ބައްޕަ އާއި އަޅާނުލައިގެން ނަރަކައަށް ދާން ދަރިފުޅަށް ޖެހިދާނެތީ މިނާގެ ބިން ކަރުނައިން ފޯކޮށްލި ބައްޕަގެ ވާހަކަ!

ބައްޕަ އާއި އަޅާނުލައިގެން ނަރަކައަށް ދާން ދަރިފުޅަށް ޖެހިދާނެތީ މިނާގެ ބިން ކަރުނައިން ފޯކޮށްލި ބައްޕަގެ ވާހަކަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 59 ސިކުންތު

ހައްޖު ދަތުރު ގޮސް މިނާގައި ފޭލިގެ ޖަހައިގެން ތިބި އިރު ދެވުނު އެއް ދަރުސަކީ މައިން ބައިފައިންނަށް ހެޔޮކޮށް ހިތުމާއިމެދު ދެވުނު ދަރުސެކެވެ.

ދަރުސުގެ ވަކި ހިސާބަކުން އެތަނުގައި އިން މުސްކުޅި ފިރިހެނަކަށް ރޮވެން ފަށައިފިއެވެ. އިރުކޮޅަކުން ގިސްލެވެން ފަށައިފިއެވެ.
މަންޒަރު ބެލުމަށާއި އެބޭބެގެ ރުއިމުގެ އެހުމަށް ނުކުޅެދުނު ބައަކު އެބޭބެ ގޮވައިގެން ފޭލިގެއިން ނުކުމެ އަދި މަގު މައްޗަށްވެސް ގެންދިއައެވެ.
އެތައް އިރަކު ގިސްލާ ރުއިމަށްފަހު އެބޭބެގެ ވާހަކަ ކިޔައިފިނެވެ.

"ބޭބެއަށް މިރޮވުނީ ބޭބެގެ މައިން ބަފައިންނަށް ގޯސްކޮށް ކަމެއް ކުރެވިފައި ބޭބެއަށް އޮވެގެނެއް ނޫނެވެ. ނަމަވެސް ތިއަކުދިން އަޑު އަހާށެވެ. މިބޭބެގެ ހުރީ އެންމެ ދަރިއެކެވެ. އެއީ ފިރިހެންދަރިއެކެވެ. ވަރަށް ކުޑައިރު ދަރިފުޅުގެ މަންމަ މަރުވެއްޖެއެވެ. ގެންގުޅެ ބޮޑުކުރީ އެކަނިމާއެކަންޏެވެ.

މިއަދު އޭނާއަކީ އަމިއްލަ ދިރިއުޅުމެއް ދިރިއުޅޭ އަދި އޮފީހެއްގައި ޒިންމާދާރުކަމާއެކު ވަރަށް ބުުރަކޮށް މަސައްކަތްކުރާ ކުއްޖެކެވެ. މަސައްކަތް ބުރަކަމުން ބޭބެ ހައްޖަށް ފުރަންވީއިރުވެސް އެންމެ ކުޑަމިނުން ދެކެލަން ވެސް ނާދެވުނެވެ.

ބޭބެއަށް މިރޮވުނީ ދެންމެ ދިން ދަރުސްގައި މައިން ބަފައިންނާއިމެދު "މިގޮތަށް" ކަންތައްތައް މެދުވެރިވުމުން ދެން ވެދާނެ ގޮތުގެ ވާހަކަތައް އަޑު އިވުމުންނެވެ. ބޭބެގެ ދަރިފުޅަށް ގަދަފަދަ އަޒާބު ލިބިދާނެ ކަމުގެ ބިރަށެވެ. "އެއީ ބޭބެ ހާދަހާވާ ލޯބިވާ ދަރިއެކެވެ."

ވިސްނަވައިލައްވާށެވެ. އެބޭބެގެ ލޮލުން އެތައް ބައިވަރު ކަރުނަތަކެއް އޮހޮރިގެން އެދިއައީ މިނާގެ މާތް ބިމަށެވެ. އަދި މިނާ ނޫން ބިމަކަށް ނަމަވެސް މައިން ބަފައިންގެ ލޯތަކުން ފައިބާ މިފަދަ ކަރުނައިގެ އަގު އަދާކުރެވޭނެތޯއެވެ!

ޝައިޚް ނިމާލް ވިދާޅުވީ އޮފީސް މަސައްކަތާއި އަމިއްލަ ވިޔަފާރިތަކާއި ސިޔާސީ ކަންކަމުގައި ކިތަންމެ ވަރަކަށް "ބިޒީވި" ނަމަވެސް މައިން މަފައިންގެ ފޯނުކޯލު ނުނެގޭވަރަށް ބިޒީވެގެން ނުވާނެ ކަމަށެވެ. މައިން ބަފައިންނަށް އަދާކުރަންޖެހޭ ޚިދުމަތްތައް އަދާނުކުރެވޭ ވަރަށް ބިޒީ ވެގެން ނުވާނެ ކަމަށެވެ. ވަގުތުން ފޯނަށް އިޖާބަ ނުދެވުނު ނަމަވެސް ވީ އެންމެ އަވަހަކަށް ގުޅައި މައިން ބަފައިންގެ ބޭނުންތައް އޮޅުން ފިލުވައި ފުއްދައިދޭންޖެހޭނެ ކަމަށެވެ. އަދި ބައްދަލުވެސް ކުރަންޖެހޭނެ ކަމަށެވެ.

(މިއީ ވިޔަފާރިވެރިންގެ މިސްކިތުގައި ދަރުސް ދެއްވަމުން ޝައިޚް ނިމާލް މުޙައްމަދު ވިދާޅުވެ ދެއްވި ވާހަކައެކެވެ. މިހާދިސާ ޝައިޚް ނިމާލް ވަނީ އަމިއްލަފުޅަށް ތަޖުރިބާކުރައްވައިފައެވެ.)

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް