މިފްކޯ މަސްދަޅުގެ ޑިމާންޑް ބޮޑުވެ މީހަކަށް ކޭހެއް!

މިފްކޯ މަސްދަޅުގެ ޑިމާންޑް ބޮޑުވެ މީހަކަށް ކޭހެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 57 ސިކުންތު

ރޯދަ ހަދިޔާއެއްގެ ގޮތުން މިފްކޯ އިން ވިއްކާ މަސްދަޅު އަގުހެޔޮކުރުމުން ޑިމާންޑް ބޮޑުވެ މީހަކަށް ކޭހެއް ވިއްކަން ފަށައިފިއެވެ.

މިފްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިހާރުވެސް އިތުރު ޝިޕްމަންޓެއް ވަނީ އައުމުގެ މަގުމަތީގައި ކަމަށާއި ކޮންޓްރޯލް ކުރަން ޖެހުނީ ޝިޕްމަންޓް ލިބުމުގެ ކުރިން ބައެއް ފަރާތްތަކުން ގިނަ އަދަދަކަށް ގަނެ ސްޓޮކް ހުސްލައިފާނެކަަމަށްޓަކައި ކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ ފިހާރަތަކަށް ގަނޑުކޮށް ދޫކުރާ އަގު ހެޔޮ ކުރި ނަމަވެސް އެކަމުގެ ފައިދާ ކަސްޓަމަރުންނަށް ނުފޯރާ ކަމަށެވެ. އެހެންކަމުން މިފްކޯ އިން މިފަހަރު އެންމެ ބޮޑު ސަމާލުކަމެއް ދެނީ ހެޔޮ އަގުގައި ކަސްޓަމަރުންނަށް ލިބޭނެ ގޮތެއް ހަމަޖައްސަން ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އިއްޔެއިން ފެށިގެން ތެޔޮ މަސް ކޭހެއް ވިއްކަނީ 670 ރުފިޔާއަށެވެ. މިއީ ކުރިން ވިއްކަމުން އައި 779 ރުފިޔާއަށް ބަލައިފިނަމަ 109 ރުފިޔާ ހެޔޮ އަގެކެވެ.

ފެން މަސްދަޅު މިހާރު ވިއްކަނީ 635 ރުފިޔާއަށެވެ. ކުރިން ވިއްކީ 739 ރުފިޔާއަށެވެ. އެހެންކަމުން މިހާރު މިވަނީ ކޭހަކުން 104 ރުފިޔާ އަގުހެޔޮކޮށްފައެވެ.

ކުރިން 50/16 އަށް ވިއްކި ތެޔޮ މަސްދަޅު މިހާރު ވިއްކަނީ 50/14 އަށެވެ. އަދި ކުރިން 75/15 އަށް ވިއްކި ފެން މަސް މިހާރު ވިއްކަނީ 75/13 އަށެވެ. އެހެންކަމުން ދެ ބާވަތުން ވެސް ވަނީ ދަޅަކުން 2 ރުފިޔާ އަގުހެޔޮކޮށްފައެވެ.

ފަސްމީރު މަސްފިހާރައިން ބުނީ މިއަގުތަކަށް ވިއްކާނީ އިއްޔެއިން ފެށިގެން 30 ޖޫންގެ ނިޔަލަށް ކަމަށެވެ.

ރަމަޟާން މަހާއި ގުޅިގެން މިފްކޯގެ އުފެއްދުންތަކުގެ އަގުހެޔޮކުރައްވައި ރައްޔިތުންގެ ޖީބުތަކަށް ލުއިކޮށްދެއްވާނެކަމަށް މިފްކޯގެ ޗެއަރމަން އަހްމަދު ޝަހީރު ވަނީ ވިދާޅުވެފައެވެ.

މިފްކޯއަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސިފަހުން މިފްކޯގެ ހިންގުން ހަރުދަނާކޮށް ލިބޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރަމުން ގެންދާކަން ފާހަގަކުރެވެއެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް