އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްލާމް ދީނަކީ މީސްތަކުންނާ ބީރައްޓެހި ދީނަކަށް ވާނެ ޒަމާން އަތުވެއްޖެ ކަމަށް ނުހަދާށެވެ!: ބިލާލް އައްސަދު

އިސްލާމް ދީނަކީ މީސްތަކުންނާ ބީރައްޓެހި ދީނަކަށް ވާނެ ޒަމާން އަތުވެއްޖެ ކަމަށް ނުހަދާށެވެ!: ބިލާލް އައްސަދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 47 ސިކުންތު

އިސްލާމް ދީން ބާވައިލެއްވެވުނު ޒަމާން ފަދައިން އިސްލާމް ދީނަކީ މީސްތަކުންނާއި ބީރައްޓެހި ދީނަކަށް ވާނެ ޒަމާނެއް ައަންނާނެ ކަމަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. އެހެންކަމުން އެކަމަށް ސަމާލުވެ އިސްލާމް ދީނަކީ ބީރައްޓެހި އެއްޗަކަށް ނުހަދަން މަސައްކަތް ކުރުމަކީ އަހަރެމެން އެންމެންގެ މައްޗަށް އޮތް ވަރަށް ބޮޑު މަސްއޫލިއްޔަތެކެވެ.

އަހަރެމެންގެ މައްޗަށް ވާޖިބުވެގެންވަނީ އިސްލާމް ދީނަކީ މީސްތަކުންނާއި ބީރައްޓެހި އެއްޗަކަށް ވުމުގެ ޒަމާނަށް މަރުހަބާ ކިޔުމެއް ނޫނެވެ. މަސައްކަތް ކުރަންޖެހޭނީ އެފަދަ ޒަމާނެއް އަހަރެމެންގެ ޙަޔާތުގައި އަޔަ ނުދިނުމަށެވެ.

އަހަރެމެންގެ ވާޖިބުތައް ފުރިހަމައަށް އަދާކުރެވިއްޖެނަމަ އަހަރެމެންގެ ޒަމާނުގައި އެކަމެއް ނުވާނެއެވެ. އަދި އަހަރެމެންގެ ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރެވިއްޖެ ނަމަ އެދަރިންގެ ޒަމާނުގައިވެސް އެކަމެއް ނުވާނެއެވެ. ވީމާ މިއީ އަހަރެމެން އެންމެން އެކަމަކާއިމެދު ވަރަށް ފުންކޮށް ވިސްނައި އަމަލުކުރަންޖެހިފައިވާ ކަމެކެވެ.

އިސްލާމް ދީނަކީ ބީރައްޓެހި ދީނަކަށްވާނެ ކަމަށް އެއޮތް ބަސްފުޅުގެ މާނައަކީ ދުނިޔޭގައި މުސްލިމުންގެ އަދަދު މަދުވުމެއް ނޫނެވެ. އަމަލުކުރާ މުސްލިމުން މަދުވުމެވެ. އިސްލާމް ދީނުގެ ޙުކުމްތަކަށް އަމަލުކުރުން މަދުވެގެން ދިއުމެވެ. ވީމާ މިޙާލަތުން ސަލާމަތް ވެވޭނީ އަހަރެމެންނަކީ އިސްލާމް ދީނަށް އަމަލުކުރާ ބައަކަށް ވެގެންނެވެ.

ރަމަޟާން މަހު ރޯދަ ހިފުމުން އަހަރެމެން މުސްލިމުންގެ ކިބައިން އެހެން މީހުންނަށް ފެނިގެންދަނީ އެހެން ދީންތަކުގެ މީހުންނާއި ބީރައްޓެހި އަމަލެކެވެ. ނަމަވެސް ރޯދަ ނުހިފާނަމަ އެވަނީ ކިހިނަކުން ހެއްޔެވެ؟ އަހަރެމެންނަށް އެ އަމަލުކުރެވެނީ އެހެން ދީންތަކުގެ މީހުންނާއި އެއްގޮތަކަށެވެ. އެކަމުގެ ސަބަބުން އިސްލާމް ދީނުގެ ޚާއްޞަކަން ގެއްލި އިސްލާމް ދީން ބީރައްޓެހިވެގެންދެއެވެ.

މުސްލިމުން ވާންޖެހޭނީ ޚާއްޞަ ކަންތައްތައް ކުރާ ބައަކަށެވެ. މުސްލިމުންގެ ޚާއްޞަކަން ދެމިއޮންނާނީ އެއިރުންނެވެ. މިސާލަކަށް ރަމަޟާން މަހުގެ ރޯދަ ހިފުމުގެ އިތުރުން ރޭގަނޑުން ބައެއްގައި ނިދާފައި ހޭލައިގެން ﷲ ތަޢާލާއަށް އަޅުކަން ކުރުމަކީ މުސްލިމުންނަށް ޚާއްޞަވެގެންވާ ކަމެކެވެ. އެކަން ނުކުރާނަމަ އެ ޚާއްޞަކަންވެސް ގެއްލިގެންދާނެއެވެ.

ރަނގަޅަށް ވިސްނާށެވެ! މުސްލިމުން ނޫން މީހުން ދުނިޔޭގައި އުޅޭއިރު އެންމެ ބޮޑު ސަމާލުކަމެއް ދޭނީ އެމީހަކު ޙާޞިލުކުރަން ބޭނުންވާ ދުނިޔަވީ ކޮންމެވެސް ކަމެއް ޙާޞިލުކުރުމަށެވެ. ނަމަވެސް ފުރިހަމަ މުސްލިމަކު ނަމަ އެމީހެއްގެ ދުނިޔަވީ މަޤްޞަދުތަކުގެ ކުރިއަށް ނެރޭނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އަމަލުކުރުމެވެ. މަސައްކަތްކުރާނީ ﷲ ތަޢާލާގެ ޙަޟްރަތުން ފުއްސެވުމާއި ދިންނެވުން އެދިގެންނެވެ. މިއީ ވެސް މުސްލިމުންނަށް ލިބިގެންވާ ވަރަށް ޚާއްޞަ ސިފައެކެވެ.

ނިކަން ވިސްނައިބަލާށެވެ. އެމީހާގެ ހުރިހާ ކަމަކީ ވަޒީފާ އަދާކުރުން ކަމަށް ބަލައިގެން ހުންނަ މީހާގެ ވަޒީފާ ގެއްލުނީމާ ވާނީ ކިހިނަކުން ހެއްޔެވެ؟ އެމީހާގެ ހުރިހާ ކަމަކީ ލޯބިވެރިއަކު ހޯދުން ކަމަށް ބަލައިގެން އުޅުނު މީހާއަށް ލޯބިވެރިޔާ ގެއްލުނީމާ ވާނީ ކިހިނަކުން ހެއްޔެވެ؟ އެމީހާގެ ހުރިހާ ކަމަކީ ވިޔަފާރި ކުރިއަރުވައި ފައިސާވެރިވުން ކަމަށް ބަލައިގެން އުޅުނު މީހާއަށް ލިބުނު ތަނަވަސްކަން ގެއްލިއްޖެނަމަ ވާނީ ކިހިނަކުން ހެއްޔެވެ؟

ޖަވާބަކީ މިފަދަ ކޮންމެ ކަމެއްގައިވެސް މީހާ މާޔޫސްވެ ދުނިޔެ މަތިން ފޫހިވެ އިތުރަށް ދިރިހުންނަން ބޭނުން ނުވާވަރަށް ކަންކަން ކުރިއަށް ދާނެއެވެ. ނަމަވެސް އެމީހާގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ ﷲ ތަޢާލާ މަތިވެރިކުރުން ކަމަށް ބަލައިގެން ހުންނަ މީހާއަށް އެހެނެއް ނުވާނެއެވެ.

- ބިލާލް އައްސަދުގެ ދަރުސަކުން -

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް