އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲ ކުރިމަތިކުރައްވަވާ އިމްތިހާނުގެ ރަހަ ހިތިނުކޮށް ފޮނިކުރެވެނީ މަދު މީހަކަށް

ﷲ ކުރިމަތިކުރައްވަވާ އިމްތިހާނުގެ ރަހަ ހިތިނުކޮށް ފޮނިކުރެވެނީ މަދު މީހަކަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 31 ސިކުންތު

ޖާހިލު، ޖައްބާރުންނަށް ވެސް ﷲ ތަޢާލާ މިދުނިޔޭގައި ފުރުޞަތުތައް ދެއްވަވައެވެ. ﷲ ތަޢާލާއަށް ޝަރީކުކުރާ ކާފަރުންނަށާއި ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔައިގެން އުޅޭ މީހުންނަށް ވެސް ފުރުޞަތުތައް ދެއްވަވައެވެ.

ފުރުޞަތުތައް ދެއްވެވުމަށްފަހު ﷲ ތަޢާލާ މީސްތަކުން އިމްތިޙާން ކުރައްވަވާނެއެވެ. އެފަދަ ފުރުޞަތުތައް ދެއްވަވަނީ އެމީހުން އިމްތިޙާން ކުރެއްވެވުމަށެވެ. ނަމަވެސް ފުރުޞަތެއް ލިބުމުން އެކަންކަން ވިސްނި ޤަބޫލުކުރެވެނީ ވަރަށް މަދު މީހަކަށެވެ.

ބައެއް މީހުންނަށް ހީވަނީ އެމީހުން މީސްތަކުންގެ ތެރޭގައި ހުރެ ބާރަށް ޝަހާދަތުގެ ދެކަލިމަ ކިޔައި ﷲ ތަޢާލާގެ މަތިވެރިކަމުގެ ވާހަކަތައް ދެއްކީީމާ އެއޮތީ ހުރިހާ ކަމެއް ފުދިފައި ކަމަށެވެ.

އެއީ ވަރަށް ބޮޑު ކުށްހީއެކެވެ. ބައެއް މީހުން ބޮޑެތި ފާފަތަކަށް އަރައިގަތުމަށްފަހުގައިވެސް މީސްތަކުންގެ ކުރިމަތީގައި ހުރެ ހަމަ އޭނާ ކުރި ފާފަތައް ކުރުން ކުށްވެރިވެސް ކުރެއެވެ. އެމީހާއަށް ﷲ ތަޢާލާ ދޫދެއްވަވައި ބަލާޣާތްތެރި ކަމާއިއެކު ވާހަކަ ދެއްކުމުގެ ފުރުޞަތު ދެއްވެވީ ﷲ ތަޢާލާ ކަންވެސް އެފަދަ މީހުން ހަނދާނެއް ނުހުރެއެވެ. ތިމާ ކުރާ ފާފަތަކާއި ދައްކާ ވާހަކަތައް އެންމެ އަކުރެއް ފިއްޔެއް އުނި ނުކުރައްވަވައި އޭނާގެ ފަތުގައި ލިޔުއްވަވަމުން ގެންދަވާކަން ވެސް ހަނދާނުގައި ހުންނަ ކަމަކަށް ނުވެއެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ދުލުން ބުނާ ވާހަކަ އާއި ކުރާ އަމަލު ދިމާކުރަން ޖެހެއެވެ. ނޫންނަމަ އެއީ މުނާފިޤުންގެ ސިފައެކެވެ. ހެޔޮ އަމަލުތައް ކުރަން ގޮވާލާއިރު، ފާފަ ނުކުރުމަށް ބުނަމުން ގެންދާއިރު އެފަދަ އަމަލުތައް ތިމާ ކުރަމުން ގެންދާނަމަ ތިމާގެ ކިބައިން ފެންނަމުން އެދަނީ މުނާފިޤް ކަމުގެ ސިފަތަކެވެ.

ބައެއް މީހުން މީސްތަކުންނަށް އިންތިހާއަށް އަނިޔާވެރިވެއެވެ. މީސްތަކުންގެ ހައްޤުތަކަށް އަރައިގަނެއެވެ. ބައެއް މީހުން އެކަންކަން ކުރަނީ އެމީހަކަށް ﷲ ތަޢާލާ ދެއްވެވި ތަނަވަސްކަމުގެ ބޭނުންކޮށްގެންނެވެ. އަނެއް ބައަކު އެފަދަ ކަންކަން ކުރަނީ ﷲ ތަޢާލާ ދެއްވަވާ ބާރާއި މަޤާމާއި ނުފޫޒު ބޭނުންކޮށްގެންނެވެ.

މިއިން ކޮންމެ ކަމަކީ ވެސް ﷲ ތަޢާލާ ދެއްވަވާ ނިޢްމަތްތަކެވެ. އެ ނިޢްމަތްތައް މިންވަރު ކުރައްވަވަނީ އިމްތިޙާން ކުރެއްވެވުމަށެވެ. އެ ނިޢްމަތްތައް މިންވަރު ކުރެއްވެވުމުން އެނިޢްމަތްތަކުގެ ބޭނުން ހިފާގޮތް އިމްތިޙާން ކުރެއްވެވުމަށެވެ.

ވީމާ އަހަރެންގެ އިލްތިމާސަކީ ކިތަންމެ ކުޑަ ނިޢުމަތެއް މިންވަރު ކުރެއްވެވި ނަމަވެސް އަދި ކިތަންމެ ބޮޑު ނިޢްމަތެއް މިންވަރު ކުރެއްވެވިނަމަވެސް އެ ނިޢްމަތަކަށް ޝުކުރުވެރިވުމެވެ.

ނިޢުމަތަށް ޝުކުރުވެރިވުމަކީ ނިޢްމަތުގެ ބޭނުން ﷲ ތައާލާ އަންގަވާފައިވާ ގޮތުގައި ހިފަމުން ގެންދިއުމެވެ. އެކަމަކުން ލިބެން އޮތް އެންމެ ބޮޑު މަންފާއެއް ޙާޞިލުކުރުމެވެ. މިބުނަނީ އެއްވެސް ޙާލެއްގައި ދުނިޔަވީ ފައިދާތަކުގެ ވާހަކައެއް ނޫނެވެ. އާޚިރަތުގައި އެންމެ ބޮޑު ފައިދާއެއް ލިބޭނެ ގޮތުގައި ބޭނުން ހިފުމެވެ.

ނަމަވެސް ހިތާމައަކީ ﷲ ތަޢާލާ ކުރިމަތިކުރައްވަވާ އިމްތިހާނުގެ ރަހަ ގިނަބައަކު ވަރަށް ހިތި ގޮތުގައި ލިބިގަންނަމުންދާކަމެވެ. ހިތިނުކޮށް ފޮނިކުރެވެނީ މަދު މީހަކަށް ކަމެވެ. އާޚިރަތް އެދޭނަމަ މިކަންކަން ބަދަލުކުރަން އެބަޖެހެއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް