ހެޔޮލަފާ ފުރާނައެއް ހަށިގަނޑާއި ވަކިވެގެންދާހިނދު އެފުރާނައަށް ވަނީ ކިހިނެއްކަން އިނގޭތަ؟

ހެޔޮލަފާ ފުރާނައެއް ހަށިގަނޑާއި ވަކިވެގެންދާހިނދު އެފުރާނައަށް ވަނީ ކިހިނެއްކަން އިނގޭތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 54 ސިކުންތު

މިއީ އުސްތާޛް ބިލާލް އައްސަދުގެ ދަރުހެއްގައި އެމަނިކުފާނު ދައްކަވާފައިވާ ވާހަކަފުޅެއްގެ ތަރުޖަމާއެކެވެ.

"ފުރިހަމައަށް އިސްލާމްދީން ޤަބޫލުކޮށް ތެދުމަގަށް އުޅޭ އަޅާ މިދުނިޔެއާއި ވަކިވެގެންދާ ވަގުތު ޖެހުމުން، ރީތިކަމުން ފުރިގެންވާ ދެ މަލާއިކަތް ބޭކަލުން އުނޑުން ބިމަށް ފައިބާ ވަޑައިގަންނަވާނެއެވެ.

އެ ދެ މަލާއިކަތް ބޭކަލުންގެ މޫނުފުޅުގެ ނޫރުން ހީވާނީ އެބޭކަލުންގެ މޫނުފުޅަކީ ވެސް އިރު ތަކެއް ހެންނެވެ. އެބޭކަލުންގެ ގައިކޮޅުގައި ސުވަރުގޭގެ ހުވަނދުކޮޅު ލެވިފައިވާނެއެވެ.

އެބޭކަލުން ވަޑައިގަންނަވާނީ ސުވަރުގެއިން ރަޖާކޮޅެއްފާޑު ފޮތިގަނޑެއް ހިއްޕަވައިގެންނެވެ. އެފޮތިގަނޑު، ނިޔާވާން އުޅޭ ޞާލިޙު އަޅާގެ ހަށިކޮޅުގައި އޮޅާލައްވާނެއެވެ. އެހިނދު ސުވަރުގޭގެ މީރު ހުވަނދުކޮޅު އެބައެއްގެ ހަށިކޮޅުގައި ވެސް ލެއްވޭނެއެވެ.

މަލަކުލް މައުތުގެފާނު ވެސް އެވަގުތު އެތަނުގައި ހުންނަވާނެއެވެ. އަދި އިޚުލާސްތެރި ޞާލިޙު އަޅާގެ ފުރާނަފުޅަށް މަލަކުލް މައުތުގެފާނު ވިދާޅުވާނެއެވެ.

'އޭ ސާފު ޠާޙިރުވެގެންވާ ފުރާނަފުޅާއެވެ. ވެރި ރަސްކަލާނގެ ދެއްވަވާ މަތިވެރި ނިޢުމަތް ލިބިގަންނަން ތިޔަ ހަށިކޮޅުން ނިކުންނަވާށެވެ.'

ރަސޫލާ (ޞޢޥ) ޙަދީޘްފުޅު ކުރެއްވިއެވެ. 'ތެދުމަގު ލިބިގެންވާ ޞާލިޙު އަޅާގެ ފުރާނަފުޅު އެހިނދު އެހަށިކޮޅުން ނިކުންނަވާނެއެވެ. ނުވަތަ މަލަކުލް މައުތުގެފާނު އެފުރާނަފުޅު، މިފަދައިން ނަންގަވާނެއެވެ. އެއީ ޖަގަކުން ތައްޓަށް ފެންފޮދު އެޅޭ ފަދައިންނެވެ.'

ޖަގަކުން ތައްޓަށް ފެންފޮދު އެޅެނީ ނުހަނު މަޑުމަޑުން، އެއްވެސް ދަތިކަމެއް ނެތިއެވެ.

ބިމަށް ފައިބާ ވަޑައިގަތް ދެ މަލާއިކަތް ބޭކަލުން، މަލަކުލް މައުތުގެފާނު އެފުރާނަފުޅު ހިއްޕަވައިގެން ގިނައިރު ހުއްޓަނުދެއްވާނެއެވެ. ފުރާނަފުޅު ނެރުއްވުމާއިއެކު އެ ދެމަލާއިކަތް ބޭކަލުން، ސުވަރުގެއިން ގެންނެވި ފޮތިގަނޑާއި ހުވަނދުތައް މަތީގައި އެފުރާނަފުޅު ބާއްވައެވެ. އަދި އެފޮތިގަނޑު ހިއްޕަވައިގެން ހަތް އުނޑަށް ދަތުރު ކުރައްވައެވެ. އެދަތުރުފުޅުގައި ބައިވަރު މަލާއިކަތް ބޭކަލުންނައިވެސް ބައްދަލު ވާނެއެވެ. ދުނިޔެއިން ފެށިގެން އުޑުތަކާއި ދެމެދު ގުނާ އަދަދު ނުކުރެވޭހާ ގިނަ މަލާއިކަތުން ވެއެވެ. ކޮންމެ މަލާއިކަތް ބޭކަލެއްވެސް އެ ދެމަލާއިކަތުން ކުރެން އައްސަވާނެތެވެ. 'މިއީ ކާކުގެ ޠާޙިރު ރިވެތި ފުރާނަފުޅެއް ހެއްޔެވެ. ޖަވާބުގައި އެމަލާއިކަތް ބޭކަލުން ވިދާޅުވާނެއެވެ. މިއީ އެވެނި މިވެނި މީހެއްގެ ދަރިކަލެކެވެ. މަލާއިކަތް ބޭކަލުން އެފުރާނަފުޅަށް ވަރަށް ވެސް ރީތިވެގެންވާހާ ނަންތައް ދެއްވަވާނެއެވެ. ދަތުރުފުޅުގައި ބައްދަލުވާ ހުރިހާ މަލާއިކަތް ބޭކަލުން ވެސް އެޞާލިޙު ފުރާނަފުޅަށް މަރުޙަބާ ދަންނަވާނެއެވެ.

މަލާއިކަތް ބޭކަލުންގެ ކޮނޑުފުޅު މަތީގައި ދަތުރުކުރަމުން، ފުރަތަމަ އުޑާއި ހަމައަށް ދެވޭނެއެވެ. ފުރަތަމަ އުޑާއި ހަމަވުމުން ގޭޓުކޮޅެއް ފެނިވަޑައިގަންނަވާނެއެވެ. އެގޭޓުކޮޅު ކައިރީގައިވެސް ދެ މަލާއިކަތް ބޭކަލުން ހުންނަވާނެއެވެ. ގޭޓުކޮޅާއި ކައިރިވުމުން މަލާއިކަތް ބޭކަލުން، ފުރާނަފުޅު އުފުއްލަވައިގެން ވަޑައިގެންނެވި މަލާއިކަތުންކުރެ އައްސަވާނެއެވެ. 'މިއީ ކޮން ޞާލިޙު އަޅެއްގެ ފުރާނަފުޅެއްތޯ އެވެ' ޖަވާބުގައި އެމަލާއިކަތް ބޭކަލުން، އެފުރާނަފުޅަށް ދެއްވެވި ރީތިނަންފުޅުތައް ވިދާޅުވާނެއެވެ. އަދި ގޭޓުކޮޅު ހުޅުވާދެއްވުމަށް އެދިލައްވާނެއެވެ.

އެހިނދު އެގޭޓޫކޮޅު ހުޅުވުމުން، ދެވަނަ އުޑަށް ދަތުރު ކުރެވޭނެއެވެ. މިފަދައިން ބައްދަލުވާ ކޮންމެ މަލާއިކަތް ބޭކަލުންނެއްވެސް ސުވާލުކުރައްވާނެއެވެ. އަދި ހަމަ މިފަދައިން ޖަވާބުވެސް ދެއްވުމުން އެހުރިހާ މަލާއިކަތް ބޭކަލުން މަރުޙަބާ ދަންނަވާނެއެވެ. މިދުނިޔެއިން ވަކިވެގެންދާ ހިނދު، އެއްވެސް އަނދިރިކަމެއް ނުފެނި، އަލިގަދަ ނޫރުތަކެއް، ތިމާއަށް މަރުޙަބާ ދެންނެވުމުން ހިތައް ވެރިވާނެ އުފާ ވިސްނަވާށެވެ.

އެތަނުގައި ތިމާއަށްޓަކައި އެއްވެސް ނަފްރަތެއް ނުވެއެވެ. އެތަނުގައި އެހުރިހާ ބޭކަލުންގެ ތެރޭގައިވެސް އެންމެ މަޝްހޫރީ ތިމާއެވެ.

ތިމާއަށްޓަކައި މާތް ﷲ (ސުބްޙާނަހޫ ވަތައާލާ) ލައްވަވާފައިވާ ނިޢުމަތްތައް ދައްކަވާލުމުގެ ދަތުރުފުޅެއް އެމަލާއިކަތުން ތިމާއަށް ދެއްވާނެއެވެ.

ބިމުގައި އެޞާލިޙު އަޅާގެ ހަށިކޮޅު ހިނަވާ، ހުރިހާކަމެއް ނިމި، ވަޅުލާންވީ ވަގުތު ޖެހުމުން، އެހަށިކޮޅާއި ގާތަށް ފުރާނަފުޅު ގެންދެވުމަށް ﷲ (ސުބްޙާނަހޫވަތައާލާ) އެމަލާއިކަތް ބޭކަލުންނަށް އަމުރުކުރައްވަވާނެއެވެ. އެއީ ވަޅުލުމަށްފަހު އެފުރާނައާއި، ކަށްވަޅުގައި ސުވާލު ކުރެއްވުމަށެވެ.

އެެހެންކަމުން މަލާއިކަތްބޭކަލުން އެފުރާނަފުޅު އަނބުރާ ހަށިކޮޅު ކައިރިއަށް ގެންދަވާނެއެވެ.

ރަސޫލާ (ޞޢޥ) ޙަދީޘްފުޅު ކުރެއްވިއެވެ. 'ކަށްވަޅުގައި ވެސް ދެ މަލާއިކަތުން ފެނިވަޑައިގަންނަވާނެއެވެ. އެއީ މުންކަރް ގެފާނާއި ނަކީރް ގެފާނެވެ. އެދެބޭކަލުންގެ މޫނުފުޅު ހުންނަވާނީ ވަރަށްވެސް ބިރުވެރި ގޮތަކަށެވެ. އެއީ ކޮންގޮތެއްކަމެއް ﷲ ފިޔަވާ އެހެން އެެއްވެސް ފަރާތަކަށް އެނގިވަޑައެއް ނުގަންނަވައެވެ'

ހެޔޮލަފާ ޞާލިޙު އަޅުންނަށާއި ޞާލިޙު ނޫން އަޅުންނަށް ވެސް މުންކަރްގެފާނާއި ނަކީރްގެފާނު ފެނިވަޑައިގަންނަވާނީ އެއްގޮތަކަށް ކަމަށް ރަސޫލާ (ޞޢޥ) ޙަދީޘްފުޅު ކުރައްވަވާފައިވެއެވެ. ނަމަވެސް ތަފާތަކީ، ހެޔޮލަފާ ޞާލިޙު އަޅުންގެ އީމާންތެރިކަން ވަރުގަދަވުމުން، މިބިންމަތީގައާއި، ކަށްވަޅުގައި ވެސް އަދި ހިސާބު ބެއްލެވޭ ދުވަހުވެސް އެފަދަ މީހުން ބިރުނުގަތުން ކަމަށް ކީރިތި ޤުރްއާނުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

އެފުރާނައާއި ސުވާލު ކުރެއްވޭނެއެވެ. 'ކަލޭގެ ވެރިރަސްކަލާނގެއަކީ ކޮން ފަރާތެއް ހެއްޔެވެ؟ ކަލޭގެ ދީނަކީ ކޮބާ ހެއްޔެވެ؟ ކަލޭމެންނަށް ފޮނުއްވެވީ ކޮންބޭފުޅެއް ހެއްޔެވެ؟'

ހެޔޮލަފާ ޞާލިޙު އަޅެއްގެ ފުރާނަ ޖަވާބު ދެއްވާނެއެވެ. 'އަހުރެންގެ ކަލާނގެއީ މާތް ﷲ (ސުބްޙާނަހޫ ވަތައާލާ) އެވެ. އަހުރެން އަޅުކަންކޮށް، ކަލާނގެ ކަމަށް ޤަބޫލުކުރީ ހަމައެކަނި އެކަލާނގެއެވެ. އަހުރެންގެ ދީނަކީ އިސްލާމް ދީނެވެ. އަދި އަހުރެމެންނަށް ފޮނުއްވެވީ އެންމެ ފަހު ރަސޫލާ މުޙައްމަދު (ޞޢޥ) އެވެ. އަހުރެންނަށް އެކަލޭގެފާނުގެ ގޮވާލެއްވުންތައް އިވި، އެގޮވާލުންތައް އަހުރެން އަޑުއެއްސެވީމެވެ.'

އެހިނދު އެމަލާއިކަތުން ވިދާޅުވާނެއެވެ. 'ނިދާށެވެ. ނުވަތަ އަރާމުކުރާށެވެ. އެެހެނީ ތިޔަ ރިވެތި ފުރާނައަށް ދެން ކުރިއަށް ލިބެން އޮތް ނިޢުމަތްތައް މާބޮޑެވެ.'

އެހިނދު ވާތް ފަރާތަށް ބަލާލުމަށް ވިދާޅުވާނެއެވެ. ވާތް ފަރާތަށް ކުޑަކޮށް ބަލާލުމުން، ނަރަކައިގެ ވޭން ދެނިވި އަލިފާންގަނޑު އެމީހުންނަށް ފެންނާނެއެވެ. ނަރަކަ ފެނުމުން އެމީހުން ބިރުން ދުރަށްޖެހިލާނެއެވެ. އެހިނދު މަލާއިކަތް ބޭކަލެއް ވިދާޅުވާނެއެވެ. 'ކަލޭގެ ހެޔޮލަފާ ރަނގަޅު އުޅުމުގެ ސަަބަބުން މާތް ﷲ ކަލޭ އެތަނުން ސަލާމަތް ކުރައްވަވާފިއެވެ.' މިހެން ބުނެފައި ނަރަކަ ފެންނަ ދިމާ ބަންދު ކުރައްވަވާނެއެވެ.

ކަނާތް ފަރާތަށް އެނބުރުމަށް ދެންނެވުމުން، އޭނާ އެފަދައިން ކަންތައް ކުރައްވަވާނެއެވެ. އެހިނދު އޭނާއަށް ސުވަރުގޭގެ މަތިވެރި ނިޢުމަތްތައް ފެންނާނެއެވެ. އޭނާ ސުވަރުގެއަށް ދާހިތްވާނެއެވެ. އެވަގުތު މަލާއިކަތް ބޭކަލުން ދަންނަވާނެއެވެ. 'މިއީ ކަލޭ ދާން ހުރިތަނެވެ. ސުވަރުގެއަށް ދެވޭނެ މަގު ކަލޭ ފަހި ކުރައްވަވައިފިއެވެ.'

ރަސޫލާ (ޞޢޥ) ހަދީޘްފުޅު ކުރައްވާފައިވަނީ، ޞާލިޙު އަޅާއަށް ސުވަރުގެ ފެނުމުން އެކަލާނގެ ޙަޟްރަތަށް ދުޢާ ދަންނަވާނެ ކަމަށެވެ. 'ޔާ ﷲ. ދުނިޔެ އަވަހަށް ނިންމަވާފާނދޭވެ. އެއީ މިއަޅާއަށް މިއަޅާގެ އާއިލާއާއި، މިއަޅާއަށް ސުވަރުގޭގައި ލިބުމަށް ރޯދި ކުރައްވަވާފައިވާ ބަރަކާތްތައް އަވަހަށް ލިބުމަށެވެ'

އެހިނދު އޭނާގާތަށް ވަރަށް ވެސް ރީތި މީހެއް ދާނެއެވެ. އޭނާ ފެނުމުންވެސް އެއީ އުފާވެރި ޚަބަރުތަކަކާއިގެން ދިޔަ މީހެއްކަން ހާމަވާނެއެވެ. އެއީ ކާކުތޯ އެހުމުން، އެމީހާއަކީ، މިބިންމަތީގައި އޭނާ ކުޅަ ހެޔޮ ޢަމަލުތައް ކަމަށް ބުނާނެއެވެ. އަދި އޭނާ އެހާ ރީތިވީ، އެމީހާގެ ހެޔޮ ޢަމަލުތައް ގިނަ ވުމުން ކަމަށް ވެސް ވިދާޅުވާނެއެވެ. އެމީހާ އޭނާއާއި ވަކިނުވާނެ ކަމަށް ވެސް ވިދާޅުވާނެއެވެ."

ގުޅުންހުރި ވީޑިއޯ:

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
50%
ރަނގަޅު
50%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް







2017-11-19 18:49:27

ya Allah helofaa alhunge thereygai alhamen lavvafaan dheyve. .Aameen

ޒާހިރާ އަލީ 2017-11-19 19:59:11

ހަސްބުނަﷲވަނިއުމަލް ޥަކީލު

ޙުސައިން ރަޝީދު 2017-11-19 20:47:25

ޔާ ﷲ މިއަޅާ ސާލިހު އަޅުންތަކުގެތެރޭ ލައްވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކޮށްދެއްވައި ފާނދޭވެ. އާމީން.

حوا 2017-11-19 22:02:26

سبحان الله

އާދަމް 2017-11-19 23:16:36

ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާގެ ހުރިހާ މުސްލިމުން އަހުންނާ އުހްތުންގެ ފާފަ ފުއްސަވާ ރަހުމަތް ލައްވާާންދޭ

rash 2017-11-20 09:39:32

ވަރަށް ގިނަ ދަރުސް ލިބިގެން ދިޔަ ލިއުމެއް. އަޅަމެންނީ ތިފަދަ މަތިވެރި ނިޢުމަތް ހޯދުމަށް މަސައްކަތް ކުރާ ބަޔަކު ކަމުގައި ލައްވާށި. އާމީން. އުފާވެރި ކަމުގެ ޚަބަރަށްފަހު ބިރުވެރި ކަމުގެ ޚަބަރަކުން އީމާންތެރިކަން ތެރިކަން އިތުރު ކުރުމަށް ނުބައި މީހާގެ ފުރާނަ ހަށިގަނޑާ ވަކިވެގެން ދާހިނދު އެފުރާނައަށް ވާގޮތް ގެނެސް ދެއްވުން ކީއްތޯ?


މަރިޔަމް ވަހީދާ