އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޭނުމީ ގެންގުޅޭ ގަހަނާއިން ޒަކާތް ދައްކަން ހެއްޔެވެ؟ ނޫނީ ޤިޔާމަތް ދުވަހު އަލިފާނުން ހަދާފައިވާ އެތަކެތި އަޅައިގެން އުޅެން ހެއްޔެވެ؟

ބޭނުމީ ގެންގުޅޭ ގަހަނާއިން ޒަކާތް ދައްކަން ހެއްޔެވެ؟ ނޫނީ ޤިޔާމަތް ދުވަހު އަލިފާނުން ހަދާފައިވާ އެތަކެތި އަޅައިގެން އުޅެން ހެއްޔެވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 12 ސިކުންތު

ޒީނަތްތެރިވުމުގެ ގޮތުން އަންހެނެއްގެ ގައިގައި އަޅާ ގަހަނާއިން ޒަކާތް ދައްކަންޖެހޭނެތޯ؟ ނުވަތަ ނޫންތޯ؟، މިކަންކަމުގައި ޢިލްމުވެރިންގެ ޚިޔާލު ތަފާތުވެފައިވެއެވެ.

ޙަނަފީ މަޒުހަބުގެ އިލްމުވެރިން ދެކެލައްވާ ގޮތުގައި މިފަދަ ތަކެތިން ޒަކާތް ދައްކަން ވާޖިބުވާނެއެވެ. ނަމަވެސް މާލިކީ، ޝާފީ، ހަންބަލީ މަޒުހަބުގެ އިލްމުވެރިންގެ ރައުޔަކީ މިފަދަ ތަކެތިން ޒަކާތް ދައްކަން ނުޖެހުމެވެ.

މިމައްސަލައިގައި އެންމެ ރަނގަޅު ގޮތަކީ ހަނަފީންގެ ގޮތެވެ. ނުވަތަ ގަހަނާގެ ގޮތުގައި ބޭނުންކުރާ ތަކެތިން ޒަކާތް ދައްކަން ޖެހުމެވެ.

މިކަމަށް ބާރުލިބޭ ބައެއް ދަލީލު ތަކަކީ:

1. ގަހަނާގެ ގޮތުގައި ބޭނުންކުރާ ރަނާއި ރިއްސާއި އެނޫން ގޮތްގޮތުގައި ބޭނުންކުރާ ރަނާއި ރިހި ތަފާތުކުރުމެއް ނެތި އެތަކެތިން (ރަން ރިހިން) ޒަކާތް ނެރުމަށް އަންގަވާފައިވާ ޢާންމު އެންގެވުންތަކެވެ.
2. އުއްމުލް މުއުމިނީނާ ޢައިޝާ (ރޢ) ވިދާޅުވިއެވެ.

"دَخَلَ عَلَىَّ رَسُولُ اللَّهِ -صلى الله عليه وسلم- فَرَأَى فِى يَدِى سِخَابًا مِنْ وَرِقٍ فَقَالَ :« مَا هَذَا يَا عَائِشَةُ? ». فَقُلْتُ : صَنَعْتُهُنَّ أَتَزَيَّنُ لَكَ فِيهِنَّ يَا رَسُولَ اللَّهِ. فَقَالَ :« أَتُؤَدِّينَ زَكَاتَهُنَّ ». فَقُلْتُ : لاَ أَوْ مَا شَاءَ اللَّهُ مِنْ ذَلِكَ قَالَ :« هِىَ حَسْبُكِ مِنَ النَّارِ ».

މާނައީ "ކީރިތި ރަސޫލާ (ޞޢވ) ތިމަން ކަމަނާގެ ގާތަށް ވަޑައިގެންނެވި ހިނދު ރިހިން ހަދާފައި ހުރި ބޮޑެތި ތަނޑިތަކެއް ތިމަން ކަމަނާގެ އަތުގައި އަޅާފައި ވަނިކޮށް ފެނިވަޑައިގަތެވެ." އެހިނދު ކީރިތި ރަސޫލާ (ޞޢވ) ސުވާލު ކުރެއްވެވިއެވެ. "އޭ ޢައިޝާ އެވެ! މިއީ ކޮން އެއްޗެތިތަކެއް ހެއްޔެވެ؟" ތިމަން ކަމަނާ ދެންނެވީމެވެ. "ﷲގެ ރަސުލާ އެވެ! މިއީ ކަލޭގެފާނަސް ޒީނަތްތެރިކަން ދެއްކުމަށްޓަކައި ތިމަން ކަމަނާ ތައްޔާރުކުރައްވާފައިވާ އެއްޗެހިތަކެކެވެ." ޙަދީޘް ކުރެއްވެވިއެވެ. "ތިއަ ތަކެތީގެ ޒަކާތް ކަމަނާ ދައްކަވަން ހެއްޔެވެ؟" ތިމަން ކަމަނާ ދެންނެވީމެވެ. "ނޫނެކެވެ." ޙަދީޘް ކުރެއްވެވި އެވެ. "ތިއަ ތަކެތީގެ ސަބަބުން ކަމަނާ ނަރަކަވަންތަވެރިއަކަށް ނުވާށެވެ."

މާނައަކީ: ޒަކާތް ނުދެއްކުމުގެ ސަބަބުން ނަރަކައަސްދާ މީހުންގެ ތެރެއިން ކަމަނާ ނުވާށެވެ.

عَنْ عَمْرِو بْنِ شُعَيْبٍ عَنْ أَبِيهِ عَنْ جَدِّهِ : أَنَّ امْرَأَةً أَتَتْ رَسُولَ اللَّهِ -صلى الله عليه وسلم- وَمَعَهَا ابْنَةٌ لَهَا وَفِى يَدِ ابْنَتِهَا مَسَكَتَانِ غَلِيظَتَانِ مِنْ ذَهَبٍ فَقَالَ لَهَا :« أَتُعْطِينَ زَكَاةَ هَذَا ». قَالَتْ : لاَ قَالَ :« أَيَسُرُّكِ أَنْ يُسَوِّرَكِ اللَّهُ بِهِمَا يَوْمَ الْقِيَامَةِ سِوَارَيْنِ مِنْ نَارٍ ». قَالَ فَخَطَفَتْهُمَا فَأَلْقَتْهُمَا إِلَى النَّبِىِّ -صلى الله عليه وسلم- وَقَالَتْ : هُمَا لِلَّهِ عَزَّ وَجَلَّ وَلِرَسُولِهِ.

މާނައަކީ: އަމްރް ބިން ޝުޢައިބް އޭނާގެ ބައްޕަގެ ކިބައިން، އަދި އޭނާގެ ބައްޕަ ކާފަގެ ކިބއިން ރިވާކުރެއްވެވިއެވެ. "އެއް ދުވަހަކު އަންހެނަކު އޭނާގެ އަންހެން ދަރިފުޅާއިއެކު ކީރިތި ރަސުލާ (ޞޢވ) އަރިއަހަށް އައެވެ. އަންހެން ދަރިފުލުގެ އަތުގައި ރަނުން ހަދާފައިވާ ވަރުގަދަ ދެ ތަނޑިގަނޑު އޮތެވެ. އެހިނދު ކީރިތި ރަސުލާ (ޞޢވ) ޙަދީޘް ކުރެއްވެވިއެވެ. "މިތަކެތީގެ ޒަކާތް ކަމަނާ ދައްކަވަން ހެއްޔެވެ؟" އެކަމަނާ ވިދާޅުވިއެވެ. "ނޫނެކެވެ." ޙަދީޘް ކުރެއްވެވިއެވެ. "ޤިޔާމަތް ދުވަހު އަލިފާނުން ހެދިފައިވާ ދެ ތަނޑިގަނޑު ކަމަނާގެ އަތުގައި އެޅުމަށް އެދެމުހެއްޔެވެ؟" އެހިނދު، އެކަމަނާ އެ ދެ ތަނޑިގަނޑު ބާލުއްވާފައި ކީރިތި ރަސޫލާ (ޞޢވ) އާއި ހަވާލުކުރެއްވެވިއެވެ. އަދި ދެންނެވިއެވެ. "އެ ދެ ތަނޑިގަނޑު ވަނީ ﷲއަށާއި އެކަލާނގެ ރަސޫލާއަށެވެ."

ޒަކާތުގެ ގޮތުގައި ނެރެންޖެހޭނީ 2.5% އެވެ. އެއީ ކޮންމެ 100 ގްރާމަކުން 2 ގްރާމް ބައެވެ. ނުވަތަ ބާޒާރުގައި އެއަށްވާ އަގެވެ. والله أعلم

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް



Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް