އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލިބޭނެ އެންމެ އަގު ބޮޑު ޕެންޝަން ބޭނުންތަ؟

ލިބޭނެ އެންމެ އަގު ބޮޑު ޕެންޝަން ބޭނުންތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 12 ސިކުންތު

ކީރިތި ޤްރްއާން އަކީ ދުނިޔޭގައިވާ އެންމެ އަގު ބޮޑު ޖައުހަރެވެ. ނުވަތަ ޖަވާހިރެވެ. އެއަށްވުރެ އަގު ބޮޑު އެއްވެސް އެއްޗެއް މިދުނިޔެއަކު ނުވެއެވެ. އެހެންކަމުން އެއީ ދުނިޔޭގައިވާ އެހެން ހުރިހާ އެއްޗަކަށްވުރެ އަގު ބޮޑު އެއްޗެއްކަން ކަށަވަރެވެ.

އެފަދަ މަތިވެރި ދަރަޖައެއް ކީރިތި ޤްރްއާނަސް ދެވެނީ ކީއްވެގެން ހެއްޔެވެ؟ ސަބަބުތައް ވަރަށް ގިނައެވެ. އެންމެ ފުރަތަމަ ސަބަބަކީ އެ ފޮތުގައި ﷲ ތައާލާގެ ވަޙީ ބަސްފުޅު ނޫން އެންމެ އަކުރެއްވެސް ނެތް ކަމެވެ. އެފޮތުގައި ވަނީ ﷲ ތަޢާލާގެ ބަޔާންކުރެއްވެވުންތަކެވެ. އަމުރުފުޅުތަކެވެ. މީސްތަކުން އަމަލުކުރަން އެންގެވި ގޮތެވެ.

މީހެއްގެ ވަޒިފާގައި މަސައްކަތް ކުރާނަމަ ތިމާ އެކަމަކަށް ރުހުނު ނަމަވެސް ނުރުހުނު ނަމަވެސް ކަންކަން ކުރަން ޖެހޭނީ ވަޒީފާ ދޭ މީހާ އެންގި ގޮތަކަށެވެ. އެމީހާ ހަދާފައިވާ ޤަވާއިދުތަކަށެވެ. ނޫން ނަމަ މުސާރައިން އުނިކުރާނެއެވެ. މުސާރަ ނުލިބިވެސް ހިނގައިދާނެއެވެ. އެހެންވެ އެންމެންވެސް ވަޒިފާ ދިން މީހާގެ އަމުރުތަކަށް ވީހައި ފުރިހަމައަށް އަބަދުވެސް ތަބާވާނެއެވެ.

ބަލަ ނިކަން ވިސްނައިބަލާށެވެ! މި ދުނިޔޭގައި އަހަރެމެން މިތިބީ ކީއްވެގެން ހެއްޔެވެ؟ ކީއްކުރަން ހެއްޔެވެ؟ މިއީ އަހަރެމެން އުފެއްދި ތަނެއް ހެއްޔެވެ؟ ނޫނެވެ. މިދުނިޔެ އުފެއްދެވީ ﷲ ތަޢަލާއެވެ. މިދުނިޔޭގައި އަހަރެމެން ލެއްވެވީ ﷲ ތަޢާލާ އެވެ. ކީއްކުރަން ހެއްޔެވެ؟ އެއްވެސް ބޭނުމެއް ނެތި ހެއްޔެވެ؟ އެކަން ނުވިސްނެނީއެވެ.

އަހަރެމެން މިތިބީ ﷲ ތަޢާލާގެ ވަޒީފާގައެވެ. އަހަރެމެންގެ ވަޒީފާއަކީ ﷲ ތަޢާލާ ކީރިތި ޤްރްއާނުގައި އަންގަވާފައިވާ ގޮތަށް ދުނިޔޭގައި އުޅުމެވެ. އެވަޒިފާގެ މުސާރައަކީ ދުނިޔޭގައި ދެއްވަވާ ނިޢްމަތްތަކާއި އާޚިރަތްދުވަހު ސުވަރުގެ ވެއްދެވުމެވެ.

އެވަޒީފާ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އަދާނުކުރާ ނުކުރާ މީހުންނަށްވެސް މިދުނިޔޭގައި ނިޢްމަތްތައް ދެއްވަވައެވެ. އެމީހާ އިމްތިޙާން ކުރެއްވެވުމަށެވެ. އެމީހާއަށް ޢަޛާބު ދެއްވަވާނީ އާޚިރަތުގައެވެ. ބިރުވެރިކަމުން ފުރިގެންވާ ދުވަހުއެވެ.

ދުނިޔަވީ ނަޒަރަކުން ބަލައިފިނަމަ ކީރިތި ޤްރްއާނަކީ ކޮންމެ މީހެއްގެ ވަޒިފާ ބަޔާން ކަމުގައި ބެލިދާނެއެވެ. އެކަން ދަނެގެން ދުނިޔޭގައި އުޅެން ޤަޞްދުކުރާ މީހާއަށް ދާނީ ވަޒީފާގެ ކުރިއެރުން ލިބެމުންނެވެ. ލިބޭނެ ޕެންޝަނަކަށް ވާނީ ސުވަރުގެއެވެ. ވަޒީފާގެ ބަޔާނަށް އަމަލު ނުކުރިނަމަ އެމީހެއްގެ ޕެންޝަނަކަށް ވެގެންދާނީ ނަރައެވެ.

ވީމާ އަހަރެމެންނަށް އޮތީ ގަދަ އަޅައި މަސައްކަތް ކުރުމެވެ. ޕެންޝަނަކީ ސުވަރުގެ ކަމުގައި ހެދުމަށެވެ. އެއަށްވުރެ އަގު ޕެންޝަނެއް ހަމަ އެކަކަށްވެސް ދުވަހަކުވެސް ނުލިބޭނެއެވެ. އެ އަގު ބޮޑު ޕެންޝަން ލިބިގަނެވޭނީ ރީތި ފޮށިފޮށީގައި ކީރިތި ޤްރްއާން ފޮރުވާފައި ބާއްވައިގެނެއް ނޫނެވެ. ކިޔައި އަމަލުކޮށްގެންނެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް