އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނައިބު ރައީސް ޑރ ޖަމީލަށް އަދީބުގެ ވަރުގަދަ ރައްދެއް

ނައިބު ރައީސް ޑރ ޖަމީލަށް އަދީބުގެ ވަރުގަދަ ރައްދެއް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 57 ސިކުންތު

ނައިބު ރައީސް ކަމުން ޑރ މުހައްމަދު ޖަމީލް އަހުމަދު ވަކިކުރުމަކީ "ގާނޫނުއަސާސީގެ ތެރެއިން ގެންނަ ބަޣާވާތެއް"ގެ ގޮތުގައި ސިފަކުރައްވައި އެކަން ހުއްޓުވުމަށް ބޭރުގެ ފަރާތްތަކުން އެހީވުމަށް ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ގޮވާލެއްވުމުން ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

އިނގިރޭސިވިލާތުގެ ލަންޑަނަށް ވަޑައިގެން ހުންނެވި ނައިބު ރައީސް ދަ ނިއު އިންޑިއަން އެކްސްޕްރެސް ނޫހަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވި ގޮތުގައި އެ މަނިކުފާނުގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ އަކީ "ގާނޫނުއަސާސީ އިސްލާހުކުރުމުގެ ނަމުގައި ގާނޫނުއަސާސީގެ ތެރެއިން ގެންނަ ބަޣާވާތެ"ކެވެ. އެ މައްސަލަ ގާނޫނުއަސާސީއާ ހިލާފު ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

އެހެންވެ، ރާއްޖޭގެ "އެކުވެރި" ގައުމުތަކުން އެކަން ހުއްޓުވަން އެހީތެރިވުމަށް އެ މަނިކުފާނު ގޮވާލެއްވި އެވެ. އެ އިޝާރާތް ކުރައްވަނީ އިންޑިއާ ސަރުކާރަށްތޯ ދެންނެވުމުން ޖަމީލް ވިދާޅުވީ އިންޑިއާ ސަރުކާރުން އަޅަންޖެހޭ ފިޔަވަޅު ވަރަށް ސާފު ކަމަށާއި އެކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް އެ މަނިކުފާނު ވިދާޅުވާން ބޭނުންފުޅު ނުވާ ކަމަށެވެ.

އެ މަނިކުފާނު މަގާމުން ވަކިކުރަނީ ޒިންމާ އަދާނުކުރައްވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުރައްވާ ތުހުމަތާ ގުޅޭ ގޮތުން ނައިބު ރައީސް ވިދާޅުވީ އެފަދަ އެއްވެސް ޝަކުވާއެއް ރައީސް އަބްދުﷲ ޔާމީން މިހާތަނަށް ކުރައްވާފައި ނެތް ކަމަށެވެ. ރައީސް ހަވާލުކުރެއްވި ކޮންމެ ކަމެއް މިހާތަނަށް ކުރައްވާފައިވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

އެނބުރި ރާއްޖެ ވަޑައިގަންނަވާނަންތޯ އިންޑިއަން އެކްސްޕްރެސް ނޫހުން ދެންނެވުމުން ޖަމީލް ވިދާޅުވެފައި ވަނީ "ކޮންމެ ވަގުތަކު ވެސް" ރާއްޖެ ވަޑައިގެންފާނެ ކަމަށެވެ.

ނައިބު ރައީސްގެ މިވާހަކަތަކަށް، ދެން ނައިބު ރައީސް ކަމަށް ގެންނަވަން މަސައްކަތް ކުރައްވާކަމަށްބެލެވޭ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވަނީ ވަރުގަދަ ރައްދެއް ދެއްވާފައެވެ.

އެގޮތުން އިދިކޮޅު ފަރާތްތަކާ ގުޅިގެން "ބަޣާވާތެއް" ކުރުމުގެ މަސައްކަތް ކުރެއްވީ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ކަމަށާއި ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް، އެ މަނިކުފާނު މަގާމުން ވަކިކުރުމަކީ "ގާނޫނުއަސާސީގެ ތެރެއިން ގެންނަ ބަޣާވާތެއް" ކަމަށް ސިފަކުރެއްވުމަކީ ހަގީގަތް އޮޅުވައިލެއްވުން ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވަނީ ވިދާޅުވެފައެވެ.

އަދީބު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބަޣާވާތް ކުރައްވަން އުޅުއްވި ކަމުގެ ތުހުމަތު ނައިބު ރައީސް ޖަމީލްގެ އިސްތަށިފުޅުގައި އެޅިފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ނައިބު ރައީސް ޖަމީލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ތައްޔާރުވެފައި ވަނިކޮށް، އެ މަނިކުފާނު "ފިއްލަވަން" ޖެހިވަޑައިގަންނަނަވާ އެއްވެސް ސަބަބެއް ނެތެވެ. އޭގެ ބަދަލުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވެވަޑައިގެން އަދި ވޯޓު ނެގިޔަ ނުދެއްވުމަށް މަސަައްކަތް ކުރެއްވުން މާ އައުލާކަން ބޮޑު ކަމަށް އަދީބު ވިދާޅުވި އެވެ.

އަދީބު ވިދާޅުވީ ރާއްޖޭގެ ކަންކަމަށް ބޭރު މީހުންގެ ނުފޫޒު ފޯރުވަން، ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން ޖަމީލް ގޮވާލެއްވުމަކީ ދަށް ފެންވަރުގެ އަމަލެއް ކަމަށެވެ.

އެހެންކަމުން ހަގީގަތުގައި ބަޣާވާތެއް ވިޔަސް އަދި މި ގައުމަށް މީހުން ގެންނަން މި އުޅުއްވަނީ ޖަމީލު ކަމަށާއި ބަޣާވާތެއް ކުރަން އުޅުއްވާފައި ފެއިލްވީމާ އަނެއްކާވެސް އެއުޅުއްވަނީ ބަޣާވާތެއް ކުރައްވަން ކަމަށް އަދީބު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގާނޫނުއަސާސީގެ އިމުގެ ތެރެއިން ނައިބު ރައީސް ޖަމީލް ވަކިކުރުމަކީ ބަޣާވާތެއް ނޫން ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު