ރިބާ ހިމެނޭތީ ވާރުތަ މުދަލުން 200 މިލިއަން ޑޮލަރު ދޫކޮށްލި ޒީނާޝް ބިލިއނަރަކަށްވީގޮތުގެ ވާހަކަ

ރިބާ ހިމެނޭތީ ވާރުތަ މުދަލުން 200 މިލިއަން ޑޮލަރު ދޫކޮށްލި ޒީނާޝް ބިލިއނަރަކަށްވީގޮތުގެ ވާހަކަ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 27 ސިކުންތު

އަބޫ ސުލައިމާނަކީ މޮރޮއްކޯއަށް ނިޞްބަތްވާ މަހުޖަނެކެވެ. މަރުވިއިރު 600 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް އަތުގައި ހުއްޓެވެ. ތަފާތު ވިޔަފާރިތަކުގައެވެ.

ތިބީ ދެ ދަރިންނެވެ. ފިރިހެން ދަރިއަކާއި އަންހެން ދަރިއެކެވެ. މުދާ ބެހުމުން އަންހެން ދަރިފުޅަށް 200 މިލިއަން ޑޮލަރުގެ ހިއްސާ ލިބުނެވެ. ނަމަވެސް ޒީނާޝް ނިންމީ އެއިން އެންމެ ޑޮލަރެއްވެސް ބޭނުން ނުކުރުމަށެވެ. އެހެންކަމުން މުޅި މިލްކިއްޔާތު ބޭބެއަށް ހަދިޔާކޮށްލީ ހިތްހަމަޖެހިގެން ހުރެއެވެ.

ޒީނާޝް އެގޮތަށް ނިންމީ ބައްޕަގެ ވިޔަފާރި ކުރިއަރާފައިވަނީ ބޭންކުން ލޯނު ނަގައިގެން ކުރި ވިޔަފާރިން ކަމަށްވާތީއެވެ. އަދި ބައްޕަ މަރުވިއިރުވެސް ރިބާ ހިމެނޭ ލޯނުތައް ވެސް ހުރުމުންނެވެ. ރިބާ ހިމެނޭ އެއްވެސް މުޢާމަލާތެއް ނުކުރުމަކީ އެންމެ ކުޑައިރުންސުރެ ޒީނާޝްގެ އަޒުމަކަށްވާތީއެވެ.

ޒީނާޝް މިފަދަ ނިންމުމެއް ނިންމީ އުމުރުން 24 އަހަރުގައެވެ. އެހެންކަމުން ކޯޓުގައި ތަރިކައިގެ މައްސަލަ ނިންމި ފަނޑިޔާރު ވަނީ ތަކުރާރުކޮށް ޒީނާޝް އާއި ސުވާލުކޮށްފައެވެ. ހުރިހާ މުދަލެއް ބޭބެއަށް ތިއަ ދޫކޮށްލަނީ ހަމަ އެކަން އެގޮތަށް ކުރަން ބޭނުންވެގެންތޯއެވެ؟ ފަހުން ހަމަ އެއްވެސް ޝަކުވާއެއް ނުކުރާނަންތޯއެވެ؟ ވިސްނުން ބަދަލެއް ނުކުރާނަންތޯއެވެ؟

ޒީނާޝްގެ ޖަވާބު ވަރަށް ސާފެވެ. މިއީ މިއަދުގެ ވިސްނުމެއް ނޫނެވެ. ކަންކަން އެނގެން ފެށީންސުރެ ނިންމައިގެން ހުރި ނިންމުމެއް ކަމެވެ. މާތް ﷲ ގެ ވާގިފުޅާއިއެކު ދުވަހަކުވެސް އެ ނިންމުން ބަދަލު ނުކުރާނެ ކަމެވެ.

ކޮންމެއަކަސް މުދަލުގެ ކަންތައްތައް ނިމިގެން ދިއުމުން ޒީނާޝް ބޭނުންވީ އޭނާގެ ހަލާލު މަސައްކަތުން އާމްދަނީ ހޯދައިގެން ދިރިއުޅުމަށެވެ. އެގޮތުން ވަޒީފާއެއް ހޯދަން ކުރި މަސައްކަތުން ބައްޕަގެ ރަހްމަތްތެރިއަކު ޒީނާޝްއަށް ވަޒީފާއެއް ދިނެވެ. އޭނާގެ ފަސްތަރި ހޮޓަލެއްގެ މެނޭޖަރުކަމެވެ.

ޒީނާޝް ކިޔަވައިގެންވެސް ހުރީ ވިޔަފާރި އާއި ފަތުރުވެރިކަމެވެ. އެހެންކަމުން އެވަޒީފާ ވެގެންދިއައީ ވަރަށް ޝައުޤުވެރި ކަމާއެކު އަދާކުރަން ބޭނުންވި ވަޒީފާއަކަށެވެ.

ވަޒިފާގައި މަސައްކަތްކުރަމުންދާތާ 3 އަހަރުވީފަހުން ސައުދިއަރަބިޔާގައި އޮތް ފެއާއެއްގައި ބައިވެރިވުމަށް ފެއާއަށް ދިއުމުގެ ފުރުޞަތު ޒިނާޝްއަށް ލިބުނެވެ. އޭނާ މަސައްކަތްކުރާ ހޮޓާ އިޝްތިހާރުކުރުމަށެވެ.

ފެއާގެ ތެރެއިން ޒިނާޝް އާއި ބައްދަލުވި އެކަކީ ބަހްރައިނުގެ ޝާހީ އާއިލާއަށް ނިޞްބަތްވާ ޒުވާނެކެވެ. ދެމީހުންގެ މެދުގައި ވަރަށް ގާތް ގުޅުމެއް ހިނގިއެވެ. ދެމީހުން ވަކިވީ ޒީނާޝްއަށް އެއްވެސް ކަމެއް ބޭނުންވެއްޖެނަމަ އެކަން އަންގައިލުމަށް ލިބުނު ދައުވަތާއިއެކުގައެވެ.

އެއިގެފަހުން ޒުވާނާ ދޭތެރެދޭތެރެއިން މޮރޮއްކޯއަށް ޒިޔާރަތްކުރެއެވެ. ޒީނާޝް މަސައްކަތްކުރާ ހޮޓަލުގައި ޒުވާނާ މަޑުކުރެއެވެ. ދެ ޒުވާނުންގެ މެދުގައި ދިއައީ ގުޅުން އިތުރަށް ބަދަހިވަމުންނެވެ.

ދުވަސްކޮޅެއްފަހުން ކަންދިމާވިގޮތުން ޒީނާޝް މަސައްކަތްކުރާ ހޮޓާ ހިންގާ ކުންފުންޏަށް ދިމާވި މާލީ މައްސަލަތަކަކާއި ގުޅިގެން ހޮޓާ ވިއްކާލަން ނިންމިއެވެ. އަދި އެކަން އިޝްތިހާރުވެސް ކުރަން ފެށިއެވެ.

ޒިނާޝް އާއި ޒުވާނާ އާއި ފޯނުން ދެއްކި ވާހަކައެއްގައި ހޮޓަލަށް ކުރިމަތިވެގެން އުޅޭ މައްސަލަ ޒުވާނާއަށް ކިޔައިދިނެވެ. އަދި ހޮޓާ ގަންނަ ކުންފުންޏަކުން ބޭނުންވެއްޖެނަމަ އޭނާ ވަޒީފާއިން ވަކިކުރެވިދާނެކަމަށްވެސް ބުންޏެވެ.

އެއިގެ ހަފްތާއެއްހައި ދުވަސްފަހެވެ. ހޮޓާ ގަތުމުގެ ޝައުޤުވެރިކަން ޔޫއޭއީގެ ކުންފުންޏަކުން ފައުޅުކޮށްފިކަމުގެ މައުލޫމާތު ޒީނާޝްއަށް ލިބުނެވެ. ފުރަތަމަ ކުޑަކޮށް ކަންބޮޑުވިއެވެ. ވަޒީފާ ގެއްލިދާނެތީއެވެ. ނަމަވެސް ޒީނާޝް އެކަމާއިމެދު އެހައި ބޮޑަށް ކަންބޮޑެއް ނުވެއެވެ. ވަޒީފާ ގެއްލިއްޖެނަމަ އެއަށްވުރެ ރަނގަޅު ވަޒީފާއެއް ލިބޭނެ މަގު މާތް ﷲ ފަހިކޮށް ދެއްވަވާނެކަމުގެ ޔަޤީންކަން ޒީނާޝްއަށް އޮންނާތީއެވެ.

ކޮންމެއަކަސް ހޮޓާ ވިއްކާލައިފިއެވެ. މިއަދަކީ ހޮޓާ ގަތް ފަރާތުން ހޮޓަލާއި ހަވާލުވާން އަންނަ ދުވަހެވެ. ޒީނާޝްވެސް ވަރަށް ހެނދުނާ ހޮޓަލަށް އައިސްހުރީ އައު މެނޭޖްމަންޓަށް މަރުހަބާ ކިޔުމަށެވެ.

އައު މެނޭޖްމަންޓް ހޮޓަލާއި ހަވާލުވުމުގެ މަސައްކަތް ހަމަ އެދުވަހު ފަށާނެއެވެ. ބޭނުން މުވައްޒިފަކު ވަކިކުރާނެއެވެ. ބޭނުންވާ ބަދަލުތައް ގެންނާނެއެވެ. އެހެންކަމުން އެއީ އެ ހޮޓަލުގައި ޒީނާޝް މަސައްކަތްކުރާ އެންމެ ފަހު ދުވަހަށްވެސް ވެދާނެތީ އެކަމަށް ވެސް ޒީނާޝް ހުރީ ތައްޔާރުވެގެންނެވެ.

ހޮޓާ ގަތް ކުންފުނިން ފޮނުވި ބައަކު ހޮޓަލަށް އަތުވެއްޖެއެވެ. އެހެން މުވައްޒިފުން ފަދައިން ޒިނާޝްވެސް އެމީހުންނަށް ތަޢާރަފްވިއެވެ. ތަޢާރަފްވުމުން "އަނހާ- ތީތަ ޒީނާޝް" ބުނުމާއިއެކު ޖީބުން ވިޒިޓިންގ ކާޑެއް ނަގައި ޒިނާޝް އަތަށް ދިނުމަށްފަހު އެއީ ޒީނާޝް ދަންނަ މީހެއްތޯ ސުވާލުކުރިއެވެ.

ޖަވާބުގައި ޒީނާޝް ބޯޖަހައިލިއެވެ. އެއީ ޒީނާޝް ރައްޓެހި ބަހްރައިނުގެ ޒުވާނާގެ ކާޑެކެވެ. އެހެންކަމުން އެ ޒުވާނާ ކޮބައިތޯ ސުވާލުކުރިއެވެ. ޖަވާބުގައި ބުނީ މިއަދުގެ ވަގުތެއްގައި ބައްދަލުވާނެ ކަމަށެވެ.

މީގެ ކުރިން ޒުވާނާ މޮރޮއްކޯއަށް އަންނަ ނަމަ ޒިނާޝްއަށް އަންގައެވެ. ނަމަވެސް މިދަތުރާއިބެހޭ އެއްވެސް ވާހަކައެއް ނުބުނާތީ އަދި ރިޒަރވޭޝަނެއްވެސް ހަދާފައި ނެތުމުން ޒީނާޝް އަށް ކޮންމެވެސް ވަރެއްގެ ހާސްކަމެއް ލިބުނެވެ.

ހަވީރުވާން އުޅެނިކޮށް ފެނުނީ ޒުވާނާ ހޮޓަލަށް އައިތަނެވެ. ޒީނާޝްއަށް ކުޑަ ސިހުމެއްވެސް ލިބުނެވެ. ނަމަވެސް އެކަން ޒުވާނާއަކަށް ނުއަންގައެވެ.

ޒުވާނާ އައުމާއިއެކު ޔޫއޭއީ އިން ހޮޓަލާއި ހަވާލުވާން އައިސްތިބި މީހުން އޭނާ އާއި ބައްދަލުކުރިއެވެ. އަދި މަސައްކަތްކުރިއަށްދާގޮތް ކިޔައިދޭން ފެށިއެވެ. އެއަޑުއަހަން ޒީނާޝް ހުރިއިރު އައު މެނޭޖްމަންޓާއި ޒުވާނާ އާއި ގުޅުމެއް ހުރިކަން ވިސްނުނެވެ.

އިރުކޮޅެއްފަހުން ޒުވާނާ އާއި ޒީނާޝް ތިބީ ރެސްޓޯރަންޓުގައެވެ. "ޒީނާޝް. މިހޮޓާ މިއީ މިހާރު ޒިނާޝްގެ ތަނެއް. އަހަރެމެން މިތަނާއި މިއަދު މިހަވާލުވަނީ. ހަވާލުވުމަށްފަހު މިތަންވެގެންދާނީ ޒީނާޝްގެ އަމިއްލަ ތަނަކަށް. މިއީ އަހަރެން ޒިނާޝްއަށް ދިން ހަދިޔާއެއް ކަމަށް ޤަބޫލުކުރޭ."
ޒީނާޝް އަށް އެއަޑުތައް ވެގެން ދިއައީ ލިބުނު ވަރަށް ބޮޑު ސިހުމަކަށެވެ. އެންމެ ބޮޑު އެއް މައްސަލައަކީ އެފަދަ ބޮޑު މުއްސަނދިކަމެއް އޭނާ ބޭނުން ނުވާކަމެވެ.

"ކަންބޮޑު ނުވޭ. މިތަނުގެ ބެލެނިވެރިކަން ނަގާނީ އަހަރެންގެ ކުންފުނިން. ހުރިހާ ޚަރަދެއް ކުރާނީ އަހަރެން. ޒީނާޝްގެ ކަމަކީ އަމިއްލަ ތަނެއްގެ ގޮތުގައި ހޮޓާ ހިންގުން. އައު މެނޭޖްމަންޓް ސްޓްރަކްޗަރގަ ޗެއަރމަނަކީ އަހަރެން. މެނޭޖިންގ ޑިރެކްޓަރަކީ ޒިނާޝް. ޒީނާޝް ބޭނުންގޮތަކަށް މަޤާމްތައް ހަމަޖައްސާ. ދުކޮށްލަން ފެންނަ ބައަކު ދޫކޮށްލާ. ފެންނަ ބައަކަށް ވަޒީފާދީ." ޒުވާނާ ފަތްޗަކަށް އަމުނައިލިއެވެ.

ޒީނާޝް ޒުވާނާގެ ހުށަހެޅުން ޤަބޫލުކުރިއެވެ. އަދި ހޮޓާ ހިންގުމުގެ މަސްއޫލިއްޔަތާއި ހަވާލުވިއެވެ. އެ މަސްއޫލިއްޔަތަށް އަހަރުފުރުނުއިރު ކަންކަން ވަނީ މުޅިން ބަދަލުވެފައެވެ. ޒީނާޝް އަކީ ޒުވާނާ ޝައިޚް ޖަބަލްގެ ދެވަނަ އަނބިމީހާއެވެ.

އެއިގެ 5 އަހަރެއްހައި ދުވަސް ފަހެވެ. ޒީނާޝްގެ ބޭބެއަށް ބައްޕަގެ ވިޔަފާރި ކުރިއަށް ގެންދެވޭނެ ގޮތެއް ނެތެވެ. ވިޔަފާރިން ފައިދާވެއެވެ. ނަމަވެސް ބޭންކް ލޯންތަކަށް ފައިސާ ދައްކައި ނިމޭއިރު މީހާ ހުންނަނީ ފިތިބާރުވެފައެވެ.

ދެން އެހެން ގޮތެއް ނެތުމުން ބޭބެ، ޒީނާޝް އާއި ބައްދަލުކޮށް ދެން ހަދާނެ ގޮތަކާއިމެދު މަޝްވަރާ ކުރިއެވެ. ޒީނާޝް ބޭނުން ނުކުރި ނަމަވެސް ޒީނާޝްއަކީވެސް ވިޔަފާރީގެ ހައްޤުވެރިއަކަށްވާތީއެވެ.

ޒީނާޝްގެ ބޭބެ ދެއްކި ވާހަކަތައް އެނާގެ ފިރިމީހާއަށް ކިޔައިދީ ލަފައަކަށް އެހިއެވެ. އެކަމާއި ގުޅިގެން އެ ވިޔަފާރީގެ މާލީ ރިޕޯޓްތައް ފިރިމީހާ ދިރާސާކުރިއެވެ.

ހުރިހާ ކަމެއް އޮޅުންފިލުވުމަށްފަހު ފިރިމީހާ ނިންމީ ޒީނާޝްގެ ޢާއިލީ ވިޔަފާރިވެސް ގަތުމަށެވެ. ބޭންކްތަކަށް ދައްކަން ހުރި ލޯނުތައް އަދާކޮށް ބޭންކުތަކުގެ ކިބައިން ވިޔަފާރި މިނިވަން ކުރުމަށެވެ.

އެ ވިޔަފާރިތައް ގަތުމަށްފަހު ރަޖިސްޓްރީ ކުރީ ދެމަފިރިންނަށް ލިބިފައިވާ 2 އަހަރުގެ ފިރިހެންދަރިފުޅުގެ ނަމުގައެވެ. ހިންގަން ހަވާލުކުރީ ހަމަ ބޭބެއާއިއެވެ.

ހަޤީޤަތަށް ބަލައިފިނަމަ މިހާރު ޒީނާޝްއަކީ އޭނާ މަސައްކަތްކުރި ހޮޓަލުގެ ވެސް ވެރިފަރާތެވެ. ބައްޕަގެ ވިޔަފާރީގެ ވެސް ވެރިފަރާތެވެ. ހުރިހާ މުޢާމަލާތެއް ކުރަނީ އިސްލާމިކް ބޭންކްތަކާއިއެވެ. ރިބާ ހިމެނޭ އެއްވެސް މުޢާމަލާތެއް ނުކުރެއެވެ. ރިބާ ހިމެނޭ އެންމެ ލާރިއެއް ބޭނުން ނުކޮށްވެސް ޒީނާޝްއަށް އެވަނީ ބިލިއަނަރަކަށް ވެވިފައެވެ. މާތް ﷲ ގެ ރަޙްމަތްފުޅު އޮހިގަތީ ހީވެސް ނުކުރެވޭހައި ގޮތްގޮތަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް