އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެހީ ރިޕޯޓު: ކުއްލިއަކަށް ހިނގުމުން މަޙްރޫމްވި ތިން ކުދިންގެ މައެއް، ފަރުވާ ކުރުމަށް ދީލަތި އެހީތެރިކަމެއް ބޭނުންވޭ

އެހީ ރިޕޯޓު: ކުއްލިއަކަށް ހިނގުމުން މަޙްރޫމްވި ތިން ކުދިންގެ މައެއް، ފަރުވާ ކުރުމަށް ދީލަތި އެހީތެރިކަމެއް ބޭނުންވޭ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 43 ސިކުންތު

ސ. ހިތަދޫ ބީޗް ރެސްޓް ޝާދިޔާ ޙަސަން އަކީ އެންމެ ކުރިންސުރެ ޚާއްސަ އެހީއަށް ބޭނުންވި ފަރާތެއް ނޫނެވެ. ގޭތެރޭގެ ކަންތައްތަކާއި ކުޑަ ތިން ދަރިންގެ ކަންތައްތައް ވެސް ޝާދިޔާ ފުރިހަމަކުރީ އިތުރު އެއްވެސް މީހެއްގެ އެހީތެރިކަމަކާއި ނުލައެވެ.

ނަމަވެސް މިއަދު ޝާދިޔާއަށް މިވަނީ އެހެން މީހުންގެ އެހީތެރިކަން ނުހަނު ބޮޑަށް ބޭނުން ވެފައެވެ. އޭނާގެ ބަލިހާލަތު ގޯސްވީ ހަމަ ކުއްލިއަކަށް ހުރެފައި ކަމަށް "މިއަދުނޫހަށް" މައުލޫމާތު ދެމުން އޭނާގެ ފިރިމީހާ އިބްރާހިމް މޫސާ ކިޔާދީފައިވެއެވެ.



"ހަމަ ކުއްލިއަކަށް ހުރެފަ ނުހިނގެން ފެށީ. އެއީ މީގެ އެއްއަހަރު ކުރިން. ހަމަ އެހެން ދުވަސްތަކެކޭ ވެސް އެއްފަދައިން އެދުވަހު ވެސް ހެނދުނު ތެދުވެ ގޭތެރޭގެ ކަންތައްތައް ކުރަމުން ދިޔައީ. ދެން ކުދިން ސްކޫލަށް ދާން ހޭލައްވަން ވެގެން ގޮވަން އުޅެނިކޮށް އޭނާ (ޝާދިޔާ) އަށް ނުގޮވުނީ. އަޑުވެސް ބޭރެއް ނުވި. އެހެންވެ ބިރުން އޭނާ ދިޔައީ މިގެއާއި ކައިރީގައި ހުރި އަހަރެމެންގެ ދައްތައެއްގެ ގެއަށް. ދައްތައަށް ވެސް އެނގުުނު ޝާދިޔާއަށް ކޮންމެވެސް ގޮތެއް ވެފައިކަން ހުރީ. ދައްތަ ގާތު އެވާހަކަ ބުނަން އުޅެއުޅެ ވެސް އޭނާއަށް ވާހަކައެއް ނުދެއްކުނު. މަންމަނަކު ވާހަކަ ދައްކާހެން ވާހަކަ ދެއްކީ. އެހެންވެ ދައްތަ އޭނަ ގެންދިޔައީ ހޮސްޕިޓަލަށް." އިބްރާހިމް މޫސާ ކިޔައިދިނެވެ.

އިބްރާހިމް ބުނިގޮތުގައި އެފަހަރު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ކުރުމުން، ވަރަށް ވަރުން އުޅެގެން ޝާދިޔާއަށް އަލުން ވާހަކަ ދެއްކޭ ގޮތްވިއެވެ. ނަމަވެސް އެހާދިސާ ހިނގިތާ ތިން ދުވަސް ފަހުން ކުއްލިއަކަށް ޝާދިޔާ ޚަބަރުހުސްވެގެން ވެއްޓުނީ ކަމަށާއި، އޭގެ ފަހުން އޭނާއަށް ނުހިނގޭ ކަމަށް އޭނާގެ ފިރިމީހާ ބުންޏެވެ. އަދި ވާހަކަ ވެސް ދެއްކެނީ ގޮތަކަށް ކަމަށް ބުންޏެވެ. ޝާދިޔާ މިހާރު އިންނަނީ ފުރޮޅުލީ ގޮނޑިއެއްގައެވެ.

ޝާދިޔާ އާއި އިބްރާހިމްގެ ތިން ކުދިން ދުނިޔޭގައި ތިބިއިރު އެންމެ ދޮށީ ކުއްޖާއަށް މިހާރު 17 އަހަރެވެ. ދެން ހުރި ކުއްޖާއަށް 15 އަހަރު ފުރިފައިވާއިރު އެންމެ ހަގު ކުއްޖާގެ އުމުރުން މިއަހަރު 13 އަހަރު ފުރޭނެއެވެ. މިތިން ކުދިންނަކީ ވެސް އަދި ޝަރުއީ ގޮތުން ބޮޑު ނުވާ ކުޑަކުދިންނެވެ.

ޝާދިޔާގެ ބަލިހާލަތަށް އެހެންވުމުން، އޭނާއާއި ދަރިން ބަލަނީ ކާކުތޯ ސުވާލު ކުރުމުން އިބްރާހިމް ބުނީ ޝާދިޔާ އަށް ކާންދެނީ ދޮއްޓަށް ހުންނަ އަންހެން ދަރިފުޅުކަމަށާއި ޝާދިޔާ ފެންވަރުވާ ރީތިކޮށް ހަދަނީ އޭނާގެ ފިރިމީހާ އިބްރާހިމް ކަމަށެވެ. ގޭގައި ކާއެއްޗެހި ކައްކާ ދެނީ ދައްތަގެ ދަރިފުޅު ކަމަށް ވެސް އިބްރާހިމް ބުންޏެވެ. އަދި ކުދިންލާ އަންނައުނު ދޮވެދީ ގޭތެރޭގެ އެފަދަ އެހެން ކަންތައްތައް ކުރަނީ ޚުދް އިބްރާހިމް މޫސާ ކަމަށް ވެސް އޭނާ ބުންޏެވެ.

ޝާދިޔާގެ ބައްޔަށް ފަރުވާ ހޯދުމަށް އައިޖީއެމްއެޗް ހޮސްޕިޓަލާއި އޭޑީކޭ އަށް ވެސް ދެއްކި ކަމަށް އިބްރާހިމް ބުނެފައިވާއިރު، އޭނާ ބުނެފައިވަނީ އެދެތަނުން ވެސް އެދެވޭ ވަރެއްގެ ފަރުވާއެއް ލިބިފައިނުވުމުން މިހާރު އޭނާ ބޭނުންވަނީ އަނބިމީހާ ގޮވައިގެން ބޭސްފަރުވާ ކުރުމަށް އިންޑިއާއަށް ދާން ކަމަށެވެ.

އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު ފުރުމަށް ހަމަޖެހިފައިވާއިރު، ބޭރު ޤައުމެއްގައި ބޭސްފަރުވާއަށް ވެސް އުޅެވޭ ވަރަށް އަދި ފައިސާ ލިބިފައި ނުވުމުން، އިބްރާހިމް މޫސާ އެދެނީ އޭނާގެ އަނބިމީހާއަށް ފަރުވާ ކުރުމަށް ވީހާވެސް ގިނަ ފަރާތްތަކެއްގެ ދީލަތި އެހީތެރިކަމެވެ.

ޝާދިޔާ ޙަސަން އަށް އެހީތެރިވުމަށްޓަކައި ފައިސާ ޖަމާކުރުމަށް ބީއެމްއެލް އެކައުންޓް ނަންބަރު 101 387078 7708 (އިބްރާހިމް މޫސާ) އަށް ޖަމާކޮށްދިނުމަށް އާއިލާގެ ފަރާތުން އެދެއެވެ. އިތުރު މައުލޫމާތު 7607740 އިން ލިބިވަޑައިގަންނަވާނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ