ފިރިމީހާ ނަމާދުނުކޮށް ޙަރާމްކަންކަން ކުރާތީ ތުއްތު 3 ދަރިންނާއެކު މަގުމަތިވި އަންހެނަކަށް މުއްސަނދިކަމާ ވެރިކަން!

ފިރިމީހާ ނަމާދުނުކޮށް ޙަރާމްކަންކަން ކުރާތީ ތުއްތު 3 ދަރިންނާއެކު މަގުމަތިވި އަންހެނަކަށް މުއްސަނދިކަމާ ވެރިކަން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 34 ސިކުންތު

ނީމާ ނިޞްބަތްވަނީ އިންޑިއާގެ ހައިދަރުއާބާދަށެވެ. ނީމާގެ މައިން ބަފައިންނަކީ ވަރަށް ފަޤީރު ބައެކެވެ. އެހެންކަމާއިއެކުވެސް ނީމާގެ މައިން ބަފައިން އޭނާ ތަރުބިއްޔަތުކޮށްފައިވަނީ ވަރަށް ފުރިހަމައަށެވެ. ފުރިހަމަ މުސްލިމެއްގެ ކިބައިގައި ހުންނަންޖެހޭނެ ހުރިހާ ސިފަތަކާއިއެކުގައެވެ.

ނީމާގެ މައިންބަފައިންގެ ފަޤީރުކަމާއިއެކު އުމުރުން އެންމެ 16 އަހަރުގައި ކައިވެނިކުރީ މަޖުބޫރުވެގެންނެވެ. ޢާއިލާގައި 8 ދަރިން ތިބުމުން މައިން ބަފައިންނަށް ލުޔެއް ހޯދައިދިނުމުގެ މާތް ނިޔަތުގައެވެ.

ނީމާގެ ފިރިމީހާއަކީ އަވަށުގެ ވިޔަފާރިވެރިއެކެވެ. އުމުރަކީވެސް 35 އަހަރެވެ. ގެދޮރާއި މުދާހުރި ތަނަވަސް މީހެކެވެ. ނަމަވެސް ނަމާދުކުރުމަކީ އޭނާ ކުރާ ކަމެއް ނޫނެވެ. ހަމައެއާއިއެކު ބަނގުރާ ބުއިމާއި ޖުވާކުޅުންފަދަ ކަންކަމަކީ އޭނާ ޢާންމުކޮށް ކުރާ ކަމެކެވެ.

ނީމާ ގެންދިއައީ މާތް ﷲ އަށް ބިރުވެތިވުމަށާއި ޙަރާމްކަންކަން ނުކުރުން އެދި ފިރިމީހާއަށް އާދޭސްކުރަމުންނެވެ. ނަމާދުކޮށް މާތްﷲ އެންގެވި ގޮތުގައި އަމަލުތައް ބަހައްޓައި ދިނުމަށް އެދި އާދޭސްކުރަމުންނެވެ. ނީމާ ކުރަމުން ދިއަ އާދޭސްތަކަށް ފިރިމީހާ އެއްވެސް އިޖާބައެއް ނުދެއެވެ. އޭނާ އުޅެމުން ދިއައީ އޭނާ އުޅެން ބޭނުންވާ ގޮތަށެވެ.

ނީމާއަށް ފުރަތަމަ ދަރިފުޅު ލިބުނީ އުމުރުން 18 އަހަރުގައެވެ. ދެވަނަ ދަރިފުޅު ލިބުނީ 20 އަހަރުގައެވެ. 3 ވަނަ ދަރިފުޅު ލިބުނީ އުމުރުން 23 އަހަރުގައެވެ. ކޮންމެ ދަރިއަކު ލިބުމުންވެސް ނީމާގެ އާދޭސްތައް އިތުރުކުރެއެވެ. ދަރިންނަށްޓަކައިވެސް ތައުބާވެ އިޞްލާޙްވުން އެދި އާދޭސްކުރަމުންނެވެ.

ހަޔާތުގެ ދުވަސްތައް ފާއިތުވަމުން ގޮސް ނީމާގެ އުމުރުން 25 އަހަރު ފުރުމުން ނީމާ ނިންމީ ކިތަންމެ ނިކަމެތި ހާލުގައި އުޅެންޖެހުނު ނަމަވެސް ފިރިމީހާ އާއި ވަކިވުމަށެވެ. ނަމަވެސް ވަކިވެގެންދާނެ ތަނެއް ވެގެންދިއައީ އެންމެ ބޮޑު މައްސަލައަށެވެ.

އެނބުރި މައިން ބަފައިން ގާތަށް ދިއުމަކީ ފަސޭހަކަމެއް ނޫނެވެ. އެމީހުން ތިބީ މުސްކުޅި ވެފައެވެ. އިތުރު ތަކުލީފެއް އުފުލޭފަދަ ހާލެއްގައެއް ނޫނެވެ. އަވަށުގައި އެހެން ތަނެއްގައި އުޅުމަކީވެސް ކުރެވެން އޮތް ކަމެއް ނޫނެވެ. ފިރިމީހާގެ ކިބައިން ސަލާމަތް ނުވެވޭނެތީއެވެ.

ވަރަށް ބޮޑަށް ވިސްނުމަށްފަހު ނީމާ ނިންމީ އަވަށް ދޫކޮށް ދިއުމަށެވެ. މާދުރު އަވަށަކަށެވެ. މަގުމަތީގައި ސަލާންޖަހަން އުޅެންޖެހުނު ނަމަވެސް އެންމެ ރަނގަޅު ކަމަށެވެ. މާތް ﷲ އޭނާއަށް ދެރަވާނެ ގޮތަކަށް މިންވަރު ނުކުރައްވަވާނެކަމުގެ ޔަޤީންކަން އޮތުމުންނެވެ.

ނީމާއަށް ލިބިފައިވާ މަދު ގަހަނާކޮޅުގެ ތެރެއިން އަނގޮޓިއެއް ވިއްކައިލުމުން 3،000 ރުޕީސް ލިބުނެވެ. އެ ފައިސާ ކޮޅަށް ރޭލްވޭ ޓިކެޓް ގަނެގެން ކޮޗިންއަށް ދަތުރު ފެށީ ފިރިމީހާއަށް ސިއްރުންނެވެ. އަންގައިފިނަމަ ދިއަ ނުދޭނެތީއެވެ.

ކޮޗިންއަށް އައުމަށްފަހު ބޫތަކަށްވަދެ ފިރިމީހާއަށް ފޯނުކޮށް އޭނާ އާއި 3 ކުދިން ހޯދަން ނުއުޅުމަށް އެދުނެވެ. ނީމާ ބުނީ އޭނާއަކީ ފިރިމީހާ އާއި އެކަށީގެންވާ އަންބެއް ނޫން ކަމަށެވެ. އެހެންކަމުން ފިރިމީހާއަށް ފައިދާކުރާނީ ފިރިމީހާ އާއި އެއް މިޒާޖެއްގެ އަންބަކާއިއެކުގައި އުޅުމުން ކަމަށެވެ.

މީސްމީހުން ގާތު އަހައި އޮޅުންފިލުވައިގެން ނީމާ ދިއައީ މާދުރު ސަރަހައްދެއްގައި ހުރި ޔަތީމް ޚާނާއަކަށެވެ. ނީމާ އެތަނަށް ގޮސް އޭނާގެ ހާލަތު އޮޅުންފިލުވައިދިނުމަށްފަހު އެދުނީ މަހެއްހައި ދުވަހު ނަމަވެސް އެތަނުގައި ބައިތިއްބައި ދިނުމަށެވެ. އަމިއްލަ މަސައްކަތުން ކޮންމެވެސް ގޮތެއް ހޯދާނެ ފުރުޞަތެއް ދިނުމަށެވެ. ނީމާގެ އާދޭސް އެތަނުން ޤަބޫލުކުރިއެވެ. ނީމާ އާއި 3 ދަރިން އެތަނުގައި ބައިތިއްބައިދިނެވެ.

ކޮންމެ ދުވަހަކުވެސް ފަތިސް ނަމާދަށްފަހު އެތަނުން ލިބޭ ސައިފޮދު ދަރިންނަށް ބޯން ދިނުމަށްފަހު ނީމާ ނުކުންނަނީ މަސައްކަތެއް ލިބޭތޯއެވެ. ނޯކިރީ ކުރާނެ ގެއެއް ލިބޭތޯއެވެ.

ހުކުރު ދުވަހެވެ. ހުކުރުން މީހުން ފޭބިއިރު ތަން ފުރިފައިވަނީ ސަލާންޖަހާ މީހުންތަކުންނެވެ. އެންމެންވެސް އެދެމުން ދިއައީ ފައިށާ ފޮތްޗަކަށެވެ. ނަމަވެސް ކޮންމެ މީހަކާއި ހަމަވުމުން ނީމާ އެދެމުން ދިއައީ ނޯކިރީ ކުރާނެ ފުރުޞަތަކަށެވެ.

އެތައް ބައަކަށް އާދޭސްކުރިފަހުން ވަރަށް ޒުވާން ފިރިހެނަކު ނީމާއަށް އިޖާބަދިނެވެ. ޖީބުން އެޑްރެސް ކާޑެއް ނަގައި ނީމާއަށް ދިއުމަށްފަހު ބުނީ އެކާޑުގައިވާ އެޑްރެހަށް ގޮސް އޭނާގެ މަންމަ އާއި ބައްދަލުކުރުމަށެވެ. އުފަލުން ޝުކުރުގެ ސަޖިދަ ކުރުމަށްފަހު ނީމާ މަސައްކަތް ފެށީ އެ ގެ ހޯދުމަށެވެ. މީސްމީހުން ގާތު އަހަމުން ގޮސް އެ ގެ ފެނުނީ އަޞްރުވީ ފަހުންނެވެ.

ނީމާގެ ހާލަތު ވަރަށް ރަނގަޅަށް ކިޔައިދީ ކޮންމެވެސް ވަޒީފާއެއް ނުވަތަ ކުރާނެ މަސައްކަތެއް ދިނުން އެދި އާދޭސްކުރިއެވެ. މުސާރައެއް ނުދިން ނަމަވެސް 3 ދަރިންނާއި އޭނާ ގެންގުޅެލަ ދިން ނަމަވެސް އެންމެ ރަނގަޅުކަމަށް ބުނެ އާދޭސްކުރިއެވެ.

ނީމާގެ ވާހަކަތައް އަޑުއެހުމަށްފަހު ޝަރީފާ ބުނީ އޭނާއަކީ އަތުން ފޮތިވިޔުމުގެ މަސައްކަތްކުރާ މީހެއް ކަމަށެވެ. 3 ފެކްޓްރީ ހުންނަ ކަމަށާއި އެތަނުން އެންމެ ކުޑަ ފެކްޓްރީގެ ސްޓޮކް ބަލަހައްޓާ މީހެއްގެ ވަޒީފާ ދީފާނެ ކަމަށެވެ. "މުސާރައެއްވެސް ދޭނަން. އެތަނުގައި ހުންނާނެ ގެއެއް. އެގޭގައި 3 ކުދިން ގޮވައިގެން އުޅެވިދާނެ." ކަމަށް ބުނުމުން ނީމާ ވަގުތުން ޝުކުރުގެ ސަޖިދަކުރިއެވެ.

ނީމާ އަށް ލިބުނު ފުރުޞަތުގެ ބޭނުންކޮށް ވަޒީފާ އަދާކުރަން ފެށިއެވެ. ނީމާ ހަމައެކަނި ސްޓޮކް ބަލަހައްޓަނީއެއް ނޫނެވެ. ފުރުޞަތު ލިބޭ ވަރަކުން ފެކްޓްރީގެ އެހެން މަސައްކަތްތައްވެސް ކުރެއެވެ. ނަތީޖާއަކަށްވީ 3 އަހަރު ތެރޭގައި ވަޒިފާގެ ކުރިއެރުން ލިބި އެންމެ ބޮޑު ފެކްޓްރީގައި ވަޒީފާ އަދާކުރުމުގެ ފުރުޞަތު ލިބުމެވެ.

މިހާރު ނީމާއަކީ 400 އަށްވުރެ ގިނަ މުވައްޒިފުންގެ މަސައްކަތްތައް ބަލަހައްޓާ އެންމެ އިސް ސްޕަވައިޒަރެވެ. އެކަށީގެންވާ މުސާރައެއްވެސް ލިބެއެވެ. ނީމާގެ 3 ދަރިން ސްކޫލަށް ދެއެވެ. ދިރިއުޅެނީވެސް ކުޑަވަރެއްގެ ފްލެޓެއްގައެވެ.

4 އަހަރު ފަހުން ނީމާއަށް ނޫހުން ފެނުނީ ފެންކަޅިވާންޖެހުނު ޚަބަރެކެވެ. އޭނާގެ ފިރިމީހާ މަސްތުވެގެން ހުރެ ކާރު ދުއްވަނިކޮށް އެކްސިޑެންޓްވެ މަރުވި ޚަބަރެވެ.

އެ ޚަބަރު ލިބުމާއިއެކު ޗުއްޓީއެއްގައި ނީމާ އަވަށަށް ދިއައެވެ. މައިން ބަފައިންގެ ގެއަށެވެ. ޖަމާކުރެވިފައި ހުރި ފައިސާކޮޅުން ބައެއް މައިން ބަފައިންނަށް ހަދިޔާކުރުމަށެވެ.

އަވަށަށް ދިއުމުން ފިރިމީހާގެ ޢާއިލާއިން ބޭނުންވީ ފިރިމީހާގެ މުދަލާއި ހަވާލުވުމަށެވެ. ފިރިމީހާގެ ތަނަވަސްކަމުގެ ބޭނުންކޮށް ދަރިންނަށް ރަނގަޅު މުސްތަޤްބަލެއް ހޯދައިދޭން މަސައްކަތްކުރުމަށެވެ.

ނީމާ ވަރަށް ފުންކޮށް ވިސްނައިލިއެވެ. ދަރިންގެ ޙައްޤުގައި އެ ހުށަހެޅުން ޤަބޫލުކުރިއެވެ. އެއީ ދަރިންނަށް ޙަލާލު އެމީހުންގެ މުދާކަމަށްވާތީއެވެ.
6 އަހަރު ފުރުނު އިރު ނީމާއަކީ ފިރިމީހާގެ ވިޔަފާރީގެ އިތުރުން ު އަމިއްލަ އަވަށުގައި ފޭރާން ވިޔާ ކާރުޚާނާއެއް ވެސް ހިންގާ އަންހެނެކެވެ. ނީމާގެ ކާރުޚާނާގައި އެތައް ސަތޭކަ އަންހެނުން މަސައްކަތްކުރެއެވެ. ނީމާގެ އުންމީދަކީ އަވަށުގައި ޔަތީމްޚާނާއެއް ހިންގައި ނިކަމެތިންނަށް އެހީތެރިވުމެވެ.

ނީމާގެ ހަޔާތް ނޫސްވެރިންނަށް ކިޔައިދެމުން ބުނެފައިވެއެވެ. "އަހަރެންގެ ހަޔާތުގައި މިހައިތަނަށް ލިބުނު ހުރިހާ ކާމިޔާބީއެއްގެ ސިއްރަކީ ނަމާދެވެ. މާތް ﷲ އަށް ވަކީލްކޮށް ހައްޤު މަގު އިޚްތިޔާރުކުރުމެވެ. މާތް ﷲ އަށް ވަކީލުކޮށް މާތް ﷲ ގެ މަގުގައި ސާބިތުވެ ހުރުމަށް ގަދައަޅައި ކުރި މަސައްކަތެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށްسلما 2017-10-05 00:30:17

الحمدلله


އަބްދުއްލަތީފް