އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގެ ޤާނޫނީ ވަކީލުންނަށް ދުނިޔޭގެ ފެންވަރުގަ ތައުރީފް ޙައްޤު!

ރާއްޖޭގެ ޤާނޫނީ ވަކީލުންނަށް ދުނިޔޭގެ ފެންވަރުގަ ތައުރީފް ޙައްޤު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 9 ސިކުންތު

ރާއްޖޭގެ ޤާނޫނީ ވަކީލުންނަށް ދުނިޔޭގެ ފެންވަރުގައި ތައުރީފް ޙައްޤު ކަމާއިމެދު އެއްވެސް ޝައްކެއް ނެތެވެ. ސަބަބަކީ ފާއިތުވި 3 އަހަރެއްހައި ދުވަހު ވަކީލުން މަސައްކަތް ކުރައްވާފައިވާ ބުރަކަމާއި ވަކީލުންގެ ސާބިތުކަމެވެ.

ފާއިތުވި 3 އަހަރަށް ބެލިނަމަވެސް ވަކީލުން ހަމަ ނިދި ރެއެއް މަދުވާނެއެވެ. ބޮޑެތި ސިޔާސީ ލީޑަރުންގެ ގިނަ ބައަކު އެއްފަހަރާ ބަންދުކޮށް ތަޙްޤީޤްތައް ފަޓާސް ބަރިއެއް ގޮތަށް ކުރިއަށް ގެންދިއައީ ވަކީލުންގެ ގައިން "ތެޔޮހަން ކަނޑުވަމުން"ކަން އެއީ އެނގޭ ކަމެކެވެ. ދިރާސާ ކޮށްލާނެ ވަގުތުކޮޅަކަށް އެދުމުން ބައެއްފަހަރު އެ ފުރުޞަތުވެސް ނުލިބޭކަން އެއީ އެނގެން އޮތް ކަމެކެވެ.

މިކަންކަން މިފަދައިން ހުރެމެ ފުނިފުންޏަށް ޢާންމުން ބަނދުކުރުމުންވެސް ވަކީލުން ވަނީ ހަމަ އެ ހުރިހައި މައްސަލަތަކެއްގައި ޙަރަކާތްތެރިވެފައެވެ. ވަކީލުންގެ ޚިދުމަތް ވަނީ އެންމެންނަށް ފޯރުކޮށްދީފައެވެ. އަދި މިވަރުން ފުދުނީއެއްވެސް ނޫނެވެ. ރާއްޖެތެރޭގެ ރަށްރަށުގައި ބަނދުކުރެވުނު މީހުންނަށްވެސް ވަނީ ވަކީލުންގެ ޚިދުމަތް ފޯރުކޮށްދީފައެވެ.

ދުނިޔޭގެ ފަހުގެ ތާރީޚަށް ބެލިނަމަވެސް ފާއިތުވި 3 އަހަރު ރާއްޖޭގެ ޤާނޫނީ ވަކީލުން އެކުރިހައި ބުރަކޮށް އެއްވެސް ޤައުމެއްގެ ޤާނޫނީ ވަކީލުން މަސައްކަތް ކުރިކަން އެނގެން ނެތް ކަމަށްވެސް ބުނެވިދާނެއެވެ.



މިޞުރުގައި ހިނގައިދިއަ ބައެއް މުޒާހަރާތަކާއި ގުޅުވައި ގިނަ ބައަކު ބަންދުކުރުމުން ޤާނޫނީ ވަކީލުންނަށް ބާރު ބޮޑުވިއެވެ. ނަމަވެސް އެ މައްސަލަތަކުގައި ހަރަކާތްތެރިވި ވަކީލުންނަށް މަސައްކަތް ކުރާނެ ވަގުތު ލިބުނެވެ. މައްސަލަތައް ކުރިއަށް ގެންދިއައީ އެއް ދުވަހު 3 ހަތަރު ފަހަރަކު ނޫނެވެ. އަދި ޖެހިޖެހިގެން ކޮންމެ ދުވަހަކުވެސް ނޫނެވެ.

ރާއްޖޭގެ ޤާނޫނީ ވަކީލުން ފާއިތުވި 3 އަހަރު ކުރި މަސައްކަތާއި އަދި މިހާރު ކުރަމުންދާ މަސައްކަތްތަކަށް ހާސްފަށުން ތަޢްރީފް ޙައްޤުވާ އެންމެ ބޮޑު ސަބަބަކީ އެބޭފުޅުން ކުރެއްވި ވަކާލާތުތަކުގެ ސާބިތުކަމެވެ. ޙައްޤު ކަމެވެ. ޤާނޫނީ ގޮތުން ޞައްޙަ ކަމެވެ.

ވަކާލާތު ކުރައްވަމުން ގެންދަވަނިކޮށް ވެސް ގިނަ އަދަދެއްގެ ބައަކަށް ވަނީ ބޮޑެތި ޙުކުމްތައް ކޮށްފައެވެ. ގިނަ ދުވަސްތަކަކަށް ބަންދުގެ މުއްދަތުވެސް ޖަހައިފައެވެ. އަދި އެއްވެސް މުއްދަތެއް ނެތް ގޮތަށް ޝަރީޢަތް ނިމޭހައި ދުވަހަކަށް ވެސް ވަނީ މުއްދަތު ޖަހައިފައެވެ.

މިގޮތަށް މިކަންކަން ކޮށްފައިވީ ނަމަވެސް އެއިން ކޮންމެ މައްސަލައެއްގެ ޙަޤީޤަތް އެނގިގެނަދާއިރު މުވައްކިލުންނަށް ކުރެވިފައިވަނީ އަނިޔާވެރި ޙުކުމެއްކަންވެސް ދަނީ އެނގެމުންނެވެ. އެކަންކަމުން ސާބިތުވަމުން ދަނީ ވަކީލުންގެ ބަހުގެ ޞައްޙަކަމެވެ. ކުރި ވަކާލާތުތަކުގެ ޞައްޙަ އަދި ސާބިތު ކަމެވެ.

ސްޕްރީމް ކޯޓުގައި މިހާރު ހިނގަމުންދާ އިންތިޚާބާއި ބެހޭ މައްސަލައިގައި ކޮންމެ ގޮތަކަށް ޙުކުމް ކުރި ނަމަވެސް ވަކީލުން ވަނީ އެމީހުންގެ ވާޖިބު އަދާކޮށްފައެވެ. ޙައްޤުބަސް ބުނެ އަޑު އިއްވައިފައެވެ. ހުށަހަޅާފައިވަނީ ޤާނޫނީ ގޮތުން އެއްވެސް ބުރަދަނެއް ނެތް ކަންތަތަކެއްކަން ސާބިތުކޮށްދީފައެވެ.

އެންމެ ބޮޑަށް ފާހަގަކުރަނެޖެހޭ ކަމަކީ ވަކީލުން މަސައްކަތް ކުރީ ހިލޭ ސާބަހަށް ކަމެވެ. ޤައުމީ ވާޖިބެއްކަމުގައި ދެކެގެން ކަމެވެ.

މިކަންކަން ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކުރެވޭނެ ދުވަހެއް އަދި އަންނާނެއެވެ. ދިވެހި ތާރީޚުގައި ރަން އަކުރުން ލިޔެވޭނެ ދުވަހެއް އަންނާނެއެވެ. ރަނުގެ ހާރުތައް ކަރުގައި އެޅުވޭ ދުވހެއް އަންނާނެއެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ޙައްޤު "އިނާމު" ލިބޭ ދުވަސް ވެސް އަންނާނެއެވެ. އިން ޝާ ﷲ!

މިހާރު ރައްޔިތުން އެންމެ އެދޭ ކަމަކީ މި ހިއްވަރުގަދަ، އިންޞާފުވެރި، ޤާބިލު، ހީވާގި، މުރާލި ރިޝްވަތަށް ނުހެއްލުނު ޤާނޫނީ ވަކީލުންގެ ބެލުމުގެ ދަށުން ރާއްޖޭގެ ޢަދުލު އިންޞާފުގެ ނިޒާމުގައި މިހާރު ހުރި މައްސަލަތައް އިޞްލާހުވެގެންދާތަން ފެނުން ކަމުގައިވެސް ފާހަގަކުރަންޖެހެއެވެ.





Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް