އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިނިވަންކަން ދެމެހެއްޓުމާއި ޤައުމީ ރޫހް

މިނިވަންކަން ދެމެހެއްޓުމާއި ޤައުމީ ރޫހް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 54 ސިކުންތު

މިނިވަން 50 އާއި ގުޅިގެން އެންމެ ގިނައިން ދެކެވޭ އެއް ވާހަކައަކީ މިނިވަންކަން ދާއިމަށް ދެމެހެއްޓުމަށް މަސައްކަތް ކުރުމުގެ ވާހަކައެވެ. މިނިވަންކަން ދިފާއިކޮށް ދެމެހެއްޓުމުގެ މުހިންމުކަމުގެ ވާހަކައެވެ.

ދިވެހިންނަށް މިނިވަންކަންމަތީގައި މިހައިތަނަށް ދެމިތިބެވުނީ ދިވެހިންގެ ހިތްތަކުގައި މިނިވަން ކަމަށް އޮންނަ ލޯބީގެ ބޮޑުކަމުންނެވެ. އެކުވެރިކަމާއި އެއްބާރުލުން ބޮޑުކަމުންނެވެ. ދިވެހިންނަކީ އަމިއްލަ އެދުންތަކުގެ ކުރިއަށް ޤައުމީ ރޫޙް ނެރެގެން ކަންކަން ކުރަން ބޭނުން ބައަކަށްވެފައިތިބި މިންވަރުގެ ބޮޑުކަމެވެ.

ބޮޑުތަކުރުފާނު ކުރެއްވެވި މަތިވެރި ޖިހާދަށް ވިސްނައިލި ނަމަވެސް މިކަން ވަރަށް ރަނގަޅަށް ހާމަވެއެވެ.

އެތައް އަހަރެއް ކަނޑުމަތީގައި ހޭދަކުރެއްވެވިއިރު ކަޅުއޮއްފުންމީގެ ރިޔާ ބައުވުމުން ބަދަލުކުރެއްވެވީ ކޮމަންޑޫ އިންނެވެ. ކޮމަންޑޫ މުދިންމެ ރިޔާ ވިޔެފައި ބާއްވާފައި އޮންނަނީއެވެ. ކަޅުއޮއްފުންމި ކައިރިކޮށް ރިޔާ ގެންދަނީއެވެ. އެއް ރިޔާ ގެންދިއުމުން އަނެއް ރިޔާ ވިޔެފައި ބާއްވަނީއެވެ.

ރިޔާ ބާއްވާފައި އޮންނަނީ ހާމަތަނެއްގައެވެ. ރަށުގެ ރައްޔިތުންނަށް ފެންނަ ގޮތަށެވެ. އެހެންކަމުން އެކަން އެގޮތަށް ހިނގަމުން އަންނަކަން ރަށުގެ ހުރިހައި ރައްޔިތުންނަށް ރަނގަޅަށް އެނގެއެވެ.

ކަޅުއޮއްފުންމި އަތުލައިގަނެވޭނެ މައުލޫމާތެއް ދިން މީހެއްގެ ހިތް ފުރޭވަރަށް އިނާމު ދޭނެކަން ޕޯޗްގީޒުން އޮތީ އިއުލާނުކޮށްފައެވެ. ނަމަވެސް ހަމަ އެކަކުވެސް އެކަމުގެ އެއްވެސް މައުލޫމާތެއް ޕޯޗުގީޒުންނަށް ނުދިނީ ހަމަ ހިތްތަކުގައި ޤައުމުގެ މިނިވަންކަމަށް އޮތް ލޯބީގެ ބޮޑުކަމުންނެވެ.

އެއީ އެދުވަހެވެ. 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހު 3 ހާދިސާއަށް ބަލައިލި ނަމަވެސް މިކަން މިގޮތަށް ހާމަވާނެއެވެ.

ޚާއިނުން އަތުލައިގަންނަން ބޭނުންވި މީހުން ތިބި ތަންތަން އެންމެންނަށް އެނގެއެވެ. ހަމައެކަކުވެސް ޚާއިނުންނަށް އެއްވެސް މައުލޫމާތެއް ނުދިނީ އެމީހުންނަކީ ރައްޔިތުން މާލޯބިވާ ބައަކަށް ވެގެނެއް ނޫނެވެ. ޚާއިނުންނަށް ތާއީދުކޮށް އަޅުވެތިވާން ބޭނުން ނުވާތީއެވެ.

ހަމަ އެއާއިއެކު ވިސްނައިލަންޖެހޭ ކަމަކީ ޚާއިނުންނަށް މާލެ އެރުނު ސަބަބަށެވެ. ޚާއިނުންނަށް މާލެ އެރުނީ ޚާއިނުން ރާވަމުން ގެންދިއަ ރޭވުންތަކުގެ މައުލޫމާތު ދިވެހި ސަރުކާރަށް ދީފައި ވަނިކޮށެވެ. މައުލޫމާތު ދިން މީހުންގެ ތެރެއިން ދެމީހުންނަކީ ޚާއިނުންގެ މިތުރުންނެވެ. އެއިރުގެ ސަރުކާރަށް ތާއީދުކޮށްގެން ތިބި ބައެއް ނޫނެވެ.

އެހެންކަމާއިއެކުވެސް އެމައުލޫމާތު ދިނީ ކީއްވެގެންތޯއެވެ؟ ޤައުމު ދެކެ ލޯބިވާތީއެވެ. ބޭރު ބައެއްގެ އަޅުވެތިކަން ބޭނުންނުވާތީއެވެ. ހިތުގައި މިނިވަންކަމަށް އޮތް ލޯބީގެ ބޮޑުކަމުންނެވެ.

މިދެ ހާދިސާއަށް އެކަނި ބަލައިލި ނަމަވެސް ދިވެހިންގެ ހިތްތަކުގައި އޮތް ޤައުމީ ލޯބީގެ ބޮޑުކަން ހާމަވެގެންދެއެވެ.

ރައްޔިތުންގެ ހިތްތަކުގައި ޤައުމީ ލޯބި އުފެއްދުމަށް ކުރަން އެންމެ މުހިންމު އެއްކަމަކީ އެމީހުންނަށް އަދުލުވެރިވުމެވެ. ހަމައެއާއިއެކު ކަންކަމުގައި ރައްޔިތުން ބައިވެރިކުރުވުމެވެ.

ދިވެހިންނަކީ ޤައުމީ ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވާން ބޭނުން ބައެކެވެ. ދިވެހިންނަކީ ކަންކަމުގައި ބައިވެރިވެ ހިލޭ ސާބަހަށް ކަންކަން ކުރުމުގެ ދިގު މާޒީއެއް އޮތް ބައެކެވެ.

ދިވެހިންނަށް މިނިވަންކަން ލިބުމަށްފަހުގެ ތާރީޚަށް ބެލި ނަމަވެސް މިކަންކަން ވަރަށް ރަނގަޅަށް ހާމަވާނެއެވެ.

ހުޅުލޭގައި އެޅި ފުރަތަމަ އެއަރޕޯޓް އެޅުމެވެ. މާލޭގައި ވެލިފުނިޖެހުމެވެ. އަވަށު މަދަރުސާތައް އެޅުމެވެ. ރަށްރަށުގައި ކުރެވޭ އިޖުތިމާޢީ މަސައްކަތްތަކެވެ. މާލޭގެ މަގުތަކުގައި ގައު އެތުރުމުގެ ކުރިން މަގުހަދައި ފަސްގަނޑު އެއްވަރު ކުރުމުގެ މަސައްކަތްތަކެވެ. އެކަމެއްގައި ބައިވެރިވުމުގެ ފުރުޞަތު ރައްޔިތުންނަށް ސަރުކާރުން ދިން ކޮންމެ ކަމެކެވެ.

ކަންކަން މިހެން ހުރި ނަމަވެސް ސަރުކާރުގެ ވިސްނުން ސިޔާސީވެ ކޮންމެ ކަމަކީ ވެރިމިހާގެ ދީލަތިކަމުން ކުރާ ކަންކަން ކަމުގައި ދައްކަން ބޭނުންވެގެން ރައްޔިތުން ބާކީކުރީއެވެ.

ނަތީޖާ މިދަނީ ފެންނަމުންނެވެ. ގޭދޮރުމަތި ކުނިކަހައި ބެލެހެއްޓުމާއި ސަރުކާރުން ހަވާލުވުމުން މަގުތައް މިދަނީ ކުނިން ފުރެމުންނެވެ. ގޭދޮރުމައްޗަށް އެހެން މީހަކު ކުނި އެޅި ނަމަވެސް އަނގައިން ބުނާކަށް ބޭނުމެއް ނުވެއެވެ. ސަރުކާރުން ނަގާނެތީއެވެ. އެކަމަކީ ސަރުކާރުގެ ޒިންމާއަކަށް ވުމުންނެވެ. ނަމަވެސް އެއިގެ ކުރިން އެމީހެއްގެ ގޭގެ ދޮރުމަތި އެންމެ ރީތިކޮށް ބެލެހެއްޓުމަކީ އުފަލަކަށް ހަދައިގެން ތިބިތިބުން މިހާރު މިވަނީ ނިމުމަކަށް އައިސްފައެވެ.

ދިވެހިންގެ މިނިވަންކަން މިނިވަންކަންމަތީގައި ދަމަހައްޓަން މަސައްކަތްކުރާއިރު ދިވެހިންގެ މިޒާޖާ، ދިވެހިންގެ ރޫހަށް ބެލުން މުހިންމެވެ. ދިވެހިންގެ ވިންދާއި އެއްގޮތަށް އަމަލުކުރުން މުހިންމެވެ. ދެ ޕާޓީއަކުން ވެރިކަން ކުރި ނަމަވެސް ޤައުމީ ކަންކަމުގައި ސިޔާސީ ޕާޓީތައް ބައިވެރިކުރާނަމަ އެކަމަށް ވިސްނައިލުން މުހިންމެވެ.

ޖުމްހޫރީ މައިދާން އަލުން ތަރައްޤީކޮށް ހުޅުވިއިރު އަމަލުކުރި ގޮތް ބަދަލުކުރުން މުހިންމުކަމަށް ފެނެއެވެ. ސަރުކާރަށް ތާއީދު ބޮޑުވާނީވެސް އެއިރުންނެވެ. އެހެނީ ޖުމްހޫރީ މައިދާން ތަޔަރައްޤީ ކުރީ އެއްވެސް ސިޔާސީ ޕާޓީއަކުން ނޫންކަމަށްވާތީއެވެ. އެކަންކުރީ ދިވެހި ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުން ކަމަށްވާތީއެވެ. ރައްޔިތުންގެ ފައިސާއިން ކަމަށްވާތީއެވެ. އަދި އެތަނަކީ ޤައުމީ އެއްބައިވަންތަކަން ރަމުޒުކޮށްދިނުމުގެ މަޤްޞަދުގައި ސަރުކާރުން ކުރި ކަމަކަށްވާތީއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް