ދެ ޓީމުންވެސް ބުނަނީ އިދިކޮޅު ޓީމަކީ ބަލި ނުކުރެވޭނެ ޓީމެއް ނޫންކަމަށް

ދެ ޓީމުންވެސް ބުނަނީ އިދިކޮޅު ޓީމަކީ ބަލި ނުކުރެވޭނެ ޓީމެއް ނޫންކަމަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 12 ސިކުންތު

މިނިވަން 50 ޗެންޕިއަންޝިޕް ފައިނަލް މެޗު އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމުގައި މިއަދު ކުޅޭނެއެވެ.

ބައްދަލު ކުރާނީ ގދ. ފަރެސްމާތޮޑާއި، ސ. ފޭދޫ އެވެ. މި މެޗަށް ނުކުންނައިރު ދެ ޓީމުންވެސް ބުނެފައިވަނީ ކޮންމެ ޓީމަކީވެސް މޮޅު ޓީމެއް ކަމަށެވެ. ފަރެސްމާތޮޑާ ޓީމުގެ ކޯޗު ފަޒީން މުހައްމަދު ބުނީ މިހާތަނަށް އެޓީމު ކުޅެފައިވާ މެޗުތަކަށް ބަލާއިރު އެންމެ ވަރުގަދަ އެއްޓީމަކީ ފޭދޫ ކަމަށެވެ. އެހެން ކަމުން ފައިނަލުގައި އެ ޓީމާ ދެކޮޅަށް ކުޅެން ޖެހުމަކީ އެއްގޮތަކަށްވެސް ފަސޭހަ ކަމެއް ނޫން ކަމަށެވެ.

އޭނާ ބުނީ ފަރެސްމާތޮޑާއާ އަޅާ ބަލާއިރު ފޭދޫ ޓީމަކީ ހުރިހާ ގޮތަކުންވެސް ވަރުގަދަ ޓީމެއް ކަމަށް ގަބޫލު ކުރާ ކަމަށެވެ. "ކުޅުންތެރިންގެ ތަޖުރިބާއާއި، ހުނަރަށް ބަލާއިރުވެސް ފޭދޫ ޓީމް އާދަޔާ ހިލާފަށް މޮޅު. އެހެން ނަމަވެސް އެޓީމަކީ ބަލި ނުކުރެވޭ ވަރުގެ ޓީމެއްނޫން،"

ފަޒީން ބުނީ މިއަދުގެ މެޗަށް ނުކުންނައިރު ފަރެސްމާތޮޑާގެ ފޯވާޑު އީމާން (ކުންނާ) ހުރީ އަނިޔާގައި ކަމަށެވެ. އެހެންނަމަވެސް މިއަދުގެ މެޗުގައި އޭނާ ކުޅޭނެތޯ ނޫންތޯ އަދި ނުނިންމައެވެ. އެންމެފަހުން ބޭއްވި ޕްރެކްޓިހުގައި އޭނާ ބައިވެރިވިއެވެ. ކުންނާ ފިޔަވައި އެެހެން ކުޅުންތެރިންގެ އެއްވެސް މައްސަލައެއް ނެތް ކަމަށް އޭނާ ބުންޏެވެ.

މިއަދުގެ މެޗަށް ފޭދޫ ނުކުންނަނީ އެޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށްވާ އަހުމަދު ސައީދު (އައްމަޓީ) އާ ނުލައެވެ. އޭނާއަށް މިއަދުގެ މެޗުގައި ނުކުޅެވެނީ ދެ ކާޑު ހަމަވުމުގެ ސަބަބުންނެވެ.

ފޭދޫ ޓީމުގެ އެސިސްޓެންޓް މެނޭޖަރު އަލީ ހަނީޒު ބުނެފައިވަނީ އައްމަޓީ އަށް ނުކުޅެވުމަކީ ޓީމަށް ލިބިފައިވާ އުނިކަމެއް ކަމަށެވެ. އެހެން ނަމަވެސް އޭނާ ނެތްތަން ފޫ ބައްދައިދޭނެ ތަޖުރިބާކާރު ކުޅުންތެރިން އެ ޓީމުގައި އެބަތިބި ކަމަށެވެ.

ހަނީޒު ބުނެފައިވަނީ ފަރެސްމާތޮޑާއަކީ މޮޅު ޓީމެއް ކަމަށެވެ. އެ ޓީމް ބަލިކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.

ފަރެސްމާތޮޑާ ކެޕްޓަން އަހުމަދު ޝުއައިބު (ޝީޓޭ) ބުނީ މިއަދުގެ މެޗަށް ނުކުންނައިރު އެއްވެސް ފިކުރެއް ހާސްކަމެއްނެތް ކަމަށެވެ. "އިރާދަ ކުރެއްވިއްޔާ އުންމީދަކީ ފޭދޫ އަތުން މޮޅުވެ މި މުބާރާތުގެ ތަށި އުފުލާލުން،" ކަމަށެވެ.

މިއަދުގެ މެޗުގެ ސަޕޯޓަރުންނާ ބެހޭ ގޮތުން އޭނާ ބުނީ އައްޑޫގައި ކުޅޭއިރު ދަނޑުގައި ގިނަވާނީ ފޭދުއަށް ސަޕޯޓުކުރާ މީހުން ކަމަށެވެ. "ސަޕޯޓަކީ މުހިންމު އެއްޗެއް. އެހެންނަމަވެސް ކޮންމެ ޓީމަކަށް ސަޕޯޓުކުރިޔަސް ސަޕޯޓު އެކުރެވެނީ ފުޓުބޯޅަޔަށް. އެހެންވީމާ ސަޕޯޓު ކުރަނިކޮށް ނިމުނީ. ފޭދޫ ސަޕޯޓަރުން ފޭދުއަށް ސަޕޯޓު ކުރުމަކީވެސް އަޅުގަނޑުމެންނަށް ކުރެވޭ ސަޕޯޓެއް ކަމަށް ބަލާނީ،" ޝީޓޭ ބުންޏެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މޫސާ ވަހީދު