ގޭގަ ޖާގަ ނެތިގެން ބޭރަށްލި އުޚުތް 7 ބެއިންނަށް 7 ފްލެޓްގެ ޢީދު ހަދިޔާއެއް ކޮށްފި

ގޭގަ ޖާގަ ނެތިގެން ބޭރަށްލި އުޚުތް 7 ބެއިންނަށް 7 ފްލެޓްގެ ޢީދު ހަދިޔާއެއް ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 44 ސިކުންތު

އެއީ މީގެ 6 އަހަރު ކުރިއެވެ. 2011 ވަނަ އަހަރެވެ. އަސްމާ (އަސްލު ނަމެއް ނޫން) އަށް ގޭތެރެއިން އަބަދުވެސް އިވެމުން އައި އަޑަކީ ގޭގައި ޖާގަ ނެތް ވާހަކަތަކުގެ އަޑެވެ. އަސްމާ އަށް ރައްދުކޮށް ގެއިން ނުކުތުމަށް ބުނަމުން ދިއަ ބަސްތަކުގެ އަޑެވެ.

ގެއިން ނުކުމެގެން ދާން އަސްމާ ވަރަށް ބޮޑަށް ބޭނުންވިއެވެ. ނަމަވެސް ނުކުމެގެންދަނީ ކޮންތާކަށް ހެއްޔެވެ؟ އަސްމާގެ އުމުރަކީ އެންމެ 21 އަހަރެވެ. މަންމަ ވަނީ އަސްމާ ވަރަށް ކުޑައިރު ނިޔާވެފައެވެ. ބައްޕަ އުޅެނީ ރާއްޖެ ތެރޭ ރަށެއްގައެވެ. މަންމަ ނިޔާވިފަހުން ބައްޕަ ލޮލަށް ފެނުނީ ކިތައްފަހަރުކަން އަސްމާ ހަނދާނެއް ނެތެވެ. އެނގޭހައި ކަމަކީ ލޮލަށް ބައްޕަ ނުފެންނަތާ އަހަރުތަކެއް ވެއްޖެ ކަމެވެ.

އަސްމާ އެއިރު މަސައްކަތްކުރަނީ އަމިއްލަ ކުންފުންޏެއްގައެވެ. މާމަ ދުނިޔޭގައި ހުރިއިރު ކިޔަވައިދިނީތީ އޯލެވެލް ހެދުނު ނަމަވެސް އެއަށްވުރެ މައްޗަށް ކިޔެވުމުގެ ފުރުޞަތު ލިބިފައެއް ނުވެއެވެ. އެހެންކަމުން މުސާރައަށް ލިބެނީ އެންމެ 5000 ރުފިޔާއެވެ. ތަނެއް ކުއްޔަށް ހިފާނީވެސް ކިހިނަކުން ހެއްޔެވެ!

ގެއިން މެދު ނުކެނޑި ލިބެމުން އައި ވޭނީ އަނިޔާތައް އަސްމާ އައީ ތަހައްމަލުކުރަމުންނެވެ. އިވޭ އަޑު ނުއިވޭ އަޑަށް ހަދަމުންނެވެ. ގެއިން ނުކުތުމަށް ބުނާ އަޑު މާގަދަވާ ފަހަރުތަކުގައި "ﷲ އިރާދަކުރެއްވިއްޔާ ލަހެއް ނުވެ ގެއިން ނުކުންނާނެ" ކަމަށް އަސްމާ ބުނެއެވެ.

އަސްމާއަށް މިއަނިޔާތައް ލިބެމުން ދިއައިރުވެސް އަސްމާ ނިދަނީ ކުޑަކުދިން ކޮޓަރީގެ ތަޅުމުގައި ކުޑަ ތަންމައްޗެއް އަޅާލައިގެންނެވެ. ލިބޭ މުސާރައިން އަސްމާ ބޭނުންކުރަނީ 2000 ރުފިޔާއެވެ. 3000 ރުފިޔާ ގެއަށް ހޭދަކުރެއެވެ.

އެއްފަހަރު ޖެހުނު ރޯގާއެއްގައި ތަންކޮޅެއް ބޮޑަށް ބަލިވެގެން އަސްމާ ހުރީ އަހަރީ ޗުއްޓީ ނަގައިގެންނެވެ. ބަލި ފަސޭހަވުމުންވެސް ޗުއްޓީ ހަމަކޮށްލަން މަޑުކޮށްލައިގެން ހުއްޓައި ރިޒޯޓެއްގެ ރިސެޕްޝަނުގައި މަސައްކަތްކުރާ އަސްމާގެ ރައްޓެހި އަންހެން ކުއްޖަކު އަސްމާގެ ކިބައިން އެދުނީ އެއިރު އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތް މުސްކުޅި އަންހެން ފަތުރުވެރިއަކަށް އެހީތެރިވެދިނުމަށެވެ. އެކަމަށްޓަކައި އޭނާއަށް އަގެއް ދޭނެ ކަމަށްވެސް ބުންޏެވެ.

އަސްމާއެކަން ޤަބޫލުކޮށް އެ މަސައްކަތަށް ކުރިމަތިލިއެވެ. އަސްމާއަށް ވެވުނުހައި ރަނގަޅަކަށް އޭނާއަށާއި އޭނާގެ ފިރިމީހާއަށް ޚިދުމަތްކުރިއެވެ.
ހަފްތާއެއްހައި ދުވަސްފަހުން ދެމަފިރިން ފުރަންވީއިރު އަސްމާ އާއި ވަރަށް ގާތް ގުޅުމެއް އުފެދިފައެވެ. ދެމަފިރިން ފުރައިގެން ދިއައީ ޤައުމަށް ދިއުމަށްފަހުވެސް ގުޅުން ބާއްވާނެ ކަމަށް ބުނެފައެވެ.

ކުޑަ ދުވަސްކޮޅެއް ފަހުން އެމީހުން އަސްމާއަށް ދައުވަތުދިނީ އޮސްޓްރޭލިއާއަށް ދިއުމަށެވެ. ޗުއްޓީ ނުލިބޭނެ ކަމަށް ބުނުމުން ވެސް ދެމަފިރިން ބުނީ ކޮންމެވެސް ގޮތަކުން އައިސްދިނުމަށެވެ. ވަޒިފާ ގެއްލިއްޖެ ނަމަ އެކަންވެސް ފޫބައްދައިދޭނެ ކަމަށެވެ.

ދެމަފިރިންގެ ބަސް ޤަބޫލުކޮށް ހުރިހާ ކަމެއް މާތް ﷲ އަށް ވަކީލުކޮށްގެން ހުރެ އަސްމާ ފުރައިގެން ދިއައީއެވެ. ކޮންމެވެސް ރަނގަޅު ގޮތެއް ވެދާނެ ކަމުގެ އުންމީދުގައެވެ.

އެދެމަފިރިންނަކީ ކުޑަވަރެއްގެ ވިޔަފާރިއެއް ކުރާ ބައެކެވެ. އޮސްޓްރޭލިއާގެ ނިޞްބަތުން ކުޑަ ނަމަވެސް ރާއްޖޭގެ ނިޞްބަތުން ބޮޑު ވިޔަފާރިއެކެވެ. އަހަރަކު އެތައް މިލިއަން ޑޮލަރެއް ދައުރުކުރާ ވިޔަފާރިއެކެވެ.

ކުޑަ ދުވަސްކޮޅެއް ފާއިތުވެ އަސްމާއަށް އެކަނި އުޅެލެވޭވަރަށް ކަންކަން އެނގުމުން ދެމަފިރިން އަސްމާ އާއި ހަވާލުކުރީ އެމީހުންގެ ވިޔަފާރީގެ ތެރެއިން ހިންގާ ކެފޭއެއްގެ ކޭޝިއަރުކަމެވެ. އެކަށީގެންވާ މުސާރައެއްވެސް ދޭނެ ކަމަށް ބުނެފައެވެ.

އަސްމާއަށް އެކަން ޤަބޫލުކުރަން އެހައި ފަސޭހައެއް ނުވިއެވެ. އަސްމާ ދިރިއުޅެން ބޭނުންވަނީ މާލޭގައި ކަމަށްވާތީއެވެ. ނަމަވެސް ކުރިމަތިވެފައިވާ ގެއިން ނިކުންނަން ޖެހުމުގެ މައްސަލައަށް ވިސްނައި އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން އަސްމާ ވަޒިފާ ޤަބޫލުކުރީއެވެ.

އަސްމާގެ ޢާއިލާއިން ކަންތައް ކުރި ގޮތެއް ހަނދާނަކު ނުބަހައްޓައެވެ. އައީ ޢާއިލާ އާއި ގުޅުން ބާއްވަމުންނެވެ. އަސްމާ ކުރީ އެންމެ ކަމެކެވެ. އެއީ ޢާއިލާގެ ދައުވަތަށް ރާއްޖެ ނައުމެވެ. ކޮންމެ ފަހަރަކުވެސް ކޮންމެވެސް ބަހަނާއެއް ދައްކާފައި ރާއްޖެ ނައިސް ސަލާމަތްވެއެވެ.

އަސްމާ މިއަދު ހެނދުނު ޢާއިލާގެ އެންމެ ދޮށީ ބޭބެއަށް ގުޅިއެވެ. އަދި ބޭންކު ރަސީދެއް ވައިބަރުކުރިއެވެ. އެއީ ހުޅުމާލެއިން ވިއްކަމުންދާ ފްލެޓްތަކުން 3 ކޮޓަރީގެ 8 ފްލެޓް ގަތުމަށް ބޭނުންވާ ފައިސާއެވެ. އަސްމާ ބުނީ އެތަނުން 1 ފްލެޓު ގަނެދޭންވީ އޭނާގެ ނަމުގައި ކަމަށެވެ. 7 ފްލެޓް ގަންނަންވީ އެނާ ފިޔަވައި ދެން ތިބި 7 ބެއިންގެ ނަމުގައި ކަމަށެވެ. އަދި އެއީ އަސްމާގެ ފަރާތުން ޢީދު ހަދިޔާއެއް ކަމަށެވެ.

އަސްމާގެ ބޭބެ ބުނީ އިތުރަށް ބުނާނެ ވާހަކައެއް ނެތް ކަމަށެވެ. އެމިހުންނަށް އަސްމާ އާއިމެދު ކުރެވުނު ހުރިހައިކަމެއް ވަނީ ކުރެވި ނިމިފައި ކަމަށެވެ. އަދި ބަދަލުގައި އަސްމާ ދިން ހަދިޔާ ވެސް އެއޮތީ ފެންނަން ކަމަށެވެ.

ޢާއިލާއިން މިހާރު އުންމީދު ކުރަނީ އަސްމާ އާއި ބައްދަލުވާނެ ދުވަހަކަށެވެ. އަސްމާގެ ކިބައިން މަޢާފަށް އެދުމަށެވެ. ހިތް ހަލާލު ހޯދުމަށެވެ.

އެންމެންނަށް އެއް ގޮތަކަށް ހުރިހާ ކަމެއްގައި މެދުވެރިނުވެދާނެއެވެ. މިފަދަ ޢީދު ދުވަހު ހިނގައި ދިއަ މިކަމުންވެސް އިބްރަތްތަކެއް ޙާޞިލުކުރެވިދާނެއެވެ. ތިމާމެންގެ އަޚާއަކީ މިއަދު ކިތަންމެ ނިކަމެތި މީހެއް ނަމަވެސް މާދަމާ އޭނާއަށް މިންވަރު ކުރައްވަވާނެ ނިއުމަތްތައް ނުއެނގޭނެ ކަމެވެ. ރަޙިމުގެ ގުޅުން ދަމަހައްޓަން މާތްﷲ ގަދައަޅުއްވަވައި އަމުރުފުޅު ކުރައްވަވާފައިވަނީ މިފަދަ ސަބަބުތަކަށްޓަކައެވެ.

އަސްމާއަކީ މިހާރު އޮސްޓްރޭލިއާގެ މުސްލިމެއްގެ އަންބެކެވެ. ދެ ދަރިންވެސް ވަނީ ލިބިފައެވެ. ފިރިމީހާއަކީ ޓްރެވަލް އެޖެންސީއެއް ހިންގައިގެން ރަނގަޅު އާމްދަނީއެއް ހޯދާ މީހެކެވެ. އެހެންކަމާއިއެކުވެސް އަސްމާ މިހާރުވެސް ވަޒީފާފާ އަދާކުރެއެވެ. ދެމަފިރިން އުޅެނީ ނުހަނު އުފަލުންނެވެ.

އަސްމާގެ ފޮޓޯއެއް ޝާއިއު ނުކުރެވުނީ އަސްމާގެ ބޭބެގެ އެދުމަށެވެ. އެމީހުންނަކީ އެމީހުންގެ ކޮއްކޮއާއިމެދު އެފަދަ ގޮތަކަށް އަމަލުކުރި ބައެއްގެ ގޮތުގައި އިޝްތިހާރުވާން ބޭނުން ނުވާތީއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް