެވެ.

ޝެއިޚް އިލްޔާސް ގެ މައްޗަށް ފުލުހުން ކުރާ ތުހުމަތު ސާފު ކޮށްދިނުމަށް މަހުފޫޒް ސައީދު ގޮވާލައްވާފައިވެއެވެ.

މިމައްސަލައިގެ ތަހުގީގަށް ދެ ގަޑިއިރާއި 30 މިނެޓު ހޭދަވާނެ ކަމަށް ވެސް ޗިޓުގައި އޮތުމުން، އެހާ ގިނައިރު ވާނެ ކަމަށް ލަފާކޮށްފައިވަނީ ކީއްވެކަން ސާފު ކޮށްދޭން ޖެހޭ ކަމަށް ވެސް ވަކީލު މަހްފޫޒު ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރެއްވުމަށް

މި ވަގުތު އެއްވެސް ކޮމެންޓެއް ކިޔުންތެރީން ފާޅުކޮށްފައި ނެތް.

މަރިޔަމް ވަހީދާ