އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިނިވަން ޗެމްޕިއަންޝިޕް ޒޯން 3 ގެ ޗެމްޕިއަންކަން ފެހެންދޫއަށް

މިނިވަން ޗެމްޕިއަންޝިޕް ޒޯން 3 ގެ ޗެމްޕިއަންކަން ފެހެންދޫއަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ޒޯން 3 ގެ ފައިނަލް މެޗުގައި ރ.މީދޫ ބަލިކޮށް ބ.ފެހެންދޫއިން އެ ޒޯންގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ޅ.ނައިފަރު ފުޓުބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މި ފައިނަލް މެޗުގައި މީދޫގެ މައްޗަށް ފެހެންދޫއިން ކުރިހޯދީ 3-2 ގެ ނަތީޖާއިންނެވެ.

ދެ ޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ އެ މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެސް ފެހެންދޫއިންނެވެ. ފެހެންދޫއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފު ނިމެންދަނިކޮށް ހުސައިން ޝިފާހެވެ. މެޗުގެ 55 ވަނަ މިނެޓުގައި މީދޫގެ ނާޖިހު މުހައްމަދު ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

މެޗުގެ ފަހު ދިހަ މިނެޓުގެ ތެރޭގައި ފެހެންދޫގެ އާދަމް ނިޒާމް ވަނީ ދެ ލަނޑު ޖަހައި ފެހެންދޫއަށް ދެ ލަނޑުގެ ލީޑެއް ނަގައިދީފައެވެ. މީދޫއަށް ލީޑު ހަނިކޮށްދިނީ މެޗު ނިމެންދަނިކޮށް އަހުމަދު އާސިފުގެ ލަނޑުންނެވެ.

ޒޯން 3 ގައި މި ދެ ޓީމުގެ އިތުރުން ހިމެނެނީ ޅ.އަތޮޅުގެ ޗެމްޕިއަނުން ނައިފަރެވެ. މި ޒޯން ބުރު ކުރިއަށް ގެންދިޔައީ ތިން ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށްފަހު، އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމެއް ފައިނަލްގައި ވާދަކޮށްގެން ޗެމްޕިއަންކަން ލިބޭ ގޮތަށެވެ.

ޒޯން 3 ގެ ޗެމްޕިއަންކަން ފެހެންދޫއިން ހޯދުމުން ފެހެންދޫ ވަނީ މުބާރާތުގެ ފައިނަލް ބުރަށް ދަތުރުކޮށްފައެވެ. ފެހެންދޫގެ އިތުރުން ޒޯން ބުރުގެ ޗެމްޕިއަންކަން ކަށަވަރުކޮށްގެެން މުބާރާތުގެ ފައިނަލް ބުރަށް ދަތުރުކޮށްފައިވަނީ، ހއ.މުރައިދޫއާއި، ށ.ފޯކައިދޫއާއި، ފ.ނިލަންދޫއެވެ. މި މުބާރާތުގެ އޮނިގަނޑަށް މި އަހަރު ގެނައި ބަދަލާއެކު، ޒޯން ބުރުގެ ޗެމްޕިއަނުންގެ އިތުރުން މިދިޔަ އަހަރުގެ މުބާރާތުގެ ގަދަ ހަތަރު ޓީމު ވެސް ވާދަކުރާނެއެވެ. އެއީ، ށ.މިލަންދޫއާއި، އއ.މާޅޮސްއާއި، ދ.ކުޑަހުވަދޫއާއި، ގދ.ތިނަދޫއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް