އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ޔާމީން ފުރުން ހުއްޓުވައިދިނުމަށް އެދި އިދިކޮޅު ފަރާތްތަކުން ފުލުހަށް ހުށަހަޅައިފި

ރައީސް ޔާމީން ފުރުން ހުއްޓުވައިދިނުމަށް އެދި އިދިކޮޅު ފަރާތްތަކުން ފުލުހަށް ހުށަހަޅައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 2 ސިކުންތު

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފިއްލަވަން އުޅޭކަމަށް ތުހުމަތުކޮށް އެކަން ހުއްޓުވައިދިނުމަށް އެދި އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ބޭފުޅުންގެ ޓީމެއް މިރޭ ފުލުހުހަށް މައްސަލަ ހުށަހަޅައިފިއެވެ.

މިމައްސަލަ ފުލުސް އޮފީހަށް ހުށަހެޅުއްވުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލަ އާއި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ފެންމަތިވި މަނީލޯންޑްރިންގެ މައްސަލައެއް މިހާރު ފުލުހުން ތަހުގީގު ކުރަމުންދާއިރު އެމަނިކުފާނު ފިއްލެވުމަށް އުޅުއްވުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި ރައީސް ޔާމީން ރާއްޖެ ދޫކުރައްވައި ފުރާވަޑައިގަންނަވަން އުޅުއްވާކަން މުޢުތަބަރު ގޮތަކަށް އެނގިފައިވާ ކަމަށާއި ރައީސް ޔާމީން ވެރިކަމުގައި ހުންނެވި ނަމަވެސް އެމަނިކުފާނު ހުއްޓުވުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށެވެ.

ހަސަން ވިދާޅުވީ އުންމީދުކުރަނީ ގާނޫނުގެ ތެރެއިން ރައީސް ޔާމީން އަށް ފުރާވަޑައިނުގެންނެވޭނެ ގޮތަށް ބަހައްޓައި އެ މައްސަލަތައް ވީހާވެސް އަވަހަށް ތަހުގީގު ކުރެއްވުމަށް ކަމަށެވެ.

ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި އިބްރާހިމް މުހައްމަދު ޞާލިޙަށް ރައްޔިތުން ވޯޓު ދެއްވި މައިގަނޑު އެއް ސަބަބަކީވެސް ރައީސް ޔާމީންގެ މައްސަލަތައް ތަހުގީގުކޮށް އިންސާފު ގާއިމް ކުރުމަށް ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ރައީސް ޔާމީން ފިއްލަވަން އުޅޭކަމަށް އިދިކޮޅުފަރާތްތަކުން ތުހުމަތުކޮށަފައިވާއިރު ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ރައީސް ޔާމީނަކީ ގައުމު ދޫކޮށް ފިއްލަވާނެ ބޭފުޅެއް ނޫން ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު