އެންޓިބަޔޮޓިކްސް ބޭނުންކުރަން ފެށުމުގެ ކުރިން ދުނިޔެ އޮތް ހާލަތަށް ރުޖޫއަވުން ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ: ޑަބްލިޔުއެޗްއޯ

އެންޓިބަޔޮޓިކްސް ބޭނުންކުރަން ފެށުމުގެ ކުރިން ދުނިޔެ އޮތް ހާލަތަށް ރުޖޫއަވުން ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ: ޑަބްލިޔުއެޗްއޯ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 29 ސިކުންތު

ނިއު ދިއްލީ، 9 ސެޕްޓެމްބަރ 2015: ހިފެހެއްޓުމެއް ނެތި އެންޓިބަޔޮޓިކްސް އާއި އެހެނިހެން ބޭސްތައް ބޭނުންކުރުމުން ރެސިސްޓަންސް އުފެދި، އިންފެކްޝަންތައް ފަސޭހަނުވެ ގިނަދުވަސްވުމާއި، ފަރުވާތައް ފޭލުވާން މެދުވެރިވާކަން ހަނދާންކޮށްދެމުން، މިކަމުގެ ސަބަބުން އާއްމުންގެ ސިއްހަތަށް އޮތް ބިރު ފުހެލުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ މެމްބަރު ގައުމުތަކަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން އިން ގޮވާލައިފިއެވެ.

"އެންޓިބަޔޮޓިކްސް ބޭނުންކުރަން ފެށުމުގެ ކުރިން ދުނިޔެ އޮތް ހާލަތަށް ރުޖޫއަވިޔަ ނުދިނުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ. މިކަން ނުހުއްޓުވައިފިނަމަ ގައިންގަޔަށްއަރާ ބަލިތައް ކޮންޓްރޯލްކުރުމާއި، ބަލިތައް ދުރާލާ ހުއްޓުވުމުގައި ލިބިފައިވާ ހުރިހާ ކާމިޔާބީއެއް ގެއްލޭނެ.ފަރުވާތައްހޯދިފައިވާ އާއްމު އިންފެކްޝަންތަކާއި ކުދި އަނިޔާތަކުގެ ސަބަބުން ކުރިއަށް އޮތް ތާންގައި މިލިއަންނުން މީހުން މަރުވުން އެކަށީގެންވޭ. އެންޓިބަޔޮޓިކްސް އަށް ރެސިސްޓަންސް އާއްމުވެއްޖެނަމަ އުނދަގޫ ސާޖަރީތަކާއި ކެންސަރުފަދަ އެހެނިހެން ކްރޮނިކް ބަލިތައް ބެލެހެއްޓުމަކީ އުނދަގޫ ކަމަކަށް ވުން އެކަށީގެންވޭ،" ޑަބްލިޔުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާގެ ރީޖަނަލް ޑައިރެކްޓަރ ޑޮކްޓަރ ޕޫނަމް ކެޓްރަޕާލް ސިންގް، ޓީމޯރ ލެސްޓްގެ ވެރިރަށް ޑިލީގައި ކުރިއަށްދާ ސަރަހައްދީ ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވިދާޅުވިއެވެ.

ހޮސްޕިޓަލް ވެންޓިލޭޓަރުތަކާ ގުޅުންހުރި ނިއުމޯނިޔާ، ޔޫރިނަރީ ޓްރެކްޓް އިންފެކްޝަން، ޑަޔަރިޔާ، ގޮނޮރިޔާ، ޓިއުބަރކުލޯސިސް، މެލޭރިޔާ، އަދި އެފަދަ އެހެނިހެން އާއްމު އިންފެކްޝަންތަކަށްބާރުގަދަ އެންޓިމައިކްރޯބިއަލް ބޭސްތަކާ ނުލާ ފަރުވާކުރަން އަންނަނީ އުނދަގޫވަމުންނެވެ. ދުވަހުން ދުވަހަށް ގޯސްވަމުން އަންނަ މި މައްސަލައަށް ވަގުތުން ފިޔަވަޅުތަކެއް ނާޅައިފިނަމަ އިޔާދަނުކުރެވޭފަދަ ގެއްލުންތަކެއް ލިބިދާނެކަމަށް ޑޮކްޓަރ ކެޓްރަޕާލް ސިންގް ވިދާޅުވިއެވެ.

ދާދި ފަހުން ހަދާފައިވާ ފޯކާސްޓްއެއް ދައްކާގޮތުން އެންޓިމައިކްރޯބިއަލް ރެސިސްޓަންސް އަށް ފިޔަވަޅުތަކެއް ނާޅައިފިނަމަ 2050 ވަނަ އަހަރު އަންނަންވާއިރަށް މި މައްސަލައިގައި ދުނިޔޭގައި 10 މިލިއަން މީހުން މަރުވާނޭއެވެ. އަދި މި މައްސަލައިގެ އިގްތިސާދީ ގެއްލުމުގެ ގޮތުގައި ދުނިޔޭގެ ފުދުންތެރިކަން 2 އާއި 3.5 އިންސައްތައާއި ދެމެދުގެ އަދަދަކަށް ދަށްވާނޭކަމަށްވެސް ފޯކާސްޓުން ދައްކައެވެ. ބަލިތައް ރަނގަޅުނުވެ ގިނަދުވަސްވުމުގެ ސަބަބުން އުފެއްދުންތެރިކަން ދަށްވެ، އިގްތިސާދަށް ގެއްލުންވާނެއެވެ.

ޑަބްލިޔުއެޗްއޯ ދެކުނު އިރުމަތީ އޭޝިއާގެ 68 ވަނަ ސަރަހައްދީ ކޮމިޓީ ބައްދަލުވުމުގައި ރީޖަނަލް ޑައިރެކްޓަރ ޑޮކްޓަރ ކެޓްރަޕާލް ސިންގް ވަނީ މި ވާހަކަތައް ވިދާޅުވެފައެވެ. މި ބައްދަލުވުމުގައި ދެކުނުއިރުމަތީ އޭޝިއާ ސަރަހައްދުގެ 11 މެމްބަރު ގައުމެއްގެ ސިއްހަތާ ބޭހޭ ވަޒީރުންނާއި ސިއްހަތާ ބެހޭ ވުޒާރާތަކުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވައެވެ. އަހަރަކު އެއްފަހަރު ބޭއްވޭ ސަރަހައްދީ ކޮމިޓީ ބައްދަލުވުމުގައި ދެކުނު އިރުމަތީ އޭޝިއާގައި ސިއްހަތާބެހޭގޮތުން އަހައްމިއްޔަތުކަން ދޭންޖެހޭ ކަންކަމުގެ އެޖެންޑާއެއް އެކުލަވާލެވެއެވެ.

އެންޓިމައިކްރޯބިއަލް ރެސިސްޓަންސް އާ ދެކޮޅަށް ފިޔަވަޅުތަކެއް އެޅުމަށް ހުރިހާ ދާއިރާތެއް އެކުލެވޭގޮތަށް، ގުޅިފައިވާ ގައުމީ އެކްޝަން ޕްލޭންތަކެއް ބޭނުންވާ ކަމަށް ޑޮކްޓަރ ކެޓްރަޕާލް ސިންގް ވިދާޅުވިއެވެ. އެންޓިބަޔޮޓިކް ރެސިސްޓަންސް ގެ ސަބަބުތަކާއި އޭގެ އަސަރު ފެތުރިފައިވާ މިންވަރު ދެނެގަނެ،އިންފެކްޝަންތައް ކޮންޓްރޯލްކުރުން ހޮސްލިޓަލުތަކުގައި ކުރިއަށްވުރެ ރަނގަޅުކޮށް، ބޭސް ބޭނުންކުރުމުގެ ގަވައިދުތައް ހަރުދަނާކޮށް، ރަނގަޅުގޮތުގައި ބޭސް ބޭނުންކުރުން ކުރިއެރުވުމަށް ގައުމުތަކުން އިތުރު މަސައްކަތްތަކެއް ކުރަންޖެހެއެވެ.

ލިޔެދީފައިވާ ބޭސް ވިއްކުމަށާއި، ބޭނުންކުރުމަށާއި، ލިޔެދީފައިވާ މުއްދަތަށް ބޭސް ބޭނުންކުރުމުގެ މުހިއްމުކަމަށް އާއްމުންނާއި، ހެލްތު ވޯކަރުންނާއި ފާމާސިސްޓުން ހޭލުންތެރިކުރުވަން ޖެހެއެވެ.

އެންޓިމައިކްރޯބިއަލް ރެސިސްޓަންސް ކޮންޓްރޯލްކޮށް ހުއްޓުވުމަށް ގައުމީގޮތުން އިސްކަންދޭންޖެހޭ ކަންކަމާއި އޭގެ ސަބަބުތައް ވިސްނުމުގައި ބަހައްޓައިގެން، ޑަބްލިޔުއެޗްއޯ ދެކުނު އިރުމަތީ އޭޝިއާ ގެ ސަރަހައްދީ ސްޓްރެޓަޖީ ކަމުގައިވާ ޖައިޕޫރު ޑެކްލަރޭޝަން އޮން އެންޓިމައިކްރޯބިއަލް ރެސިސްޓަންސް 2011 އާއި ދާދި ފަހުން އެކުލަވާލެވުނު ގްލޯބަލް އެކްޝަން ޕްލޭންގައިވާ ކަންކަން ފުރިހަމައަށް ތަންފީޒުކުރަންޖެހެއެވެ.

ދުނިޔެއަށް އެންޓިބަޔޮޓިކް ރެސިސްޓަންސް ގެ މައްސަލަ ކުރިމަތިވެފައިވަނީ ހިފެހެއްޓުމެއް ނެތި އެންޓިބަޔޮޓިކްސް ލިޔެދިނުމާއި، ލިޔެދީފައިވާ މުއްދަތަށް ބޭސް ބޭނުން ނުކުރުމާއި، މަސް އައުލާކުރާ ފާމްތަކާއި ކެއުމަށް ބޮޑުކުރާ ޖަނަވާރުތަކަށް އެކަށީގެންވާ ވަރަށް ވުރެ ގިނައިން އެންޓިބަޔޮޓިކްސް ދިނުމާއި، ސިއްހީ ހިދުމަތްތައް ދޭ އިރު އިންފެކްޝަންތައް ފަސޭހަކުރުމުގައި ފަރުވާކުޑަކުރުމާއި، ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުންނެވެ.

އެންޓިބަޔޮޓިކްސް އަކީ ވަރަށްވެސް އަގުހުރި ވަސީލަތެކެވެ. އެންޓިބަޔޮޓިކްސް ގެ ސަބަބުން ފާއިތުވެދިޔަތާންގައި އެތައް މިލިއަން ފުރާނަ ސަލާމަތްކުރެވިފައިވެއެވެ. އެންޓިބަޔޮޓިކްސްގެ އަސަރު ދެމެހެއްޓުމަށް ހުރިހާއެންމެގެ ރޯލެއްވާކަމަށާއި، އެންމެން އެކުގައި މަސައްކަތްކޮށްފިނަމަ އެކަން ކާމިޔާބުކުރެވިދާނެކަމަށް ޑޮކްޓަރ ކެޓްރަޕާލް ސިންގް ވިދާޅުވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މޫސާ ވަހީދު