ޕްލާސްޓިކް ކުކުޅު ބިސް ރާއްޖޭގެ ބާޒާރުގައި އެބައުޅެޔޯ! ސަމާލުވެލައްވާ....!

ޕްލާސްޓިކް ކުކުޅު ބިސް ރާއްޖޭގެ ބާޒާރުގައި އެބައުޅެޔޯ! ސަމާލުވެލައްވާ....!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު

ދިވެހިންނަކީ ޢާންމު ދިރިއުޅުމުގައި ކުކުޅުބިސް ބޭނުންކުރާ ބައެކެވެ. ޚާއްޞަކޮށް ހެނދުނު ނާސްތާގައެވެ.

މީގެ ތެރޭގައި ދުވެ ކަސްރަތު ކުރާ މީހުންނަކީ ޢާންމުގޮތެއްގައި ބިސް ބޭނުންކުރާ ބައެކެވެ.

އެހެންނަމަވެސް އަޅުގަނޑުމެން މިހާރު މިވަނީ ކުކުޅު ބިސް ބޭނުން ކުރުމުގައި ސަމާލުވާން ޖެހިފައެވެ. އަސްލުނޫން (ފޭކު) ކުކުޅު ބިސް ރާއްޖޭގެ ބާޒާރުގައި ވިއްކަމުން ދައުރުވަމުންދާތީއެވެ.

މިއަދު ނޫހަށް މަޢުލޫމާތު ދެމުން ފަރީދާ (އަސްލުނަމެއް ނޫން) ބުނީ އެ ބިސްތައް ބޭރުން ބަލާފައި އަސްލު ބިހަކާއި އެއްވެސް ތަފާތެއް ނުހުންނާނެ ކަމަށެވެ. އެކަމަކު ބިސް ތަޅާލުމުން އެކަން ފާހަގަވާނެ ކަމަށެވެ.

"އަހަރެން އިއްޔެވެސް ގަތިން ބިސް. އަހަރެން ގަތީ 5 ބިސް. އޭގެ ތެރެއިން 3 ބިސް އެއީ ފޭކު ބިސް. އެކަން އިނގުނީ ތަޅާލީމަ އޮންނަނީ އެއްބައި ކައްކާފަ ހުންނަހެން. ފަރީދާ ބުންޏެވެ.

އެހެންނަމަވެސް އޭނާ ބުނީ ބިސް ގަތުމުގެ ކުރިން ބިހުގައި ރަނގަޅަށް އަތްލާ، ބަލައިފި ނަމަ ތަފާތު އެނގޭނެ ކަމަށެވެ.

އަސްލުނޫން ފޭކް ކުކުޅު ބިސް ރާއްޖޭގެ ބާޒާރުގައި އުޅޭ ކަމުގެ ޝަކުވާތައް ފެންމަތިވެފައިމިވަނީ އަވައްޓެރި ބައެއް ޤައުމުތަކުގައި ޕްލާސްޓިކް ބިހާއި ހަނޑޫ އަދި ކުކުޅުފަދަ ތަކެތި އުފައްދާ ވާހަކަ ފެންމަތިވެފައިވާތާ ދަނޑިވަޅެއްގައެވެ.

މިކަމާއިގުޅިގެން ހެލްތް މިނިސްޓްރީ އާއި ފުޑް އެންޑް ޑުރަގް އޮތޯރިޓީގެ ބަހެއް އަދިވަނީ ލިބޭގޮތް ނުވެފައެވެ. ނަމަވެސް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފުޑް އެންޑް ޑުރަގް އޮތޯރިޓީއަށް އެފަދަ ޝަކުވާތައް ހުށަހަޅަމުން އަންނާތި އެފަރާތުން އަންނަނީ އެކަންތައް ބަލަމުންނެވެ.

އެކަމަކު ރާއްޖޭގެ ބާޒާރުން އެފަދަ ބިސް އެއޮތޯރިޓީއަށް މިހާތަނަށް ފެނިފައިވާކަމެއް ނުވަތަ ނޫން ކަމެއްވެސް އެނގިފައެއް ނުވެއެވެ.