ކޮންމެ މީހަކު ފަހަތުގަ ފުލުހެއް، ފުލުސް ފަަހަތުގަ ސިފައިންގެ މީހެއް، ސިފައިންގެ މީހާ ފަހަތުގަ ބަހައްޓާނީ ކާކު؟

ކޮންމެ މީހަކު ފަހަތުގަ ފުލުހެއް، ފުލުސް ފަަހަތުގަ ސިފައިންގެ މީހެއް، ސިފައިންގެ މީހާ ފަހަތުގަ ބަހައްޓާނީ ކާކު؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 58 ސިކުންތު

އަނިޔާވެރިކަމުގެ އާދަ ދިވެހި މުޖުތަމައުގައި އަށަގެނެފައި މިވަނީ ބިރުގަންނަން ޖެހޭ މިންވަރަށެވެ. ގޭތެރެއިންވެސް ލިބެނީ އަނިޔާއެވެ. މަގުމައްޗަށް ނުކުތް ނަމަވެސް ލިބެނީ އަނިޔާއެވެ. ހައްލަކީ ހަމަ ކޮންމެ މީހެއްގެ ފަަހަތުގައި ފުލުހުން ބެހެއްޓުން ހެއްޔެވެ؟ އެހެންކަމަށްވާނަމަ ފުލުސް މީހާގެ ފަަހަތުގައި ބަަހައްޓަންޖެހެނީ ސިފައިންގެ މީހެއް ހެއްޔެވެ؟ އެހެންކަަމަށްވާނަމަ ސިފައިންގެ މީހާ ހިމާޔަތްކުރަން ބަހައްޓާނީ ކާކުބާވައެވެ!

އަނިޔާވެރިވުމަށްފަހު ތަފާތު ބަހަނާތައް ދައްކަން މަސައްކަތް ކުރުމަކީ ވަރަށް ޢާންމު ކަމެކެވެ. ނަމަވެސް ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ އަނިޔާވެރިވުމަށް ދައްކާނެ ބަހަނާއެއް ނެތްކަމެވެ.

ޚާއްޞަކޮށް ގެވެށި އަނިޔާގެ މައްސަލަތައް ކުރިމަތިވުމުން ސަބަބުތައް ދެއްކުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އަނބިންނަށް ދަރިންނަށް އަނިޔާވެރިވުމަކީ އެއްވެސް ސިފައެއްގައި ކުރެވިގެންވާނެ ކަމެއް ނޫނެވެ. އެހެނީ އެމީހުންނަކީީ ތިމާގެ ބެލެހެއްޓުމުގެ ދަށުގައި ތިބި ބައަކަށްވުމެވެ.

ދަރިންނަކީ ﷲ ހަވާލުކުރައްވަވާ އެންމެ ބޮޑު އަމާނާތެވެ. ހަމަ އެފަދައިން އަނބިންނަށް ހެޔޮކޮށް ހިތުމަކީ އެންމެ މާތް ސިފަކަން އިސްލާމް ދީނުން އެނގެއެވެ.

ދެން އޮތީ އަނބިމީހާ ނުކިޔަމަންތެރިވުމެވެ. ބޭވަފާތެރިވުމެވެ. އަމުރުތަކަށް ނުކިޔަމަންތެރިވުމެވެ. އެހާލަތުގައި އަމަލުކުރަން އޮތް ގޮތް ވެސް އޮތީ ހާމައަށް ފެންނާށެވެ. މަޢާފްކޮށް އެކުގައި ނުއުޅެވޭވަރުގެ މައްސަލައެއް ނަމަ ދެމަފިރިންނަށް ދުރުވުމުގެ ފުރުޞަތު ﷲ ދެއްވަވައިފައިވަނީ މިފަދަ ސަބަބުތައް ކުރިމަތިވާނެތީއެވެ.

ރާއްޖޭގައި އަނިޔާވެރިކަން އިންތިހާއަށް ގޮސް ޢާންމުވެފައިވާއިރު މިނުބައި ސިފަ ފިލުވައި ލުމަކީ ހަމައެކަނި ކުރާ އަމުރަކުން މިއަދު ކުރެވެން އޮތް ކަމެއް ނޫންކަން އެންމެންވެސް ޤަބޫލުކުރެއެވެ.

އަނިޔާވެރި ނުވުމަށް ﷲ އަމުރުފުލު ކުރައްވަވައިފައިވާ މިންވަރު އެންމެ ތުއްތު އިރުންސުރެ އުމުރާއި ގުޅޭގޮތުން އަންގައިދޭން ޖެހެއެވެ. ސްކޫލުތަކުގައި އެކަން ކިޔަވައިދީ އުނގަންނައިދޭން ޖެހެއެވެ. އަނިޔާވެރި ނުވުމުގެ އާދަ ކުދިންގެ ކިބައި އަށަގަންނަވަން ޖެހެއެވެ.

ދެން ބަލައިލަންވީ މިކަމުގައި ދަރިވަރުން ހޭލުންތެރި ކުރުވަން ސްކޫލުތަކުގައި މަސައްކަތް ކުރެވޭ މިންވަރަށެވެ. އެއްވެސް މިންވަރަކަށް އެކަން ކުރެވޭ ކަމާއިމެދު ސުވާލުތައް ގިނައެވެ.

އަނިޔާ ލިބި މީހަކު މަރުވުމުން އެވާހަކަ ދެ ތިން ދުވަސްވަންދެން ދައްކައިލުމަކީ އެކަމަށް އޮތް ހައްލެއް ނޫނެވެ. ޙައްލު ހޯދޭނީ އަނިޔާވެރިކަން މުޖުތަަމއުން ފޮހެލައިގެންނެވެ.

ރަކީދޫގައި ކުޑަކުއްޖަކު މަރުވެފައި އޮއްވައި ފެނުމުން އެވާހަކަތައްވެސް ވަރަށް ގަދައަށް ދެކެވުނެވެ. ނަަމަވެސް ގުޅިގެން އެޅުނު ފިޔަވަޅުތަކާއިމެދު ވިސްނައިލުން ރަނގަޅެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް