ފާހިޝް އަމަލުތައް ބެލުމަކީ ކައިވެނިމަތިން ފޫހިވާކަމެއް.

ފާހިޝް އަމަލުތައް ބެލުމަކީ ކައިވެނިމަތިން ފޫހިވާކަމެއް.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 4 ސިކުންތު

ގިނަ އަދަދެއްގެ ކައިވެނިތައް ރޫޅެމުންދާތީ ގިނަ ބައަކު ކަންބޮޑުވެއެވެ. ނަމަވެސް އެކަން މެދުވެރިވާ ސަބަބުތަކަށް ކަންބޮޑުވަނީ މަދު މީހެކެވެ. އަދި ސަބަބުތަކާއިމެދު ވިސްނަނީވެސް މަދު މީހެކެވެ.

ފަހަކަށް އައިސް ކުރެވިފައިވާ ބައެއް ދިރާސާތަކުން އެނގޭ ގޮތުގައި ކައިވެނިތައް ރޫޅެން މެދުވެރިވާ އެއް ސަބަބަކީ ފާހިޝް އަމަލުތަކުގެ ވީޑިއޯ ބެލުން ގިނަވުމެވެ. ފެނިފައިވާ ވީޑިއޯތަކުގައި ކަންކަން ހިނގާފައި ހުންނަ މިންވަރަށް ކަންކަން ތިމާއަށް ނުލިބުމެވެ. އަނބިންނަށް ފިރިންގެ ކިބައިންނެވެ. ފިރިންނަށް އަނބިންގެ ކިބައިންނެވެ.

މިގޮތަށް ވިސްނާ މީހުން ގިނަ ވުމަކީ މިހާރު އުފެދިފައިވާ އިޖުތިމާޢީ އެންމެ ބޮޑު ބަލިމަޑުކަން ކަމުގައި ބުނެވިދާނެއެވެ. މިއީ ހިތާމަހުރި ކަމެކެވެ. ހުރިހާ ގޮތަކުން ބެލި ނަމަވެސް މެއެވެ. ފުރަތަމަ ކަމަކީ ފާހިޝް އަމަލުތައް ބެލުމަކީ ކަނޑައެޅިގެން ޙަރާމް ކަމެއް ކަމެވެ. މާތް ﷲ ގަދަފަދަ އަޒާބު ދެއްވަވާ ކަމެއް ކަމަށްވުމެވެ. ހަމައެއާއިއެކު ފަހަތުން ވިދިގެން އަންނަނީ އިޖުތިމާޢީ މައްސަލަތަކެވެ.

ފާހިޝް އަމަލުތައް މީހުންނަށް ފެންނަ ގޮތަށް ކުރާ މީހުން އަދި އެކަންކަން ޢާންމުކޮށް ދައްކާ މީހުން އެކަންކަން ކުރަނީ ހަމަހޭގައި ތިބެގެންކަމަށް ބެލިދާނެ ހެއްޔެވެ؟ ހަމަހޭގައި ނެތި ބައަކު ކުރާ ކަމެއް އެކުރާ ގޮތަށް ހަމަހޭގައި ހުރެގެން ކުރެވިދާނެކަމަށް ޤަބޫލުނުކޮށްބަލާށެވެ.

ކައިވެންޏަކީ ހާދަހައި މަތިވެރި ނިއުމަތެކެވެ. އެ ނިޢުމަތް ދަމަހައްޓަން ގަދައަޅައި މަސައްކަތްކުރަން މާތް ﷲ ވަނީ އަންގަވައިފައެވެ. ކައިވެނި ރޫޅައިލަންޖެހޭ ޙާލަތުގައިވެސް އެކަން އަމިއްލައަށް ނުކޮށް ޢާއިލާ އާއި ހެޔޮ އެދޭ ރައްޓެހިން ބައިވެރިކޮށްގެން ކަންކަން ކުރިއަށް ގެންދިއުމަށާއި ދެން އެހެން ގޮތެއް ނެތިގެން ނޫނީ ކައިވެނި ރޫޅައި ނުލުމަށް މާތް ﷲ އަންގަވާފައިވަނީ އެކަމުގައި ހާދަ ބޮޑެތި ސަބަބުތަކެއް ހުރުމުންކަމާއިމެދު ނިކަން ވިސްނައިލަބަލާށެވެ.

މިފަދަ ކަންކަމުގެ ސަބަބުން ކައިވެނިތައް ރޫޅުމުގެ އިތުރުން ޢާއިލީ ގުޅުންތައް ދަނީ ކެނޑެމުންނެވެ. މައެއް ބަފައެއް ބެލުމެއް ނެތެވެ. އުމުރުން ހަގުވެގެން އަހަރު ނުފުރޭ ކުޑަ ކުއްޖަކަށްވެސް ބަލައިލުމެއް ނެތް ހިސާބަށް ކަންތައްތައް މިވަނީ ގޮސްފައެވެ.

ޝައިޠާނާ ތިމާގެ ސިކުނޑިއަށް ސަވާރުވީމާ ކުރެވޭ ނުކުރެވޭ ކަމެއް ނުއެނގެއެވެ. އިންސާނުންގެ ސިފައިގައި ތިބެގެން ކުރަނީ ހައިވާނުންވެސް ނުކުރާ ފަދަ ދަށުދަރަޖައިގެ އަމަލުތަކެވެ.

ވިސްނައިލާށެވެ. އެކަމަކުން އެއްވެސް ފައިދާއެއް ލިބޭނެ އެއްވެސް ކަމެއް މާތް ﷲ ޙަރާމްކުރައްވަވާފައެއް ނުވެއެވެ. އެނބުރިދާން އޮތީ ހަމަ މާތް ﷲ ގެ ޙަޟްރަތަށެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


11%
ވ.ރަނގަޅު
5%
ރަނގަޅު
29%
އޯކޭ
52%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް