އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނިޔާވެރި ވެރިންނަށާއި ޚިޔާނާތްތެރި ވެރިންނަށް ތާއީދުކުރި މީހަކަށް ކައުޘަރު ކީ އާރުން ފެނެއް ނުބޮވޭނެ - މަލާއިކަތުން ވަޑައިގެން ޖަހައިގަނެގެން ގެންދާނެ: ޝައިޚް އިލްޔާސް

އަނިޔާވެރި ވެރިންނަށާއި ޚިޔާނާތްތެރި ވެރިންނަށް ތާއީދުކުރި މީހަކަށް ކައުޘަރު ކީ އާރުން ފެނެއް ނުބޮވޭނެ - މަލާއިކަތުން ވަޑައިގެން ޖަހައިގަނެގެން ގެންދާނެ: ޝައިޚް އިލްޔާސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 15 ސިކުންތު

އިސްލާމުންނަށް ކިޔާ ނަމެއް ކީނަމަވެސް އަނިޔާވެރި ވެރިންނަށާއި ޚިޔާނާތްތެރި ވެރިންނަށް ތާއީދުކުރި މީހުންނަކީ ރަސޫލާ (ޞޢވ) ގެ އުންމަތުން ބޭރުވި މީހުން ކަމަށާއި ކައުޘަރު ކީ އާރުން އެމީހުންނަށް ފެނެއް ނުބޮވޭނެ ކަމަށާއި ޤިޔާމަތް ދުވަހު މަލާއިކަތުން ވަޑައިގެން އެފަދަ މީހުން ޖަހައިގަނެގެން ގެންދާނެ ކަމަށް ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.

ޝައިޚް އިލްޔާސް ވިދާޅުވީ މަލާއިކަތްބޭކަލުން އެމީހުން ޖަހައިގަނެގެން ގެންދާތަން ކައުޘަރު ކީ އާރުގައި ރަސޫލާ (ޞޢވ) އިންނަވަނިކޮށް ފެނިވަޑައިގަތުމުން އެއީ ތިމަން ރަސޫލާ (ޞޢވ) ގެ އުންމަތުގެ މީހުން ކަމަށާއި އެމީހުން ނުގެންދިއުމަށް މަލާއިކަތް ބޭކަލުންގެ ކިބައިން އެދިވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް ޖަވާބުގައި މަލާއިކަތް ބޭކަލުން "ކައު އިތުރު ރަސޫލާ (ޞޢވ) އަށްފަހު އެމީހުން ދުނިޔޭގައި އުޅުނު ގޮތް ރަސޫލާ (ޞޢވ) އަށް އެނގިވަޑައި ނުގަންނަވާނެ" ކަމަށް ދަންނަވައި އެމީހުން ގެންދަވާނެ ކަމަށެވެ. ކައުޘަރު ކީ އާރުން ފެން ބުއިމުގެ ފުރުޞަތު އެމީހުންނަށް ނުލިބޭނެ ކަމަށެވެ.

ޝައިޚް އިލްޔާސް ވިދާޅުވީ ޤިޔާމަތް ދުވަހު ކައުޘަރު ކީ އާރުން ފެން ބުއިމުގެ ފުރުޞަތު ލިބިއްޖެނަމަ އެމީހަކު ދުވަހަކުވެސް ފެން ނުބޮވާނެ ކަމަށެވެ. އެ ފުރުޞަތު ލިބިގެންދާނީ ރަސޫލާ މުޙައްމަދު (ޞޢވ) ގެ އުންމަތުގެ މީހުންނަށް ކަމަށެވެ. އިސްލާމަކަށް ކިޔާނަމެއް ކިޔުމަކުން ރަސޫލާ (ޞޢވ) ގެ އުންމަތުގެ މީހަކަށް ނުވާނެ ކަމަށާއި އުންމަތުގެ މީހަކަށް ވާނީ ރަސޫލާ (ޞޢވ) އަންގަވާފައިވާ ގޮތަށް އަމަލުކުރި މީހަކު ކަމަށެވެ.

"މޮޔަ ވެރިންގެ ސިފަތައް ބަޔާންކޮށްދެއްވަވަމުން ޙަދީޘް ކުރެއްވެވި. ތިމަން ރަސޫލާއަށްފަހު ވެރިންތަކެއް އަންނާނޭ. ތިމަން ރަސޫލާ (ޞޢވ) ގެނެސް ދެއްވެވި ހިދާޔަތުގައި އެމީހުން ނުހިފާނޭ. ތިމަން ނަބިއްޔާ (ޞޢވ) ގެ ސުންނަތަށް އެމީހުން ތަބަޢަ ނުވާނޭ."

ޝައިޚް އިލްޔާސް ވިދާޅުވީ ރަސޫލާ (ޞޢވ) ގެނެސް ދެއްވެވި ހިދާޔަތް ކީރިތި ޤްރްއާނުން އެނގެން އެބައޮތް ކަމަށެވެ. އިސްލާމް ދީނުގެ މައިގަނޑު އަސާސަކީ މީސްތަކުގެ މެދުގައި އަދުލު އިންޞާފު ޤާއިމުކުރުން ކަމަށެވެ. އަދުލު އިންޞާފު ޤާއިމުކުރަން ޖެހޭނީ މީސްތަކުން އެދޭ ނުވަތަ ބޭނުންވާ ގޮތަށް ނޫން ކަމަށާއި ﷲ ތަޢާލާ ބާވައިލެއްވެވި ގޮތަށް ކަމަށެވެ. އަދި ރަސޫލާ (ޞޢވ) އަށް ﷲ ތަޢާލާ އުނގަންވައި ދެއްވެވި ގޮތުގެ މަތިން އަދުލު އިންޞާފު ޤާއިމުކުރުމަށް ﷲ ތަޢާލާ އަންގަވާފައިވާ ކަމަށާއި މިކަންކަން ކީރިތި ޤްރްއާނުގެ އާޔަތްތަކުން އެނގެން އެބައޮތް ކަމަށެވެ.

ޝައިޚް އިލްޔާސް ވިދާޅުވީ ޚިޔާނާތްތެރިވާ ބައެއްގެ ދިފާޢުގައި ތެދުވެވަޑައި ނުގަތުމަށް ﷲ ތަޢާލާ އަންގަވައި ބަސްފުޅު ވަޙީ ކުރައްވަވާފައިވާ ކަމަށެވެ. އަދި އެކަލޭގެފާނުގެ ހިދާޔަތަކީވެސް ސުންނަތަކީވެސް މިއީ ކަމަށެވެ.

"މޮޔަވެރިން" މީސްތަކުންނަށް އަނިޔާވެރިވާ، ޚިޔާނާތްތެރިވާ ވެރިންގެ ގާތަށް ގޮސް އެމީހުން ހަދާ ދޮގުތައް ތެދުކޮށްފިނަމަ އަދި އެބައިމީހުންގެ އަނިޔާތަކަށް ސަޕޯޓްކޮށް ދިފާޢުކޮށް ވަކާލާތުކުރާ މީހުން ރަނގަޅަށް ދަންނާށޭ! އެބައިމީހުންނަކީ ތިމަން ނަބިއްޔާ (ޞޢވ) ގެ އުންމަތުގެ މީހުންނެއް ނޫނޭ. ތިމަން ނަބިއްޔާއަކީ އެބައިމީހުންގެ ތެރެއިންވާ ބޭކަލަކީމެއް ނޫނޭ. އަދި ޤިޔާމަތް ދުވަހުން ތިމަން ނަބިއްޔާގެ ކައުޘަރު ކީ އާރަށްވެސް އެމީހުންނަކަށް ނާދެވޭނޭ."

ހަމައެއާއިއެކު އެފަދަ ވެރިންނާއި ބައިވެރި ނުވެ ތާއީދު ނުކުރި މީހުންނަކީ ތިމަން ރަސޫލާ (ޞޢވ) ގެ އުންމަތުގެ މީހުން ކަމަށާއި އެފަދަ މީހުންގެ ތެރެއިން ތިމަން ރަސޫލާ (ޞޢވ) ހިމެނިވަޑައިގަންނަވާ ކަމަށް ވެސް ޙަދީޘްފުޅު ކުރައްވަވާފައިވާ ކަމަށެވެ.

- ޝައިޚް އިލްޔާސްގެ ވާހަކަފުޅު (އޯޑިއޯ):

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް