އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެމައިން އެއްލާލާފަ ދިއަ ބައްޕައާ 24 އަހަރު ފަހުން ބައްދަލުވެ މަންމައަށްޓަކާ ބައްޕައަށް ލޯބިކުރި ދަރިއެއްގެ ވާހަކަ.

ދެމައިން އެއްލާލާފަ ދިއަ ބައްޕައާ 24 އަހަރު ފަހުން ބައްދަލުވެ މަންމައަށްޓަކާ ބައްޕައަށް ލޯބިކުރި ދަރިއެއްގެ ވާހަކަ.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 10 ސިކުންތު

ޒަލްޕެ ޢަލީ އަކީ ލެބަނަނަށް އުފަން ދަރިއެކެވެ. އޭނާގެ އެންމެ ދުރުހަނދާނަކަށް ހުންނަނީ އޭނާގެ އުމުރުން އެންމެ 8 ވަރަކަށް އަހަރުގައި ހިނގައިދިއަ ކަމެކެވެ. މަންމަ އާއި ބައްޕަގެ މެދުގައި އުފެދުނު ޚިޔާލުތަފާތުވުމެއްގައި ބައްޕަ ގެއިން ނުކުމެގެންދިއަ ހާދިސާއެވެ. ބައްޕަ އާއި ސަލާންކޮށްލަން ބޭނުންވެފައި ހުރި ނަމަވެސް ބަލައިވެސް ނުލައި ގެއިން ނުކުމެގެން ދިއަ ގޮތެވެ.

މަންމަ އިނީ ބަލިވެއެވެ. ބައްޕަ ބޭނުންވީ ދަރިފުޅު ވައްޓައިލުމަށެވެ. މަންމަ އެކަމަށް ދެކޮޅު ހެދިއެވެ. މަންމަ ބޭނުންވީ ވިހާށެވެ. ޒަލްޕެ ނޫން ދަރިއަކު ނެތުމުގެ އިތުރުން މަންމައަކީ ދީނީ ކަންކަމުގައި ވަރަށް ފަރުވާ ބަހައްޓާ މީހަކަށްވުމަކީ އެކަމަށް މަންމަ އެންމެ ބޮޑަށް ދެކޮޅު ހެދި ސަބަބެވެ.

މިމައްސަލައިގައި އުފެދުނު ޚިޔާލުތަފާތުވުންތައް ހޫނުވެ އެންމެފަހުން ބައްޕަ ނިންމީ ދެމައިން ދޫކޮށްލާފައި ގެއިން ދިއުމަށެވެ. އެދިއަ ފަހަކުން ޒަލްޕެ އަކަށް ބައްޕައެއް ނުފެނެއެވެ. ގެއަށް އެއްގޮތަކަށްވެސް ނާންނާތީއެވެ.

ބައްޕަ ދިއުމުން މަންމަ އުޅުނީ ވަރަށް ނިކަމެތި ހާލުގައެވެ. އެ ހާލުގައި އުޅެ މަންމަ ވިހީއެވެ. ނަމަވެސް ވިހެއުމުގެ ތެރޭގައި ދެމައިން އެކުގައި މަރުވީއެވެ.

މަންމަގެ ގާތް ބައަކު ޒަލްޕެ ގެންގުޅެމުން ދަނިކޮށް މިޞުރުން އައި އެމީހުންގެ ރަޙްމަތްތެރިބައަކު ޒަލްޕެ ގެންދަން ބޭނުންވިއެވެ. ކިޔަވައިދީ ވަރަށް ރަނގަޅަށް ގެންގުޅޭނެ ކަމުގެ ވައުދާއިއެކު އެމީހުން ޒަލްޕެ މިޞުރަށް ގެންގޮސް ވައުދު ފުއްދިއެވެ.

ޒަލްޕެ ކިޔަވައިގެން ވީ މޮޅު އިންޖިނޭރަކަށެވެ. މިޞުރުގެ މަޝްހޫރު ޓެލެކޮމް ކުންފުންޏެއްގައި ވަޒީފާ އަދާކުރަމުން ދަނިކޮށް ލެބަނަންގައި އެ ކުންފުނިން ހިންގި މަޝްރޫއަކާއި ގުޅިގެން ލެބަނަނުގައި މަސައްކަތްކުރަން ޒަލްޕެއަށް ޖެހުނެވެ.

ޒަލްޕެ ކޮންމެ ހުކުރު ދުވަހަކު ރަޙްމަތްތެރިންނާއިއެކު ގޮސް އުޅުނު ރެސްޓޯރަންޓަކުން ނުކުންނައިރު ކޮންމެ ދުވަހަކުވެސް ސަލާންޖަހާ ގިނަ ބައަކާ ބައްދަލުވެއެވެ. ޒަލްޕެ އަށް އެދުވަހަކު ދެވެން އޮތް ވަރަކަށް އެމީހުންނަށް ފައިސާ ވެސް ދެއެވެ.

އެގޮތުގައި އުޅެމުން ދަނިކޮށް އެއް ދުވަހަކު ފެނުނީ ވަރަށް މުސްކުޅިވެފައި ހުރި މީހަކު ސަލާންޖަހަން ހުއްޓައެވެ. ޒަލްޕެއަށް އާދައާ ޚިލާފް އިޙްޞާޞްތަކެއް ކުރެވުނެވެ. ނަމަވެސް މާބޮޑު ކަމަކަށް ނުހަދައި އެމީހާއަށްވެސް ފައިސާކޮޅެއް ދީފައި ޒަލްޕެ ދިއައީ އެވެ.

އެ ގޮތަށް ދެތިން ފަހަރު އެމީހާ އާއި ބައްދަލުވިއެވެ. ކޮންމެ ފަހަރަކުވެސް ތަފާތު އިހްސާސްތަކެއް ކުރެވެއެވެ. ނަމަވެސް އަނގައިން ބުނުމުގެ ހިތްވަރެއް ޒަލްޕެއަކަށް ނުލިބެއެވެ.

4 ވަނަ ހަފްތާގައި އެމުސްކުޅިޔާ ފެނުނުއިރު ލައިގެން ހުރީ ވަރަށް ބައުވެފައި ހުރި ޓީޝަރޓެކެވެ. އުޅަބޮށި އޮތީ ފެންނާށެވެ. ޒަލްޕެއަށް ބަލައިލެވުނެވެ. އުޅަބޮށި ކައިރީގައި ހުރަހަށް އިން ބޮޑު ލަކުނެއް ފެނުނެވެ. ޒަލްޕެގެ މެއަށް ހީވީ ފެން އެއްޗެއް އަޅައިލެވުނު ހެންނެވެ.

އެދުވަހު އެމިހާ އާއި ކައިރިވެލުމަށްފަހު އަތުގައި ހިފައިގެން ތަންކޮޅެއް ދުރަށް ގެންދިއައެވެ. އަދި ނަމަކީ ކޮބައިތޯ އަހައިލިއެވެ. "ޢަލީ ޒަލްޕެ" ކަމަށް އެމީހާ ބުނުމުން ހަތަރު އުދަރެސް ފެނުޖެހުނު ފަދައެވެ.

ޒަލްޕެއަކަށް ވާހަކައެއް ނުދެއްކުނެވެ. ނަމަވެސް ވަރަށް ހިތްވަރުކޮށްލާފައި އެދުނީ ކުޑަ ވާހަކައެއް ދައްކައިލަން އޭނާ ހުންނަ އެޕާޓްމަންޓަށް ގޮސްދިނުމަށެވެ. އެމީހާ އެކަން ޤަބޫލުކުރިއެވެ.

ކާރުގައި އެމީހާ ގޮވައިގެން އެޕާޓްމަންޓަށް ގޮސް ސިޓިންގ ރޫމްގައި ބެއިންދުމަށްފަހު ވަރަށް ހިތްވަރުކޮށްގެން ވާހަކަދައްކަން ފެށިއެވެ. އަދި އެމިހާގެ މާޒީ ކިޔައިދީފާނަންތޯ ސުވާލުކުރުމުން އެމީހާ ފަސްޖެހުމެއް ނެތި އޭނާގެ މާޒީ ކިޔައިދިނެވެ.

ޖަބާޝް ކިޔާ އަންހެނަކާއި ކައިވެނިކޮށްގެން ވަރަށް އުފަލުގައި އުޅުނުކަމާއި ދަރިއަކުވެސް ލިބުނު ވާހަކައެވެ. ދެވަނަ ދަރިއަކު ބޭނުން ނުވާތީ އެދުވަހު ކަންތައް ކުރެވުނު ގޮތް ވެސް ކިޔައިދިނެވެ. އަދި ތަންދޮރު ވިސްނި ރުޅި މަޑުވެގެން އެނބުރި ގޮސް އަނބިމީހާ ހޯދިއިރު މަރުވެފައިވާ ކަމާއި ދަރިފުޅު ހޯދަން ކުރި މަސައްކަތުން އެއްވެސް ނަތީޖާއެއް ނުފެނުނު ވާހަކަވެސް ކިޔައިދިނެވެ.

"އަހަރެންގެ ދަރިފުޅު ޒަލްޕެ ޢަލީ ތިއަ ކޮއްކޮ އާ ވަރަށް ވައްތަރު. ތިއަ ދެކުދިންގެ ވަރަށް އެއްގޮތް ސިފަތަކެއް އެބަހުރި. އެހެންވެ ތިއަ ކޮއްކޮ ފެންނަ ކޮންމެ ފަހަރަކު ހީވަނީ ހަމަ ދަރިފު ފެންނަހެން."

ޒަލްޕެ ވިސްނައިލިއެވެ. ބައްޕަ އޭނާ އާއި އަދި މަންމަ އާއިމެދު ކަންކުރި ގޮތުގެ ބަދަލުހިފަން ކޮންމެ ކަމެއް ކުރި ނަމަވެސް ދެނެއް މަންމައެއް އަނބުރައި ނުލިބޭނެއެވެ. ނަމަވެސް ބައްޕަ މިވަނީ ލިބިފައެވެ. ދެން އޮތީ ބައްޕަގެ ހައްޤުތައް އަދާކުރުން ކަމަށް ޒަލްޕެ ނިންމިއެވެ.

ޒަލްޕެއަށް އޭނާގެ ބައްޕަ މިލިބުނީ 24 އަހަރު ފަހުންނެވެ. އެވަގުތުން ފެށިގެން ބައްޕައަށް ދޭންޖެހޭ ޤަދަރާއި ލޯބި ދީގެން ޒަލްޕެ އޭނާގެ ބައްޕަ ބަލަހައްޓަން ފެށިއެވެ. ބައްޕަގެ ހިތުގައި ޖެހޭނެ އެންމެ ބަހެއް ވެސް ނުބުނެއެވެ. އެންމެ ކުޑަމިނުން އެދުވަހު ސަލާންނުކޮށް ދިއައީތީ އެކަމުގެ ޝަކުވާއެއްވެސް ނުކުރެއެވެ.

ޒަލްޕެ އެގޮތަށް އެކަންކުރީ މަންމައަށްޓަކައެވެ. މަންމަ ދެކެވާލޯބިންނެވެ. މަންމަ ދުނިޔޭގައި ހުއްޓައި މިފަދަ ގޮތަކަށް ބައްޕައާއި ބައްދަލުވި ނަމަވެސް ހަމަ ލޯބިން ބައްޕަ ބަލަހައްޓާނެކަން ޒަލްޕެއަށް ޤަބޫލުކުރެވޭތީއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް