މިއަދު ނޫހަށް 18 ފުރުން: މިއަދު ނޫހުގައި 10 އަހަރު ހޭދަކުރި ޝަހީދާ ސައީދު ނޫހާމެދު ދެކޭގޮތް

މިއަދު ނޫހަށް 18 ފުރުން: މިއަދު ނޫހުގައި 10 އަހަރު ހޭދަކުރި ޝަހީދާ ސައީދު ނޫހާމެދު ދެކޭގޮތް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 47 ސިކުންތު

އަޅުގަނޑަކީ މިއަދު ނޫހުގައި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރި މީހެއް ކަމުގައި ވާނެކަމާމެދު ޝައްކެއް ނުކުރަމެވެ. އެގޮތުން 2005 ވަނަ އަހަރުގެ މެއި މަހުގެ 14 ވަނަ ދުވަހު އަޅުގަނޑު މިއަދު ނޫހާއި ގުޅުނު އިރުވެސް އެނޫހަކީ މިނިވަން ކަމާއެކު ހަމަހަމަ ގޮތެއްގައި ޚަބަރުތައް ގެނެސްދިން ނޫހެއްކަން ފާހަގަކޮށްލެވެއެވެ.

ނޫހުގެ ޕޮލިސީ ހިފެހެއްޓުމަށް އެއިރެއްގައި އޮންނަ މެނޭޖުމަންޓަކުން އިސްކަން ދެއްވިކަން ފާހަގަކޮށްލަމެވެ. އެކަން މިއަދާއި ހަމައަށް ވެސް ހިނގަމުން ދަނީ މި އުސޫލުންނެވެ. ސަރުކާރުގެ ސިޔާސަތުތައް ކިޔުންތެރިންނާއި ހަމައަށް ގެނެސްދެމުން ދިޔައިރު އިދިކޮޅު ފަރާތްތަކުން ސަރުކާރު ޒިންމާދާރު ކުރުމަށް ކުރަމުންދާ މަސައްކަތް ވެސް ގެނެސްދީފައިވަނީ ވަރަށް ހަމަހަމަ ގޮތެއްގައެވެ.

ކިޔުންތެރިންގެ މަގުބޫލުކަން ލިބިފައިވާ މިއަދު ނޫހަކީ ރާއްޖޭގައި އެންމެ ފުރަތަމަ ޗާޕްކޮށްގެން ނެރެންފެށި ތިން ނޫހުގެ ތެރޭގައި ހިމެނޭ ނޫހަކަށް ވެގެން ދިޔައިރު މިހާރު މިއަދު ނޫހަކީ ރާއްޖޭގައި ޗާޕްކޮށްގެން ނެރޭ ހަވީރު ނޫސް ފިޔަވައި އޮތް ހަމަ އެކަނި ނޫހެވެ.

އަށާރަ އަހަރު ފުރުން މިއަދު ފާހަގަކުރާ އިރު، މިކާމިޔާބީގެ ސިއްރަކީ މާލީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކާއި މުވައްޒަފުން ކެތްތެރިކަމާ ހީވާގީ ކަމުގެ އިތުރުން ހަމަހަމަކަން ހިފެހެއްޓުމަށް މުވައްޒަފުން ކުރި މިންނަތް މަސައްކަތުގެ ނަތީޖާކަން ކަށަވަރެވެ.

ޚަބަރާއި މައުލޫމާތު އެންމެ ފުރިހަމަގޮތުގައި ކިޔުންތެރިންނާއި ހަމައަށް މިއަދު ނޫހުން ގެނެސްދީފައިވާއިރު، މިއަދު ނޫހަކީ ގައުމަށް ގިނަ ނޫސްވެރިން ތަކެއް އުފެއްދި އިދާރާއެއްކަން އަޅުގަނޑު ފާހަގަކޮށްލަނީ ނުހަނު އުފަލާއެކުގައެވެ. އެގޮތުން މިހާރު އެކި މީޑިއާތަކުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި އަދި ވަޒީފާ އަދާކުރަމުންދާ ގިނަ ނޫސްވެރިންނަކީ މިއަދު ނޫހުން ތަމްރީން ވެގެން މުޖުތަމައަށް ނުކުމެ ތިބި ފަރާތްތައް ކަމުގައި ވެގެން ދިއުމަކީ އަޅުގަނޑު އުފާ ކުރާ ކަމެކެވެ.

މިއަދު ނޫހުގައި އަޅުގަނޑު ހޭދަކުރި ދިހަ އަހަރު ދުވަހުގެ ތެރޭގައި ނޫހާއި އަލަށް ގުޅުނު ފަރާތްތަކުގެ ތެރެއިން ނޫސްވެރިކަމުގެ ދާއިރާއިން ތަމްރީނު ދެވުނު ފަރާތްތައް ގުނާ އަދަދު ނުކުރެވޭހާ ގިނައެވެ.


މިއަދު ނޫހަކީ ވަޒީފާ އަދާކުރަން ފަސޭހަ، އަދި މުވައްޒަފުންނަށް އެހީތެރިކަމާއި ލުއި ދިނުމުގައި މިސާލެއް ކަމުގައި ނޫނީ ނުވޭ. މީގެއިތުރުން ނިއުސް ރޫމުގައި ދިހަ އަހަރު ދުވަހު އެކި މަގާމުތަކުގައި މަސައްކަތްކޮށްފައިވާއިރު އިސްވެރިންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވަމެވެ.

އަދި މީގެއިތުރުން މިއަދު ނޫހުގައި އަޅުގަނޑު ހޭދަ ކުރި ދިހަ އަހަރުގެ ތެރެއިން 6 އަހަރު އަޅުގަނޑު ނިއުސްރޫމްގައި މަސައްކަތް ކުރީ އެޑިޓަރ އަބްދުއްލަތީފު އާދަމްގެ އެއްބާރުލުމާއެކުގައިކަން ފާހަގަކުރަމެވެ. އެދުވަސްތަކުގައި ލަތީފު އަޅުގަނޑަށް ސިފަ ވެގެން ދިޔައީ ވަޒީފާގެ އިތުރުން މުވައްޒަފުންގެ ދިރިއުޅުމުގައި ކުރިމަތިވާ ދަތި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭ އޯގާތެރި ވެރިއެއްގެ ގޮތުގައެވެ. މުވައްޒަފުންނަށް އެހީވެދޭ ބައްޕައެއްގެ ގޮތުގައެވެ.

ނޫސްވެރިކަމުގެ ދާއިރާގައި އަޅުގަނޑު މިހާރު ޗެނަލް ތާޓީންގައި ހަރަކާތްތެރިވަމުން ދާއިރު އަޅުގަނޑުގެ ބިންގަލަކީ މިއަދު ނޫސް ކަމުގައި އަބަދުވެސް ހަނދާންކުރަމެވެ. އަޅުގަނޑަށް މިދާއިރާއިން ލިބިފައިވާ ކުރިއެމުގެ ހުރިހާ ޝުކުރެއް ހައްގުވެގެން ވަނީ "މިއަދުގެ އިދާރާ'' ގެ ހިންގުންތެރި ވެރިންނަށް ކަމުގައި ދަންނަވަމެވެ. ލިޔުން ނިންމާލަމުން މިއަދު ނޫހުގެ ކުރީގެ އޯނަރު އަހުމަދު އަބްދުﷲ އަށާއި، މިހާރުގެ އޯނަރު ގާސިމް އިބްރާހީމްގެ ފަރާތްޕުޅުން ދެއްވި އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު ދަންނަވަމެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
ޝަހީދާ ސައީދު