އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައްޔިތުންގެ ފައިސާ އިން ވައްކަންކޮށްގެން ހުރި މީހަކަށް ހިމާޔަތްދޭ ޤައުމަކުން އެމީހާ ވަގަށް ނެގި ފައިސާ ދައްކަންޖެހޭނެ!

ރައްޔިތުންގެ ފައިސާ އިން ވައްކަންކޮށްގެން ހުރި މީހަކަށް ހިމާޔަތްދޭ ޤައުމަކުން އެމީހާ ވަގަށް ނެގި ފައިސާ ދައްކަންޖެހޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 18 ސިކުންތު

މިދުވަސްކޮޅު އެންމެ ބާރަށް ދެކެވޭ އަޑު އިވެނީ ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވެ އަދި ވައްކަން ކޮށްގެން ތިބި މީހުން އަވަސް އަވަހަށް އެހެން ޤައުމުތަކުން ހިމާޔަތްހޯދަން އުޅޭ ކަމުގެ ވާހަކަތަކެވެ. އެހެން ޤައުމުތަކަށް ހިޖުރަކުރަ ކުރަން އުޅޭ ކަމުގެ ވާހަކަތަކެވެ.

އެބޭފުޅުން ނުފިއްލަވާނެ ކަމަށް ބައެއް ސިޔާސީ ބޭފުޅުން މިހާރުވެސް ގެންދަވަނީ ވިދާޅުވަމުންނެވެ. މިއީ ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ކަމެއްކަމަށް ގިނަ ބައަކު ދެކެއެވެ. އެއީ އެބޭފުޅުންގެ މާޒީއަށް ބަލާއިރު ކަމެއް ނުކުރާނަމޭ ވިދާޅުވެއްޖެ ނަމަ އަވަހަށް ކުރައްވާފައިވާތީއެވެ.

މިމޭރުމުން ވިދާޅުވަމުން ގެންދަވާ ގިނަ ބޭފުޅުންނަކީ ދައުލަތުގެ ކޮންމެވެސް މަޤާމެއްގައި ހުންނެވުމަށް ކުރައްވަން ޖެހިވަޑައިގަންނަވާ ޤާނޫނީ ހުވާ ކުރައްވައިގެން ތިއްބެވި ބޭފުޅުންނެވެ. ﷲ ތަޢާލާ ގަންދެއްވައި ކޮންމެ ބޭފުޅަކު ކުރެއްވި ހުވާގައިވެސް އޮންނާނީ ތެދުވެރިވުމަށާއި އިޚްލާޞްތެރިވުމަށެވެ. ޤާނޫނާއި އެއްގޮތަށް އަމަލުކުރުމަށެވެ.

އެއްވެސް ބޭފުޅަކު ކުރެއްވި ހުވާގައި ވައްކަން ކުރުމަށާއި ކޮރަޕްޝަނުގެ އަމަލުތައް ހިންގުމަށާއި ޚިޔާނާތްތެރިވުމަށާއި ރިޝްވަަތު ހިފުމަށާއި ޤާނޫނުތައް މުގުރައި މުއައްސަސާތަކުގެ ބާރުތައް ކަނޑުވާލައި ޚުދުމުޚުތާރުވުން ފަދަ އެއްވެސް ކަމެއް ކުރާކަށް ނުއޮންނާނެއެވެ. ރައްޔިތުންނަށް އަނިޔާވެރިވާކަށް ވެސް ނުއޮންނާނެއެވެ. ފްލެޓް ލިބުން ހައްޤު މީހުންނަށް ނުދީ ގާތް މީހުންނަށް ފްލެޓްތައް ބަހާކަށް ވެސް ނުއޮންނާނެއެވެ.

އޮންނާނީ އިންޞާފުވެރިކަމާއިއެކު ކަންކަން ކުރުމަށެވެ. ރައްޔިތުންނަށް ދޭން ވައުދުވާ އިނާޔަތްތައް ނުދޭކަށް ވެސް ނުއޮންނާނެއެވެ.

އެހެންކަމުން ﷲ ގަންދީ ކުރި ހުވައަށް އަމަލުނުކުރި ބައަކު ރާއްޖެ ދޫކޮށް ނުފިލާނަމޭ ބުނި ނަމަވެސް އެއީ އެއްވެސް ގޮތަކުން ޤަބޫލުކުރެވެން އޮތް ވާހަކަތަކެއް ކަމަށް ރައްޔިތުންގެ ގިނަ ބައަކު ޤަބޫލެއް ނުކުރެއެވެ.

ރާއްޖެއިން ބޭރުގައި މިހާރު ތިއްބެވި އެއްވެސް ސިޔާސީ ބޭފުޅަކަށް ރާއްޖެއިން ބޭރުގައި އުޅުއްވަން ޖެހިވަޑައިގެންފައިވަނީ އެބޭފުޅުން ޤައުމުގެ މާލިއްޔަތަށް ޚިޔާނާތްތެރިވެފައި ވާތީއެއް ނޫނެވެ. ސިޔާސީ ސަބަބުތަކާއި ހުރެއެވެ. އެބޭފުޅުންގެ މައްޗަށް އިއްވި ގޮތަކަށް ޙުކުމް އިއްވާފައިވަނީ ސިޔާސީ ކަންކަމުގައެވެ.

އެހެންކަމުން ކޮންމެ ޤައުމަކުން އެބޭފުޅުންނަށް ހިމާޔަތާއި ރައްކައުތެރިކަން ދިން ނަމަވެސް ހިމާޔަތާއި ރައްކައުތެރިކަން އެދެވެނީ ސިޔާސީ މީހަކަށެވެ. ނަމަވެސް ކޮންމެ ނަމެއް ކިޔާ ކަމެއް ކޮށްގެން ނަމަވެސް ދައުލަތުގެ ފައިސާ ބޭނުންކޮށްގެން ހުރި މީހަކަށް ހިމާޔަތް ދިނުމުން ހިމާޔަތް އެދެވެނީ ވަގަކަށެވެ. ވީމާ ވަގަކަށް ހިމާޔަތްދޭނަމަ އެމީހަކަށް ހިމާޔަތްދޭ ޤައުމަކުން އެމީހާ ރާއްޖޭގެ ރައްޔިތުންގެ އަތުން ވަގަށް ނަގާފައިވާ ފައިސާ ދިވެހިރައްޔިތުންނަށް ދޭންޖެހޭނެއެވެ. އަތުލެވެންވެސް ޖެހޭނެއެވެ.

އިންޓަރނޭޝަނަލް ކޯޓުތަކަށް ގޮސްގެން ނަމަވެސް ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދެން ޖެހޭނެއެވެ. އެކަން ކުރުމަކީ 17 ނޮވެމްބަރުގައި ރާއްޖޭގެ ވެރިކަމާއި ހަވާލުވާ ސަރުކާރުގެ އެންމެ އިސް މަސްއޫލިއްޔަތަށް ހަދަންޖެހޭނެއެވެ. ރިޔާސީ އިންތިޚާބުގައި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުނު ކަމަށްވާނީ އެއިރުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް