މަންމައާ ބައްޕައާ ކޮއްކޮމެން ރޯދަވީއްލާނެ އެއްޗެއް ހޯދަން ލައިގެން ހުރި ގަމީސް ވިއްކާލަން އުޅުނު ކުއްޖަކަށް ފޭރާން ފިހާރައެއް!

މަންމައާ ބައްޕައާ ކޮއްކޮމެން ރޯދަވީއްލާނެ އެއްޗެއް ހޯދަން ލައިގެން ހުރި ގަމީސް ވިއްކާލަން އުޅުނު ކުއްޖަކަށް ފޭރާން ފިހާރައެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 59 ސިކުންތު

ވަސީމް ނިޞްބަތްވަނީ މޮރޮކޯ ނުވަތަ މަޣްރިބް ކަރައިގެ އަވަށަކަށެވެ. އޭނާގެ މައިން ބަފައިންނަކީ ފުދުންތެރިކަމާއިއެކު ދިރިއުޅެމުން އައި ބައެކެވެ. މުއްސަނދިންގެ ތެރޭގައި ނުހިމެނުނު ނަމަވެސް އަމިއްލަ ބޭނުންތައް ފުއްދާލައިގެން އެކަށީގެންވާ ފެންވަރެއްގައި ދިރިއުޅެމުން އައި ޢާއިލާއެކެވެ.

ވަސީމް އަކީ އުމުރުން 19 އަހަރުގެ ޒުވާން ކުއްޖެކެވެ. ވަސީމްގެ ހަގަށް 5 ކޮއްކޮ ތިބި އިރު އެކުދިންނަކީ އުމުރުން 17 އަަހަރުން ދަށުގެ ކުދިންނެވެ.

ވަސީމްގެ ޢާއިލާއަށް މައްސަލަތައް ކުރިމަތިވާން ފެށީ ބައްޕަ އެކްސިޑެންޓްވެ ފައަށް ލިބުނު އަނިޔާއަކާއި ގުޅިގެން މަސައްކަތް ނުކުރެވެން ފެށުމުންނެވެ. ނަތީޖާއެއްގެ ގޮތުން ކެއިން ބުއިމަށް ވެސް ދަތިވެ މާލީ ބޮޑެތި މައްސަލަތައް ކުރިމަތިވަމުން ގޮސް އެދުވަހަކީ ގޭގައި ކާނެ އެއްވެސް އެއްޗެއް ނެތް ދުވަހެކެވެ.

ވަސީމް އަކީ އެއްގޮތަކަށްވެސް ސަލާންޖަހައި އާދޭސްކުރަން ބޭނުންވާ ކުއްޖެއް ނޫނެވެ. އޭނާގެ އުންމީދަކީ ކިޔަވައިގެން ރަނގަޅު ވަޒީފާއެއް ހޯދުމެވެ. ޒިންމާދާރު މީހަކަށްވުމެވެ. އެހެންކަމުން އެދުވަހުވެސް ސަލާންޖަހުމަށް ވަސީމް ބޭނުމެއް ނުވިއެވެ.

ވަސީމް ގެއިން ނުތީ އަތުގައި އޮތް އެންމެ ރީތި ގަމީސް ލައިގެންނެވެ. ވަރަށް ހެވިފައި ހުރެގެންނެވެ. އެއްވެސް ހާސްކަމެއް މޫނު މައްޗަކުން ނުދައްކައެވެ. އަތުގައި އޮތް އެންމެ ބައު ގަމީސް ކޮތަލަކަށް ލައިގެންނެވެ.

ގެއިން ނުކުމެ އެތައް ހިސާބަކަށް ހިނގުމަށްފަހު ލައިގެންހުރި ގަމީސް ބޭލިއެވެ. އަދި ކޮތަޅުގައި އޮތް ބައު ގަމީސް ލިއެވެ. އެއަށްފަހު ފޭރާން ވިއްކާ ފިހާރަތަކެއްގެ ކައިރީގައި ހުރެގެން އޭނާ މަސައްކަތްކުރީ ކޮންމެވެސް އަގަކަށް އޭނާގެ ގަމީސް ވިއްކައިލުމަށެވެ. މަންމަ އާއި ބައްޕަ އަދި ކޮއްކޮމެން އެންމެ ފަހަރަކު ނަމަވެސް ބަނޑުފުރާނަ މުއްތިކޮށްލާނެ ފައިސާކޮޅެއް ހޯދުމުގެ ބޭނުމުގައެވެ.

ވަސީމްގެ އާއިލާއަކީ ކުރިންސުރެ ސުންނަތް ރޯދަތައް ހިފަމުން އައި ޢާއިލާއެކެވެ. ގޭގެ އެންމެން އެދުވަހު ވެސް ތިބީ ރޯދައަށެވެ. ރޯދަ ވީއްލަން ކާނެ އެއްވެސް އެއްޗެއް ގޭގައި ނެތުމަކީ ވަސީމް މަގުމައްޗަށް ނުކުތް އެންމެ ބޮޑު ސަބަބެވެ.

މެންދުރު އެންމެ ޙޫނު ގަދަވުމުންވެސް އަނބުރައި ގެއަށް ދާން ވަސީމް ބޭނުމެއް ނުވިއެވެ. ގަދަ ޙޫނުގައި ހުރެ އާދޭސްކުރަމުން ދިއައީ ކޮންމެވެސް އަގެއްގައި އޭނާގެ ގަމީސް ގަތުމަށެވެ.

މެންދުރު ނަމާދު ވަގުތުޖެހުމުން ކައިރީހުރި މިސްކިތަކަށް ގޮސް ނަމާދުކޮށް އޭނާގެ ޢާއިލާއަށް ކުރިމަތިވެފައިވާ ނިކަމެތި ހާލަތުން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާ ކުރުމަށްފަހު އެނބުރި އައިސް ހަމަ އެތަނުގައި ހުރެގެން މަސައްކަތްކުރަމުން ގެންދިއައީ އޭނާގެ ގަމީސް ވިއްކައިލުމަށެވެ.

ޢަޞްރު ވަގުތުވުމުން އަޞްރު ނަމާދަށްވެސް ދިއައެވެ. ނަމާދަށްފަހު މާތް ﷲ އަށް ދުއާކޮށް މާތް ﷲ ގެ ޙަޟްރަތުން ވާގިއެދެމުން އައިސް ހަމަ އެތަނުގައި މަޑުކޮށްގެންހުރެ ވަސީމް މަސައްކަތްކުރަމުން ގެންދިއައީ އޭނާގެ ގަމީސް ވިއްކައިލުމަށެވެ.

އެހެން ހުއްޓައި މީހަކު އައިސް ބުނީ އެތަނުގައި ފިހާރައެއްގެ ސޭޓު އޭނާއާއި ބައްދަލުކުރަން ބޭނުންވާ ކަމަށެވެ. ކޮންމެވެސް ހެޔޮ ރަޙްމަތަކަށް އެދެމުން ވަސީމް ސޭޓާއި ބައްދަލުކުރިއެވެ.

ވަސީމް އާއިބެހޭގޮތުން ސޭޓު މައުލޫމާތު އޮޅުންފިލުވިއެވެ. ވަސީމް ލޮލުން ކަރުނަ ބާލަމުން ދެއްކި ވާހަކަތައް ސޭޓު ވަރަށް ރަނގަޅަށް އަޑުއެހިއެވެ. އަޑުއެހުމަށްފަހު ބޭނުންވީ ވަސީމް އާއިއެކު ވަސީމްގެގެއަށް ދިއުމަށެވެ.

ވަސީމް ސޭޓު ގޮވައިގެން ގެއަށް ގޮސް ގޭގެ ހާލަތު އޭނާއަށް ދެއްކިއެވެ. ވަސީމް ދެއްކި ވާހަކަތައް އެއީ ތެދުކަމާއި ވަސީމްގެ ހަރުދަނާކަން ސޭޓަށް ޔަޤީން ކުރެވުމުން ސޭޓު ބުންޏެވެ.

"އަހަރެންނަކީ ފޭރާމުގެ ވިޔަފާރިކުރާ މީހަކީމެވެ. އަތުގައި ފައިސާ ވެސް އެބަހުއްޓެވެ. މާތް ﷲ ވަނީ ތަނަވަސްކަން އަހަރެންނަށް މިންވަރު ކުރައްވައިފައެވެ. އަހަރެންގެ ދަރިއަކު ނެތެވެ. އަނބި މީހާވެސް ވަނީ ދާދިފަހުން ނިޔާވެފައެވެ. އެހެންވީމާ ތިއަ ހުރިހާ ކުދިންނަކީ އަހަރެންގެ ދަރިންގެ ގޮތުގައި ބަލައިގެންފީމެވެ. ތިއަ ދެމަފިރިންނަކީ އަހަރެންގެ އެއްބަޑު އެއްބަފާ ބައެއް ކަމަށް ވެސް ބަލައިގެންފީމެވެ.

އަހަރެން ވަސީމްގެ ކިބައިން އެދެނީ އަހަރެންގެ ފިހާރައިގައި އުޅެދިނުމެވެ. ވިޔަފާރި ދަސްކޮށް ވިޔަފާރިާއި އަމިއްލައަށް ހަވާލުވުމަށެވެ. އަދި އެއީ އަމިއްލަ ފިހާރަކަމަށް ޤަބޫލުކުރުމަށެވެ. އަހަރެންގެ ފިހާރައަކީ ވަސީމްގެ ފިހާރައަކަށް ހަދައިދޭނަމެވެ.

ދެން ވަސީމް ކޮށްދޭން ބޭނުން ކަމަކީ އަހަރެންނަށް ޕެންޝަން ދިނުމެވެ. ދެވަނަ ބައްޕަގެ ގޮތުގައި ބަލައިގަނެ އަހަރެން ބަލަހައްޓައި ދިނުމަށެވެ. އެދުވަހަކުން އަހަރެން މަސައްކަތުން އިސްތިއުފާ ދޭނަމެވެ. ހަޔާތުގެ ބާކީ އޮތް ދުވަސްތައް ހޭދަކުރަން ބޭނުންވަނީ އަޅުކަމުގައި ކަމަށެވެ."

ސޭޓު ބުނީ އޭނާ އެގޮތަށް ނިންމަން ޝައުޤުވެރިވީ ވަސީމް އެދުވަހުގެ މެންދުރު ނަމާދާއި ޢަޞްރު ނަމާދަށްފަހު ލޮލުން ކަރުނަތައް ބާލަމުން މާތް ﷲ އަށް ދުޢާކުރާތަން ފެނުމުން ކަމަށެވެ. ވަސީމްހައި އުމުރުން ހަގު ކުއްޖެއްގެ ކިބައިން އެފަދަ އަމަލުތަކެއް ފެނުމުން އޭނާއަކީ ރަނގަޅު މުސްތަޤްބަލެއް އޮތް ޒުވާން ދަރިއެއް ކަމަށް ޔަޤީންކުރެވުމުން ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށްKiyaa meehaa 2017-10-08 00:24:27

Good really motivational


އަބްދުއްލަތީފް