ކުރުވާހަކަ: ލޯތްބަށް ސިލްވަރ ޖުބިލީ ފުރުނުފަހުން ލޯބިވެރިޔާގެ އުނގަށް

ކުރުވާހަކަ: ލޯތްބަށް ސިލްވަރ ޖުބިލީ ފުރުނުފަހުން ލޯބިވެރިޔާގެ އުނގަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 10 މިނެޓް, 7 ސިކުންތު

އެއިރު އަހަރެންގެ އުމުރަކީ އެންމެ 14 އަހަރެވެ. އަހަރެންނާއި ޝިމްލާ ކިޔަވަމުން ދިއައީ އެއް ކްލާހެއްގައެވެ. ލޯތްބަކީ ކޮބައިކަމެއް އެއިރަކު އަހަރެންނަކަށް ނުއެނގެއެވެ.

އެއިރު އެނގުނު މިންވަރަކީ ޝިމްލާ އާއި ގާތް ގުޅުމެއް ބާއްވަން ބޭނުންވިކަމެވެ. ޝިމްލާ ގޮވާލައިފިނަމަ ހިތަށް ތަފާތު އިޙްޞާޞްތަކެއް ކުރެވޭ ކަމެވެ. އަހަރެން ކުރާ ސަމާސައާއި ގުޅިގެން ބައެއް ފަހަރު ޝިމްލާ ޕިން ހަރައިލި ނަމަވެސް ތަދު ނުވާކަމެވެ.

ދުވަސްތައް މާޒީވަމުން އައިވަރަކަށް ގޮތް ނުއެނގޭ އިހްސާސްތައް އައީ އިތުރުވަމުންނެވެ. އެކީގައި ތިބެން ބޭނުންވާ ވަގުތު އިތުރުކުރަން ބޭނުންވިއެވެ. ގިނަގިނައިން ވާހަކަ ދައްކަން ބޭނުންވިއެވެ. ގުޅުންތައް އިތުރުކުރަން ބޭނުންވިއެވެ.

ކަންކަން އެހިސާބަށް ދިއަތަނާ ކުރިމަތިވީ ވަރަށް ބޮޑު މައްސަލައެކެވެ. ޝިމްލާގެ ދޮށީ ދައްތަ މަތީ ތައުލީމު ޙާޞިލުކުރަން ލަންކާއަށް ބަދަލުވާތީ މަންމަވެސް ލަންކާއަށް ބަދަލުވީީއެވެ. ޝިމްލާ ވެސް ގޮވައިގެންނެވެ. އެހިސާބުން ޝިމްލާ ގެއްލުނީއެވެ.

ވަރަށް ގިނަ އުނދަގޫތައް ލިބުނެވެ. ކްލާހަށް ދާންވެސް އުނދަގޫވިއެވެ. ކިޔެވުންމަތިން ފާޑަކަށް ފޫހިވެސްވިއެވެ. ނަމަވެސް ހިތްވަރުކުރީމެވެ. އަބަދުވެސް އުންމީދު ކުރެވުނީ ޝިމްލާ އެނބުރި އަންނާނެ ދުވަހަކަށެވެ.

އެންމެ ދެރަވީ ޝިމްލާގެ އިތުރު އެއްވެސް ޚަބަރެއްވެސް ނުލިބުމުންނެވެ. ޝިމްލާ އެކުގައި ގެއްލުމުންނެވެ. ލަންކާގައި ހުންނަ އެޑްރެސް ވެސް ނުއެނގެތީ ސިޓީއެއްވެސް ފޮނުވޭނެ ގޮތެއް ނުވެއެވެ. އަހަރެންގެ ވެސް ގަމާރުކަމުން އަހަރެންގެ އެޑްރެހެއް ވެސް ޝިމްލާއަކަށް ނުދެވުނެވެ.
އޭލެވެލްއަށްފަހު އަހެރެން ވަޒީފާ އަދާކުރަން ފެށީމެވެ. ވަރަށް ގިނަ އަންހެން ކުދިންނާއި ބައްދަލުވެސް ވެއެވެ. ނަމަވެސް ޝިމްލާ ފެންނާނެ ދުވަހަކަށް ކުރަމުން ގެންދިއަ އިންތިޒާރަކަށް ނިމުމެއް ނައެވެ.

އޮފީސް ލޯބިވެސް ވަރަށް ގަދައެވެ. ކޮންމެ ދެކުއްޖަކު އުޅެނީ ލޯބިވެގެންނެވެ. ބާކީވެފައި ހުރީ އަހަރެން އެކަންޏެވެ. އެހެންކަމުން އަހަރެންނަކީ ހިއްސުތައް މަދު މީހެއް ކަމަށް ވެސް ރައްޓެހިން ބުނެ އުޅުނެވެ. އެކަމަކާ އަހަރެން ކަންބޮޑެއް ނުވެއެވެ. މަދު އެއްޗަކާ ގިނަ އެއްޗެއް އެންމެ ރަނގަޅަށް އެނގޭނީ އަހަރެންނަށް ކަމުގެ ޔަޤީންކަން އަބަދުވެސް އޮތެވެ.

އޮފީހުގައި ކުރަން ޖެހުނު މަސައްކަތުގެ ގޮތުން ވަރަށް ގިނައިން ރާއްޖެއިން ބޭރަށް ދަތުރުކުރަންޖެހުނެވެ. އެދަރުތަކުގެ ތެރެއިން ކުރެވުނު ޚިޔާލެއް ތަންފީޒުކުރުމުގެ އަޒުމުގައި ބައެއް ތަކެތި ލަގެޖަށް އަޅައިގެން ގެނެސް އަވަށްޓެރި ފިހާރައަކަށް ވިއްކަންފެށީމެވެ.

ދުވަސްކޮޅެއް ފަހުން ވިޔަފާރީގެ ޚިޔާލު އިތުރުވާން ފެށިއެވެ. ވިޔަފާރި ކުރުމުގެ ޝައުޤުވެރިކަން އިތުރުވާންފެށިއެވެ. ނަމަވެސް އަމިއްލައަށް ވިޔަފާރިއެއް ކުރާނެ ފައިސާ ނެތުމުން ހަމަ އިންތިޒާރު ކުރީއެވެ. އަމިއްލައަށް ވިޔަފާރި ކުރެވޭނެ ދުވަހަކަށެވެ.

އެހިސާބުން ދެ ކަމަކަށް އިންތިޒާރުކުރަންޖެހުނެވެ. ޝިމްލާ ފެންނާނެ ދުވަހަކަށާއި އަމިއްލައަށް ފިހާރައެއް ހުޅުވައި ވިޔަފާރިއެއް ފެށޭނެ ދުވަހަކަށެވެ.

ދުވަސްތަކެއް ފަހުން ބެންކޮކުން ބައްދަލުވި މީހަކު އަހަރެންނާއިއެކު ވިޔަފާރިއެއް ފަށަން ބޭނުން ކަމަށް ބުންޏެވެ. ނަމަވެސް އަހަރެންގެ މާލީ ޙާލު ކިޔައިދީ އެފަދަ ކަމަކަށް ކުފޫ ހަމަނުވާ ކަމަށް ބުނީމެވެ.

އެކި ފަހަރުމަތިން ކުރެވުނު މަޝްވަރާތަކަށް ފަހު އެއްބަސްވީ އޭނާގެ ފައިސާގައި މާލޭގައި ވިޔަފާރިއެއް ފެށުމަށެވެ. އަހަރެންނަކީވެސް މުވައްޒިފެއްގެ ގޮތުގައި މަސައްކަތް ކުރުމަށެވެ. މުސާރައިގެ އިތުރުން ލިބޭ ފައިދާގެ 30 އިންސައްތަ އަހަރެންނަށް ދޭނެކަމަށް އޭނާ ބުންޏެވެ.
ވިޔަފާރި ފަށައިގެން ދުވަސްކޮޅެއްވީއިރު ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. ދެމީހުންވެސް ބަހުގެ އިތުބާރު ބަހައްޓައިގެން ކުރިއަށް ދާން ކުރި މަސައްކަތުގައި މާތްﷲ ބަރަކާތް ލެއްވެވިއެވެ.

އަހަރެމެންގެ ފިހާރައަކީ މާލޭގައި ހަމަ ފާހަގަކޮށްލެވޭވަރުގެ ފިހާރައަކަށްވީތަނާ ޕާޓްނަރަށް ދިމާވި މައްސަލައެއްގައި އޭނާ ބޭނުންވީ ފިހާރަ ވިއްކައިލާށެވެ. އަހަރެންގެ އަތުގައި ރައްކާކޮށްފައި ހުރި ފައިސާގެ އިތުރުން ބޭނުންވާ ފައިސާ ބޭންކުން ލޯނެއްގެ ގޮތުގައި ހޯދައިގެން އަހަރެން އޭނާގެ އަތުން ފިހާރަ ގަތީމެވެ.

އެއީ އަހަރެންގެ ދެވަނަ މަޤްޞަދު ޙާޞިލުވި ދުވަހެވެ. އަމިއްލަ ވިޔަފާރިއެއް ހިންގަން ފެށުމުންނެވެ. ނަމަވެސް ފުރަތަމަ މަޤްޞަދު އަދިވެސް އޮތީ ހަމަ އެގޮތަށެވެ. އެއީ ޝިމްލާ އާއި ބައްދަލުވާނެ ދުވަހެވެ.

ދުވަސްތައް މާޒީވަމުން އައިސް އުމުރުން 40 އަހަރު ފުރިއްޖެއެވެ. އެއާއިއެކު ޝިމްލާ ހޯދަން އިންތިޒާރުކުރާތާވެސް 25 އަހަރު ފުރުނީއެވެ. ސިލްވަރ ޖުބިލީ ފާހަގަކުރެވުނީއެވެ. އަހަރެންގެ ހިތަށް އެރިއެވެ. "އަދި ގޯލްޑަން ޖުބިލީވެސް ނުފުރޭ ނޫން ހެއްޔެވެ؟"

އެއްދުވަހަކު ފިހާރައިގެ ދޮރުފަތުގައި އިޝްތިހާރެއް ހަރުކުރީމެވެ. "ކޮންމެ ޖިންސަކުން ނަމަވެސް މާކެޓިންގ މެނޭޖަރެއް ބޭނުން" ކަމަށެވެ.
ނޯޓިސް ޖެހިތާ 2 ވަނައަށްވީދުވަހު އަންހެނަކު އައިސް ވަޒީފާ އާއިބެހޭ މައުލޫމާތު އޮޅުންފިލުވިއެވެ. އަހަރެން ހުރިހައި އެއްޗެއް ކިޔައި ދިނީމެވެ.

އެނބުރި އަންނާނެ ކަމަށް ބުނެފައި އޭނާ ދިއުމުން ހަށިގަނޑުން އޮއްދާ ހިއްލަން ފެށިއެވެ. "އޭނާގެ އަޑު ޝިމްލާގެ އަޑާ ހާދަ ވައްތަރެވެ. މޫނުގައިވެސް ވައްތަރުކަމެއް ހުއްޓެވެ. ނަމަވެސް މޫނުގައި އެއިން ދެ ލަކުނުގެ ސަބަބުން ޔަޤީންކަމެއް ނުލިބުނެވެ."

ސުވާލުތަކެއްވެސް އުފެދުނެވެ. ވާހަކަ ދައްކަން ފެށުމާއިއެކު އިސްދަށަށް ޖެހިގޮތަށް އިސްއުފުލާ ބަލައެއް ނުލައެވެ. އެއީ ކީއްވެގެން ހެއްޔެވެ؟
ކޮންމެއަކަސް ވަރަށް ބޮޑު ހާސްކަމެއް ލިބުނެވެ. ހަމައެޢާއިއެކު ޔަޤީންކަމެއްވެސް ލިބުނެވެ. އަހަރެން މިއިންތިޒާރުކުރާ ޝިމްލާ ދޮގެއް ނުހަދާނެއެވެ. ވައުދު ފުއްދާނެއެވެ. އެހެންވީއިރު އެއީ އަހަރެން މިއިންތިޒާރުކުރާ ޝިމްލާ ކަމަށްވާނަމަ އެނބުރި އަންނާނެއެވެ. ވައުދު ފުއްދާނެއެވެ. ނަމަވެސް މައްސަލައަކީ އަންނާނެ ވަކި ދުވަހެއް އޭނާ ނުބުނާ ކަމެވެ.

އެއް ދުވަސް ވެއްޖެއެވެ. ދެ ދުވަސް ވެއްޖެއެވެ. ގަޑީގެ ބަރު ތެޅޭހެން އަހަރެންގެ ހިތް ތެޅެމުންދެއެވެ. ދެތިން ގިތެޔޮ މިރުސް އެއްފަހަރާ ކައިލުމުން ގައިން ދާ ހިއްލާ އުޞޫލުން ދާ ހިއްލައެވެ.

3 ވަނަ ދުވަހެވެ. ހެނދުނު ތެދުވެގެން ފުރަތަމަ ދިއައީ ބޭންކަށެވެ. ފިހާރައަށް ދެވުނީ ދިހައެއް ޖަހައި އެހައިކަންހާއިރުއެވެ. ފިހާރައަށް ހަމަ ވަދެވުމާއިއެކު ކުއްލި ސިހުމެއް ލިބުނީ އޭނާ ފިހާރައިގައި ހުރުމުންނެވެ.

"މިއޮތީ އަޅުގަނޑުގެ ސީވީ. ވަޒީފާއެއް ވަރަށް ބޭނުންވެފައި މިހިރީ. ނަމަވެސް ސީވީގައި އޮތް ނަމަށް ބައްލަވާފައި ވަޒިފާ ނުދެއްވުން އެދެން. ހަމަ ހަޤީޤަތުގައިވެސް އަޅުގަނޑު ކުރާނެ މަސައްކަތެއް އޮތް ނަމަ އަދި ވަޒީފާއަށް ކުފޫ ހަމަވާނަމަ ވަޒީފާއެއް ދެއްވުން އެދެން." އެއް ނޭވައިން އޭނާ އަމުނައިލިއެވެ.

އޮފީހަށް އައުމަށް އަހަރެން އެދުނީމެވެ. އަދި އޮފީހާއި ދިމާއަށް ހިނގައިގަތުމުން ފަހަތުން އެނާ އައެވެ.

އޮފީހުގެ ގޮނޑީގައި އިށީނުމަށްފަހު ސީވީ ބަލައިލީމެވެ. "ޝިމްލާ ޢަލީ. އުމުރު 39 އަހަރު. އެކަކާ ކައިވެނިކޮށް ވަރިވެފަ. 5 ދަރިންގެ މަންމަ. މާކެޓިންގ ދާއިރާއިން ޑިގްރީ ހޯދާފަ."

"ޝިމްލާ ޢަލީ. ތިއައީ ހަމަ ޝިމްލާ ދޯ. ތިއައީ ހަމަ މިހަށިގަނޑަށް ޕިން ހެރި ޝިމްލާއެއް ނޫންތަ؟"

"ދުވަހަކުވެސް ދޮގެއް ހަދާނެ ނަމަ ބުނަން ބޭނުމީ ނޫނެކޭ. ނަމަވެސް ތެދު ޖަވާބަކީ ލައްބައޭ. މިއީ ހަމަ ހާޝިމް އާއިއެކު ކްލާހުގައި ސަމާސާކޮށް މިތުރުންގެ ގޮތުގައި އުޅުނު ޝިމްލާއޭ."

"ލަދުވެސް ގަނޭ އަހައިލަން. އެކަމަކު ހާޝިމްގެ ޢާއިލީ ދިރިއުޅުން ކިހިނެއްތޯ؟ ކިތައް ދަރިންތޯ؟"

"ހާޝިމް ވެސް ދުވަހަކުވެސް ދޮގު ހަދާނެ މީހެއް ނަމަ ބުނާނީ 4 އަނބިންނާ ދަރިން ފުންޏެކޭ. ނަމަވެސް ހަޤީޤަތަކީ ޝިމްލާ ފުރި ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް އިންތިޒާރު މިކުރީ ޝިމްލާ އެނބުރި އަންނާނެ ދުވަހަކަށް." އަހަރެން ބުނީމެވެ.

"އަޅެ ހާޝިމް. މާތްﷲގެ ކުޅަދުންވަންތަކަން. ކަންކަން އިރާދަކުރައްވާ ގޮތް." ޝިމްލާ ގިސްލަގިސްލާފައި ރޯން ފެށިއެވެ.

ޝިމްލާ ހިތްފުރެންދެން ރޯން ބެއިންދީމެވެ. ޝިމްލާގެ ޙަޔާތާއިބެހޭގޮތުން އެއްވެސް ސުވާލެއްވެސް ނުކުރަމެވެ.

އަހަރެންގެ ހަޔާތުގެ ހުރިހައި ކަމެއް ކިޔައިދިނީމެވެ. އަދި ހަޔާތުގެ ދެން އޮތްބައި ކޮންމެ ގޮތަކަށް ދިއަ ނަމަވެސް އަހަރެންގެ ފުރަތަމަ އުންމީދު ﷲ ޙާޞިލުކޮށްދެއްވައިފި ކަމަށްވެސް ބުނީމެވެ.

"ޝިމްލާއެވެ. މިޒަމާނަކީ ކޮންމެ ކަމެއް ލިޔެކިޔުމުން ކުރާ ޒަމާންވީމާ ޝިމްލާ ވެސް އެއްބަސްވުމެއް ބޭނުންވާނެއެވެ. ވަޒީފާ އާއިބެހޭ އެއްބަސްވުމުގެ ފޯމެޓް ކޮމްޕިޔުޓަރުގައި އިންނާނެއެވެ. ބޭނުން ގޮތަކަށް ފުރިހަމަކޮށްލާފައި ޕްރިންޓެއް ނަގާށެވެ.

އެގޮތަށް އެކަން ނުކުރަން ޝިމްލާ ވަރަށް ގިނަ ބަހަނާ ދެއްކިއެވެ. ނަމަވެސް ތަކުރާރުކޮށް އަހަރެން އެދުމުން ޝިމްލާ އެކަން ކުރިއެވެ. އަދި ވަޒީފާގެ އެއްބަސްވުމުގައި ސޮއިކޮށްލީމެވެ.

"ކިހިނެއްތަ ވާނީ މިތަންކޮޅު އިޞްލާހުކޮށްލިއްޔާ. ވަޒީފާ ދިން ދުވަހަކީ ޝިމްލާ މާލެއިން ފުރި ދުވަސް ކަމަށް ހެދިއްޔާ. އެއީ އެދުވަހުން ފެށިގެން ކުރަންފެށި އިންތިޒާރު އަދި ވެސް މިދަނީ ކުރިއަށް ވީމަ." އަހަރެން ބުނީމެވެ.

"ނޫން. މިހާރު ނިމިއްޖެ. ޝިމްލާ އާ ބައްދަލުކުރައްވަން ނޫންތޯ އިންތިޒާރު ކުރެއްވީ. ހަމަގައިމުވެސް އެކަން ފުރިހަމަވެއްޖެ." ޝިމްލާ ބުންޏެވެ.

"ހަމަ އެލާނެތްކަން އަދިވެސް އެބަހުރި ދޯ." އަހަރެން ބުނީމެވެ.

ޝިމްލާ އަހަރެންނާއިއެކު މަސައްކަތްކުރާތާ 2 މަސް ދުވަސް ވެއްޖެއެވެ. ކްލާހުގައި ކުރި ފަދަ ސަމާސާ ނޫން ކަމެއް ކުރިއަކަށް ނުދެއެވެ. އަދި އޭނާގެ މާޒީގެ އެއްވެސް ވާހަކައެއްވެސް ކިޔައެއް ނުދެއެވެ.

ހުކުރު ދުވަހެކެވެ. ޢަޞްރު ނަމާދުން ފައިބައިގެން ފިހާރައިގައި ހުއްޓާ ޝިމްލާ ގުޅާފައި ބުނީީ ހަވީރުގެ ސައި ހިފައިގެން އަންނަން ބޭނުން ކަމަށެވެ. އަހަރެން އެކަމަށް ރުހުން ދިނީމެވެ.

ޝިމްލާ އައީ ވަރަށް ބައިވަރު ހެދިކާ ހިފައިގެންނެވެ. 10 ވަރަކަށް މީހުންނަށްވެސް ހުސްނުވާ ވަރަށެވެ. "މިއީ ހުކުރު ދުވަސްވީމާ އަވަށްޓެރިންނަށްވެސް ސައިދޭންތަ؟" އަހަރެން ބުނީމެވެ.

"ލައްބަ. މިއުޅެނީ ވަރަށް ބޮޑު ކަމެއް ކުރަން. ހާޝިމް އެއްބަސް ވެއްޖިއްޔާ ހެދިކާ މަދުވާނެ. ނުވެއްޖިއްޔާ ހާޝިމްއަށް ކެވޭ ވަރަކަށް ކެއުމުން ބާކީ ހުރިހާ ހެދިކާއެއް ޝިމްލާ ކައިލާނީ." ޝިމްލާ ބުންޏެވެ.

"އެހެންތަ. ކޮން ކަމަކަށްތަ އަނެއްކާ އެއްބަސްވާންވީ؟" އަހަރެން ބުނީމެވެ.

"ހާޝިމް ބުނީމެއްނު ކޮންމެ ކަމަކަށް ވެސް އެއްބަސްވުމެއް ލިޔެ ސޮއިކުރަންވާނޭ. އެކަމަކު މިކަމުގެ ވާގޮތަކީ ފުރަތަމަ ޖެހެނީ އަނގަބަހުން އެއްބަސްވާން. ދެން ސޮއިކުރާނީ. އެހެންވެ މިތަނަށް ދެ ހެކިން ބޭނުން. ތިރިން ދެމީހަކު ގެންނަންތަ؟" ޝިމްލާ ބުންޏެވެ.

"ގެނެސްބަލަ. ގެނެސްގެންވެސް ތިކުރަން އުޅޭ ކަމެއް ވޭތޯ ބަލާބަލަ." އަހަރެން ބުނީމެވެ.

"މީ ޝިމްލާ. ތިރީގެ ތިބޭނެ ޢަބްދުއްރަޙީމްބެ އާ އަދި އެނާގެ ރައްޓެއްސަކާ. ފޮނުވަބަލަ އޮފީހަށް." ޝިމްލާ ކައުންޓަރަށް ފޯނުކޮށްފަ ބުނެލިއެވެ.
އިރުކޮޅަކުން އޮފީހަށް ވަނީ ތާކިހަލެއް އަޅައިގެން ހުރި މީހަކާ އެހެން މީހެކެވެ.

"ހާޝިމް. މިކަމުގަ ކުރިއަށް މިގެންދަނީ ދިމާ އިދިކޮޅަށް. ހާޝިމްގެ ދައުރު އަހަރެން މިއަދާކުރަނީ. މިނޫން ގޮތަކަށް މިކަމަށް ހައްލެއް ނުއަންނާނެތީ. ހާޝިމްގެ ވިސްނުމާ ހުރިހާކަމެއް އަހަރެންނަށް ވިސްނޭ ގޮތަށް ހުރިތޯ މިޔަޤީންކުރަނީ. ނެތުމަކީ ވެސް ވެދާނެކަމެއް، ނެތުމަކީވެސް މައްސަލައެއް ނޫން. ނެތް ނަމަވެސް ދެމީހުންގެ މެދަކު އެއްވެސް މައްސަލައެއް ނުއޮންނާނެ." ޝިމްލާ ބުންޏެވެ.

"ޝިމްލާ ތަންކޮޅެއް އަވަހަށް ބުނެބަލަ ތިކުރަން އުޅޭ ކަމެއް." އަހަރެން ބުނީމެވެ.

"އެންމެ ރަނގަޅު ކުރުކޮށްލީ. މ. ހުދުމާވިޔު ޢަލީ އަބްދުއްރަހްމާނުގެ ދަރި ޝިމްލާ ޢަލީ މިއުޅެނީ މިހުރި ގ. ފެންވަޅުގޭ ހަސަން ޙުސައިންގެ ދަރި އަޙްމަދު ހާޝިމް އާ ކައިވެނީގެ ގޮތުން ގުޅެން ރަންކިޔަން. ދެން ނިކަން ޖަވާބު ދީބަލަ." ޝިމްލާ ބުންޏެވެ.

"ޝިމްލާ. ޝިމްލާނު ހުރިހާ ކަމެއް ތި ނިންމަނީ. ނިންމަ ބަލަ. ތިކިޔަން އޫޅޭ އެއްޗެއް އަވަހަށް ކިޔާބަލަ." އަހަރެން ބުނީމެވެ.

ޝިމްލާ ގެނައި ދެހެކިންގެ ކުރިމަތީގައި ޝިމްލާ ކީރަނަށް ހަމަ އެރޭ ކައިވެނި ކުރީއެވެ. ޝިމްލާ އާއި އަހަރެން ހަމައެރޭ ހަނީީމޫނަށް ފުރީއެވެ. ހަމަ އުފާވެރި މާމުއި ހަނދަކަށް ދިއުމަށެވެ. ލިބުނު އެންމެ ބޮޑު އުފަލަކީ 16 އަހަރުން ދަށުގެ 5 ދަރިންވެސް ލިބުނުކަމެވެ.

އަހަރެން ޤަބޫލުކުރީމެވެ. އެކި މީހުންނަށް މާތްﷲ ދުނިޔެ ދައްކަވަނީ އެކި ގޮތަށެވެ. އެހެންވީމާ އަހަރެންނަށް ދެއްކެވި ގޮތް އަހަރެން އުފަލާއިއެކު ޤަބޫލުކުރީއެވެ. މާމުއި ހަނދުގެ ދުވަސްތައް ނިންމާފައި އެނބުރި އައީ ޝިމްލާގެ މޫނުގައި އިން ދެ ލަކުނު ފިލުވައިގެންނެވެ. އެއީ އޭނާގެ އަލަތު ފިރިމީހާގެ ކިބައިން ލިބިފައި އިން ދެ ލަކުނެވެ. ދެ ލަކުނު ފިލުވައިލުމުން އަހަރެންނަށް ޝިމްލާ ފެނުނީ ހަމަ އެއިރު ކްލާހުންވެސް ފެނުނު ގޮތަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
ހަސަން އަލީ