100 މިލިއަން ޑޮލަރު ލިބުމުން ބޭނުންނުކޮށް މާތް ﷲ ގެ މަގުގައި ހޭދަކުރަން ބުނި ޑރ. އަމީރު ބިލިއަނަރަކަށް!

100 މިލިއަން ޑޮލަރު ލިބުމުން ބޭނުންނުކޮށް މާތް ﷲ ގެ މަގުގައި ހޭދަކުރަން ބުނި ޑރ. އަމީރު ބިލިއަނަރަކަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 22 ސިކުންތު

އެއިރު އަމީރުގެ އުމުރަކީ އެންމެ 16 އަހަރެވެ. މަންމަގެ ހުރި ހަމައެކަނި ދަރިފުޅު އަމީރު ފިޔަވައި މަންމައަށް އެހީތެރިކަމެއް ފޯރުކޮށްދޭނެ ހަމައެކަކުވެސް ނެތެވެ. އަތުގައި ފައިސާ ނެތުމުން ޚަރަދު ނުކުރެވިގެން މަންމަ މަރުވެގެންދަނީއެވެ.

އަވަށުގެ ފައިސާވެރިންނަށް އަމީރު ގެންދިއައީ ސަލާމްޖަހަމުންނެވެ. ބައެއް މީހުން ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ފޮރުކޮށްދެއެވެ. އަނެއްބައި މީހުން އެއްވެސް އެހީއެއް ނުވެއެވެ.

މިފަދަ ގޮތަކަށް ކަންކަން ވަމުންދިއައިރު އަމީރަށް އެންމެ ބޮޑުއަނިޔާއެއް ލިބުނީ ފިލިޕް ކިޔާ މަހުޖަނެއްގެ ކިބައިންނެވެ. ފިލިޕް ބުނީ "ތިއަ ގޮތަށް މީހުން މަރުން ސަލާމަތްކޮށްދިނުން އެދި ކޮންމެ ދުވަހަކު އެތައް ބައަކު އެބަ އާދެއެވެ. ހީވަނީ އަހަރެންނަކީ މީހުން މަރުން ސަލާމަތްކުރަން ހުރި މީހެއް ހެންނެވެ."

އަމީރު އޭނާއަށް އެއްވެސް ޖަވާބެއް ނުދެއެވެ. އެއީ ވެސް މާތް ﷲ މިންވަރުފުޅު ކުރެއްވެވި ގޮތް ކަމަށް ޤަބޫލުކޮށް ކެތްތެރިވީއެވެ.

ބަލީގައި އަމީރުގެ މަންމަ މަރުވެ ދިއައީއެވެ. އަމީރު މުޅި ދުނިޔެއަށް އެކަނިވިއެވެ. ނަމަވެސް އަމީރުގެ ބޮޑުބޭބެއެއްގެ އެހީގައި އަމީރު ދިއައީ ކިޔަވަމުންނެވެ. އަމީރަކީ ގަދައަޅައި ކިޔަވަން މަސައްކަތްކުރާ ކުއްޖަކަށްވާތީ ރަނގަޅު ނަތީޖާ ވެސް ދިއައީ ލިބެމުންނެވެ.

އެއިގެ 16 އަހަރުފަހެވެ. މަހުޖަނު ފިލިޕަށް ވަނީ ކެންސަރު ބަލި ޖެހިފައެވެ. މުޅި ސަރަހައްދުގައިވެސް ކަށީގެ ކެންސަރަށް އެންމެ މަޤްބޫލު ޑޮކްޓަރަކީ އަމީރެވެ. އެހެންކަމާއިއެކުވެސް ފިލިޕް ދިއައީ އަމީރުގެ އެހީތެރިކަން ހޯދަން ފަސްޖެހެމުންނެވެ. އަމީރު ހާލުގައި ޖެހުނު ދުވަހު ބުނެވިފައިވާ ބަސްތައް ހަނދާންހުރުމުންނެވެ.

ދެން އެހެން ގޮތެއް ނެތުމުން މަރަށް ބިރުން ފިލިޕް އަމީރުގެ އެހީތެރިކަމަށް އެދުނެވެ. އަމީރަށް ދައްކަން ހޮސްޕިޓަލަށް ދިއަ ފުރަތަމަ ދުވަހު ފުރަތަމަ ކަމެއްގެ ގޮތުން އަމީރަށް 1 މިލިއަން ޑޮލަރުގެ ޗެކެއް ހަދިޔާކުރިއެވެ. އަދި އެނާއަށް ރަނގަޅު ފަރުވާއެއް ކޮށްދިނުމަށް އެދުނެވެ.

އަމީރު ޗެކް ޤަބޫލެއް ނުކުރެއެވެ. އަމީރު ބުނީ ފައިސާއަކީ ފަހުގެ ކަމެއް ކަމަށެވެ. ފުރަތަމަ ކަމަކީ ފަރުވާ ލިބިގަތުން ކަމަށެވެ. ބަލިން ފަސޭހަވޭތޯ މަސައްކަތްކުރުން ކަމަށެވެ.

ފިލިޕް އަމީރަށް ދައްކަންދާ ކޮންމެ ދުވަހަކުވެސް ކުރިއަށްވުރެ ބޮޑު އަދަދެއް ދިއައީ އަމީރަށް ހުށަހަޅަމުންނެވެ. އަމީރު ދެމުން ގެންދިއައީ ހަމަ އެއް ޖަވާބެކެވެ. ފައިސާ ބޭނުމެއް ނުކުރެއެވެ.

މާތް ﷲ ގެ ރަޙްމަތްފުޅާއިއެކު ފިލިޕްގެ ބަލި އައީ ރަނގަޅުވަމުންނެވެ. އަހަރެއްހައި ދުވަސްތެރޭ އެކުގައިހެން ބަލި ވަނީ ފަސޭހަވެފައެވެ. ބަލި އެކުގައި ފަސޭހަވިކަމަށް ކަނޑައެޅި ދުވަހު އަމީރަށް 100 މިިލިއަން ޑޮލަރުގެ ޗެކެއް ހުށަހެޅިއެވެ. އަދި މިހާރު މިހިރީ ގަދަވެފައި ކަމަށްބުނެ ޗެކުގައި ހިފުން އެދި އާދޭސްކުރިއެވެ.

އަމީރު ބުނީ ބަލިން އެއްވެސް މީހަކު ސަލާމަތްކުރުމަކީ ޑޮކްޓަރުން ކުރާ ކަމެއް ނޫން ކަމަށެވެ. ޑޮކްޓަރުން ކުރަނީ ފަރުވާ ކަމަށާއި ޝިފާ ދެއްވަވަނީ މާތް ﷲ ކަމަށެވެ. އެހެންކަމުން އެ ފައިސާތައް މާތް ﷲ ގެ މަގުގައި ހޭދަކުރުން މާރަނގަޅުވާނެ ކަމަށެވެ. އަދި އެނާ ކުރާ މަސައްކަތަށް މާތް ﷲ ދެއްވަވާ މިންވަރުން ފުދި އިތުރުވާ ކަމަށެވެ.

ފިލިޕަށް ވަރަށް ތަފާތު އަސަރުތަކެއް ކުރިއެވެ. އަދި އިސްލާމް ދީނާއިމެދު ވިސްނަން ފެށިއެވެ. މުސްލިމުންގެ ރިވެތި އަޚްލާޤާއިމެދު ވިސްނަން ފެށިއެވެ. އަމީރާއިމެދު އެހައި ނުބައިކޮށް އަމަލުކުރުމުން ވެސް އެކަމުގެ އެއްވެސް ވާހަކައެއްވެސް ނުދައްކައި އޯގާތެރިކަމާއިއެކު އެނާއަށް ފަރުވާކޮށްދިނުމާއި އެހައި ގިނަ އަދަދެއްގެ ފައިސާ ހަދިޔާކުރުމުން ޤަބޫލު ނުކުރިކަން ފިލިޕަށް ވެގެންދިއައީ ބޮލުގައި ރިއްސުމަކަށެވެ.

ފިލިޕް އިސްލާމް ދީނާއި ގުޅޭ ކަންކަން އޮޅުންފިލުވަން ފެށިއެވެ. ކީރިތި ޤްރްއާން މުރާޖަޢާކުރަން ފެށިއެވެ. ކަންކަން އޮޅުންފިލާވަރަކަށް ހުރި ހަމައެކަނި އަންހެން ދަރިފުޅާއި ދިއައީ ހިއްޞާކުރަމުންނެވެ.

ހުކުރު ދުވަހެކެވެ. މަހުގެ ދެވަނަ ހުކުރު ދުވަހެވެ. އާންމު ގޮތެއްގައި އަމީރު ހުކުރަށް ގޮސްއުޅޭ މިސްކިތުގައި ކޮންމެ މަހެއްގެ ދެވަނަ ހުކުރު ދުވަހު ހުކުރަށްފަހު ޚާއްޞަ ކަންތައްތަކެއް ކުރެއެވެ. އަމީރުވެސް މަޑުކޮށްލައިގެން އިނީ އެދުވަހު ހިނގާނެ ކަންތައްތަކުގައި ބައިވެރިވުމަށެވެ.

ކަންދިމާވިގޮތުން އެދުވަހު އޮތީ މުހިންމު ދަރުސެކެވެ. ދަރުސްގެ މެދުތެރެއިން ފެނިގެންދިއައީ ވަރަށް ހައިރާން ކުރުވަނިވި ކަންތައްތަކެކެވެ. އަލަށް އިސްލާމްވި 6 މީހަކަށް ރަސްމީ ގޮތުން ޝަހާދަތް ލައިދިނުމުގެ ރަސްމިއްޔާތެވެ.

މިފަދަ ރަސްމިއްޔާތުތަކަކީ ޢާންމު ރަސްމިއްޔާތުތަކެއް ނަމަވެސް އަމީރަށް މި ރަސްމިއްޔާތު ޚާއްޞަ ރަސްމިއްޔާތަކަށްވީ ފިލިޕް އާއި އޭނާގެ އަންހެން ދަރިފުޅު ހިތުގެ ސްޕެޝަލިސްޓް ޑޮކްޓަރު އަނީތާ އެ ރަސްމިއްޔާތުގައި އިސްލާމްވާނެ ކަމަށް އިއުލާނުކުރުމުންނެވެ.

އަމީރު އިނީ އެންމެންގެ މެދުތެރޭގައި ވަރަށް ކުޑަވެގެންނެވެ. ފިލިޕަށް އެ ރަސްމިއްޔާތުގައި ފެންނަން ބޭނުން ނުވާތީއެވެ.

އަލަށް އިސްލާމްވާ މީހުންނަށް އެމީހުން އިސްލާމްވި ސަބަބު ހާމަކުރަން ދިން ފުރުޞަތުގައި ފިލިޕް އޭނާގެ ވާހަކަ ކިޔައިދިނެވެ. "100 މިލިއަން ޑޮލަރުގެ ބޮޑު ހަދިޔާ" ޑޮކްޓަރު އަމީރު ޤަބޫލުނުކޮށް މާތް ﷲ ގެ މަގުގައި ޞަދަޤާތްކުރަން ބުނުމާއި އަމީރަށް އެންމެ ބޭނުންވި ދުވަހު ކަންތައްތައް ކުރެވުނު ގޮތަށް ނުބަލައި އިޚްލާޞްތެރިކަމާއިއެކު ފަރުވާކޮށްދިނުން ވެގެންދިއައީ އޭނާ އިސްލާމް ދީނާއިމެދު ވިސްނަންފެށި ސަބަބު" ކަމަށް ބުނުމުން އަމީރަށް ވަރަށް ބޮޑު ހައިރާންކަމެއް ލިބުނެވެ.

ފިލިޕް އެވާހަކަތައް ދެއްކިއިރު އެތަނުގައި އަމީރު އިންކަމެއް އޭނާއަކަށް ނުއެނގެއެވެ. ނަމަވެސް ދަރުސް ދެއްވި އިމާމަށް އެކަން އެނގިވަޑައިގަންނަވައެވެ. އަމީރަކީ އެ މިސްކިތުގެ އަހުލުވެރިއަކަށްވެފައި ކޮންމެ ހުކުރު ދުވަހަކުވެސް އަމިރާއި ބައްދަލުވަތީއެވެ.

އިމާމް އަމީރަށް ދައުވަތުދިނެވެ. އެތަނުގައި އިންނަމަ ސްޓޭޖަށް އައުމަށެވެ. އަމީރު ދައުވަތު ޤަބުލުކޮށް ސްޓޭޖަށް ދިއައެވެ. އަދި ބަހެއް ބުނުމަށް ލިބުނު ފުރުޞަތުގައި އަމީރު ބުނީ އޭނާ އާއިހުރެ މީހަކަށް އިސްލާމް ދީން ޚިޔާރުކުރެވުނީތީ މާތް ﷲ އަށް ހަމްދުކޮށް އުފާކުރާ ކަމަށެވެ. އަދި ފިލިޕަކީ އެވަގުތުން ފެށިގެން އޭނާގެ ވަރަށް ގާތް އަޚެއް ކަމަށެވެ.

ދުވަސްކޮޅެއްފަހުން ފެށުނީ ލޯބީގެ ބާބެކެވެ. ދެ ޑޮކްޓަރުންގެ މެދުގައެވެ. ޑރ. އަނީތާ އާއި ޑރ. އަމީރުގެ ލޯބީގެ ގުޅުމުގެ ބާބެވެ. އެއިގެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދެ ޑޮކްޓަރުންގެ ކައިވެނި ވަނީ ކުރެވިފައެވެ. މާތް ﷲ އަށްޓަކައި ހޭދަކުރުން މާރަނގަޅުވާނެކަމަށް ބުނެ ޑރ. އަމީރު އެދުވަހު ދޫކޮށްލީ "އެންމެ" 100 މިލިއަން ޑޮލަރެވެ. މިއަދު ޑރ. އަމީރަކީ ފިލިޕުގެ ރައުސުލްމާލުގައި ހުރި 3 ބިލިއަން ޑޮލަރުގެ ބާރުވެރިފަރާތެވެ.

މާތް ﷲ ގެ މަގުގައި ސާބިތުވެ ތިބޭ މީހުންނަށް ނިޢުމަތްތައް މާތް ﷲ މިންވަރުފުޅު ކުރައްވަވަނީ ވަކި މިންވަރެއް ނެތިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް