ޒިނޭ ކުރި ފިރިހެނެއްގެ ވާހަކަ، އޭނާ ނިޔާވީ ސަޖިދައިގާ އޮއްވާ

ޒިނޭ ކުރި ފިރިހެނެއްގެ ވާހަކަ، އޭނާ ނިޔާވީ ސަޖިދައިގާ އޮއްވާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 26 ސިކުންތު

ޒިނޭ ކުރުމަކީ ބޮޑު ފާފައެކެވެ. އެއީ އަޅުގަނޑުމެންގެ އިސްލާމްދީނުގައި ކުރުން ޙަރާމް ކަންތައްތަކުގެ ތެރެއިން ބޮޑު އެއްކަންތަކެވެ.

ޒިނޭ ކުރުމަކީ ކައިވެނި ނުކޮށް ޖިންސީ އުފާ ހޯދުމެވެ. ކީރިތި ޤުރްޢާން ގައި ޒިނޭ ކުރުމަށް ބުނެފައިވަނީ އެއީ "ކަށްވަޅުގެ ފާފަ" ކަމުގައި ކަމަށް ބައެއް ދީނީ ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.

މިއީ ސައުދީ އަރަބިއާގެ މުސްލިމު ފިރިހެނެއްގެ ވާހަކައެވެ. މިވާހަކަ ކިޔާ ދެއްވީ ސައުދީ އަރަބިއާގެ ޝެއިޚެކެވެ.

"މިއީ މުސްލިމް އަޚެއްގެ ވާހަކައެވެ. އޭނާ އިނގިރޭސިވިލާތަށް ދިޔައީ ކޮންމެވެސް އެއް ދާއިރާއަކުން ބެޗެލާރސް ޑިގްރީ އެއް ހޯދާށެވެ. ޙަޤީޤަތުގައި އެއީ އޭނާ އަމިއްލައަށް ކަމެއް ކުރަން، އޭނާގެ އާއިލާއިން މިނިވަންކަން ދިން ފުރަތަމަ ފަހަރެވެ.
އޭނާއަކީ ވަރަށް ދީންވެރި މީހުން އުޅޭ ހިސާބުގަނޑަކަށް އުފަންވި މީހެކެވެ. ދިރިއުޅުމުގައި އޭނާ ހާސިލް ކުރަން ބޭނުންވި އުފަލާއި ހިތްހަމަ ޖެހުން، އޭނާގެ އާއިލާ ކައިރީ ހުރެގެން، އޭނާއަކަށް ހާސިލެއް ނުކުރެވުނެވެ. އެހެންކަމުން ލިބުނު ފުރުސަތުގައި އޭނާ އިނގިރޭސިވިލާތަށް ދިޔައީއެވެ.

އިނގިރޭސިވިލާތުގައި އޭނާ ކިޔަވަން ދިޔައީ އަންހެނުންނާއި ފިރިހެނުން އެއްކޮށް ކިޔަވާ ޔުނިވަރސިޓީ އަކަށެވެ. އަންހެން ކުއްޖަކު އިސްފުލާ ބަލާވެސް ނުލާ މާހައުލަކުން، އޭނާ ބަދަލުވީ އަންހެން ކުދިންނާއި އެކު އެކުގައި އިށީންދެ އުޅޭ މާހައުލަކަށެވެ. އޭނާ ބޭނުން އިރަކު އެމީހުންނާއި ވާހަަކަ ވެސް ދެއްކެއެވެ.

ކްލާސް ތެރޭގެ އެކިއެކި ވާހަކަތައް ދައްކަމުން، އޭނާއާއި އެމީހުންގެ ވާހަކަތައް ދިޔައީ އިތުރުވަމުންނެވެ. އިނގިރޭސިން އޭނާ ވާހަކަ ދައްކާ ގޮތް ތަފާތު ވުމުންވެސް، އެއަންހެން ކުދިން އޭނާއާއި ބޮޑަށް ގާތް ވިއެވެ.

ކްލާހުގައި އުޅޭ އަންހެން ކުދިންނާއި އެކު ތަންތަނަށް ކާން ދިޔުމާއި، އެމީހުންނާއި އެކި ތަންތަނުން ބައްދަލު ކުރުމަކީ އޭނާއަށް އާއްމުކަމަކަށް ވިއެވެ. އެއްރޭ އޭނާ އެމީހުންނާއި އެކު ޕާޓީއަކަށް ދިޔައެވެ. އަދި ޕާޓީ ނިމިގެން، އޭގެން ކުއްޖަކާއިއެކު އޭނާ ޒިނޭ ކުރިއެވެ. ކުރެވުނު ކަންތަކާއި މެދު އޭނާއަށް ވިސްނާލެވުނީ އެކަން ކޮށް ނިމިގެންނެވެ. އަމިއްލަ ނަފްސު ހަލާކު ކޮށްލެވުނީއޭ، އެތާއޮވެ އޭނާގެ ހިތައް އަރާ ވިސްނެން ފެށިއެވެ.

އޭނާ ގޮތް ހުސްވިއެވެ. ދެން ކުރާނެ ކަމެއް އޭނާއަކަށް ނުވިސްނުނެވެ. ރަނގަޅު މަގު ދައްކާ ދޭނެ ރަޙްމަތްތެރިއެއް އޭނާގެ ނެތެވެ. އެކަމުން އޭނާއަށް ރަނގަޅު ހެޔޮ މަގެއް ފެންނާނީ އޭނާގެ އަމިއްލަ ޤައުމުންކަން އޭނާއަށް ވިސްނުނެވެ. އެހެންކަމުން ސައުދީ އަރަބިއާ އަށް އެނބުރި ދާން ޓިކެޓެއް ބުކްކޮށް ފްލައިޓަށް އެރިއެވެ.

ސައުދީ އަށް ދިޔަ މަގުމަތީގައި ޤަތަރުގައި ފަލައިޓު މަޑުކުރިއެވެ. ޤަތަރުގައި މަޑުކޮށްފައި އޮތްއިރު އޭނާ ނަމާދަށް އެރިއެވެ. ނަމާދުކޮށް ނިމިގެން ދުޢާ ކުރަން އިނދެ އޭނާއަށް ރޮވުނެވެ. ގިސްލަ ގިސްލާފައި އޭނާ ރޯން އިންތަން ޝައިޚް އިބްން ބާޛް ރަޟިއަﷲ އަންހު ގެ ދަރިވަރަކަށް ފެނުނެވެ. އެދަރިވަރު އޭނާގާތަށް ގޮސް އޭނާއަށް ވީކީއްތޯ ސުވާލު ކުރިއެވެ.

އެދަރިވަރަށް އޭނާ ހުރިހާ އެއްޗެއް ކިޔާ ދިނެވެ. ޒިނޭ ކުރެވިއްޖެކަމާއި، އެކަމުގެ ސަބަބުން އޭނާގެ އަމިއްލަ ނަފްސު ހަލާކު ވެއްޖެ ކަމަށް އޭނާ ކިޔާދިނެވެ. އެފާފައިން އޭނާ ސަލާމަތްވެ ސާފު ތާހިރު ވެވޭނީ އޭނާގެ އަމިއްލަ ޤައުމަށް އެނބުރި ގޮސް، އިސްލާމީ ޝަރީޢަތުގައި އެކަމަށް އޮންނަ އަދަބު ލިބިގެން ކަމަށް ވެސް އޭނާ ކިޔާދިނެވެ.

އެދަރިވަރު އޭނާ މަސަލަސް ކުރިއެވެ. އަދި އެއްވެސް ކަމެއް އަދި ނުކޮށް މަޑުކޮށްލަން ބުނެ، އެކަމަށް ހައްލެއް ހޯދަން ދަރިވަރާއިއެކު ރިޔާދަށް ދާން އެދުނެވެ. ރިޔާދަށް ދިޔަ މަގުމަތީގައި ވެސް އޭނާގެ ރުއިން ނުހުއްޓުނެވެ. ރިޔާދަށް ދިޔުމަށްފަހު، އަރާމުކޮށްލަން ގެއަށް ދިޔުމަށް ދަރިވަރު އޭނާގާތު ބުންޏެވެ. އަދި އެއްވެސް ކަމެއް ނުކުރުމަށް އަނެއްކާވެސް ހަނދާން ކޮށްދިނެވެ.

އޭގެ އަނެއް ދުވަހުގެ ހެނދުނުގެ ވަގުތު އެދަރިވަރު ޝެއިޚު އިބްނު ބާޛް ރަޟިއަﷲ އަންހު އަށް ގުޅިއެވެ. އަދި އޭނާގެ ވާހަކަ ކިޔާދިނެވެ. އަދި އޭނާގެ ފާފަ ހަމައެކަނި ފުއްސަވާނީ ޙައްދު ޖަހައިގެން ކަމަށް އޭނާ ޤަބޫލު ކުރާ ވާހަކަވެސް ދަރިވަރު ކިޔާދިނެވެ. ޝައިޚް އިބްން ބާޛް އެ ދަރިވަރަށް ވިދާޅުވިއެވެ. 'ކަމާއި ބެހޭ ފަރާތްތަކާއި ހަވާލު ނުވާން އޭނާއަށް ނަސޭޙަތް ދޭށެވެ. އޭނާގެ ފާފަ މީސްތަކުންނަށް ވަނީ ފޮރުވިފައެވެ. އެފާފަ އެގޮތަށް ވަންހަނާ ކޮށްފައި ބާއްވަން އޭނާއަށް ވިސްނާދޭށެވެ. އަދި މާތް ﷲ އަށް ތަޢުބާވެ ގިނަ ގިނައިން ކީރިތި ޤުރުޢާން ކިޔެވުމުގައި ވަގުތު ހޭދަ ކުރަން އޭނާ ގާތު ބުނާށެވެ. މާތްﷲ އޭނާއަށް ތެދުމަދު ދައްކަވާނެއެވެ.'

ޝެއިޚުގެ ނަސޭޙަތް އޭނާއަށް ދިނުމަށްޓަކައި ދަރިވަރު އޭނާއަށް ގުޅިއެވެ. އޭނާއާއި ބައްދަލު ކުރުމަށްފަހު ޝެއިޚުގެ ނަސޭޙަތް އޭނާ ކިޔާދިނެވެ. އަދި ކަމާއިބެހޭ ފަރާތްތަކަށް އަމިއްލަ ނަފްސު ހަވާލު ކުރުމަކީ މިހާރު އެލިބެމުންދާ ވޭނަށް އޮތް ހައްލެއް ނޫން ކަމަށް ދަރިވަރު އޭނާއަށް ކިޔާދިނެވެ. މާތް ﷲ ބޭނުންފުޅު ވާނީ އޭނާގެ ޢަމަލުތައް ރަނގަޅުކޮށް، އެކަލާނގެއަށް ފުރިހަމައަށް ތަބަޢާވުން ކަމުގައި ވެސް ދަރިވަރު ވިސްނާދިނެވެ.

އޭނާ އެފަދައިން ކަންތައް ކުރަން ފެށިއެވެ. އޭނާ ގަވައިދުން ނަމާދު ކުރަން ފެށިއެވެ. މާތް ﷲ ގެ ޙަޒްރަތަށް ތަޢުބާވިއެވެ. އަދި ޤުރުޢާން ކިޔެވުމުގައި ވީހާވެސް ގިނަ ވަގުތު ހޭދަކުރިއެވެ. އެންމެ ނަމާދެއް ވެސް އޭނާ ނާޅާއެވެ.

އެގޮތުގައި އޭނާ ދެމިހުރިތާ ދެ ހަފްތާ ވިއެވެ. އޭނާގެ ހަޔާތުގައި ދިމާވި އެދަރިވަރާއި ފަހުން އޭނާއާއި ދިމަލެއް ނުވެއެވެ. އެއްދުވަހު އެދަރިވަރަށް އޭނާ ގުޅިއެވެ. ނަމަވެސް ދަރިވަރަށް އެކޯލު ނުނެގި މިސްވެފައި އިނުމުން، ފަހުން އޭނާއަށް ގުޅާލަން ނިންމިއެވެ.

އޭގެ ދުވަސް ކޮޅެއް ފަހެވެ. އެދަރިވަރަށް ދެން ގުޅާފައި އިނީ އޭނާގެ ގެއިންނެވެ. ގާތް ގަނޑަކަށް ފަސް ވަރަކަށް ހަ ވަރަކަށް ފަހަރު އޭނާގެ ގެއިން ގުޅާފައި އިނެވެ. ދަރިވަރު އެނަންބަރަށް ގުޅާފައި ސަލާމް ގޮވުމަށްފަހު ހާލު ކިހިނެއްތޯ އެހިއެވެ. އޭނާގެ އާއިލާއިން ބުނީ ދަރިވަރާއި ވާހަކައެއް ދައްކާލަން ބޭނުންވާ ކަމަށެވެ. އަދި އޭނާއަށް ދަރިވަރުގެ އެހީތެރިކަން ބޭނުންވާ ވާހަކަވެސް ބުންޏެވެ. އެދުވަހުގެ ޢިޝާ ނަމާދަށްފަހު އެގެއަށް ދާނެ ކަމަށް ދަރިވަރު ބުންޏެވެ.

ޢިޝާ ނަމާދަށްފަހު ދަރިވަރު އެގެއަށް ދާންވެގެން ދިޔައެވެ. ނަމަވެސް އެގެއަށް ވަންނަން ދިޔައިރު، ކޮންމެވެސް ކަމެއް ވެއްޖެ ކަމުގެ އިޙުސާސް ދަރިވަރަށް ކުރެވުނެވެ. އެގޭގައި ތިބި މީހުންގެ މޫނުމަތިންވެސް، ކޮންމެ ކަމެއް ހިނގައިފިކަން ފާޅުވާން ހުއްޓެވެ.

އޭނާގެ ބައްޕައާއި ބައްދަލުވުމުން ދަރިވަރު ސަލާމް ގޮވާލިއެވެ. ސަލާމް ބަލައިގަތުމަށްފަހު، އޭނާގެ ބައްޕަ ބުނީ ދަރިވަރަށް ޝުކުރު އަދާކުރާނެ ގޮތެއް ވެސް ނޭނގޭ ކަމަށެވެ. ދަރިވަރުގެ އެހީތެރިކަމާއި ނުލާ އެދިމާވި ކަންތައް މެދުވެރި ނުވީސްކަމަށް ވެސް އޭނާގެ ބައްޕަ ބުންޏެވެ.

ދަރިވަރު ހައިރާން ވިއެވެ. އަދި އޭނާއަށް ކުރެވުނީ ކޮންކަމެއްތޯ، އަދި ވެގެން އުޅެނީ ކޮން ކަމެއްތޯ ސުވާލު ކުރިއެވެ. އޭނާގެ ބައްޕަ ކިޔާދިނެވެ.

'އޭނާ މިރޭގެ ޢިޝާ ނަމާދު ކުރަން މިސްކިތަށް ދިޔައެވެ. އަދި ޢިޝާ ނަމާދު ކުރުމަށްފަހު ގެއަށް އައިސް އޭނާގެ ކޮޓަރިއަށް އޭނާ ދިޔައީ ސުންނަތް ކުރާށެވެ. ކޮޓަރިއަށް ވަނުމަށްފަހު ވަރަށް ގިނައިރު ވުމުން އޭނާ ހޯދަން އަހަރުމެން ދިޔައީމެވެ.'

އޭނާގެ ބައްޕަ އެދަރިވަރު އޭނާގެ ކޮޓަރިއަށް ގެންދިޔައެވެ. ކޮޓަރިއަށް ވަތްއިރު ދަރިވަރަށް ފެނުނީ އޭނާ ސަޖިދާގައި އޮއްވައެވެ. 'އޭނާގެ ފުރާނަ މާތްﷲ ގެންދެވީ އެކަލާނގެއަށް އޭނާ ސަޖިދާގައި އޮއްވާ' އޭނާގެ ބައްޕަ ދަރިވަރުގާތު ބުންޏެވެ."

މިއީ ޒިނޭފަދަ ނުބައި ފާފައެއް ކުރުމަށްފަހު، ހެޔޮ މަގަށް އެޅުނު ސޯލިޙު އަޅެއްގެ މަރު މާތްﷲ ގެންނެވި މާތް ގޮތެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ