އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަމަނަ (13 ވަނަ ބައި)

ކަމަނަ (13 ވަނަ ބައި)


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 44 ސިކުންތު

ހޮސްޕިޓަލަށް ވަންނަން ދިޔައިރު، ކޮންމެވެސް ކަމެއް އަނެއްކާވެސް ގޯސްކޮށް ހިނގައިފިހެން ޔޫސުފް އަށް ހީވާން ފެށިއެވެ.

ޔޫސުފްއަށް ދެވުނުހާ ބާރަކަށް ހިނގާފައި ގޮސް އައިދަން އޮތް ވޯޑަށް ވަނެވެ. އެއިރު ނަރުހުންގެ ދެ ކުއްޖަކާ ޑޮކްޓަރު ތިބީ އައިދަންގެ އެނދު ކައިރީގައެވެ. ޔޫސުފް ގެ ދެ ލޯ ބޮޑުވިއެވެ. އަދި ކިހިނެއްވީތޯ ޑޮކްޓަރު ގާތު ސުވާލު ކުރިއެވެ.

"އައި އޭމް ސޮރީ ޔޫސުފް. ޔޫސުފްގެ ދަރިފުޅުގެ ފުރާނަ ސަލާމަތެއް ނުކުރެވުނު.. ހީ އިސް ނޯ މޯ" ޑޮކްޓަރު ގެ އެބަސްތަކުން ޔޫސުފް އަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ހެންނެވެ.

"ނޫން.. ތިއީ ދޮގެއް.. ކީއްވެ ކުއްލިއަކަށް ތިހެން ވާންވީ؟ އަަހަރެން ރޭގަ މިތަނުން ދިޔައިރު ދަރިފުޅުގެ ހާލު ރަނގަޅު.. ކިހިނެއް ކުއްލިއަކަށް ތިހެން ވާންވީ؟ ތިއުޅެނީ އޮޅިގެން.. އަލުން ބައްލަވާ ދެއްވާ.. ތިހެނެއް ނުވާނެ.. ޤަބޫލެއް ނުކުރާނަން.." ލިބުނު ކުއްލި ސިހުމާއި ހިތްފިނިކަމާއިއެކު ޔޫސުފް މިހެން ބުނަމުން ދިޔައިރު އޭނާގެ ދެފައިން ބާރު ދޫވާ ގޮތްވިއެވެ.

އެއީ ޔޫސުފް ގެ ނަޒަރު އައިދަން ބާއްވާފައި އޮތް އެނދާ ދިމާލަށް ހުއްޓުނު ވަގުތެވެ. އެއެނދުމަތިން ޔޫސުފްއަށް ފެނުނީ، އޭނާގެ އަމިއްލަ ފުރާނައަށް ވުރެ ވެސް ބޮޑަށް ލޯބިވާ ދަރިފުޅު އައިދަން، އެއްވެސް ހަރަކާތެއް ނެތި އޮއްވައެވެ. އައިދަން އެއޮތީ ތާއަބަދަށް މިދުނިޔެއަށް ދެލޯ މަރާލައިގެން ކަމާއި، ނޭވާ ވެސް ނުލާކަން ޤަބޫލުކުރަން ޔޫސުފްއަށް އެއިރުވެސް އުނދަގޫވިއެވެ.

މަޑުމަޑުން ދަރިފުޅުގެ އެނދާއި ކައިރިއަށް ޖެހިލަމުން، ލޯބިވާ ދަރިފުޅުގެ މޫނުމަތީގައި ފިރުމަން ފެށިއެވެ. ދަރިފުޅާ އޭ ކިޔާ ގޮވަން ފެށިއެވެ.

"ތިއީ ބައްޕައާއި ކުރާ ސަމާސާއެއް ދޯ؟ ދަރިފުޅާ ޕްލީޒް ތެދުވޭ. ލޯ ހުޅުވާލަބަލަ އައިދަން. ތެދުވެގެން ހިނގާ ގެއަށް ދާން. ބައްޕަ ދެން ދުވަހަކު ވެސް ދަރިފުޅު ބަހައްޓާފަ އެއްވެސް ތާކަށް ނުދާނަން. ޕްރޮމިސް. ތެދުވޭ އައިދަން ޕްލީސް. އެހެން ނޫނީ އެމީހުން ބައްޕައާއި ދަރިފުޅު އެއްކޮށް ވަކި ކޮށްލަފާނެ. ލޯ ހުޅުވާލަބަލަ ދަރިފުޅާ. ބައްޕަ އަށް ގޮވާލަބަލަ.. ޕްލީސް.." އައިދަން އަށް ގޮވަމުން، އާދޭސް ކުރަމުން ދިޔައިރު ޔޫސުފް ގެ ދެލޮލުން ހުއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ. އިސާހިތަކު އޭނާއަށް ގިސްލަ ގިސްލާފައި ރޮވެން ފެށުނެވެ. އެވަގުތު އެތަނުގައި ތިބި އެންމެންނަށް ވެސް އެމަންޒަރު ފެނިފައި ރޮވުނެވެ. އެންމެން ވެސް އެދެމުން ދިޔައީ ޔޫސުފް ދައްކަމުން ދިޔަ ވާހަކަތައް ހަގީގަތަކަށްވެ، އޭނާގެ ދަރިފުޅު އޭނާއަށް އަލުން ލިބުމެވެ. ނަމަވެސް އެއީ ދެން ވާނެ ކަމެއް ނޫންކަން ވެސް އެންމެންނަށް އެނގެއެވެ.

އެވަގުތު އެތަނަށް ޔޫސުފްގެ މަންމަ ވެސް ދިޔައެވެ. އައިދަން މިދުނިޔެއިން ވަކިވުމުން، ޔޫސުފްއަށްވީ ވަރަށް ވުރެ ބޮޑުވަރު ޔޫސުފްގެ މަންމައަށް ވިއެވެ. ރޮއެރޮއެ ގޮސް ޚަބަރު ހުސްވެގެން ވެއްޓުމުން، މަންމައަށް ފަރުވާ ދިނުމަށް ޔޫސުފް ވެސް އަވަސްވެގަތެވެ. ހަމަ އެވޯޑުގެ އެެހެން އެނދެއްގައި ޔޫސުފްގެ މަންމަ ބޭއްވުމަށްފަހު، ހޭވެރިކަން ގެނެވޭތޯ މަސައްކަތް ކުރިއެވެ. އޭގެ ގާތްގަނޑަކަށް ބައި ގަޑިއިރެއްހާއިރު ފަހުން ޔޫސުފްގެ މަންމަ އަށް ހޭވެރިކަން ވުމާއިއެކު އަނެއްކާވެސް އައިދަން އަށް ގޮވާ ރޯން ފެށިއެވެ.

އައިދަން އާއި ވަކިވުމަކީ ޔޫސުފްއަށާއި އޭނާގެ މަންމައަށް ކެތްކުރަން ވަރަށް އުނދަގޫކަމަކަށްވީ ނަމަވެސް، އެކަމަށް އެދެމައިން ވެސް ފަހުން ކެތްކުރިއެވެ. ޢަސްރު ނަމާދަށްފަހު އައިދަންގެ ހަށިގަނޑު ވަޅުލިއެވެ. ޔޫސުފް ހިތް ކުދިކުދިވީ ފަދައެވެ. ނަމަވެސް މަންމައަށްޓަކައި ހިތްވަރު ކުރަން ޖެހޭކަން އެނގިހުރެ، މަޙްޝަރުގައި ދަރިފުޅާއިއެކު ލެއްވުމަށް އެދި ދެން ކޮންމެ ނަމާދެއްގައި ވެސް ދުޢާ ކުރަން ޔޫސުފް ނިންމިއެވެ.

އައިދަން ވަޅުލާފައި ގެއަށް ގޮސް ޔޫސުފް އިނީ އޭނާގެ މަންމަ ގާތުއެވެ. އެއިރުވެސް އޭނާގެ މަންމައަށް ރޮވެނީއެވެ. ޔޫސުފް ބެލީ މަންމަ ހިތްހަމަ ޖައްސާދެވޭތޯއެވެ. އަައިދަން މަރުވީ ކުޑަކުއްޖެއްގެ ގޮތުގައި ކަމަށްވާތީ، އިރާދަކުރެއްވިއްޔާ މިހާރު އައިދަން ވާނީ މިދުނިޔެއަށް ވުރެ ރަނގަޅުތަނަކު ކަމަށް ބުނެ ޔޫސުފް ވިސްނާ ދޭން ފެށުމުން އޭނާގެ މަންމަ ވެސް ކޮންމެވެސް ވަރަކަށް ހިތްހަމަ ޖެހެން ފެށިއެވެ.

މަންމަ ތަންކޮޅެއް ހަމަޖެހުމުން، އިރުކޮޅެއް ފަހުން ޔޫސުފް ގެ ހިތައް ސުވާލެއް ވެރިވިއެވެ. އެއީ އެފަދަ ސުވާލެއް ކުރުން އެންމެ ރަނގަޅު ވަގުތު ނޫން ކަމުގައި ވިޔަސް، ހަގީގަތް ހޯދުމަށްތަކައި ޔޫސުފް އެސުވާލު ކުރިއެވެ.

"މަންމާ.. ރޭގަ އައިދަން ކައިރީގަ ހުރެފަ މަންމަ ގެއަށް އައީ ކޮން އިރަކު؟ މިހެން މިބުނީ، އަހަރެން ރޭ ދަންވަރު ތަނަކަށް ދިޔައީ އައިދަން ކައިރީގަ މަންމަ ބައިންދާފައެއްނު، އެކަމަކު ހެނދުނު އަހަރެން ދިޔައިރު ހޮސްޕިޓަލުގަ މަންމައެއް ނެތް. އަހަރެން ދިޔަތާ އިރުކޮޅެއް ފަހުން މަންމަ ހޮސްޕިޓަލަށް ދިޔައީ. އައިދަން އެކަނި ބާއްވާފަތަ އައީ ގެއަށް؟ މަންމަ އައި އިރު އައިދަން ރަނގަޅުތަ؟" މަންމައާއި އެސުވާލު ކުރެވުނީ ރަނގަޅަށް ބާއޭ ހިތައް އަރާފައި، ވަރަށް ޖެހިލުންވެ އިނދެ ޔޫސުފް އެއްސެވެ.

ޔޫސުފް ގެ އެސުވާލުން އޭނާގެ މަންމައަށް ލިބުނީ ވަރަށް ބޮޑު ހައިރާން ކަމެކެވެ. އެހައިރާންކަމާއިއެކު ޔޫސުފް އާއި ދިމާލަށް ބަލަން އިނދެފައި ބުންޏެވެ.

"ދަރިފުޅު ކީކޭތަ ތިކިޔަނީ؟ ރޭގަ އައިދަން ކައިރީގަ މަންމަ ބައިންދާފަ ދަރިފުޅުު ކޮންތާކަށް ދިޔަ ވާހަކައެއް ތިދައްކަނީ؟ މަންމަ ރޭގަ ގެއަށް އައީ އުސްމާން އާއި އެއްކޮށެއްނު. އެއީ އައިދަން ގެ ހާލު ރަނގަޅު ވާހަކަ ބުނީމައެއްނު. އޭގެ ފަހުން ދަންވަރު ގަޑީގަ މަންމަ ކިހިނެއް އެކަނި ހޮސްޕިޓަލަށް އަނެއްކާ ދާނީ؟ ދަރިފުޅަށް އިނގޭނު މަންމައަކީ އިރު އޮއްސުމަށްފަހު އެކަނި ބޭރުގަ އުޅެވޭ މީހެއް ނޫންކަން. އެއިރު ގެއަށް އައިސް މަންމައަށް ނިދުނީ. ދެން ފަތިހު ހޭލާފައި،ފަތިސް ނަމާދުކޮށް ނިމިގެން ގޭގަ އިނީ ދަރިފުޅުގެ ހަބަރެއް ވަންދެން. އޭގެ ފަހުން އިރު އަރާ ވަރަށް ގިނައިރު ވީފަހުން މިގޭ ކައިރި ކަތްދަ އައިސް ބުނީ އައިދަން ނިޔާވެގެން އެބައުޅޭޔޭ، ހޮސްޕިޓަލުގަ މަސައްކަތް ކުރާ އޭނަގެ ދަރިއަކު ބުނެފިއޭ. ދެން މަންމަ އަވަހަށް ދިޔައީ ކާރަކަށް އަރައިގެން"

މަންމަގެ ވާހަކަތަކުން ޔޫސުފްގެ ހިތް ފިނިވިއެވެ. ދަރިފުޅުގެ މަރުގެ ހަގީގަތް އެހިސާބުން ޔޫސުފް އަށް ވިސްނުނެވެ. އައިދަން މަރުވީ ކުއްލިއަކަށް ހިތް ހުއްޓިގެން ކަމަށާއި، އެހޮސްޕިޓަލުގައި އެއްވެސް ކުޑަކުއްޖަކު ބިރުގަންނާނެފަދަ މަންޒަރެއްވެސް ނުހުންނައިރު، އެހެން ދިމާވީ ކީއްވެކަމެއް ނުވިސްނޭ ވާހަކަ، ޔޫސުފް ގާތު އައިދަން ބެލި ޑޮކްޓަރު ވެސް ފަހުން ވަނީ ބުނެފައެވެ.

އައިދަން އަށް ފެނުނީ ބިރުވެރި އެއްޗެކެވެ. އައިދަން އަށް ފެނުނީ ކަމަނަ އެވެ. ކަމަނަ ގެ އަސްލު ސިފައިގައެވެ. ލޯބިވާ ދަރިފުޅު ކައިރީގައި ކަމަނަ ބައިންދާފައި ދެވުނީ ޔޫސުފް އަށެވެ. އެއީ އޭނާގެ މަންމަގެ ސިފައިގާ އައުމުންނެވެ.

(ދެން އޮތީ އެންމެ ފަހު ބައި)

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ