ސަޢޫދީ ޢަރަބިއްޔާއަށް އަވަސް ނަޒަރެއް

ސަޢޫދީ ޢަރަބިއްޔާއަށް އަވަސް ނަޒަރެއް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 0 ސިކުންތު

އިސްލާމްދީން ފާޅުވެގެން އައި ބިމަކީ ހިޖާޒް ކަރައެވެ. އަދުގައި އެއީ ސަޢޫދީ ޢަރަބިއްޔާއެވެ. މި ޤައުމުގައި ވެރިކަން ކުރަމުން އަންނަނީ އާލް-ސަޢުދު ޢާއިލާއިންނެވެ. ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރާއި، ވެރިކަމުގެ ހުރިހާ ކަމެއް ބަލަހައްޓަވަމުން ގެންދަވަނީ ޝާހީ ޢާއިލާއިންނެވެ. މިގޮތުން، ވެރިކަން ހިންގުމުގެ ބާރުގެ ދަށުގައިވާ ސަޢޫދީ ޢަރަބިއްޔާގެ އަސްކަރިއްޔާއާއި، އިޤްތިޞާދާއި، ޚާރިޖީ ސިޔާސަތުގެ އެންމެހައި ކަންކަން ބަލަހައްޓަވަނީ އާލް-ސަޢުދު ޢާއިލާއިންނެވެ.

ސަޢޫދީ ޢަރަބިއްޔާއަކީ މުސްލިމުންގެ އެންމެ މުޤައްދަސް ދެ ބިން ކަމުގައިވާ މައްކާއާއި މަދީނާ ނިސްބަތްވާ ޤައުމެވެ. ސަޢޫދީ ދައުލަތުގެ ޤާނޫނު އަސާސީގެ ގޮތުގައި ބަލަމުން އަންނަނީ ކީރިތި ޤުރުއާނަށެވެ. ސަރުކާރު ހިންގުމުގައި ދިމާވާ ބައެއް ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި، 1992ގައި ސަޢޫދީ ޢަރަބިއްޔާގެ ޤާނޫނު އަސާސީގެ ގޮތުގައިޤާނޫނުތަކެއް އެކުލަވައިލިއެވެ. ސަރުކާރުގެ ނިންމުންތައް ބިނާވަނީ މި ޤާނޫނުތަކުގެ މައްޗަށެވެ. މި ޤާނޫނުތައް އެކުލަވާލާފައިވަނީ އިސްލާމީ ޝަރީޢާގައި ބަޔާންކޮށްފައިވާ ކަންކަމަށް ފުށުނާރާ ގޮތުގެ މަތިންނެވެ. މިގޮތުން، މި ޤާނޫނު އަސާސީގައި ވެރިކަމުގެ ނިޒާމާއި، ރައްޔިތުންގެ ޙައްޤުތަކާއި، ސަރުކާރަށް ލިބިދޭ ބާރުތަކާއި ޒިންމާތައް ބަޔާންކޮށްފައިވެއެވެ. ސަޢޫދީ ޢަރަބިއްޔާގެ ޤަނޫނު އަސާސީގައިވާ ގޮތުން އިސްލާމްދީނުގެ އަސާސްތައް ރައްކާތެރިކޮށް ދެމެހެއްޓުމުގެ ޒިންމާ އޮންނަ ހަމައެކަނި ފަރާތަކީ ސަޢޫދީ ސަރުކާރެވެ.

ސަޢޫދީ ޢަރަބިއްޔާގެ ރަސްކަމާ ހަވާލުވެވަޑައިގަންނަވާނެ ބޭފުޅަކާއި، ވަލީއަހުދުކަމަށް އިސްކުރައްވާނެ ބޭފުޅެއް ކަނޑައަޅުއްވަނީ "ހައިއަތުލް ބައިޢާ" އޭ ކިޔާ ޚާއްޞަ މަޖިލީހަކުންނެވެ. ސަޢޫދީ ޢަރަބިއްޔާގެ ސިޔާސީ ކަންކަމުގައި އިސްކޮށް އުޅުއްވުމަށް އެޤައުމުގެ ސަރުކާރުން ހުއްދަ ކުރައްވާފައިވަނީ އާލް-ސަޢުދު ޢާއިލާއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންނަށެވެ. ޝާހީ ވަލީއަހުދަކަށް ދެން ވަޑައިގަންނަވާނެ ބޭފުޅެއް ކަނޑައަޅުއްވާ "ހައިއަތުލް ބައިޢާ" އެކުލަވާލާފައިވަނީ، ކުރީގެ ރަސްގެފާނު ޢަބްދުލްޢަޒީޒްގެ ދަރިދަރިކަލުންގެ ތެރެއިން ދުނިޔޭގައި ތިއްބެވި ދަރިދަރިކަލުންނާއި،އެމަނިކުފާނުގެ ދަރިދަރިކަލުންގެ ތެރެއިން އަވަހާރަވެފައިވާ ބޭފުޅުންގެ ދަރިކަލެއް އެ މަޖިލީހުގައި ހިމެނޭ ގޮތަށެވެ.

ސަޢޫދީ ޢަރަބިއްޔާގެބޮޑުވަޒީރުގެ ދައުރުވެސް އަދާކުރައްވަނީ ސަޢޫދީރަސްގެފާނެވެ.ޤާނޫނު ހަދާ ބާރާއި، ވެރިކަން ހިންގުމުގެ ބާރާއި، ޤާނޫނު ތަންފީޒުކުރުމުގެ ބާރު އޮންނަނީ ރަސްގެފާނުގެ އަތްޕުޅުމަތީގައެވެ.
ސަޢޫދީ ޢަރަބިއްޔާގައި ބޮޑެތި ހުކުމްތައް ހިމެނޭ މައްސަލަތަކުގެ ޝަރުޢީ މަރުހަލާގެ ޒިންމާތައް އަދާކުރަނީ ހައިކޯޓުންނެވެ. ހައި ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމާއި ވަކިކުރުމަކީ ޝާހީ އަމުރުފުޅަކުން ނިންމަވާ ކަމެކެވެ. ޤާނޫނުތައް ތައްޔާރުކޮށް ރަސްގެފާނު އަރިހަށް ހުށައަޅަނީ ދައުލަތުގެ ވަޒީރުންގެ މަޖިލީހުންނެވެ.

ސަޢޫދީ ޢަރަބިއްޔާގެ ހިންގުން 13 ސަރަހައްދަކަށް ބަހާލާފައިވެއެވެ. މި 13 ސަރަހައްދު އިތުރު ދާއިރާތަކަށް ބަހާފައިވެއެވެ. އެކި ދާއިރާތައް ހިންގާ ކައުންސިލްތަކުގައި ހިމެނެނީ ޝާހީ ޢާއިލާގެ ތެރެއިން ހަމަޖައްސާސަރަޙައްދީ ގަވަރުނަރުންނެވެ. މިގޮތުން ބައެއް މެންބަރުންނަކީ މަޤާމަށް ޢައްޔަނުކުރާ މެންބަރުންނެވެ. އަދި އަނެއްބައި މެންބަރުންނަކީ މަޤާމަށް އިންތިޚާބުކުރާ މެންބަރުންނެވެ.

ސަޢޫދީ ޢަރަބިއްޔާގެ ސިޔާސީ މައިދާނަށް ބަލައިލާއިރު ޝާހީ ޢާއިލާ ފިޔަވައި ތިން ކަމެއް ފާހަގަކުރެވެއެވެ. އެއީސަޢޫދީ ޢަރަބިއްޔާގެ ސިޔާސީ ކަންކަމުގައި އާންމު ރައްޔިތުންގެ ބައިވެރިވުމަށް ޝާހީ ޢާއިލާއިން ފުރުސަތު ދެމުންގެންދާ މިންވަރާއި، ސަޢޫދީ ޢަރަބިއްޔާގެ ވެރިކަމާ އިދިކޮޅު ފަރާތްތަކާއި، ދީނުގެ ނަމުގައި ހަރަކާތްތެރިވާ ޓެރަރިސްޓުންނެވެ.

ތެލުގެ ވިޔަފާރީގައި ދުނިޔޭގެ އެންމެ ގަދަ ބާރަކީ ސަޢޫދީ ޢަރަބިއްޔާއެވެ. މިގޮތުން، ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ރައްކާކުރާ ނިޒާމު ހުންނަނީ އެ ޤައުމުގައެވެ. އަދި މިއީ ދުނިޔޭގައި އެންމެ ގިނައިން ތެޔޮ ބޭރުކުރާ ޤައުމެވެ. ސަޢޫދީ ޢަރަބިއްޔާއިން ބޭރުކުރާ އެކި ބާވަތްތަކުގެ ތެރެއިން %90 އަށްވުރެ ގިނައިން ހިއްސާ ކުރަނީ ތެލެވެ. އަދި ސަޢޫދީ ސަރުކާރުގެ އާމްދަނީގެ ގާތްގަނޑަކަށް %75 އަކީވެސް ތެލުގެ ވިޔަފާރިން ހޯދާ އާމްދަނީއެވެ. މިކަމުގެ ސަބަބުން ސަޢޫދީ ޢަރަބިއްޔާގެ ރައްޔިތުންގެ ދިރިއުޅުން އިތުރަށް ފަސޭހަކޮށްދިނުމަށްޓަކައި އެ ޤައުމުގެ ސަރުކާރުންގިނަގުނަ އެހީތެރިކަމެއް ފޯރުކޮށްދެމުންދެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މޫސާ ވަހީދު