ދޯނި އަޑިއަށް ދިއުމުން ކަނޑުގަ 4 ގަޑިއިރު ފެތީ ﷲ ގެ ރަޙްމަތަށް އެދެމުން- ބިރުގަންނާކަށް ނޭނގުނު: އިބްރާހީމް ހަސަން

ދޯނި އަޑިއަށް ދިއުމުން ކަނޑުގަ 4 ގަޑިއިރު ފެތީ ﷲ ގެ ރަޙްމަތަށް އެދެމުން- ބިރުގަންނާކަށް ނޭނގުނު: އިބްރާހީމް ހަސަން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 45 ސިކުންތު

މާލެ އިން ފުރައިގެން އދ ދަނގެއްޗަށް ދަތުރުކުރަނިކޮށް މިމަހުގެ 1 ވަނަ ދުވަހު އަޑިއަށް ދިއަ ދޯނީގެ ވެރިފަރާތް އަދި ކެޕްޓަން އިބްރާހީމް ހަސަން ބުނީ ދޯނި އަޑިއަށް ދިއުމުން 4 ގަޑިއިރު ކަނޑުގެ ބިޔަރާޅުތަކުގެ ތެރޭގައި ފަތަން ޖެހުނު ކަމަށާއި ފަތަމުން ގެންދިއައީ މާތް ﷲ ގެ ޙަޟްރަތުން ވާގިއެދިގެން ކަމަށެވެ. އެހެންކަމުން ބިރު ގަންނަން ނުވެސް އެނގުނު ކަމަށެވެ.

މިއަދުނޫހަށް މައުލޫމާތު ދެމުން އިބްރާހީމް ޙަސަން ބުނީ 4 ގަޑިއިރު ކަނޑުގައިި އޮންނަން ޖެހުނުއިރު 2 ފަހަރަކު ކޮންމެވެސް ވަރަކަށް ހާލަތާއިމެދު ވިސްނައިލެވުނު ކަމަށެވެ. މިއީ ނިމުން އޮތްގޮތްތޯ އަމިއްލަ ނަފުސާއި ސުވާލުކުރެވުނު ކަމަށެވެ. "ނަމަވެސް ދެ ފަހަރުވެސް ޖަވާބަކަށްވީ އެހެނެއް ނުވާނެއޭ. މާތް ﷲ މާމަތިވެރިއޭ. މާތް ﷲ ގެ ރަޙްމަތްފުޅާއި އޯގާތެރިވަންތަކަން މާބޮޑޭ."

ރަށަށް ދާން ފުރީ އެދުވަހުގެ ހެނދުނު 5:45 ހައިއިރު ކަމަށާއި އެއިރު ކަނޑުތައް ދަތުރު ނުކުރެވޭ ވަރަށް ގަދަ ނޫން ކަމަށާއި ވިލާ ގަނޑާއި ކުރިމަތިވީ ހެނދުނު 9:00 ހައިއިރު ކަމަށެވެ. "އެއިރު ވާގަލި ކައިރިން ނުކުމެގެން އަތޮޅަށް ހުރީ މިސްރާބުޖަހާފައި."

އިބްރާހީމް ހަސަން ބުނީ ވައި އައީ 50 މޭލަށްވުރެވެސް ބާރު މިނުގައި ކަމަށާއި ދޯނި ކައިރީ، މާލެ އަތޮޅާ ނަމަވެސް ދޯނި އަނބުރާލަންވެސް ފުރުޞަތު ނުލިބުނު ކަމަށެވެ. "ކުރެވެން އޮތް ހަމައެކަނި ކަމަކީ ކުރިއަށް ދުއްވޭތޯ ބެލުން، އެނޫން އެއްވެސް ގޮތެއް ނެތުނީ. ދުއްވަމުން ދަނިކޮށް ބައެއް މަޑޫތައް ބިނދި ދިޔަވާން ފެށީ"

އިބްރާހީމް ހަސަން ބުނީ އޮޓޯ ޕަންޕާއި އިތުރު ޕަންޕެއްވެސް ވެސް ހުރި ކަމަށެވެ. ނަމަވެސް އޮބިނޯތީ ކަމަށެވެ.

"ދެން އެހެން ގޮތެއް ނެތުމުން 5 މީހުން ލައިފް ޖެކެޓް އެޅީ. އަދި ދޯނީގައި ހުރި ތެޔޮ ހުސްކުރި ހަންތައް އައްސައި ބޮޑު ވާގަނޑެއް ހަދައިގެން އެވާގަނޑުގަ ހިފައިގެން ކަނޑަށް ފުންމައިލީ. ދޯނި ދިއައީ އަޑިއަށް. އެއީ ހެނދުނު 10:00 ހައިއިރު."

އިބްރާހީމް ހަސަން ބުނީ މާގިނަ އިރުތަކެއް ނުވެ މާލެ އަތޮޅުން ފިހާޅޮއްސާއި ރަންނާޅި ފެންނަން ފެށިކަމަށެވެ. ރަށްތައް ފެންނަން ފެށުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނު ކަމަށެވެ. "އެހެން ތިއްބާ އަހަރެމެން ހޯދުމުގެ މަސައްކަތްކުރަމުން ދިއަ އަހަރެމެން ރަށުގެ ލޯންޗަކަށް އަހަރެމެން ފެނުނީ. ފެނިގެން ކައިރިކޮށް އަހަރެމެން ލޯންޗަށް ނެގީ. ހުރިހާ ހަމްދުސަނާއެއް ހައްޤުވެގެންވަނީ ހަމަ މާތް ﷲ އަށް. އެދުވަހުގެ އެ ގަދައިގަ 4 ގަޑިއިރު މާސިންގާ ކަނޑެއްގެ މެދުގަ ސަލާމަތްކަމާއިއެކު ލެހެއްޓެވިކަމަށްޓަކައި މާތްﷲ އަށް ހާސްފަށުން ޝުކުރު ވެރިވަން."

އިބްރާހީމް ހަސަން ބުނީ ދަނގެތީ ރައްޔިތުންނަކީ އަބަދުވެސް ވަރަށް އެކުވެރި ހިތް ހެޔޮ ބައެއް ކަމަށެވެ. ޖެހޭ ކަންކަމުގައި އެކަކު އަނެކަކަށް އެހީވާން ތައްޔާރަށް ތިބޭ ބައެއް ކަމަށެވެ. އޭނާއަށާއި ފަޅުވެރިންނަށް އެހާލަތު ކުރިމަތިވުމުން ރައްޔިތުން ދައްކައިދިން އެއްބައިވަންތަ ކަމަށާއި ފޯރުކޮށްދިން އެހީތެރިކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.

އެގަދައިގައި އަމިއްލަ ފުރާނައަށް ބެލުމެއްނެތި އޭނާ އާއި ފަޅުވެރިން ހޯދަން ކަނޑުމައްޗަށް ނުކުމެ މަސައްކަތްކޮށްދިން ފަރާތްތަކުން ކޮށްދިން ޚިދުމަތުގެ އަގު ވަރަށް ބޮޑަށް ވަޒަންކުރާ ކަމަށެވެ. ހަމަ އެއާއިއެކު ލޯންޗްފަހަރަށް ލިބިދާނެ ގެއްލުމަކަށް ނުބަލައި އުޅަނދުފަހަރު ދިން ފަރާތްތަކުން ކޮށްދިނީ ވެސް ވަރަށް ބޮޑު ޚިދުމަތެއް ކަމަށް ފާހަގަކުރާ ކަމަށެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް