އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަންމައަށް އިހާނެތިކޮށް ކަންކަން ކުރުމުން މަރުމަތީގަ ޝަހާދަތް ނުކީގެން އުޅެންޖެހުމުގެ ތަޖުރިބާ ކުރެވުނު މީހެއްގެ ވާހަކަ

މަންމައަށް އިހާނެތިކޮށް ކަންކަން ކުރުމުން މަރުމަތީގަ ޝަހާދަތް ނުކީގެން އުޅެންޖެހުމުގެ ތަޖުރިބާ ކުރެވުނު މީހެއްގެ ވާހަކަ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 7 ސިކުންތު

އަލްދީން ވަރަށް ތުއްތުއިރު ބައްޕަ ނިޔާވުމުން ގެންގުޅެ ބޮޑުކުރީ މަންމަ އެވެ. އާއިލާގެ ނިކަމެތިކަމުން އަލްދީން ގެންގުޅެ ބޮޑުކޮށް ކިޔަވައިދީ މީހަކަށް ހެދީ މަންމަ އެކަމަށްޓަކައި ވަރަށް ބުރަ މަސައްކަތް ކޮށްގެންނެވެ. ގޭގޭގައި ވަރަށް ބުރަކޮށް މަސައްކަތްކޮށްދީ އެކަމުން ލިބުނު އުޖޫރައިންނެވެ.

ގޭގޭގައި ނޯކިރީ ކުރަމުންވެސް އަލްދީނަށް ބޭނުންވާ ހުރިހާ ޚިދުމަތްތަކެއް މަންމަ ކޮށްދިނެވެ. އެއްވެސް ކަމަކަށް ދަތިވިއަނުދީ މައްމަގެ ފެންވަރުން ހުރިހާ ކަމެއްވެސް ކޮށްދިނެވެ. އަލްދީނަށް ބޭނުންވާ ލޯތްބާއި އަޅައިލުންވެސް ދިނެވެ.

އަލްދީންވެސް އައީ މަންމަ އާއިމެދު ވަރަށް ލޯބިން ކަންތައްތައް ކުރަމުންނެވެ. ބޮޑުވާ ވަރަކަށް މަންމަ އާއިމެދު ވަރަށް އޯގާތެރިކޮށް ކަންތައްތައް ކުރުން އިތުރުކުރަމުންނެވެ. މަންމައަށް އަޅައިލަމުންނެވެ. ވަޒީފާއެއް ލިބުމުން ފުރަތަމަ ކަމެއްގެ ގޮތުންވެސް އަލްދީން މަންމަގެ ކިބައިން އެދުނީ ނޯކިރީ ކުރުން ހުއްޓާލައި ގޭގައި އިނދެދިނުމަށެވެ. ވީހައި ގިނަ ވަގުތު އަޅުކަމުގައި ހޭދަކުރުމަށެވެ.

ވަޒީފާގައި 3 އަހަރު އުޅުނުއިރު އަލްދީނަށް ވަނީ ކޮންމެވެސް ވަރެއްގެ ފައިސާކޮޅެއް އެއް ކުރެވިފައެވެ. އަލްދީން ޤަޞްދުކުރީ އެއިން އަމިއްލަ މަސައްކަތެއް ފެށުމަށެވެ. އެފަދަ ކަމެއް ފެށުމަށް ނިންމައި ފުރުޞަތަކަށް ބަލަމުންދަނިކޮށް ގޭ ކައިރީ ހުރި ކުޑަ ފިހާރައެއްގެ ވެރިމީހާ މުސްކުޅިވެ އެތަން ބެލެހެއްޓެން ނެތިގެން އުޅޭކަން އެނގުމުން އޭނާ އާއި މަޝްވަރާކޮށް އެފިހާރަ އަލްދީން ގަތެވެ. އެ ކުޑަކުޑަ ފިހާރައިގައި އަލްދީން ކުރަން ފެށި ވިޔަފާރި އިތުރަށް ކުރިއަރަމުންގޮސް 4 އަހަރުވަރުވީއިރު އަލްދީންގެ ރަނގަޅު ފެންވަރުގެ 2 ފިހާރަ ހުއްޓެވެ.

އެއިރު އަލްދީންގެ އުމުރުން ވަނީ 30 އަހަރުވުމާއި ދާދި ގާތްވެފައެވެ. އެހެންކަމުން މަނމަގެ އެދުމާއިއެކު އަލްދީން އަވަށުގެ ޒުވާން އަންހެން ކުއްޖަކާއި ކައިވެނިކުރިއެވެ. އަލްދީންގެ އުންމީދަކީ މަންމައަށް ލުއިކޮށްދިނުމެވެ. މަންމައަށް އެހީތެރިވާނެ އަންބަކު ބެހެއްޓުމެވެ.

ނަމަވެސް ކުޑަ ދުވަސްކޮޅެއްފަހުން ކަންކަން ބަދަލުވާންފެށިއެވެ. އަނބިމީހާ އަލަތު ދަރިފުޅަށް ބަލިވެއިނުމާއިއެކު އޭނާގެ ނުފޫޒު ގަދަކުރަންފެށިއެވެ. އެ ނުފޫޒުގައި ޖެހި މަންމައަށް އިހްމާލް ވެވެން ފެށުނެވެ. އެއިގެ ދުވަސްކޮޅެއް ފަހުން މަންމަ އާއިމެދު އިހާނެތިކޮށް ވެސް ކަންކަން ކުރެވެން ފެށިއެވެ. އަލްދީނަށްޓަކައި މަންމަވީ ބޮޑު ޤްރްބާނީ އާއި ދެމައިންގެ މެދުގައި އޮތް ގަދަފަދަ ލޯބި ހަނދާން ވެސް ނެތުނު ފަދައެވެ.

މަންމަވެސް ދިއައީ އެކަމާއިމެދު ވަރަށް ބޮޑަށް ހިތާމަކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ދިއައީ ހިކި އަނަރޫފަވެސް ވަމުންނެވެ. ނަމަވެސް އަލްދީނަށް އެކަން އަންގައިވެސް ނުލައެވެ. އަލްދީނަށް އަންނަމުންދާ ބަދަލުތަކުގެ ހަޤީޤަތް ރަނގަޅަށް އެނގޭތީ އެވެ. އަލްދީން ކަންބޮޑުވާނެ ބަހެއްވެސް ބުނަން ބޭނުން ނުވާތީއެވެ.

އެދުވަސްވަރު އަލްދީނަށް ދިއައީ ތަފާތު މައްސަލަތައް ކުރިމަތިވަމުންނެވެ. ވިޔަފާރީގައިވެސް ގެއްލުންވަމުންނެވެ. ހިތް ހަމަޖެހިލައިގެން ހުރުމުގެ ފުރުޞަތެއް ނުލިބެއެވެ. އަބަދުވެސް އުޅެންޖެހެނީ ކޮންމެވެސް ކަމެއް ނުވެގެން ބޮޑު ހާސްކަމެއްގެ ތެރޭގައެވެ.

އެދުވަސްވަރު އަލްދީނަށް އެއް ރޭ ނިދީގައި ވަރަށް އާދައާއި ޚިލާފު ބިރުވެރި ހުވަފެނެއް ފެނުނެވެ. އެހުވަފެނުގައި އަލްދީން ވަރަށް ބޮޑަށް ބަލިވަނީއެވެ. އެއްވެސް ފަރުވާއަކުން ރަނގަޅެއް ނުވެއެވެ. އެންމެފަހުން މަރުވުމުގެ ވަގުތު ވެސް އައިސް ޖެހުނީއެވެ. އެ ވަގުތު ޝަހާދަތް ކިޔަން އުޅެއުޅެ އެކަންވެސް ކުރެވޭނެ ގޮތެއް ނުވެއެވެ. ދޫ ބަންދުވަނީއެވެ. އެންމެ އަކުރެއްވެސް ކިޔޭނެ ގޮތެއް ނުވެއެވެ.

ހޭލެވުނުއިރު ބިރުން ތުރުތުރު އަޅައެވެ. މީހާ ވަނީ އޮއްދަލުން ފޯވެފައެވެ. ރަނގަޅަށް ވާހަކަ ވެސް ނުދެއްކެއެވެ.

އަނެއް ދުވަހު ފުރަތަމަ ކަމެއްގެ ގޮތުން އަލްދީން ދިއައީ އޭނާ ހުކުރަށް ގޮސް އުޅޭ މިސްކިތަށެވެ. އިމާމް އާއި ބައްދަލުކޮށް ހުވަފެން ކިޔައިދީ ލަފައަކަށް އެހުން އަލްދީނުގެ ހަޔާތާއި ބެހޭ ގޮތުން ހުރިހާ ކަމެއް އޮޅުންފިލުވުމަށްފަހު އިމާމް ބުންޏެވެ.

"އަލްދީން ދަރިފުޅާއެވެ. ބޭބެއަށް ފެންނަ އެއްޗެއް ބުނެދީފާނަމެވެ. ނަމަވެސް އެއިގެ ކުރިން އަދި އެއް ކަމެއް ބުނެދޭން އެބަޖެހެއެވެ. ތެދުބަހުން ޖަވާބު ދިނުން ވަރަށް ބޮޑަށް އެދެމެވެ. އަލްދީން ގެންގުޅެ ބޮޑުކުރި މަންމަ އާއިމެދު އަލްދީން މިހާރު ކަންތައް ކުރަނީ ކިހިނެއްހެޔެވެ؟ މަޔަކަށް ކުރަންޖެހޭ އިޙްތިރާމް އަދާކުރަންހެއްޔެވެ؟ މަންމަ ތިއަ ގެންގުޅެނީ ހަމަ އުފަލުގައި ހެއްޔެވެ؟ މަންމަ ތިއަ ބައިންދަނީ މަންމަގެ މަޤާމުގައި ހެއްޔެވެ؟"

މި ސުވާލުތައް ވެގެން ދިއައީ ޖަވާބުދޭން ވަރަށް އުނދަގޫ ސުވާލުތަކަކަށެވެ. ހީވަނީ އިމާމަށް ކަންތައްތަކެއް އެނގިގެން ކުރި ސުވާލުތަކެއް ހެންނެވެ. ނަމަވެސް އެފަދަ އެއްވެސް ކަމެއް މަންމަގެ ކިބައިން އިމާމަށް ނުއެނގޭނެކަން ވެސް އަލްދީނަށް ޔަޤީން ކުރެވެއެވެ.

އެއްވެސް ކަމެއް ނުފޮރުވައި ހުރިހާ ކަމެއް ހަޤީޤަތަށް ކިޔައިދިނެވެ. މަންމަ އާއިމެދު އަޅައި ނުލެވޭ ކަމާއި ލޯބި ނުދެވޭ ކަމާއި އިހާނެތިކޮށް ކަންކަން ކުރެވޭ ވާހަކަތައްވެސް ތެދުބަހުން ކިޔައިދިނެވެ.

އަލްދީން ކިޔައިދިން ހުރިހާ ވާހަކަތަކެއްގެ އަޑު ވަރަށް ރަނގަޅަށް އެހުމަށްފަހު އިމާމް ބުންޏެވެ. ދަރިފުޅާ އަލްދީން އެވެ. އެއްވެސް ކަމެއް މިހެންވީ އެހެންވެގެން ކަމަށް ބުނަން އެނގުމުގެ ކުޅަދާނަކަން އިންސާނުންނަށް ލިބިގެނެއް ނުވެއެވެ. ހަމަ އެކަނި އެނގޭނީ ލަފާކުރާށެވެ. ދުނިޔަވީ ތަޖުރިބާތަކުގެ މައްޗަށް ވިސްނައިގެންނެވެ. ވީމާ ދަރިފުޅުގެ މައްސަލައިގައި މިބުނަނީ އަހަރެންގެ ބުއްދިއަށް ވިސްނޭ ގޮތެވެ. އެކި މީހުންނަށް ކުރަންޖެހިފައިވާ ތަޖުރިބާތަކުގެ އަލީގައެވެ.

އަވަހަށް ގޮސް މަންމަގެ ފައިގައި ބޮސްދޭށެވެ. މިބުނަނީ ސަޖިދަ ކުރާ ވާހަކައެއް ނޫނެވެ. ބޮސްދޭ ވާހަކައެވެ. އެއަށްފަހު މަންމަގެ ކިބައިން މަޢާފަށް އެދޭށެވެ. މަންމަގެ ހިތް ހަލާލު ހޯދާށެވެ! އިހު ކަންކަން ކުރި ފަދައިން މަންމަ އާއިމެދު ކަންކަން ކުރަން ފަށާށެވެ. ދެ މަހެއްހައި ދުވަހު މަންމަ އުފަލުގައި ގެންގުޅުމަށްފަހު އައި ބަދަލު ބުނެދޭށެވެ. އެއިރުން އިތުރު ލަފައެއް ދޭންޖެހޭނަމަ އެލަފައެއް ދޭނަމެވެ.

އަލްދީން ދިއައީ ސީދާ ގެއަށެވެ. ގެއަށް ގޮސް އިމާމް ބުނި ފަދައިން ކަންކަންކޮށް މަންމަގެ ކިބައިން މާފަށް އެދި މަންމަގެ ހިތް ހަލާލު ހޯދިއެވެ. އަދި އެންމެ ކުރިން ފަދައިން މަންމައަށް ލޯބިދީ އުފަލުގައި ބައިންދައިގެން އުޅެންފެށިއެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކަންކަން ބަދަލުވާން ފެށިއެވެ. ކުރިން ކުރިމަތިވަމުން އައި ޒާތުގެ މައްސަލަތައް މަދުވާންފެށިއެވެ. ވިޔަފާރިތައްވެސް ކުރިއަރަން ފެށިއެވެ. ދެމަސްވާން ކައިރިވެގެން އައިއިރު ހުރިހާ ކަމެއްވެސް ވަނީ ހަމަ ކުރިއާއި އެއްގޮތްވެފައެވެ.

އިމާމް އާއި ބައްދަލުކޮށް އެވާހަކަތައް ކިޔައި ދިނުމުން އިމާމް ބުންޏެވެ. "ދަރިފުޅާއެވެ. އަދިވެސް އިތުރަށް ﷲ ތަޢާލާ އާއި ކުއްތަންވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ. މައިމީހާގެ ހިތްދަތިކޮށް ހިތުގައި ޖެއްސުމުން ކުރިމަތިވާނީ ކޮން ފަދަ މުޞީބާތެއްކަން އެއްވެސް މީހަކަށް ނުއެނގޭނެއެވެ. އެކި ޒާތްޒާތުގެ ވާހަކަތައް ދެއްކި ދާނެއެވެ. ނަމަވެސް ޒާތްޒާތަށް އެދައްކަނީ އެއްވެސް ހަޤީޤަތެއް އޮންނަ ވާހަކައެއް ނޫނެވެ. މަންމަގެ އަގު ވަޒަން ނުކުރާނަމަ އެމީހަކަށް ކޮންމެ ފަދަ ކަމެއްވެސް މެދުވެރިވެދާނެއެވެ. މައިން ހިތުގައި ޖައްސައި މައިންނަށް އިހާނެތިކޮށް ހިތާނަމަ ވަރަށް މަދު މީހަކަށް ނޫނީ މިދުނިޔޭގައިވެސް މުޞީބާތްތައް ކުރިމަތިވާނެއެވެ. އެއީ އެކަންކަމަށް ވިސްނައި އަމަލުތައް އިޞްލާޙްކުރަން ލިބޭ ވަރަށް އަގުހުރި ފުރުޞަތެކެވެ. އެ ފުރުޞަތު މިދުނިޔޭގައި ނުލިބި، ނުވަތަ ލިބުމުން ވެސް ކަންކަން އިޞްލާޙް ނުކުރާ މީހުންނަކީ ވަރަށް ބޮޑެތި އަބާއްޖަވެރިންނެވެ. އެއީ ހަމަ ގެއްލެނިވެގެންވާ ބައެކެވެ. ދަރިފުޅަށް ތިއަ ފެނުނު ހުވަފެނަކީ ލިބުނު އިންޒާރުގެ މެސެޖެއް ކަމަށް ބަލާށެވެ. އެއިރުން ހުރިހާ ކަންކަން ވެސް ދާނީ އިރާދަކުރެއްވިއްޔާ ރަނގަޅުވަމުންނެވެ. ކާމިޔާބާއި އުފާ ފާޤަތިކަން އިތުރުވަމުންނެވެ."

- މިޞުރުގެ ނޫހެއްގައި ޝާއިއުކޮށްފައިވާ ލިޔުމެއްގެ ޚުލާޞާ ތަރުޖަމާއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް