ކޯމާއެއްގައި ނުވަ ގަޑިއިރު އޮވެ ސަލާމަތްވި ޒުވާނެއްގެ ތަޖުރިބާ

ކޯމާއެއްގައި ނުވަ ގަޑިއިރު އޮވެ ސަލާމަތްވި ޒުވާނެއްގެ ތަޖުރިބާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 17 ސިކުންތު

"އެއީ މީގެ ދިހަ އަހަރު ކުރިންނެވެ. އެއިރު އަހަރެންގެ އުމުރުންވާނީ 21 އަހަރެވެ. އަހަރުމެން އެއިރު ދިރިއުޅެމުން ދިޔައީ ޝްރީ ލަންކާގައެވެ.

ޗުއްޓީ ދުވަސްކޮޅު ޖެހުމުން އާއިލާއާއިއެކު އަހަރެންވެސް ދިޔައީ ލަންކާގެ އެންމެ ރީތި އެއް އަވަށް ކަމުގައިވާ ނުވަރައެލިޔާ (ނޫރަލިޔާ) އަށެވެ. ނަމަވެސް އެދަތުރުވީ އަހަރެންގެ މުޅި ހަޔާތުގައި ވެސް ދިމާވި އެންމެ ބިރުވެރި ހާދިސާއާއި ކުރިމަތިވި ދަތުރަށެވެ.

އެއްދުވަހު ބޭބެއާއިއެކު ސައިކަލު ދުއްވާލަން ގޮސް، މާބާރު ސްޕީޑެއްގައި ރޭސް ޖެހުމުގެ ސަބަބުން އެތަނުގައި ހުރި ހޮޅިދަނޑިއެއްގައި ޖެހި އަހަރެންގެ ބޮލަށް ވަރަށް ބޮޑަށް ގެއްލުންވިއެވެ.

މަންމަމެން އަހަންނަށް ކިޔާދިން ގޮތުގައި ލަންކާ ހޮސްޕިޓަލަށް އަހަރެން ގެންދިޔައިރު ވެސް އަހަރެންގެ ހެއެއް ނެތެވެ. އެމަޖެންސީ ބަޔަށް އަހަރެން ވެއްދުމަށްފަހު ބޮލުގައި ބޭސްއަޅާ އެހެނިހެން ޓެސްޓުތައް ހެދުމަށްފަހު އަހަރެން އޮތީ ކޯމާއެއްގައި ކަމުގެ ހިތާމަވެރި ޚަބަރު ޑޮކްޓަރުން ދިންކަމަށް މަންމަ ކިޔާ ދިނެވެ.

އެއެނދުގައި އޮތް އިރު އަހަރެންގެ ވަށައިގެންވާ ކަންތައްތައް ކޮންމެވެސް ވަރަކަށް އަހަންނަަށް އެނގެއެވެ. މަންމަ އަހަރެން ކައިރީގައި އިނދެ ރޯއަޑު އިވެއެވެ. ލޯ ހުޅުވަން އެދި އާދޭސް ކުރާ އަޑު ވެސް އިވުނެވެ.

ލޯ ހުޅުވޭތޯ އަހަރެން ވަރަށް މަސައްކަތް ކުރީމެވެ. އަތްފައި ހަރަކާތް ކުރެވޭތޯ ވެސް ވަރަށް މަސައްކަތް ކުރީމެވެ. ނަމަވެސް ކުރި ހުރިހާ މަސައްކަތެއްވީ ބޭކާރެވެ. އަހަންނަށް އެހީވެ ދިނުމަށް އަހަރެން ސަލާމަތް ކުރުމަށް މަންމަމެން ގާތު އާދޭސް ކުރީމެވެ. ނަމަވެސް މަންމަމެންނަށް އަހަރެންގެ އާދޭސްތަކުގެ އަޑެއް ނުއިވުނެވެ. އެެއީ އަހަރެންގެ އަޑު ބޭރު ނުވަަތީއެވެ.

މަންމަމެން ބުނި ގޮތުގައި އެމީހުންނަށް އަަހަރެން ފެންނަން އޮތީ ނިދާފައި އޮތް މީހެއް ގޮތަށެވެ. ނަމަވެސް އަހަރެން އޮތީ އަމިއްލަ ހަށިގަނޑު ތެރޭގައި ހައްޔަރުވެފައެވެ. ސަލާމަތްވުމަށް އެދި ރޮއެރޮއެ އެވެ.

އަހަރެން ބަނޑުހައި ވިޔަ ނުދޭން އައިވީ ގުޅާފައި އޮތް ކަމަށް މަންމަ ބުންޏެވެ. އަމިއްލައަށް ނޭވާ ލާން ފެށުމުން އޮކްސިޖެން ފުޅި ނެއްޓުމުން މަންމަގެ އުންމީދު އާލާވި ކަމަށް ވެސް ބުންޏެވެ.

ކޯމާއިން ސަލާމަތް ވެގެން އަހަންނަށް ހަމަހޭވެރިކަންވީއިރު އެންމެ ފުރަތަމަ އަހަންނަށް ފެންނަން ފެށީ ވަރަށް ފުސްކޮށް މަންޒަރުތަކެކެވެ. ހީވީ ހުވަފެނެއް ފެންނަން ފެށިހެންނެވެ. ހޮސްޕިޓަލުގެ މަންޒަރުތައް ފުސްކޮަށް ފެންނަމުން ގޮސް އެއްކޮށް ސާފުވީއިރު އެންމެ ފުރަތަމަ ވެސް ފެނުނީ މަންމަގެ ހިނިތުންވެފައިވާ މޫނެވެ. ކަރުނައާއިއެކު މަންމަ ބުނި އަޑު އިވުނެވެ. 'އަލްޙަމްދުލިﷲ'

އެއީ ހުވަފެނެއް ނޫންކަން އެނގި ހަގީގަތުގައިވެސް އަހަންނަށް އަލުން މިދުނިޔޭގައި ހަރަކާތްތެރިވެ އުޅުމަށް ފުރުސަތު ލިބުނީކަން އެނގުމުން އަހަރެންވެސް އެކަލާނގެ ޙަޟްރަތައް ޙަމްދު ކުރީމެވެ."

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ