އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަމަނަ (ދިހަ ވަނަ ބައި)

ކަމަނަ (ދިހަ ވަނަ ބައި)


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 35 ސިކުންތު

"ބައްޕާ. ދައްތަ ހުރީ ޑްރެކިއުލާ އަކަށް ވެފަ. ދެ ލޯ ވެސް ރަތް ވެފަ. އަލަމާރި މަތިން ދައްތަ އައިދަން ކޮށްޕާ ވައްޓާލީ!" ވަރަށް ބިރުން ހުރެ ޔޫސުފް ގާތު އައިދަން ބުންޏެވެ.

ލޯބިވާ ދަރިފުޅު އެބުނި ބަސްތަކާއިމެދު ޔޫސުފް ވަރަށް ހައިރާންވިއެވެ. ކަމަނަ އެފަދަ ކަމެއް ކޮށްފާނެ ބާއޭ، ކުރިނަމަވެސް އެފަދަ ކަމެއް އެކުރީ ކީއްވެބާއޭ ޔޫސުފް ހިތައް އެރިއެވެ.

އައިދަން އެހެން ބުނުމަށްފަހު ދެލޯ މަރާލިއެވެ. ޑޮކްޓަރު ބުނީ ބޮލަށް އަދިވެސް އެނބުރުން އަރާފައި ހުރުމުން ވީހާވެސް ގިނައިން އަރާމު ކުރަން އައިދަން ބޭއްވުމަށެވެ. އެހެންކަމުން އުސްމާން އާއިއެކު ޔޫސުފްގެ މަންމަ ގެއަށް ފޮނުވާލާފައި، އައިދަން ގެ އެނދު ކައިރީގައި އިށީންދެ، އެރޭވީ ހުރިހާ ކަމަކާއިމެދު ޔޫސުފް ވިސްނަން ފެށިއެވެ.

މުދިންބެ ފެނުމުން ކަމަނަ އަށް ވީ ގޮތެވެ. ވެގެން އުޅޭ ކަންތައްގަނޑާއި ޔޫސުފް އާއި ގުޅިފައިވާ ވާހަކައާއި ކަމަނަ ފެނުމުން ހުރިހާ ކަމެއް ޔަގީންވި ކަމަށް މުދިންބެ ބުނުމުންނެވެ. މުދިންބެ އެބުނީ ކޮން ކަންތައްގަނޑެއްގެ ވާހަކައެއްބާއޭ ޔޫސުފް ހިތައް އެރިއެވެ. އަދި ވެގެން މިއުޅެނީ ކޮންކަމެއްބާއޭ ވެސް ހިތައް އެރިއެވެ.

އެޚިޔާލުތަކަށް ގެއްލިފައި އިންދާ، ފަހަތުން މީހަކުޔޫސުފް ގެ ކޮނޑުގައި މަޑުމަޑުން ޖަހާލިއެވެ. ސިއްސައިގެން ގޮސް ބަލާލިއިރު މުދިންބެ ޔޫސުފްގެ ފަހަތުގައި ހުއްޓެވެ. މުދިންބެ ފެނުމާއިއެކު ފުންމައިގެން ތެދުވެ ޔޫސުފް ސުވާލު ކުރިއެވެ.

"މުދިންބޭ. އެެއިރު މުދިންބެ ދެއްކީ ކޮން ވާހަކައެއްތަ؟ އަހަންނާއި މިކަންތައްގަނޑާއި ހުރީ ކޮން ގުޅުމެއް؟ އަދި މުދިންބެއަށް ޔަގީންވީ ކޮން ކަމެއް؟"

"ޔޫސުފް. މިއީ ތިވާހަކަ ދައްކަން އެންމެ ރަނގަޅު ތަނެއް ވެސް އަދި ވަގުތެއް ވެސް ނޫން. އަހަރެން ޔޫސުފް އަށް ހުރިހާ ވާހަކައެއް ވެސް ކިޔާދޭނަން." ޔޫސުފް އަށް ވިސްނާދެމުން މުދިންބެ ބުންޏެވެ. އަދި އޭގެ އަނެއް ދުވަހުގެ އިރާކޮޅު ވަގުތެއްގައި ޔޫސުފް އާއި ބައްދަލު ކޮށްލަން ދާނެ ކަމަށް ބުނެ މުދިންބެ ވެސް ގެއަށް ދިޔައެވެ.

އައިދަން ގެ އެނދު ކައިރީގައި އިށީނުމަށްފަހު އަނެއްކާވެސް ޔޫސުފް ވިސްނަމުން ދިޔައެވެ. ކަމަނަ އާއިމެދު ޝައްކު ކުރަން ބޭނުން ނުވި ނަމަވެސް، ވަމުން ދިޔަ ކަންތައްތަކުގެ ސަބަބުން ޔޫސުފް އަށް ވެސް ކަމަނައާއި މެދު ޝައްކު ތަކެއް ވާން ފެށިއެވެ.

ކަމަނަ އާއި އެންމެ ފުރަތަމަ ބައްދަލުވި ރެއިން ފެށިގެން ކަންތައްތައްވަމުން ދިޔަ ގޮތްތަކާއިމެދު ޔޫސުފް އަށް ވިސްނާލެވުނެވެ. އެންމެ ފުރަތަމަ ދިމާވި ރެއިން ފެށިގެން ތިން ރޭ ވަންދެން ކޮންމެ ރެއަކު ދަންވަރު އެއްގަޑިއެއްގައި ޔޫސުފް ބޭރަށްދާ ކަމަށް އޭނާގެ މަންމަ ބުންޏެވެ. އެހެންނަމަވެސް އެކަމެއް ޔޫސުފް ހަނދާނެއް ނުވެއެވެ. ދެން ކަމަނައާއި ކައިވެނި ކުރެވުނު ގޮތެވެ. ކައިވެނީގެ ހުރިހާ ކަމެއް ހަމަޖެއްސީ ކަމަނަ ގެ އާއިލާއެވެ. ކައިވެނި ކުރެވުނު ވަގުތު ތަކުބީރެއް ކީކަމެއް ނުވަތަ ނުކިޔާ ކަމެއް ވެސް ޔޫސުފް ހަނދާނެއް ނުވެއެވެ. އެގަޑީގައި ޔޫސުފްގެ ބޮލަށް ފާޑަކަށް އެނބުރުން އެރުމުންނެވެ.

އޭގެފަހުން އަސްލަމް ގެ ކުއްލި މަރެވެ. އަދި އަސްލަމް ރައްޓެހިވެގެން އުޅޭ ކުއްޖާ ދުނިޔެއިން މޮޔަވިކަމާއި ޔޫސުފް އާއި ދިމާލަށް "ފުރޭތައަކާއި އެކީ އުޅެނީ" އޭ ބުނި ކަމެވެ. އޭގެ އިތުރުން ކަމަނަމެން ގޭތެރޭގައި އަސްލަމް ހައްޔަރު ކޮށްފައި އިންތަން ޔޫސުފްއަށާއި އުސްމާނަށް ހުވަފެނުން ފެނުމާއި އަވަހަށް ސަލާމަތްވާން އެހުވަފެނުގައި އަސްލަމް އެދި ގޮވުމެވެ.

އެކަންތަކަށްފަހު މައްޔިތެއްގެ ގައިން ކަމަނަ ލޭބޮނިކޮށް ފެނުނު ހުވަފެނާއި ޔޫސުފްމެން ގެއަށް މުދިންބެ ދިޔުމުން ކަމަނަ އަށްވީ ގޮތާއި މެދު ވެސް ޔޫސުފް ވިސްނިއެވެ. އެންމެ ބޮޑަށް ޔޫސުފް އަށް ޝައްކު ކުރެވުނީ ކަމަނަ އަކީ "ޑްރެކިއުލާ" އެއް ކަމަށް އައިދަން ބުނުމުންނެވެ. އެއީ ބޮލަށް އެނބުރުން އަރާފައިވާތީ އައިދަން އަށް ބުނެވުނު އެއްޗެއްބާއޭ ނުވަތަ ހަމަ ތެދުބާއޭ ޔޫސުފް ހިތައް އެރިއެވެ. ކޮންމެހެނަކަސް ޔޫސުފް ބޭނުންވީ ހަގީގަތް ހޯދާށެވެ.

ޔޫސުފް ގެ ނަޒަރު ކުއްލިއަކަށް ހުއްޓުނީ އައިދަން ބާއްވާފައި އޮތް ވޯޑުގެ ކުޑަ ދޮރާއި ދިމާލަށެވެ. ކުޑަދޮރުން ބޭރުގައި ވަރަށް ރުޅިވެރި ގޮތަކަށް ޔޫސުފް އާއި ދިމާލަށް ބަލަން ކަމަނަ ހުއްޓެވެ.

އެހޮސްޕިޓަލުގެ ކުޑަދޮރުން ބޭރުގައި ކަމަނަ ބަލަން ހުރުމުން އެއީ އިންސާނެއް ނޫންކަން ޔޫސުފް އަށް ޔަގީންވިއެވެ. ސަބަބަކީ ޔޫސުފް އާއި އައިދަން ތިބީ އެހޮސްޕިޓަލުގެ ދެވަނަ ފަންގިފިލާގައި ހުރި ވޯޑެއްގައި ކަމަށްވާތީ، އެހާ އުސްތަނެއްގެ ކުޑަ ދޮރުން ބޭރާއި ހަމައަށް އެއްވެސް އިންސާނަކަށް ނުދެވޭނެތީއެވެ. އޭގެ އިތުރުން ކަމަނަ ގެ ރަތް ވެފައިވާ ދެ ލޯ ފެނުމުން ވެސް އެއީ އިންސާނެއް ނޫންކަން ޔޫސުފް އަށް ޔަގީންވިއެވެ. ކަމަނަ ފެނިފައި ޔޫސުފް ބިރުން އައިދަން ކައިރިއަށް ބޮޑަށް ޖެހުނެވެ.

"ހާދަ ބިރެއް ތިގަތީ" ބިރުވެރި ބަރު އަޑަކުން ޔޫސުފް ގާތު ކަމަނަ އެހެން އެހިއިރު، ކުއްލިއަކަށް އޭނާ ހުރީ ޔޫސުފް އާއި ވަރަށް ކައިރީގައި ހޮސްޕިޓަލު އެތެރޭގައެވެ.

ސިއްސައިގެން ގޮސް ޔޫސުފް އަށް ހަޅޭލަވައިގަނެވުނެވެ. އެވަގުތު އެތަނަށް ނަރުސް ކުއްޖަކުވެސް ދުވެފައި ދިޔައެވެ. ވީކީއްތޯ ޔޫސުފް ގާތު އެހުމުން ކަމަނަ އާއި ދިމާލަށް ބަލާލިއިރު އެތަނުގައި ކަމަނަ އެއް ނެތެވެ. އެހެންކަމުން ހިންދިރުވާލާފައި "ނުބައި ހުވަފެނެއް ފެނުނީ" ކަމަށް ބުނެ ނަރުސް ކުއްޖާގާތު ޔޫސުފް ދޮގު ހެދިއެވެ. އަދި އެކުއްޖާ އެތަނުން ދިޔަތާ އިރުކޮޅެއްފަހުން ފާޚާނާއަކަށް ދާން ވެގެން ޔޫސުފް ވޯޑުން ބޭރަށް ނިކުތެވެ.
އެއިރު ދަންވަރު ތިނެއް ޖަހަނީއެވެ. ހޮސްޕިޓަލުގައި ހޭލާހުރީ އެވަގުތު ޑިއުޓީގައި ތިބި ނަރުސްކުދިންނާއި ޔޫސުފް އެކަންޏެވެ.

ފާޚާނާ ކޮށްގެން ޔޫސުފް އަށް ނިކުމެވުނީ ކަމަނަ ގެ ކުރިމައްޗަށެވެ. އެއިރުވެސް ކަމަނަ ޔޫސުފް އާއި ދިމާލަށް ބަލަން ހުރީ ވަރަށް ރުޅިވެރި ގޮތަކަށެވެ.

"މިހާރު އެނގިއްޖެ ދޯ މަގޭ ހަގީގަތް" ޔޫސުފް ގާތު ކަމަނަ އެއްސެވެ.

"ކޮން ހަގީގަތެއް؟" ކަމަނަ ފެނިގެން ހިތް ބިރުގަތް ނަމަވެސް، އެކަން ސިއްރުކުރަމުން ހަމަޖެހިލާފައި ޔޫސުފް ސުވާލު ކުރިއެވެ.

"ނޭނގޭ ކަމަށް ހަދާނެ ކަމެއް ނެތް! މަށަށް އިނގޭ ހުރިހާ އެއްޗެއް ވެސް މިހާރު އެނގިއްޖެކަން" އިތުރަށް ރުޅިއައިސްފައި ކަމަނަ އެއްސެވެ.

"ހުރިހާ އެއްޗެއް އެނގެން ބޭނުން ވިޔަސް އަދި ހުރިހާ އެއްޗެއް ނޭނގޭ. އާނ އެކަމަކު މިހާރު އެނގިއްޖެ ތިއީ އިންސާނެއް ނޫންކަން. ކޮންކަމަކާ ކަމަނަ ތިރުޅި އަންނަނީ؟ މަށެއްނު ރުޅި އަންނަންވީ؟ މަށަށް ތިވަރު ބޮޑު އޮޅުވާލުމެއް އޮޅުވާލާ މަގޭ ދަރިއަށް ގޯނާ ކުރީތީ." ގަދަ ކޮށްލާފައި ޔޫސުފް އެހެން ބުނުމުން ކަމަނަ އިތުރަށް ރުޅިއައެވެ.

"ގޯނާ ކުރާނަން. އެންމެންނަށް ވެސް ގޯނާ ކުރާނަން. މަ ބޭނުން ކޮންމެ މީހަކަށް ގޯނާ ކުރާނަން. އަދި މަށާ ޔޫސުފް އާއި ދެމެދަށް ވަންނަން އުޅޭ ކޮންމެ މީހެއްގެ ދުވަސް ވެސް ދުއްވާލާނަން. ތިމުދިންބެގެ ވެސް" މިހެން ބުނެފައި ކަމަނަ އެތަނުން ގެއްލުނެވެ.

ޔޫސުފް ފިނިވިއެވެ. މުދިންބެ ގެ ފުރާނަވަނީ ބޮޑު ނުރައްކަލެއްގެ ތެރޭގައިކަން އެނގުމުން ވަރަށް ބޮޑަށް ހާސްވިއެވެ. އެކަން މުދިންބެއަށް އަންގާނީ ކިހިނެއްބާއޭ، މުދިންބެ ސަލާމަތް ކުރެވޭނީ ކިހިނެއްބާއޭ ހިތައް އަރާ ދުވެފައި ވޯޑަށް ގޮސް ފޯނު ނަގާފައި މުދިންބެއަށް ގުޅޭނެ ގޮތެއްވޭތޯ ބެލިއެވެ.

ނަމަވެސް.. ޔޫސުފް ގެ ފޯނަކު މުދިންބެގެ ނަންބަރެއް ނެތެވެ. އެނަންބަރު ކޮންމެވެސް މީހަކު ވަނީ ފުހެލާފައެވެ. ޔޫސުފް އިތުރަށް ހާސްވިއެވެ. ގޮތް ހުސްވިއެވެ. ހޮސްޕިޓަލުގައި އައިދަން އެކަނި ބާއްވާފައި ޔޫސުފްއަށް ދެވޭކަށް ވެސް ނެތެވެ. ދެން ހަދާނީ ކިހިނެއްބާއޭ، މުދިންބެ ސަލާމަތް ކުރާނީ ކިހިނެއްބާއޭ ހިތައް އަރާ ޔޫސުފް ވޯޑުގެ ދެކޮޅަށް ހިނގަމުން ދިޔައެވެ.

(ދެން އޮތީ 11 ވަނަ ބައި، އިންތިޒާރު ކޮށްލައްވާ!)


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ