ނިކަމެތި ނަމަވެސް އަޚްލާޤާ ތަޤްވާއިން ނަމޫނާ ދެއްކި ސިއްތި- މުޅި އަތޮޅަށް ނަމޫނާއެއް!

ނިކަމެތި ނަމަވެސް އަޚްލާޤާ ތަޤްވާއިން ނަމޫނާ ދެއްކި ސިއްތި- މުޅި އަތޮޅަށް ނަމޫނާއެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 18 ސިކުންތު

މެދުރާއްޖެތެރޭގެ ރަށަކަށް ނިޞްބަތްވާ އިސްމާޢީލް އަކީ އޭނާ ކުރާ ކޮންމެ ކަމެއްވެސް އެންމެ ރަނގަޅަށް ކުރަން މަސައްކަތްކުރާ ޒުވާނެކެވެ. އެގޮތުން އޭނާކުރާ ކޮންމެ މަސައްކަތެއްވެސް އެންމެ ރަނގަޅު ފެންވަރުގައި ކުރާތީ އިސްމާއިލަކީ ކުރާނެ މަސައްކަތްތައް އަބަދުވެސް ފުނިޖެހިފައި ހުރެއެވެ.

1983 ވަނަ އަހަރަކީ އޭނާގެ އުމުރުން 30 އަހަރު ފުރުނު އަހަރެވެ. ކައިވެނި ކުރަން ނިންމައިގެން ހުރި އަހަރެވެ. އެހެންކަމުން އަހަރު ފެށުމާއިއެކު ކައިވެނިކުރާނެ އަންހެނަކު ހޯދުމުގެ މަސައްކަތް އޭނާ ފެށިއެވެ.

އަހަރުގެ ކުރީކޮޅު އިސްމާއިލް މާލެ އައި ދަތުރެއްގައި ދީނީ އިލްމުވެރިއަކާއި މަޝްވަރާކުރިއެވެ. ކައިވެނިކުރަން އެންމެ ރަނގަޅު އަންހެނަކު ހޯދާނެ ނުވަތަ އިޚްތިޔާރުކުރާނެ ގޮތަކާއިމެދުގައެވެ.

ދީނީ އިލްމުވެރިޔާ ދެއްވި ލަފާގައި ވިދާޅުވީ ސިފައަށް ނުބެލުމަށެވެ. ތަޤްވާވެރިކަމަށް ބެލުމަށެވެ. އިލްމުވެރިޔާ ވިދާޅުވީ އެއީ އޭނާގެ އަމިއްލަފުޅު ނިންމެވުމެއް ނޫން ކަމަށާއި ކައު އިތުރު ރަސޫލާގެ ހަދީޘްފުޅުތަކުން އެގެން އެބައޮތް ކަމަށެވެ.

އިސްމާޢީލް އެނބުރި ރަށަށް ގޮސް ވިސްނަން ފެށިއެވެ. ރަށުގެ ކޮންމެ އަންހެނަކީވެސް އޭނާ އާއި ކައިވެނިކުރާނެ ކުއްޖެއްކަން އިސްމާޢީލްއަށް އެނގެއެވެ. ރަށުގެ އެންމެ ރީތި އަދި އެންމެ ޤަދަރުވެރި ބައެއް އަންހެން ކުދިން ވަނީ އަމިއްލައަށްވެސް އިސްމާޢީލް އާއި ކައިވެނިކުރަން އެދިފައެވެ.

ރަށުގެ އެންމެ ތަޤްވާވެރި އަންހެން ކުއްޖަކީ ކޮބައިކަން އޮޅުންފިލުވަން އިސްމާޢީލް ވަރަށް ގިނަ މީހުންނާއި އެކި ގޮތްގޮތުން މަޝްވަރާކުރިއެވެ. އެންމެންވެސް ބުނަނީ ރަށުގެ އެންމެ ތަޤްވާވެރި އަންހެން ކުއްޖަކީ "އެގޭ ސިއްތި" ކަމަށެވެ.

އިސްމާޢީލަށް ވެސް އެކަން ޤަބޫލުކުރެވުނެވެ. އެއީ އެންމެ ގިނައިން ނަމާދުގެއަށް ވަންނަތަން ފެންނަނީ ސިއްތި ކަމަށްވާތީއެވެ.

ސިއްތިއަކީ ރަށުގައި ހުރި އެންމެ ނިކަމެތި އަންހެން ކުއްޖާ ކަމަށް ބުނުމަކީ ވެސް ދޮގަކަށް ނުވާނެ އެވެ. ވަރަށް ކުޑައިރު މައިން ބަފައިން ވަނީ މަރުވެފައެވެ. ގެންގުޅެ ބޮޑުކުރީ ބޮޑުދައިތައެވެ. ބޮޑު ދައިތައަކީވެސް ވަރަށް ހާލުގައި ދިރިއުޅޭ އަންހެނެކެވެ.

ސިފައަށް ބަލައިފިނަމަ ސިއްތިއަކީ މާރީތި ވެސް ކުއްޖެއް ނޫނެވެ. ނަމަވެސް އެހައި ހުތުރު ކުއްޖެއްވެސް ނޫނެވެ.

ސިއްތިގެ ކިބައިން އެންމެ ބޮޑަށް ފާހަގަކުރަންޖެހޭ އެއް ކަމަކީ ރަށުގެ ކޮންމެ ގެއެއްގައި ކަމެއް ޖެހިގެން އުޅުނު ނަމަވެސް އެގެއަކަށް ގޮސް އެހީތެރިވެ މަސައްކަތްކޮށްދޭ ކަމެވެ. އެންމެ ނިކަމެތި އަންހެނުން ވިހެއުމުންވެސް އެގެއަކަށް ގޮސް ކޮށްދެވުނު މަސައްކަތެއް ކޮށްދޭ ކަމެވެ. އެހެންކަމުން ސިއްތި ވެފައިވަނީ އެންމެންގެ ލޯބި ލިބިފައިވާ ކުއްޖަކަށެވެ.

ހަމައެއާއިއެކު ސިއްތީގެ ކިބައިން ފާހަގަކުރެވޭ ދެވަނަ ކަމަކީ ސިއްތިއަކީ އެއްވެސް ގެއެއްގެ ފުޅަށް ބުޑުން ނޫނީ އަތިރިމަތިން ފެންނަ ކުއްޖެއް ނޫންކަމެވެ. ގަސްތަކުގެ ތެރެއިން ފެންނަ ކުއްޖެއް ނޫން ކަމެވެ.

ފަހަރެއްގައި ސިއްތިގެ ނިކަމެތިކަމުން އަތުގައި ހިފައި ދަމާލާނެ ފިރިހެނަކު އަދި ނުވަނީ ކަމަށްވެސް ވެދާނެއެވެ. ކޮންމެއަކަސް ޔަޤީން ކުރެވޭ ކަމަކީ ސިއްތިއަކީ އިއްފަތްތެރި ކުއްޖެއް ކަމެވެ.

ސިއްތިއާއި ކައިވެނިކުރުމާއިމެދު ވަރަށް ގާތް އެކުވެރިންނާއި މަޝްވަރާކޮށްލުމުން ބުނަނީ އެއިރުން ބޮޑުދައިތަގެ ދަރިން ފަތިވެސް ބަލަހައްޓަންޖެހޭނެ ކަމަށެވެ. ލިބޭ ހުރިހާ ފައިސާއެއް ޚަރަދުކުރަންޖެހޭނީ އެކުދިންނަށް ކަމަށެވެ.

ދުވަސްކޮޅަކު ވިސްނަން ހުރުމަށްފަހު އިސްމާޢީލް ނިންމީ ސިއްތި އާއި ކައިވެނިކުރުމަށެވެ. އެކަން ނިންމުމަށްފަހު ވަރަށް ގާތް ދެމީހަކު ސިއްތި ގާތަށް ފޮނުވިއެވެ. ރައްޓެހިވާން އަހާކަށް ނޫނެވެ. ރަންކިޔުއްވުމަށެވެ. ރައްޓެހިވެގެން ރަށުތެރެއަށް ގިނަވުމަކީ އިސްމާޢީލް ކުރަން ބޭނުންވާ ކަމަކަށް ނުވާތީއެވެ.

އިސްމާޢީލްގެ އެދުން ސިއްތި ޤަބޫލުކުރިއެވެ. ކައިވެނިކުރެވުނެވެ. ކައިވެންޏަށްފަހު ދެމަފިރިން ދިރިއުޅެނީ އިސްމާޢީލްގެ ގޭގައެވެ.
ކައިވެންޏާއި ގުޅިގެން ރަށުގެ ޒުވާން އަންހެން ކުދިން މަލާމާތާއި ފުރައްސާރަވެސް ކުރިއެވެ. ތިއުޅެނީ ކަމަކުން ސަލާމަތް ނުވެވިގެން ކަމަށްވެސް ބުނެހެދިއެވެ. ނުބައި އިލްޒާމްތައްވެސް އެޅުވިއެވެ.

ކޮންމެއަކަސް އެއީ އެދުވަހެވެ. ކައިވެނިކުރިއިރު އިސްމާއީލް މަސައްކަތްކުރަން ގެންގުޅެނީ ރެންޗްފޮށްޓެކެވެ. އޮޑިވެރިއަކު އައިސް ދޯނީގެ އިންޖީނު ހަލާކުވެއްޖެ ކަމަށް ބުނީމާ ގޮސް މަރާމާތުކޮށްދެނީއެވެ. ކައިރީ ރަށްރަށުންވެސް އިސްމާޢީލް ލައްވައި މަސައްކަތް ކުރުވަން މީހުން އާދެއެވެ.

ކައިވެންޏަށް 30 އަހަރު ފުރި އިތުރުވީއެވެ. ދެމަފިރިންނަށް ލިބިފައިވަނީ 2 އަންހެން ކުދިންނާއި 2 ފިރިހެން ކުދިންނެވެ.

ފިރިހެން ކުދިންގެ ތެރެއިން ދޮށީ ދަރިފުޅު ހުރީ ދީނީ އިލްމު ހާޞިލުކޮށްގެންނެވެ. ދެވަނަ ދަރިފުޅަކީ ސަރަހައްދަށް އެންމެ މަޝްހޫރު އިންޖިނޭރެވެ. ރެންޗް ފޮށީގެ ބަދަލުގައި މިހާރު އިސްމާޢީލްގެ އަމިއްލަ ވޯކްޝޮޕެއް ރަށުގައި ހުރެއެވެ. އިންޖީނާއި ގުޅިގެން އެތަނުން ނުކުރެވޭނެ މަސައްކަތެއް ނެތެވެ.

ދޮށީ އަންހެން ދަރިފުޅަކީ އައިޖީއެމްއެޗްގައި މަސައްކަތްކުރާ ޑޮކްޓަރެކެވެ. ހަގު ދަރިފުޅު ވިލާ ކޮލެޖުގައި މަސްޓަރސް ކޯހެއް ހަދަމުން ދަނީއެވެ.

އިސްމާޢީލް ޤަބޫލުކުރާ ގޮތުގައި އޭނާއަށް ލިބުނު ހުރިހާ ކުރިއެރުމެއްގެ އަޞްލަކީ ތަޤްވާވެރި އަންހެނަކާއި ކައިވެނިކުރަން ދީނީ އިލްމުވެރިޔާ ދެއްވި ލަފާފުޅަށް އޭނާ އަމަލުކުރުމެވެ.

އިސްމާޢީލް އާއި ސިއްތި އެންމެ ބޮޑަށް ފަޚުރުވެރިވަނީ ދުވަހަކުވެސް ދެމަފިރިންގެ މެދުގައި ލޯތްބާއިއެކު ހައްލު ނުކުރެވޭވަރުގެ އެއްވެސް ކަމެއް ދިމާވެފައި ނެތުމުންނެވެ.

ހަމައެކަނި އެރަށުގެ މީހުންނެއް ނޫނެވެ. އަތޮޅުގެ މީހުންވެސް ޤަބޫލުކުރަނީ ސިއްތިއަކީ ހަމަ އަތޮޅަށް ހުރި ނަމޫނާއެއް ކަމަށެވެ. އިސްމާޢީލްވެސްމެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް