އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަމާދަށް ދާން ހިއްވަރު ދިނުމުގެ ފައިދާ ވަނީ ވަރަށް ރަނގަޅަށް ތަޖުރިބާ ކުރެވިފަ!

ނަމާދަށް ދާން ހިއްވަރު ދިނުމުގެ ފައިދާ ވަނީ ވަރަށް ރަނގަޅަށް ތަޖުރިބާ ކުރެވިފަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 38 ސިކުންތު

ނަމާދަށް ދިއުމަށް ހިއްވަރު ދިނުމުން ކުރާ ފައިދާ ވަނީ ވަރަށް ރަނގަޅަށް ތަޖުރިބާ ކުރެވިފައެވެ. އެގޮތުން ކުރެވުނު އެއް ތަޖުރިބާ ޙިއްޞާ ކޮށްލާނަމެވެ.

އެއީ ހޮނިހިރު ދުވަހެކެވެ. މެންދުރު ނަމާދުން ފޭބިއިރު 12 ވަރަކަށް އަހަރުގެ 3 ކުއްޖަކު އޮލަ ވާހަކައެއް ދައްކަން ތިބިތަން ފެނުމުން ކަންފަތް "ދިއްކޮށްލީ"މެވެ. އެ 3 ކުދިންނަކީ ދޭތެރެދޭތެރެއިން މިސްކިތުން ފެންނަ 3 ކުދިންނެވެ. ކަންދިމާވިގޮތުން 3 ކުދިންވެސް ވީ އެއްގެއެއްގެ 3 ކުދިންނަށެވެ.

އެކުދިން ދައްކަމުން ދިއައީ ބެލެނިވެރިންގެ މާލީ ޙާލަތު ހުރި ގޮތުން ސްކޫލުން ހިންގާ ހަރަކާތެއްގައި ބައިވެރިވެވެން ނެތުމުން ހިތާމަކުރާ ވާހަކައެވެ.

3 ކުދިން ގާތަށް ޖެހިލާފައި އަޅުގަނޑުވެސް އެވާހަކައިގައި ބައިވެރިވެ ހުށަހެޅުމެއް ހުށަހެޅީމެވެ. އެކުދިން ވަކި މުއްދަތެއް ވަންދެން ކޮންމެ ދުވަހަކު ވެސް ސްކޫލްގައި ކިޔެވުން ނޯންނަ ވަގުތުގައި ކުރާ ނަމާދުގައި ޖަމާއަތުގައި ބައިވެރިވެ ނަމާދުކުރުމަށްފަހު އަޅުގަނޑަށް ފެނިލުމަށް ހުށަހެޅީމެވެ. އަދި އެކަމުގެ އިނާމެއްގެ ގޮތުން އެކުދިން ބޭނުންވެގެން އުޅޭ ކަންތައް މާތް ﷲ ގެ ވާގިފުޅާއިއެކު ކޮށްދޭން ވައުދުވީމެވެ.

ހުށަހެޅުން ޤަބޫލުކޮށް އެކުދިން އަޅުގަނޑުގެ ހުށަހެޅުމަށް އަމަލުކުރިއެވެ. އަޅުގަނޑުވެސް މާތް ﷲ ގެ ވާގިފުޅާއިއެކު ވައުދު ފުއްދައިދިނީމެވެ. އަދި އެކުދިން އެގޮތުގައި އުޅޭނަމަ ވެވެން އޮތް ވަރަކުން މާތް ﷲ ގެ ވާގިފުޅާއިއެކު އިތުރަށް ކަންކަން ކޮށްދޭނެ ކަމަށްވެސް ބުނީމެވެ.

އެއިގެ ފަހުން މިހާރު ދުވަސް ވެގެންދިއައީއެވެ. އެއިރު ދޭތެރެދޭތެރެއިން މިސްކިތުން ފެނުނު 3 ކުދިން މިހާރު ވަރަށް ގިނައިން ފެނެއެވެ. ނުފެނިއްޖެނަމަ އެކުދިން އިސްވެ ނުފެންނަން މެދުވެރިވި ސަބަބުވެސް ކިޔައިދެއެވެ. އަދި އެއިގެ ފަހުން އިސްވެ އެކުދިން އެއްވެސް ކަމަކު އެދިފައެއް ވެސް ނުވެއެވެ.

މިފަދަ ކިތަންމެ ތަޖުރިބާއެއް ވަނީ ކުރެވިފައެވެ.

ފަތިސް ނަމާދުކުރަން ކުދިން އަހުލުވެރިކުރުވުމާއި ގުޅިގެން މިއަދުނޫހުގައި މިއަދު ލިޔުނު ލިޔުމަކާއި ގުޅިގެން ބައެއް ބޭފުޅުން ވިދާޅުވެފައިވަނީ ނަމާދުކުރަން ޖެހޭނީ އިނާމަކަށް ނޫން ކަމަށެވެ. އަދި ނަމާދުކުރުމުން އިނާމު ދިނުމަކީ އިސްލާމް ދީނުގައި ކުރަން އޮތް ކަމެއް ނޫން ކަމަށެވެ.

އެބުނާ ބަހުގެ މާނަ އާއި ކުޑަކުދިން ނަމާދުކުރަން ހިއްވަރު ދިނުމަށް ކުރާ ކަންތައްތަކާއި ވަރަށް ތަފާތުކަން ފާހަގަކުރެވެއެވެ. ހިއްވަރު ދިނުމުން އެކުދިން ނަމާދުކުރަން އާދަވެ ނަމާދުކުރާ ބައަކަށް ބަދަލުވެއެވެ. އެފަދަ ޕްރޮގްރާމެއްގައި ބައިވެރިވާ 100 ކުދިންގެ ތެރެއިން މަދު އަދަދެއްގެ ކުދިން ކޮޅެއް ނަމަވެސް ނަމާދުކުރަން އާދަވެއްޖެނަމަ އެކުރެވުނީ ވަރަށް ބޮޑު ކަމެކެވެ. 10 ކުދިން ނަމާދުކުރަން އާދަކުރުވިއްޖެނަމަ 10 ބުރިއަށް ގެ އެޅުމަށްވުރެ ކުރާނެ ފައިދާ މާބޮޑުކަމަށް އަޅުގަނޑު ދެކެމެވެ.

އަޅުގަނޑުމެންގެ މައިން ބަފައިންވެސް އެފަދަ ކަންކަން ކުރިއެވެ. ނަމާދުކޮށް، ޤްރްއާން ނުކިޔަވާނަމަ ބޭނުންވާ އެއްވެސް ކަމެއް ކޮށްނުދީ ހިފެހެއްޓިއެވެ. ދެ ނަމާދު ދޭތެރޭގައި ސޫރަތްތައް ނުކިޔަވައިފިނަމަ ރޭގަނޑު ކާން ނުދޭނެ ކަމަށްވެސް ބުނެ ހެދިއެވެ. އެކަމުގެ ސަބަބުން ގިނަ އަދަދެއްގެ ކުދިން ނަމާދުކުރަން އާދަވިއެވެ. ޤްރްއާން ކިޔަވަން ދަސްވެ ފަރިތަވިއެވެ.

ކަންކަން މިހެން ހުރުމުން ނަމާދުކުރުމަށް ހިއްވަރު ދިނުމަކީ ހުރިހާ ގޮތަކުން ބެލި ނަމަވެސް ވަރަށް ފައިދާހުރި އަދި ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ޤަބޫލުކުރެވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް