އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަޒްލީނާ ގަތުލު ކޮށްލި ގޮތުގެ މައްޗަށް ފިލްމެއް ހަދާ އާންމުކުރުން ބަލައެއް ނުގަންނަން- އަޒްލީނާގެ އާއިލާ

އަޒްލީނާ ގަތުލު ކޮށްލި ގޮތުގެ މައްޗަށް ފިލްމެއް ހަދާ އާންމުކުރުން ބަލައެއް ނުގަންނަން- އަޒްލީނާގެ އާއިލާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 27 ސިކުންތު

ދިވެހި ފިލްމީ ދާއިރާއަކީ ވެސް ވަރަށް ތަފާތު ކަންތައްގަނޑެއް ހިނގާ ދާއިރާއެކެވެ.

އެއްބަޔަކަށް ލިބުން ޙައްޤު އެވޯޑުތަކެއް ނުލިބިގެން އަޑުއުފުލާއިރު، އަނެއްބަޔަކު ވިސްނަނީ ކޮންމެ ގޮތެއް ހަދާފައިވިޔަސް އާންމުންގެ މެދުގައި ހަމަ ޔަގީނުންވެސް ހިނގާނެ މަގުބޫލު ފިލްމެއް އުފެއްދޭތޯއެވެ. ބައެއްގެ އަމިއްލަ ދިރިއުޅުމުގައި ލިބިފައިވާ އަނިޔާއާއި ބޭއިންސާފު، ފިލްމެއްގެ ސިފާގައި ދައްކުވައިދެނީ އެފިލްމުން އެހެން ބަޔަކަށް ކިތަންމެ ވޭނެއް އެޅިކަމުގައި ވިޔަސް، ތިމާގެ ފިލްމު ކާމިޔާބު ފިލްމަކަށް ވުމަށްޓަކައެވެ.



އެގޮތުން ދިވެހި ފިލްމީ ދާއިރާގައި އަލަށް އުފައްދަން ގަސްތު ކޮށްފައިވާ ފިލްމުތަކަށް ބަލާއިރު، އެންމެ ގިނަ މީހުންގެ ތުންތުންމަތީގައި ވަނީ މީގެ 16 އަހަރު ކުރިން މުޅި ރާއްޖެ ސިއްސުވާލި ގަތުލު ކަމުގައިވާ، އަޒްލީނާ ނަފީސް ގެ ގަތުލުކޮށް މަރާލި ހާދިސާއިން "އިންސްޕަޔަރ" ވެގެން ކަމަށް ބުނެ ފިލްމީ ތަރި ޢަބްދުﷲ މުއާޒް (މުއާ) ހަދާ ފިލްމު "ލީނާ" ގެ ވާހަކައެވެ.

"ލީނާ" މިފިލްމަށް ތަރިން ފައިނަލްކޮށް ޝޫޓިންގ ފެށުމުގެ މަސައްކަތަށް މުއާ ތައްޔާރުވެފައިވާއިރު، މިފިލްމު ހެދުމާއިމެދު ގިނަ ބެލުންތެރިންގެ އިތުރުން ޚުދު އަޒްލީނާގެ އާއިލާ ވެސް ދަނީ ދެކޮޅު ހަދަމުންނެވެ.

އަޒްލީނާގެ އާއިލާއިން ބުނިގޮތުގައި، އެހާދިސާ ހިނގިފަހުން 16 އަހަރު ވެފައިވީ ނަމަވެސް އެމީހުންނަށް އެއީ އިއްޔެ ވީ ކަމެއް ފަދައެވެ.

"އެންމެ ފުރަތަމަ ފިލްމު ހަދާ ވާހަކަ ދައްކަން ފެށީމަވެސް ބުނިން އާއިލާއިން ޤަބޫލެއް ނޫނޭ، އެއިރު މުއާ ވެސް ބުނި އާއިލާ ޤަބޫލު ނޫނިއްޔާ ނުހަދާނަމޭ، މަރުގެ އެހެން ކޭސްތައްވެސް އެބަހުރި ނޫންހޭ" ނަންހާމަ ކުރަން ބޭނުންވާ، އަޒްލީނާގެ އާއިލާގެ މެންބަރަކު ބުންޏެވެ.



އެފިލްމު ހުއްޓުވުމާއި ދެކޮޅަށް ކުރެވުނު ހުރިހާ ކަމެއް ކުރާނެ ކަމަށް އަޒްލީނާ ގެ އާއިލާއިން ވަނީ ބުނެފައެވެ. އަޒްލީނާގެ މަރާއި ގުޅުވައިގެން އެއްވެސް ސިފައެއްގައި ފިލްމެއް ހެދުމަކީ އާއިލާއިން ދޫދޭނެ ކަމެއް ނޫން ކަމުގައިވެސް އެމީހުން ބުނެފައިވެއެވެ.

ފިލްމަށް "ލީނާ" ކިޔާފައިވާއިރު، ނަން ވެސް އިނީ ގުޅުވާފައި ކަމަށާއި، ފިލްމުގެ ނަމުގައި، އަޒްލީނާގެ ނަމުގެ ކުރީގައި އިންނަ "އޭ ޒެޑް" ފޭޑްކޮށްލާފައި އިންކަން ވެސް އާއިލާއިން ވަނީ ފާހަގަކޮށްފައެވެ.

"އެފިލްމުގެ ވާހަކަ ދެއްކީމަ އަޅުގަނޑުމެންގެ ހިތްތަކަށް ވޭން އަޅާ، އަޒްލީނާގެ މަންމައާއި ބައްޕަ ވެސް ދުނިޔޭގައި އެބަތިބި އެމީހުންވެސް ބޭނުމެއް ނުވޭ އެފިލްމު ހަދާކަށް. އަޅުގަނޑުމެން އަޑު އުފުލާނަން، ކޯޓަށް ދާން ޖެހިއްޖިއްޔާ ކޯޓަށް ވެސް ދާން ތައްޔާރަށް އަޅުގަނޑުމެން މިތިބީ" އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އަޒްލީނާގެ އާއިލާއިން އެފިލްމު ހެދުމާއި ދެކޮޅުވެރި ވިޔަސް، އެކަމާއި ގުޅޭގޮތުން މުއާ ބުނީ ހާދިސާއަކުން އިންސްޕަޔަރ ވެގެން ހަދާ ފިލްމަކަށް ހުއްދަ ހޯދަން ނުޖެހޭނެ ކަމަށެވެ.

މުއާ ބުނި ގޮތުގައި އަޒްލީނާގެ އާއިލާއިން ބޭނުންނުވާ މަންޒަރެއް ނުހިމަނާނެ ކަމަށް ކުރިންވެސް އޭނާވަނީ ބުނެފައެވެ. ނަމަވެސް މިފިލްމު ނުހަދާ ހުއްޓާލާނެ އެއްވެސް ގޮތެއް ދެން ނޯންނާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

"ނުޖެހޭނެ ހުއްދަ ހޯދާކަށް، އަހަރެން ފިލްމު ހަދަނީ އިންސްޕަޔަރ ވެގެން. މިސާލަކަށް ޑރ. އަފްރާޝީމް ގެ މަރުގެ ހާދިސާއަކަށް ފިލްމު ހަދަން ވިޔަސް ނުޖެހޭނެ ހުއްދަ ހޯދާކަށް، މިފިލްމު މިހަދަނީ ބައިވަރު ކަންތައްތަކެއް ހިމަނައިގެން، އޭނާގެ ކުރީގެ ދިރިއުޅުމެއް ނުވެސް ފެންނާނެ، މިފިލްމު މިހަދަނީ ޓްރޫ އިވެންޓަކަށް ނޫން، އެހެންވީމަ ހުއްދަ ހޯދާކަށް ނުޖެހޭނެ" މުއާ ބުނެފައިވެއެވެ.

ފިލްމު ހަދަނީ ޓްރޫ އިވެންޓަކަށް ނޫން ކަމަށް ބުނާއިރު، ފިލްމަށް ދީފައިވާ ނަން ވެސް އަޒްލީނާގެ ނަމާއި ގުޅޭކަން ފާހަގަ ކޮށްލެވެއެވެ. މީގެއިތުރުން ހުއްދަ ހޯދަން ނުޖެހޭނެ ކަމަށް ބުނާއިރު، އާއިލާއާއި ކުރިން ވާހަކަ ދެއްކުމުން ފިލްމު ހަދަން އާއިލާއިން ދެކޮޅު ހެދިކަމާއި އާއިލާގެ ނުރުހުމުގައި އެފިލްމު ނުހަދާނެ ކަމަށް މުއާ ބުނިކަން އާއިލާއިން ވަނީ ފާހަގަ ކޮށްފައެވެ.

މުއާ ބުނިގޮތުގައި "ލީނާ" މިފިލްމުގައި ގޯސް އެއްވެސް މަންޒަރެއް ނުހުންނާނެ ކަމުގެ ޔަގީންކަން އޭނާ ކުރިން ވަނީ އަޒްލީނާގެ އާއިލާއަށް ދީފައެވެ.

"ސްކްރިޕްޓް ދޭނަމޭ ވެސް ބުނިން. އެކަމަކު ފަހުން އެމީހުން ބުނީ ސްކްރިޕްޓް ކިޔާކަށް ވެސް ބޭނުމެއް ނޫނޭ، ފިލްމު ހަދާކަށް ވެސް ބޭނުމެއް ނޫނޭ. އެކަމަކު އަހަރެން މިފިލްމު ހަދާނަން. ނުވެސް ހުއްޓުވޭނެ" އަޒުމް ވަރުގަދަ ކަމާއިއެކު މުއާ ބުންޏެވެ.

އަޒްލީނާގެ އާއިލާގެ އިތުރުން، މަރުވެފައިވާ މައްޔިތެއްގެ މަރުގެ ހާދިސާ ބޭނުން ކޮށްގެން ފިލްމެއް ހެދުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި، އެކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބައެއް ބެލުންތެރިން ވަނީ ބުނެފައެވެ. މީގެއިތުރުން، މިފިލްމުގައި ލީޑް އަންހެން ރޯލު ކުޅުމަށް ހަމަޖެހިފައިވާ މަރިޔަމް އައްޒަ، މިފިލްމު ކުޅެން އިންކާރުކޮށް ދޫކޮށްލުމަށާއި، ލިބިފައިވާ މަޝްހޫރުކަމަށް ބުރޫ އަރާފާނެ ކަންކަމުން ދުރުވެލުމަށް ވެސް އައްޒަ އަށް މީހުން ގޮވާލާފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ