އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓީއެފްޖީ

ޓީއެފްޖީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 10 ސިކުންތު

ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން އައްޑޫސިޓީގައި ބާއްވާ "ރަން އިން އައްޑޫ" އަށް ވިމެން ޑިވެލޮޕްމެންޓް ކޮމެޓީ (ޑަބްލިއު.ޑީސީ އައްޑޫ ސިޓީ) ގެ ފަރާތުން ވަރަށްބޮޑަށް ތައްޔާރުވަމުން އަންނަކަމަށް އައްޑޫސިޓީ މޭޔަރ ޢަބްދުﷲ ސާދިޤް (ސޯބެ) ވިދާޅުވެއްޖެއެވެ.

މިއަދުނޫހަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ސޯބެ ވިދާޅުވީ ޓީއެފްޖީ އިން އައްޑޫސިޓީގައި ބާއްވާ މެރަތަންއަށް މުޅި އެސިޓީ ތައްޔާރުވަމުން އަންނަ ކަމަށެވެ. ޚާއްސަކޮށް އަންހެންނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ވަރަށް ޚާއްސަ ކަންތައްތަކެއް ރާވަމުން އަންނަކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ މުޅި މިސިޓީ މިވަނީ ޓީއެފްޖީ މެރަތަންއަށް ތައްޔާރުވެފައޭ. މެރަތަން ދުވާ މަގުތައް ޒީނަތްތެރިކުރުމާއި ސަޕޯޓުކުރުމަށް މަގުތަކަށް މީހުން ނެރުމުގެ ކަންތައްވެސް އަންނަނީ ކުރަމުން" ސޯބެ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ޑަބްލިއު.ޑީސީ އައްޑޫ ސިޓީގެ ފަރާތުން އެ ސިޓީއަށް ޚާއްސަ ކާނާގެ ބާވަތްތައް ތައްޔާރުކުރަމުން އަންނަ ކަމަށާއި އެސިޓީއަށް ޚާއްސަ ކާނާގެ ބާވަތްތައް ރަހަދައްކާލުމަކީ މިފަދަ އިވެންޓެއް ނިމިގެންދާ އިރު، ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.

"ކޮންމެ ބޭފުޅަކުވެސް ޖެހޭނެ ނޫންތޯ އައްޑޫސިޓިއަށް އައިސްފަދާ އިރު، މި ސިޓީގެ ކެއުން ރަހަ ބަލައިލަން. އެހެންވެ އަންހެނުންގެ ކޮމެޓީން އެވަނީ އެ މަސައްކަތް ފަށާފަ. މިއީ ވަރަށް ތަފާތު ރަންއަކަށްވާނެ އިނގޭތޯ" އަބަދުވެސް ސަމާސާ މިޒާޖު ގެންގުޅުއްވާ ސޯބެ ވިދާޅުވިއެވެ.

"ރަން އިން އައްޑޫ"ގައި ފުރަތަމަ ފަށާނީ ފުލް މެރަތަން ނުވަތަ 42.2 ކިލޯމީޓަރގެ ދުވުމެވެ. އެދުވުން 15 ވަނަ ދުވަހުގެ ރޭ ފަތިހު 4:45 ގައި ފެށުމަށް ތާވަލުކޮށްފައިވަނީ ކަނބިހާ މަގުންނެވެ. ހާފު މެރަތަން ނުވަތަ 21.1 ކިލޯމީޓަރގެ ދުވުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން 15 ވަނަ ދުވަހުގެ ހެނދުނު 6:45 ގައި ފަށާ އިރު، 10 ކިލޯމީޓަރ ރޭސް ފަށާނީ ހިތަދޫ ލިންކް ރޯޑުން ހެނދުނު 7:45 ގައެވެ. އަދި 5 ކިލޯމީޓަރގެ ދުވުން ފަށާނީ ހިތަދޫ އެޅެދީދީ މަގުން ހެނދުނު 8:45ގައެވެ.

މި ހުރިހާ ރޭހެއްވެސް ނިންމާނީ ހިތަދޫގައި ހުންނަ ކޮންވެންޝަން ސެންޓަރު ކައިރިއަށެވެ.

"ބްރޭކް ޔޯ ސްޕީޑް" މި ޝިޢާރުގެދަށުން އައްޑޫ ސިޓީގެ ލިންކް ރޯޑުގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމަށާއި ވެހިކަލްތައް ދުއްވާ ސްޕީޑް މަޑުކުރުމަށް ޢާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ބާއްވާ މި ދުވުމުގެ މެއިން ސްޕޮންސަރއަކަށް ކޮކާކޯލާ ހަމަޖައްސާފައިވާ އިރު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި ސޮނީ ސްޕޯޓްސް އާއި ޕްރިންޓްލެބާއި މޯލްޑިވިއަން އަދި މިހާރު ނޫހުގެ އެހީތެރިކަން ޓީއެފްޖީން އަންނަނީ ހޯދަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް