ބިކިނީ ހަޔާތުން ލިބުނީ 500،000 ފޮލޯވަރސް އާ ނަރަކަކަން އެނގުނީ ބޯފަޅައިގެންދާވަރަށް ރިއްސަންފެށީމަ! ކަރީމާ

ބިކިނީ ހަޔާތުން ލިބުނީ 500،000 ފޮލޯވަރސް އާ ނަރަކަކަން އެނގުނީ ބޯފަޅައިގެންދާވަރަށް ރިއްސަންފެށީމަ! ކަރީމާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 11 ސިކުންތު

އަހަރެންނަކީ ކަރީމާއެވެ. އުމުރަކީ 22 އަހަރެވެ. އަހަރެން ނިޞްބަތްވަނީ އަފްޣާނިސްތާނަށެވެ. އެއީ ޤައުމެއް ނޫނެވެ. ބިރުވެރި ކިއްލާއެކެވެ. އަބަދު އުޅެންޖެހެނީ ބޮމުންނާއި ބަޑިން ސަލާމަތް ނުވެވިގެންނެވެ. އެހާލަތުގައިވެސް އުޅެންޖެހެނީ މޫނު ނިވާކޮށްގެންނެވެ. މުޅިގައިގައި ފޮތި އޮޅައި ނިވާގެންނެވެ.

އެހުރިހާ ކަންކަމާއިއެކު އަހަރެން އަބަދުވެސް އައީ އަފްޣާނިސްތާނެވެ ކިޔާ ބިރުވެރި ކިއްލާއިން ސަލާމަތްވެވޭނެ ގޮތަކަށް އިންތިޒާރުކުރަމުންނެވެ. ހޮޓަލެއްގެ ރިސިޕްޝަނިސްޓެއްގެ ވަޒީފާ އަދާކޮށްގެން ލިބޭ މުސާރަ އައީ އެފަދަ ދުވަހަކަށްޓަކައި އެއްކުރަމުންނެވެ.

މީގެ 2 އަހަރު ކުރިން ބައްދަލުވި އިނގިރޭސިއެއްގެ އެހީތެރިކަމުގައި އިނގިރޭސިވިލާތަށް އޭނާ އާއިއެކު ބަދަލުވީމެވެ. އެބިރުވެރި ކިއްލާއިން ސަލާމަތްވުމަށެވެ.

ބަދަލުވުމަށްފަހު ގައިގައި އޮޅައިގެން އުޅުނު ފޮތިތައް ނަގައި އުކައިލީމެވެ. ބިކިނީއަށް ބަދަލުކޮށްލީމެވެ. އިންސްޓަގްރާމްގައި ފޮޓޯތައް ފޮނުވަން ފެށީމެވެ. އިސާހިތަކު ފޮލޯވަރސް އިތުރުވަމުން އައިސް 500،000 އަށް އެރިއެވެ.

އެއިރު ހަވީރު ވެއްޖެ ނަމަ އަހަރެން އުޅެނީ ކޮންމެވެސް ކްލަބެއްގައެވެ. ކޮންމެވެސް ފިރިހެނުންތަކަކާއިއެކު މަޖާކުރުމަށެވެ. ބޭނުންވީ އަފްޣާނިސްތާނުގައި އުޅެންޖެހުނު ހުރިހާ ދަތިހާލެއް ހިތުން ފިލުވައިލުމަށެވެ.

މިދިއަ ފެބްރުއަރީ މަހު އަހަރެންގެ ބޮލުގާ ރިއްސަންފެށިއެވެ. ވާނުވާއެއް ނުއެނގޭ ވަރަށެވެ. ބޭހަކަށް ނުގުޑައެވެ. ރިއްސާލެއް ގަދަކަމުން ފާރުގައި އަމިއްލައަށް ބޮލުންތެޅޭ ހިސާބަށް ގަދައަށް ރިއްސައެވެ.

ޑޮކްޓަރަށް ދެއްކޭނެ ގޮތެއް ނެތެވެ. ޑޮކްޓަރަށް ގޮސްފިނަމަ އެތައް ސަތޭކަ ޕައުންޑެއް ބިލަށް އަރާނެއެވެ. އަތަކު އެއްވެސް ފައިސާއެއް ނެތެވެ. އަހަރެން ގަދަވެހުރިއިރު މަޖާކުރަމުން ދިއައީ އަގަކަށް ނޫނެވެ. ހަމަ އެކަނި ދުވަހުގެ ބޭނުންތައް ފުއްދައިލެވުމުން ނިމުނީ ކަމަށް ހަދައިގެންނެވެ. ބަލިވެދާނެ ކަމަކަށް ނުވަތަ ދަތިވެދާނެ ދުވަހެއް އަތުވެދާނެ ކަމަށް ބެލިފައެއް ނެތެވެ.

އެއިރު އެކީގައި ކްލަބަށް ގޮސް އުޅުނު މީހުންނަށް ފޯނުކުރުމުން އެހީއެއްވާނެ މީހަކު ނުވިއެވެ. އެހީވާން އަންނާނެ ކަމަށް ބުނެއެވެ. ނަމަވެސް ހަމަ އެކަކުވެސް ނާދެއެވެ. އެންމެ ގަދައަށް ރިހުން ހުން ހުންނައިރުވެސް އެދެނީ ފޮޓޯއެއް ނޫނީ ވީޑިއޯ ކްލިޕަކަށެވެ.

ރިހުމަކަށް ބަދަލެއް ނާދެއެވެ. ދުވާލަކު ،2 3 ފަހަރު ގަދައަށް ރިއްސާ ދުވަސްތައްވެސް މަދެއް ނޫނެވެ. އެހާލަތުގައި އަހަރެންގެ ވިސްނުން ބަދަލުވާން ފެށިއެވެ. މާތް ﷲ އާއި ހިޖާބުގެމަތިން ހަނދާންވާން ފެށިއެވެ. ނަމާދުކުރުން ހުއްޓައިލެވުނުކަން ވިސްނުމުން ރޮވެން ފެށިއެވެ. މާތް ﷲ އަށް ތައުބާވީމެވެ. އުޅެވުނު ޒަމާނީ ގޮތްތަކާއިމެދު ހިތާމަކުރަން ފެށީމެވެ. ބަރާބަރަށް ނަމާދުކުރަން ފެށީމެވެ.

ނަމާދުކުރަން ފެށުމުން ހަމަ ގައިމުވެސް އިތުރު ބާރެއް ލިބެން ފެށިއެވެ. ތަދަށް ހިތްވަރުކުރުމުގެ ބާރެވެ. މާތްﷲ ޝިފާ ދެއްވަވާނެ ކަމުގެ ޔަޤީން ކަމެވެ. ހަޔާތާއިމެދު މާޔޫސްވުން އެކުގައި ކެނޑިގެންދިއައެވެ.

އެއީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހެވެ. އަތުގައި އެއިރު ބާކީ އޮތީ އެންމެ 3 ޕައުންޑެވެ. ފިހާރައަކަށް ގޮސް ޕާނަކާއި ފެންފުޅިއެއް ގަނެގެން ގެއަށް ވަނީ ހަމަ ހިތްހަމަޖެހިލައިގެންހުރެއެވެ. މާތްﷲ ރިޒްޤް ދެއްވަވާނެ ކަމުގެ ޔަޤީންކަން އޮތެވެ. އަދި މާރިޗް މަހުގެ ކޮޓަރި ކުލި ވެސް ދެއްކޭނެ މަގެއް މާތްﷲ ދައްކަވާނެ ކަމުގެ ޔަޤީންކަން އޮތެވެ. އަދި ބުނަން ހެއްޔެވެ. ކުލި ނުދެއްކިގެން މަގުމަތިވީ ނަމަވެސް ބަނޑަށް ޖެހިގެން ސަލާން ޖަހަން ޖެހުނު ނަމަވެސް ކުރިން އުޅުނު ޒަމާނީ އުޅުން ދެން ނުއުޅޭނެކަމުގެ ޔަޤީންކަން އަމިއްލަ ނަފްސަށް ހުންނަނީ ލިބިގަނެގެންެވެ.

އެރޭގެ އިޝާނަމާދަށްފަހު އެންމެ ފަހުން އޮތް 2 ފޮތި ޕާން ކާލައިގެން ފެންކޯވަރެއް ބޯލައިގެން ނިދޭތޯ އޮށޯތީމެވެ. އެއިރުވެސް ހަމަ ގަދައަށް ބޮލުގައި ރިއްސައެވެ. އޮށޯވެ އޮވެ ﷲއަށް ދުޢާ ކުރީމެވެ. މިއަޅާއަށް ކޮންމެވެސް މަގެއް ދެއްކެވުން އެދިއެވެ. ޒަމާނީ ދިއިރިއުޅުމަކާއި ނުލައި ދިރިއުޅޭނެ މަގެއް ދެއްކެވުން އެދިއެވެ.

ކިޔެވުނު ވަރަކަށް ތަޞްބީޙަ ކިޔަމުން ނިދޭތޯ މަސައްކަތްކުރަމުން ދަނިކޮށް މީހަކު ދޮރުގެއި ރަނގަބީލު ޖެހިއެވެ. ތެދުވެގެން ގޮސް ބަލައިލިއިރު ދޮރުމަތީގައި ހުރީީ އަރަބި ހެދުން ލައިގެންހުރި މެދު އުމުރުގެ ފިރިހެނެކެވެ. ކުޑައިރުކޮޅަކު މަޑުކޮށްލައިދިނުމަށް އެދުމަށްފަހު އައިސް ބެލިއިރު އަފްޣާނިސްތާނުގައި ލައި އުޅުނު އެއްވެސް ހެދުމެއް ފެންނާކަށް ނެތެވެ. ވަރަށް ހޯދީމެވެ. ލެވުނު ތަނެއް ހަނދާނެއްވެސް ނުވިއެވެ. ގާތީ އުކައިލެވުމެވެ. އެންމެފަހުން ނަމާދުކުރަން އަޅަން ގެންގުޅުނު ދޮޅިފޮތިގަނޑު އަޅައިގެން ގޮސް ދޮރު ހުޅުވީމެވެ.

ގެއަށް ވަނުމަށް ދައުވަތު ދިނުމުން އެއްވެސް ކިބުރުވެރިކަމެއް ނެތި އޭނާ ވަނެވެ. އޭނާ ބުނި ގޮތުގައި އަހަރެންގެ ކުރިން އެ ކޮޓަރީގައި އުޅުނީ އޭނާ އާއި ގާތް ގުޅުމެއް އޮންނަ ބައެކެވެ. އެހެންވެ އޭނާ އައީ އެމީހުންނާއި ބައްދަލުކުރުމަށެވެ.

އޭނާގެ ތަޢާރަފްގައި އޭނާ ބުނީ އޭނާއަކީ ޔޫއޭއީގެ ވިޔަފާރިވެރިއެއް ކަމަށެވެ. ދޭތެރެ ދޭތެރެއިން އިނގިރޭސިވިލާތަށް އަންނަ ކަމަށާއި މިފަހަރުވެސް އައީ 3 ދުވަހުގެ ޗުއްޓީއެއްގައި ކަމަށެވެ.

އެއިރުވެސް ވަރަށް ގަދައަށް ބޮލުގައި ރިއްސައެވެ. އަހަރެން މަސައްކަތްކުރީ އެކަން އޭނާއަށް ނުއެންގުމަށެވެ. އެވަގުތު އޭނާ އެދުނީ ފެންފޮދަކަށެވެ. ކޮޓަރިއަށް ވަދެ ބެލިއިރު ފުޅީގައި ހުރީ ހަމަ ކޯވަރެއްހައި ފެންފޮދެކެވެ. އަހަރެން ތަށްޓެއް ދޮވެގެން ފުޅި ހިފައިގެން އައިސް އޭނާއަށް އެ ފެންފޮދު ދިނީމެވެ.

ޤަޞްދަކު ނޫނެވެ. ބޭއިޚްތިޔާރުގައެވެ. އަހަރެންނަށް ރޮވުނެވެ. އަދި ބުނެވުނެވެ. "މަޢާފްކުރާށެވެ. ނުފުދުނު ދޯއެވެ. ނަމަވެސް އަހަރެންގެ އަތަކު އިތުރު އެންމެ ފެން ފޮދެއްވެސް ނެތެވެ. އަދި ފެން ގަންނާނެ އެންމެ ޕެނީއެއްވެސް ނެތެވެ. ވަރަށް ބޮޑަށް މަޢާފް ކުރާށެވެ."
އޭނާއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. އަދި އަހަރެންނާއިމެދު ސުވާލުކުރަން ފެށިއެވެ. އޭނާ އާއިއެކުގައި ތިބި ދެމީހުންކުރެ އެކަކު ފެންގަންނަން ފޮނުވިއެވެ.

އަހަރެންގެ ހަޔާތް ކިޔައިދިނީމެވެ. އަހަރެންގެ ހަޔާތަށް ގެނެވުނު ބަދލުތައްވެސް ކިޔައިދިނީމެވެ. އެކަމުން ފެނުނު ނަތީޖާވެސް ކިޔައިދިނީމެވެ. އަދި ބުނީމެވެ. "އަހަރެންގެ ހަޔާތަށް ގެނެވުނު ޒަމާނީ ބަދަލުގެ ސަބަބުން ކުރު މުއްދަތެއްގައި އަހަރެންގެ އިންސްޓަގްރާމަށް 500،000 ފޮލޯވަރސް ލިބުނެވެ. ދެން ލިބުނީ ނަރަކަކަން ވިސްނުނީ ބޮލުގައި ރިއްސަން ފެށުމުންނެވެ. މިވަގުތު އަހަރެންނަކީ ހަމަ އެންމެ ޕެނީއެއްވެސް ނެތް ނިކަމެއްޗަކީމެވެ. ނަމަވެސް އަހަރެންގެ ހިތް ވަރަށް މުއްސަންޖެވެ. މާތްﷲ މަގެއް ދައްކަވާނެ ކަމުގެ ޔަޤީންކަން އެބައޮތެވެ."

އަހަރެންގެ ވާހަކަތައް އަޑު އިވުމުން އޭނާ ވިސްނަން އިނދެއިނދެފައި ބުންޏެވެ. "އަހަރެންނަށް ވިސްނުނު ގޮތުން މާތްﷲ ތިބާގެ ބެލެނިވެރިކަން މިއަޅާ އާއި ހަވާލުކުރައްވައިފިއެވެ. އަހަރެންނާއިއެކު ހޮޓަލަށް ހިނގާށެވެ. ތިބާއަކީ މާތްﷲ މިއަޅާ އާއި ހަވާލުކުރެއްވެވި އަމަނާތެއްގެ ގޮތުގައި ބަލަހައްޓާނަމެވެ. އަހަރެން މާދަމާ ފުރާނީ ތިބާ ގޮވައިގެންނެވެ."

މާރިޗް މަހުގެ 1 ވަނަ ދުވަހުގެ އިރު އޮއްސުނުއިރު އަހަރެންނަށް ހުރެވުނީ އޭނާގެ ގޭގައެވެ. އޭނާ އަހަރެންގެ ކިބައިން އެދުނީ އޭނާގެ މައިނެތް ދެ ދަރިން ބަލަހައްޓައި ދިނުމަށެވެ. ގޭގެ ކަންކަން ބަލަހައްޓައިގެން އަބުރުވެރިކަމާއިއެކު ގޭގައި އިނދެ ދިނުމަށެވެ. އަދި އެކަމަށް އަގު ދޭނެ ކަމަށްވެސް އޭނާ ބުންޏެވެ.

މާތްﷲ އިރާދަފުޅުން މިއަދު އަހަރެން މިއިނީ އޭނާގެ ގޭގައެވެ. އެއީ ވަރަށް މާތް ފިރިހެނެކެވެ. ދައްކަން ނުޖެހޭ އެއްވެސް ވާހަކައެއް ނުދައްކައެވެ. ގޭގައި އަހަރެންނަށް އެހީތެރިވާނެ އަންހެން ނޯކަރަކާއި ފިރިހެން ނޯކަރަކުވެސް އެބަތިއްބެވެ.

އަހަރެންގެ އުންމީދަކީ އަހަރެންނަށް ލިބޭ އުޖޫރައަކުން މައިންބަފައިންނަށް އެހީތެރިވުމެވެ. އެއީ ދެ މުސްކުޅިންނެވެ. އަހަރެންނަށް އުޖޫރައެއް ލިބި އެއިން އެމީހުންނަށް އެހީވެއްޖެނަމަ އެމީހުން އަހަރެންގެ ކުށްތަކަށް މަޢާފްކުރާނެ ކަމުގެ އުންމީދުގައި ކެތްތެރިކަން މިވަނީ ކުޑަވެފައެވެ.

އަހަރެން މިވާހަކަތައް މީޑިއާ އާއި ހިއްސާ މިކުރީ ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ އަންހެން ކުދިންނަށް އިބްރަތަކަށެވެ. އިބްރަތް ޙާޞިލުކުރާނެ ގޮތެއް ނިންމާނީ އެކުއްޖެކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް