ގެއިން ބޭރުކުރި މަރީ- އޮސްޓްރޭލިއާގަ މާސްޓަރ ޝެފަކަށް- އުންމީދަކީ ވަރަށް ގިނައިން މަންމައަށް އުމުރާކޮށްދިނުން!

ގެއިން ބޭރުކުރި މަރީ- އޮސްޓްރޭލިއާގަ މާސްޓަރ ޝެފަކަށް- އުންމީދަކީ ވަރަށް ގިނައިން މަންމައަށް އުމުރާކޮށްދިނުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 39 ސިކުންތު

އަހަރެންގެ ޒުވާން އިރަކީ ވަރަށް އެހެން ގޮތަކަށް ދިރިއުޅެވުނު ދުވަސްތަކެކެވެ. އަބަދުހެން އުޅެވުނީ ގެއިން ބޭރުގައެވެ.

ރައްޓެހިންނާއިއެކުގައެވެ. މައިން ބަފައިންގެ ނަޞޭޙަތް އެއްގޮތަކަށްވެސް ޤަބޫލެއް ނުކުރެވެއެވެ. އެކަމަކު ހަމައެކަނި އެންމެ ކަމެއްގައެވެ. ގެއިން ބޭރަށް ދިއުމުގައި އެކަންޏެވެ.

މަންމަމެން ނިންމީ އަހަރެންނަކީ ބަސްނާހާ ކުއްޖެއް ކަމަށެވެ. އެމީހުން ކުށްވެރިކުރާކަށް ނެތީމެވެ. އެއީ އެމީހުން ދިން ނަޞޭޙަތް އަހަރެންނަށް ޤަބޫލުކުރެވިފައި ނެތުމުންނެވެ. އަބަދު ފާރަލަމުން ދިއައިރުވެސް ފިލައިގެން ބޭރަށް ދެވުނީތީއެވެ.

އުމުރުން 19 ވަނަ އަހަރުގައި މަންމަމެން ބުނީ މަރީ ދެން އެކުގައި ގެއިން ދިއުމަށެވެ. ގޭގައި އެއްގޮތަކަށްވެސް ނުއުޅުމަށެވެ. އެއުޅޭ ތަނެއްގައި އެކުގައި އުޅުމަށެވެ. އަހަރެން އެދުނީ 3 ދުވަސް ދިނުމަށެވެ. 3 ދުވަސް މަންމަމެން ދިނެވެ. ރުޅިވެރިކަމެއްވެސް ނެތިއެވެ. އެކަމާއިމެދު ވަރަށް އުފާވިއެވެ.

އެދުވަހު ގެއިން ނުކުމެގެން ދިއައީ ރައްޓެހިންނާއިއެކުއެއް ނޫނެވެ. ރިޒޯޓުތަކުގެ މާލޭ އޮފީސްތަކަށް ހިނގީއެވެ. ވަޒީފާއެއް ލިބޭތޯއެވެ. ރިޒޯޓަކަށް ދާން ނިންމީ ހުންނާނެ ތަނެއް ލިބޭނެތީއެވެ.

ރިޒޯޓަކަށް ދިއައީ ވަރަށް އާދައިގެ ވަޒީފާއަކަށެވެ. ކިޗަން ހެލްޕަރަކަށް ނުވަތަ ބަދިގޭ އެހީތެރިއަކަށެވެ. އެވަޒީފާގައި އަހަރެއްހައި ދުވަސްވީއިރު ވަރަށް ގިނަ ތަކެތި ކައްކަން އެނގުނެވެ. އެ މަސައްކަތް އަހަރެންކުރީ ކުރާ ހިތުންނެވެ.

ރިޒޯޓުގެ އެހީތެރިކަމާއިއެކު ރިޒޯޓުން ހިންގި އެޕެރެންޓިސްޝިޕް ޕްރޮގްރާމްތަކުގައި ބައިވެރިވީމެވެ. 4 އަހަރުވީއިރު އާދައިގެ ޝެފެއްގެ މަޤާމަށް ދެވުނެވެ.

5 ވަނަ އަހަރު ބައްދަލުވި އޮސްޓްރޭލިއާ މުސްކުޅި އަންހެނަކާއިއެކު ގުޅުން ބަދަހިކުރީމެވެ. އަދި ކަމެއް ކޮށްދޭނެ ނަމަ އޮސްޓްރޭލިއާ އިން ވަޒީފާއެއް ހޯދައިދިނުމަށް އެދުނީމެވެ. އޭނާގެ މަސައްކަތުން އެއިގެ 2 އަހަރު ފަހުން ސައުސް (އެސިސްޓެންޓް) ޝެފެއްގެ ވަޒީފާގައި އޮސްޓްރޭލިއާއަށް ބަދަލުވީމެވެ.

އިތުރަށް ކިޔަވައި 2 ކޯސް ހެދުމުން އެއިގެ 4 އަހަރު ފަހުން މިހާރު މިވަނީ މާސްޓަރ ޝެފަކަށް ވެވިފައެވެ. މަހަކު އޮސްޓްރޭލިއާގެ 16،000 ޑޮލަރު ލިބެއެވެ. ހުންނާނެ ތަނެއް ލިބެއެވެ. ޓެކްސް އާއި ޚަރަދުތައް ކަނޑާލުމުން މަހަކު 12،000 ޑޮލަރުވަރު ރައްކާކުރެވެއެވެ.

އަހަރެންގެ އުމުރަކީ މިހާރު 30 ގެ މެދުތެރެއެވެ. ކައިވެންޏެއް އަދި ނުކުރަމެވެ. އެއީ ވަޒީފާ ޤަތަރު ނުވަތަ ޔޫއޭއީއަށް ބަދަލުކުރަން ބޭނުންވާތީއެވެ. އިރާދަކުރެއްވިއްޔާ މިއަހަރު އެކަންވެސް ވާނެއެވެ. ދިރިއުޅެން ބޭނުންވަނީ މުސްލިމް ޤައުމެއްގައިކަމަށްވާތީއެވެ.

ސިއްރެއް ބުނަން ހެއްޔެވެ؟ އަރަބި ބަހުން ވާހަކަ ދެއްކުމާއި އަަރަބިންނާއިއެކު ދިރިއުޅުމަކީ މަރީގެ ވަރަށް ބޮޑު އުންމީދެކެވެ. ވަރަށް ފަސޭހައިން ވަރަށް ގިނައިން އުމުރާއަށް ދެވޭ ހިސާބެއްގައި މަންމަމެން ގެންގުޅުމަކީ މަރީގެ އެންމެ ބޮޑު އެދުމެވެ. އެ އެދުން ހާޞިލުކުރެވިއްޖެނަމަ މަރީގެ ހުރިހާ އުންމީދުތަކެއް ޙާޞިލުކުރެވުނީއެވެ. މަރީ ކުޑައިރު އަބަދުވެސް މަންމަ ބުނާ އަޑުއަހަމެވެ. މަންމަ އެންމެ ކުރަން ބޭނުން ކަމަކީ ގިނަގިނައިން އުމުރާވުން ކަމަށެވެ.

މިލިޔުން މިފޮނުވީ އެންމެ ބޭނުމަކުއެވެ. އެއީ މަސައްކަތްކޮށްފިނަމަ މަސައްކަތުގައި ކުރިއެރުން ލިބޭނެކަން ހާމަކުރުމެވެ. ދުނިޔޭގެ އެންމެ ކުރީ ސަފަށް ނުކުތުމުގެ ފުރުޞަތު ދިވެހިންނަށްވެސް އެބައޮތްކަން ބުނުމެވެ.

ހަމައެއާއިއެކު މަންމަމެންނަށް ކުރެވޭ ކަންކަން ހިތުގައި ނުބާއްވައި މަންމަމެން ދޫނުކޮށް، ކޮންމެ ތަނެއްގައި ހުރެގެންވެސް މަންމެންނަށް އެހީވުމުގެ މުހިންމުކަން މަރީ ފާހަގަކުރާ ކަމަށްވެސް ބުނެލަން ބޭނުމެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު