ހެޔޮލަފާ ދަރިން ލިބުމަށްޓަކައި ބަލިވެއިނީންސުރެ ހެޔޮ އަމަލުތައް ކުރުންމަތީގައި ދެމިތިބެންޖެހޭ: ޝައިޚް އިލްޔާސް

ހެޔޮލަފާ ދަރިން ލިބުމަށްޓަކައި ބަލިވެއިނީންސުރެ ހެޔޮ އަމަލުތައް ކުރުންމަތީގައި ދެމިތިބެންޖެހޭ: ޝައިޚް އިލްޔާސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 41 ސިކުންތު

ހެޔޮލަފާ ދަރިން ލިބުމަށްޓަކައި މައިމީހާ ދަރިފުޅަށް ބަލިވެއިނީންސުރެ ހެޔޮ އަމަލުތައް ކުރުންމަތީގައި ދެމިތިބެންޖެހޭނެ ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ މަސްޖިދު މުޙައްމަދު ބިން ޢަބްދުﷲ ގައި ދަރުސް ދެއްވަމުން ޝައިޚް އިލްޔާސް ވިދާޅުވީ ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ނުކުރެވުމުގެ މައްސަލައަކީ މުޖުތަމައުގައި މިހާރު އޮތް އެންމެ ބޮޑު މައްސަލަ ކަމަށާއި އެ މައްސަލަ ކުރިމަތިވެފައިވަނީ ވަރަށް ގިނަ ސަބަބުތައް މެދުވެރިވެގެން ކަމަށެވެ. ސަބަބުތަކުގެ ތެރޭގައި މައިންބަފައިންގެ އަމަލުތަކާއި ތައުލީމީ މަންހަޖު ހިމެނޭ ކަމަށެވެ.

ޝައިޚް އިލްޔާސް ވިދާޅުވީ ދަރިންނަށް ބަލިވެ އިނީންސުރެ މައިންނަކީ ނަމާދުކޮށް ރަނގަޅުގޮތުގައި ދިރިއުޅޭ ބައަކަށް ވާންޖެހޭނެ ކަމަށެވެ.

ހަމައެފަދައިން ބައްޕައިންނަކީ އަނބިންނަށް އަޅައިލާ، އޯގާތެރި ބައަކަށް ވާންޖެހޭނެ ކަމަށެވެ. އަދި މާތް ﷲ އެންގެވި ގޮތުގައި ހަލާލުމަސައްކަތްކޮށް ހަލާލުގޮތުގައި ލިބޭ އާމްދަނީން ތިމާއަށާއި އަނބިމީހާއަށް ޚަރަދުކުރާ މީހަކަށްވެސް ވާންޖެހޭނެ ކަމަށެވެ.

ޝައިޚް އިލްޔާސް ވިދާޅުވީ އާންމު މަސްތަކުގައި ނަމާދު ނުކުރެވޭ ދުވަސްތަކެއް ކޮންމެ މަހަކު މައިންނަށް އައިނަމަވެސް ބަލިވެއިނުމާއިއެކު ކޮންމެ ދުވަހަކީވެސް ނަމާދުކުރެވޭ ދުވަހެއް ކަމަށެވެ. އެކަން އެގޮތަށް މާތް ﷲ މިންވަރުފުޅު ކުރައްވަވާފައިވަނީ ވީހައި ގިނައިން ނަމާދުކޮށް ހެޔޮ އަމަލުތައް ކުރުމަށް ކަމަށެވެ. ނަމާދުކޮށް ހެޔޮ އަމަލުތައް ގިނަކޮށް ތިމާއަށް ލިބެންއުޅޭ ދަރިފުޅަށް ބާއްޖެވެރިކަން އެދި ދުޢާކުރުންމަތީގައި ދެމިތިބޭނަމަ ލިބޭ ދަރިންނަކީ ބަސް އަހާ، ކިޔަމަންތެރި ލޮލަށް ފިނިކަން ގެނެސްދޭ ދަރިންނަށް ވެގެންދާނެ ކަމަށެވެ.

ޝައިޚް އިލްޔާސް ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރަން ފަށަންޖެހޭ އުމުރާއިމެދު ގިނަ ބައަކު ޚިޔާލުތަފާތުވާ ކަމަށެވެ. އެންމެ ކުޑައިރުންސުރެ ކަމާއި ވަކި ވަރަކަށް ބޮޑުވުމުން ކަމާއި ގްރޭޑް 10 ނިންމުމުން ކަމާއިމެދު ވިސްނުން ގެންގުޅޭ ކަމަށެވެ.

ޝައިޚް އިލްޔާސް ވިދާޅުވީ ދަރިންނަށް ރަނގަޅު ތަރުބިއްޔަތުދީ ނަމާދުކުރުވަން ފަށަންޖެހޭ އުމުރު މާތް ﷲ ވަނީ ބަޔާންކުރައްވަވާފައި ކަމަށާއި އެކަން ބަދަލުކުރުމުގެ ބާރު އިންސާނުންނަށް ލިބިގެން ނުވާނެ ކަމަށެވެ. ދަރިން ލައްވައި ނަމާދުކުރުވަން މާތް ﷲ އަންގަވާފައިވާ އުމުރުގައި އެކަން ނުކުރިނަމަ ފަހުން އެކަން ކުރުން ވާނީ މުސްތަޙިއްލު ކަމަކަށް ކަމަށެވެ.

ޝައިޚް އިލްޔާސް ވިދާޅުވީ މައިން ބަފައިން ދަރިން ސްކޫލަށް ގެންދާ ކަމަށާއި ޓިޔުޝަން ދިނުމަށާއި އެހެން ކަންކަމަށްވެސް ޚަރަދުކުރާ ކަމަށެވެ. ނަމަވެސް 3 މާއްދާއިންވެސް ގިނަ ކުދިން ފާސްނުވާ ކަމަށާއި އެކަން އެގޮތަށް މެދުވެރިވަނީ ނަމާދުކުރުމާއި މެދު އިހްމާލްވެވޭތީ ކަމަށެވެ.

ޝައިޚް އިލްޔާސް ވިދާޅުވީ ހެނދުނު ހޭލައިގެން ދަރިން ތައްޔާރުކޮށް، ކުދިން ގޮވައިގެން ބެލެނިވެރިން ސްކޫލަށްދާއިރު ދުވަހުގެ ފުރަތަމަ ކަމެއްގެ ގޮތުން ކުރަންޖެހޭ ފަތިސް ނަމާދު ގިނަ ބެލެނިވެރިން ނުކުރާ ކަމަށެވެ. އަދި ދަރިން ލައްވައި ވެސް ފަތިސް ނަމާދު ނުކުރުވާ ކަމަށެވެ.

ދަރިން ކުޅިވަރު ކުޅުވަން ދަނޑަށް ގެންދަނީވެސް ނަމާދުނުކޮށް ބައިތިއްބައިގެން ކަމަށާއި ދަޑަށް ކުދިން ދޫކޮށްލުމަށްފަހު ކުޅިބަލަން ތިބެނީ ވެސް ނަމާދު ނުކޮށް ކަމަށެވެ. އެގޮތަށް ނަމާދު ނުކޮށް ތިބެގެން އަދި ދަރިން ލައްވައި ނަމާދު ނުކުރުވައި ތިބެގެން ދަރިންނަކީ މޮޅު ރަނގަޅުކުދިންކަމަށް ވުމަށް އެދުނު ނަމަވެސް އެކަމުގައި ހުރަސްތައް ގިނަވާނެ ކަމަށެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް