ކައިވެނި ކުރެވުނީ މާއަވަހަށް، އެކަން އެނގުނީ މާލަހުން

ކައިވެނި ކުރެވުނީ މާއަވަހަށް، އެކަން އެނގުނީ މާލަހުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 8 މިނެޓް, 45 ސިކުންތު

"އަހަރެން އަލަތު ކައިވެންޏެއް ކުރީ އުމުރުން 18 އަހަރުގައެވެ. އެއިރު އަހަރެން ރައްޓެހިވެގެން އުޅުނު ކުއްޖާއާއި ކައިވެނި ކުރަން އުޅުމުން ވެސް އަހަރެންގެ ގާތް ރަޙްމަތްތެރިން އަހަންނަށް ވިސްނާދިނެވެ. އަދި މަޑުކޮށްލުމަށް ބުންޏެވެ. ސަބަބަކަށްވީ އަހަރެން އުމުރުން ހަގު ވުމާއި، އަދި އެފިރިހެން ކުއްޖާއާއި ރައްޓެހިވެގެން އުޅޭތާ ވެސް މާގިނަ ދުވަހެއް ނުވާތީއެވެ.

އަހަރެންގެ ފިރިމީހާގެ އުމުރުން އެއިރު 22 އަހަރެވެ. އަހަންނާއި އޭނާ ރައްޓެހި ވެގެން އުޅުނީ މަހެއް ވަންދެންނެވެ. ކައިވެނި ކުރަން އޭނާ އެހުމުން އަހަރެން ވަރަށް އުފާވިއެވެ. ހީކުރީ އޭނާއަށް އަހަންނާއި ދުރުގައި ހުންނަން އުނދަގޫ ވެގެން، އަބަދު ކައިރީގައި ބަހައްޓާ ހިތުން ކައިވެނި ކުރަން ނިންމީ ކަމަށެވެ. ހީކުރީ އެއީ 'ލޯބި' ކަމަށެވެ. މާޒީގައި އޭނާ އުޅުނު ގޮތްތަކުގެ ވާހަކަ އަހަންނަށް ކިޔާދިނެވެ. އެއީ އޭނާގެ މާޒީއޭ، އެވާހަކަ އަހަންނަށް އެކިޔާދިނީ ދެން އެހެން ނޫޅެން ވެގެންނޭ އަހަރެން ހިތަށް އެރިއެވެ.

ކައިވެނި ކުރެވުނެވެ. އާއިލާގެ ވެސް އެއްބައި މީހުންގެ ހިތްހަމަ ނުޖެހުމާއި އެކު އެވެ. އަހަންނަކީ އާއިލާގައި ހުރި ހަމަ އެކަނި އަންހެން ކުއްޖާއަށް ވެފައި، ކޯޓުގައި ކައިވެނި ކުރުމުން އަހަރެންގެ މައިންބަފައިންނާއި ތިން ބޭބެ ހިތްހަމަ ނުޖެހުނެވެ. ނަމަވެސް އަހަރެންގެ ފިރިމީހާ ބޭނުންވީ ޚަރަދު ކުޑަ ގޮތަކަށް ކައިވެނި ކުރާށެވެ. އެކަމާއި އަހަރެން ވެސް އެއްބަސްވީމެވެ.

ކައިވެނި ކޮށްގެން، އާއްމުކޮށް އެހެން ދެމަފިރިން ވެސް އެކުއެކީގައި ކޮންމެވެސް ތަނަކަށް 'ހަނީމޫނު' ދާތީ، އެއުއްމީދު އަހަރެން ވެސް ކުރީމެވެ. ނަމަވެސް އެނަސީބެއް އަހަންނަކަށް ފިރިމީހާގެ ފަރާތުން ނުލިބުނެވެ. ފިރިމީހާ ބުނީ، އެހެން ދަތުރުތަކަށް ގޮސް އުޅުމަކީ 'ބޭކާރު ޚަރަދެއް' ކަމަށެވެ. އަދި ތަނަކަށް ނުދިޔަޔަސް ދެމީހުން އެކުއެކީގައި އުޅޭނަމަ ކޮންމެ ތަނެއްގައިވެސް އުފަލުގައި އުޅެވޭނެ ކަމަށެވެ.

ފިރިމީހާގެ އެވާހަކަތަށް ވެސް އަހަރެން އަޑު އެހީމެވެ. އަހަރެން ދެކުނީ، ފިރިމީހާއަކީ ހަރުދަނާ މީހަކަށްވެފައި އޭނާ އެހެން ބުނީ މުސްތަޤްބަލަށް ރަނގަޅަށް ވިސްނާތީ ކަމަށެވެ. ހަނީމޫނު ނުދިޔައީތީ ވެސް އަހަރެންގެ އާއިލާ މީހުން ހިތްހަމަ ނުޖެހުނެވެ. އަހަރުމެންގެ ނިންމުމަށް ދެކޮޅު ނުހަދާ، ނަމަވެސް ބޭބެމެން ދޭ ހަދިޔާއެއްގެ ގޮތުގައި ދެދުވަހުގެ ރިސޯޓު ދަތުރެއް ދިނެވެ. ނަސީބަކުން ފިރިމީހާވެސް އެކަމާއި ދެކޮޅު ނުހަދާ އަހަރެން ގޮވައިގެން ދިޔައެވެ.

ފިރިމީހާއަކީ އަތޮޅުތެރޭގެ މީހަކަށްވެފައި، މާލޭގައި އަހަރެންގެ މައިންބަފައިންގެ ގެދޮރު ހުރުމުން، އަހަރުމެން އެންމެ ފުރަތަމަ ދިރިއުޅުނީ އަހަރެންގެ އާއިލާއާއިއެކުއެެވެ. އާއްމުގޮތެއްގައި އަހަރެންގެ ބޭބެމެންނަކީ އެންމެންނާއި ވެސް ވަރަށް ގުޅޭ ބައެކެވެ. ނަމަވެސް އަހަރެންގެ ފިރިމީހާއާއި ބޭބެމެން އެއްގޮތަކަށް ވެސް ނުގުޅުނެވެ. ބޭބެމެން އޭނާގާތު އެމީހުންނާއި އެކު ކޮފީއަކަށް ދާން ބުންޏަސް ފިރިމީހާ ދެކޮޅު ހަދައެވެ. ގޭގައި ހުންނަ ވަގުތު އަބަދުވެސް އިންނަނީ ކޮޓަރި ތެރޭގައި ޓީވީއަށް ގެއްލިފައެވެ. އަހަންނާއި ވާހަކަ ދައްކާވެސް ނުހަދައެވެ.

އެއްދުވަހު އަހަރެން ވަރަށް ބޮޑަށް ހުން އައިސް ބަލިވިއެވެ. ހުމައިގެން ކެތް ނުވެ އޮތް އިރުވެސް ފިރިމީހާއަށް އަހަރެން ނުފެންނަ ފަދައެވެ. ވަރަށް ހިތްވަރެއް ކޮށްފައި އޭނާއަށް ކާންހަދަން ބަދިގެއަށް ދިޔުމުން، އަހަރެންގެ ގައިން ވަރު ދޫވެގެން ވެއްޓުނެވެ. އެމަންޒަރު ބައްޕަ އަށް ފެނުމުން، ބައްޕަ އަހަރެން ނަގައިގެން ގޮސް ސޯފާގައި ބާއްވާފައި އަވަހަށް ބޭބެމެންނަށް ގޮވިއެވެ. އަދި އަހަރެން ޑޮކްޓަރަށް ގެންދިޔައެވެ.

އެރޭ ބޭބެމެންނާއިއެކު ފިރިމީހާ ވެސް ހޮސްޕިޓަލަށް ދިޔައެވެ. ނަމަވެސް ގެއަށް އައުމުން، ބޭބެމެންނަށް ކެތް ނުވެގެން ފިރިމީހާގާތު އެވާހަކަ ދެއްކިއެވެ. ބޭބެމެން ބުނީ ތަންކޮޅެއް ޒިންމާދާރު ފިރިއަކަށް ވުމަށާއި ރަނގަޅަށް އަހަރެން ބެލުމަށެވެ. އަހަރެން ހީކުރީ ބޭބެމެން ދެއްކި ވާހަކަ އޭނަ ރަނގަޅަށް އަޑުއަހާނެ ކަމަށެވެ. ނަމަވެސް އަހަރެންގެ ބޭބެމެންނާއި ދިމާލަށް އޭނާ ބުނީ ނުބެހޭ ކަންތަކާ ނުބެހުމަށާ އޭނައަށް ގޮތް ކިޔާ ނުދިނުމަށެވެ.

އަހަރެން ވަރަށް ހައިރާންވިއެވެ. އަހަންނަކީ އަބަދުވެސް އަހަރެންގެ މައިންބަފައިންނާއި ބޭބެމެންނަށް ވަރަށް އިޚުތިރާމް ކުރާ މީހެކެވެ. އެމީހުން ކުރިމަތީގައި ދުވަހަކުވެސް 'އުފް' ވެސް ނުބުނާއިރު، އަހަރެންގެ ފިރިމީހާއަށް އެމީހުންނާއި ދިމާލަށް ބަސް ބުނަން ކެރުނީތީ އަހަރެން ލަދުގަތެވެ. އެކަންވީ ބޭބެމެންނަށް ވެސް ލިބުނު ޝޮކަކަށެވެ. އިތުރަށް އެއްޗެކޭ ނުބުނެ ބޭބެމެން އެތަނުން ދިޔައެވެ.

ބޭބެމެންނާއި ދިމާލަށް އެގޮތަށް ބަސް ބުނުމުން އަހަރެންވެސް ހިތްހަމަ ނުޖެހިގެން، އެގޮތަށް ކަންތައް ކުރީ ކީއްވެހޭ، ބޭބެމެން އެހެން ބުނީ ފިރިމީހާގެ ކަންތައް ހުރި ގޮތުން ނޫންހޭ، އެގޮތަށް ބަސް ބުނަން ނުވާނެ ނޫންހޭ ބުނުމުން، ފިރިމީހާ އައިސް އަހަރެންގެ ދެކޮލަށް ވަރަށް ބާރަށް ފިއްތާލާފައި 'އަހަރެން ކައިރީގައި ކަލޭގެ ބޭބެމެންގެ ވަކާލާތު ކުރާކަށް ހަދާނެ ކަމެއް ނެތޭ' ބުނެ އަހަންނަށް އަނިޔާ ކުރިއެވެ. ބަލިވެ އޮއްވާ އިތުރަށް އަނިޔާ ކޮށްފައި އޭނަ ނިކުމެގެން ދިޔައީއެވެ.

އެރޭ ކަންތައް ވީގޮތެއް އަހަރެން އާއިލާ މީހުން ގާތު ނުބުނަމެވެ. އަހަރެން ހިތައް އެރީ އެއީ ފިރިމީހާ އެވަގުތު ރުޅިއައިސްގެން ކުރެވުނު ކަމެއް ކަމަށާއި ފަހުން މާފަށް އެދޭނެ ކަމަށެވެ. ނަމަވެސް ކަންތައްވީ އެހެނެއް ނޫނެވެ. އޭގެ ފަހުން ފިރިމީހާ ވަޒީފާއިން ނިމިގެން ގެއަށް އަންނަނީ މަދު ފަހަރަކުއެވެ. އަހަންނަށް އެއްވެސް ވަރަކަށް އަޅައެއް ނުލައެވެ. ގިނަ ފަހަރަށް އަހަރެން އޮފީހަށް ދަނީވެސް އެކަންޏެވެ. ހަފްތާ ބަންދެއް އަތުވެއްޖެނަމަ ދަބަސް ޕެކްކޮށްގެން ކޮންމެވެސް ތާކަށް ދެއެވެ. އަހަރެން ގާތު އެއްވެސް އެއްޗެއް ނުބުނެއެވެ.

އެއްރޭ ފިރިމީހާ ގެއަށް އައިވަގުތު އަހަރެން އިނީ ސިޓިންގ ރޫމުގައެވެ. މަންމައާއި ބައްޕަވެސް ތިއްބެވެ. ފިރިމީހާ ފަހަތުން އަހަރެންގެ އެއް ބޭބެ އައިސް އެންމެން ގާތު ބުނީ އަހަރެން އިނދެގެން އުޅެނީ ރަނގަޅު މީހަކާއި ނޫން ކަމަށެވެ. ބޭބެ ބުނީ ފިރިމީހާ ކޮންމެ ހަފްތާ ބަންދަކު ރިސޯޓަކަށް ގޮސް ރާބޮއެ ހަދާކަމަށް ބޭބެގެ ރައްޓެއްސެއް ބުނި ކަމަށާއި އަދި ކޮންމެވެސް އަންހެނަކު ގޮވައިގެން ސައިކަލު ބުރު ޖަހަން ގޮސް އުޅެނިކޮށް ބޭބެއަށް ވެސް ފެނުން ކަމަށެވެ.

ބޭބެ ދެއްކި ވާހަކަތަކާއި މެދު އަހަރެން ހައިރާންވިއެވެ. ފިރިމީހާ އަށް މަޑުން ނުހުރެވިގެން ބޭބެއާއި ދިމާލަށް ހެއްދެވި ނެހެއްދެވިއަށް ގޮވިއެވެ. އެކަމާއި ބައްޕައަށް ކެތް ނުވެގެން ފިރިމީހާ ގާތު ބުނީ ބައްޕަގެ ގެއިން ނިކުތުމަށެވެ. އޭނާ ދާނީ އަހަރެން ގޮވައިގެން ކަމަށް ބުނެ ފިރިމީހާ އަހަރެން ގެންދިޔައެވެ. މައިންބަފައިން ދޫކޮށްފައި ދާން އަހަރެން ބޭނުން ނުވި ކަމުގައި ވިޔަސް ފިރިމީހާގެ އަމުރަށް ކިޔަމަންގަތީމެވެ.

އަހަރުމެން ދިޔައީ އޭނާގެ ރަށަށެވެ. އޭނާގެ އާއިލާ އެންމެންވެސް އަހަންނަށް ވަރަށް ހެވެވެ. ނަމަވެސް ފިރިމީހާ އަހަންނާއި އެހާ ބޮޑަށް ވާހަކަ ދައްކައެއް ނުހަދައެވެ. އެރަށަށް ދިޔަތާ ހަފްތާއެއް ފަހުން، ފިރިމީހާ އަހަންނާއި މާބޮޑަށް ދުރުވިއެވެ. އެއްގޮތަކަށް ވެސް ވާހަކަ ނުދައްކާއިރު، އަހަރެން ފެނުނަސް އޭނާ އަހަންނާއި ދިމާލަށް އައުގުރާނަ ގޮވިއެވެ. އަދި ބުނީ އަހަންނަކީ އޭނާއަށް ޖެހުނު ބޮޑު އުނދަގުލެއް ކަމަށެވެ. އޭނާ ބުނީ އަހަންނާއި ކައިވެނި ކުރީ އަހަންނަކީ ރަނގަޅު ވަޒީފާއެއްގައި އުޅުނު މީހަކަށްވެފައި މާލޭގައި ގެދޮރު ހުރުމުން ވާނެ ފައިދާއަށް ބަލާފަ ކަމަށެވެ. ނަމަވެސް އަހަރެން ގޮވައިގެން އެރަށަށް ދިޔުމުން، އަހަރެންގެ އާއިލާއިން އަހަރުމެން ގެންދަން ނައުމުން، އަހަންނަކީ ބޭކާރު މީހެއްކަން އެނގިއްޖެ ކަމަށް ވެސް އޭނާ ބުންޏެވެ.

ހިތާމަ ކޮށްކޮށް އަހަރެން އެރަށުގައި އެހާލުގައި ހަ މަހެއްހާ ދުވަހު ކެތް ކުރީމެވެ. ފިރިމީހާގެ އެއުޅުމަކަށް ބަދަލެއް ނައެވެ. މާލެއިން އޭނާ ދިޔައީ ވަޒީފާ ދޫކޮށްލާފައެވެ. ނަމަވެސް ރަށުން ވަޒީފާއެއް ހޯދަން ވެސް ނޫޅެއެވެ. އޭނަގެ މައިންބަފައިން ދިނީމަ ކައިގެން ބޮއެގެން އުޅެން އަހަރެން ލަދުގަތެވެ. އެހެންކަމުން އެރަށުގެ ބައެއް ކުދިންނަށް ޓިއުޝަން ދޭން އަހަރެން ފެށީމެވެ.

ޓިއުޝަން ދޭން އަހަރެން ފެށީ އަހަރުމެންގެ ކުދިކުދި ޒަރޫރީ ބެނުންތައް މައިންބަފައިންނާއި ނުޖައްސާ ކުރާށެވެ. ނަމަވެސް ދުވަހަކުވެސް އެންމެ ފައިސާ ފޮއްޗެއްވެސް އަހަރެން ބޭނުން ކުރަން ބަލާއިރަކު ނޯވެއެވެ. އަހަރެން މަސައްކަތް ކޮށްގެން ހޯދާ ލާރި ފިރިމީހާ ނަގައިގެން، އެއަށް ކުރާކަމެއް އަހަންނަކަށް ނޭނގެއެވެ. އެންމެ ފަހުން، އެރަށުގައި އުޅޭ އަހަރެންގެ އެެހެން ރައްޓެއްސެއް ގާތު ބުނެގެން ފިރިމީހާ އުޅޭ ނޫޅޭ ގޮތް އަހަރެން ބެލީމެވެ. އަހަރެން ހޯދި ހޯދުމުން އެނގުނީ އޭނާ އެރަށުގައި ބަޔަކާއި އެކުވެގެން މަސްތުވާ ތަކެތި ބޭނުން ކުރާކަމެވެ. އަދި އެއީ މާލޭގައި ހުރި އިރުވެސް އޭނާ ކުރަމުން އައި ކަމެއް ކަމާއި ހިލޭ އަންހެނުން ކައިރިއަށް ވަންނަކަން ވެސް އަހަންނަށް ފަޅާއެރިއެވެ.

އަހަރެން ނިންމީ އެކަމާއި އޭނައާއި ކުރިމަތިލާށެވެ. ހުރިހާ ކަމެއް އަހަންނަށް އެނގޭކަމަށް ބުނެ އަހަރެން މިނިވަން ކޮށްފައި އަހަރެންގެ އާއިލާ ކައިރިއަށް ފޮނުވާށޭ ބުނުމުން، އޭނާ އަހަންނަށް ވަރަށް އަނިޔާ ކުރިއެވެ. ގައިގާ ނުޖަހާ އެންމެ ތަންކޮޅެއް ވެސް ނެތެވެ. އަހަރެންގެ ރުއިމުގެ އަޑަށް އޭނާގެ މައިންބަފައިން އައިސް އަހަރެން ސަލާމަތް ކުރި ކަމުގައި ވިޔަސް އެއިރު އަހަރެންގެ މޫނު މައްޗާއި އިނގިލިތަކާއި ތަންތަން ވަނީ ދުޅަވެފައެވެ.

ފިރިމީހާގެ ވިހަގަދަ ވަކިތަކުން ސަލާމަތް ކޮށްގެން އޭނަގެ މައިންބަފައިންގެ ކޮޓަރީގައު އަހަރެން ބެހެއްޓިއެވެ. އަހަރެން އެދުވަސްކޮޅު ހުރީ މީހަކު އެކޮޓަރި ދޮރުކުރި މައްޗަށް އެރިޔަސް، އެއީ ފިރިމީހާ ކަމަށް ހީކޮށް ބިރުންނެވެ. ނަފްސާނީ ބިރުވެރި ކަމެއްގައި އަހަރެން އިނުމުން، ފިރިމީހާގެ މަންމަމެން އަހަރެންގެ މައިންބަފައިންނަށް އެކަން އެންގިއެވެ. އަދި އަހަރެން ބަލާ އައުމަށް ވެސް ބުންޏެވެ.

އަހަރެންގެ ތިން ބޭބެއާއި ބައްޕަ އަހަރެން ބަލާ އައި ދުވަހު ފިރިމީހާ ވެސް ހުރީ ގޭގައެވެ. އަހަރެން ގެންދިޔަ ނުދޭން އޭނާ މަސައްކަތް ކުރިއެވެ. އަދި އަހަންނާއި އެކު ދާން ވެސް މަސައްކަތް ކުރިއެވެ. އެދުވަހު އެތަނަށް އޭނާ ފުލުހުންވެސް ގެނައެވެ. ނަމަވެސް އެކަމުގައި ބެދުނީ އޭނައެވެ. ފުލުހުން އައުމުން އޭނާގެ މައިންބަފައިންނާއި އަހަރެންގެ އާއިލާއިން ބުނީ ފިރިމީހާ އަހަންނަށް އަނިޔާ ކުރާތީ އަހަރެން ސަލާމަތް ކުރަނީ ކަމަށެވެ. އަހަރެން ގާތު ފުލުހުން އެސުވާލު ކުރުމުން، އަހަރެންވެސް އެކަމަށް އެއްބަސްވީމެވެ. އެހެންކަމުން ފުލުހުން އޭނާ ހައްޔަރު ކޮށްގެން ގެންދިޔައެވެ.

މާލެ އައިސް އެންމެ ފުރަތަމަ ވެސް އަހަރެން ކުރި ކަމަކީ އޭނާގާތުން ވަރިވާން ފޯމު ލުމެވެ. އާއިލާގެ އެހީއާއި އެކު އެކަން އުނދަގުލަކާއި ނުލާ ވިއެވެ.

ނަމަވެސް.... އެނުލަފާ ފިރިމީހާ ގާތުން ވަރިވެގެން، ކޯޓުން ގެއަށް އައި ދުވަހު އަހަންނަށް އެނގުނީ... އަހަރެން އިނީ އޭނާގެ ދަރިއަކަށް ބަލިވެ ކަމެވެ.
މިއީ އޭނާގެ ދަރިއަކަށް ވިޔަސް، އަހަރެން ދެނެއް އޭނާ ގާތަކަށް ނުދާނަމެވެ."

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް







munaa 2017-09-04 18:25:08

Suruhee kamaku nudhey. Avahah kaiveni kurevunyky nun balan vaa varah nubalaa kaiveni kuree.ashaara aharaky kaiveni kurumah lha umureh nun.furathama kamaky islaam.dheenuga nuves ovey rattehivegen ulhey kah .family in rangalhu boy aku hoadha dheyn. Efadha gothakah kanda alhuvvaafa onnanyvx rangalhakah. Ekamaku ekan gabul kuraane myhaku nuvey viyya

Hiriya 2017-09-04 19:26:15

Massala varah saafu. Dheenaa beerattehi gothakah kaiveni kuree anbimeeha ge aailaa ge zimmaa adhaa nukoh. Firihen meehaa akee ragalhu meehe tho belumakee aailaage zimmaa eh!

Aharen 2017-09-04 20:13:08

Mee avahah kaiveni kuryma vee kameh tha hama? Noony nubai meehakaa kaiveni kuryma v gothehbaa

ޢަލީ 2017-09-04 23:48:32

ވަރަށް ދެރަވެއްޖެ. އެހީއެއް ވާން ބޭނުން.


މަރިޔަމް ވަހީދާ