އެންމެ ދޮގަކާހެދި ނަރަކައަށް ވަންނަން ޖެހިދާނެ!

އެންމެ ދޮގަކާހެދި ނަރަކައަށް ވަންނަން ޖެހިދާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 43 ސިކުންތު

މާތް ﷲ ކުށްތަކަށް އަޒާބު ދެއްވަވަނީ ކުށުގެ އަދަދަށް ބައްލަވައިގެން އެކަންޏެއް ނޫނެވެ. ކުށްކުރަން އެމީހަކު ކުރި މަސައްކަތުގެ ބުރަކަމަށް ބައްލަވައިގެނެއްވެސް ނޫނެވެ. ޔަޤީން ކުރެވޭ ކަމަކީ މީހަކު ކުރި ކަމަކާއި ގުޅިގެން ހިނގައިދާ ހުރިހާ ކަމެއްވެސް އެކަމަކާއި ގުޅި ލާމެހިފައިވާނެ ކަމެވެ.

މިބުނި ބަހުގެ މާނައަކީ މީހަކު ކުރި ނުބައި އަމަލަކާއި ގުޅިގެން ހިނގައިދާ ހުރިހާ ކަމެއްގެ ހުރިހާ ޒިންމާތަކެއް އުފުލަން އެމީހަކަށް ޖެހޭނެ ކަމެވެ. އެކަންކަމަކާއި ގުޅިގެން ހިނގާ ހުރިހާކަމެއްގެ އަޒާބު އެމީހަކަށް ލިބޭނެ ކަމެވެ.

ދޮގެއް ހަދައިލުމަކީ ވަރަށް ފަސޭހައިން ކޮށްލެވޭ ކަމެކެވެ. މައްސަލަތައް އުފެދެނީ ދޮގު ހެދުމުގެ އިތުރުން ދޮގުގެ ވަށައިގެން އުފެދޭ މައްސަލަތަކުންވެސް މެއެވެ. އެމައްސަލަތައް ބޮޑުވެ ފިތުނަ ފަސާދަ އުފެދި އެތައް ހާސް ކަންތައްތަކެއް ކުރިމަތިވާތީއެވެ.

ބައެއް އިލްމްވެރިން ވިދާޅުވާ ގޮތުގައި ދޮގު ބުނަމީ ފާހިޝް އަމަލުތައް ކުރުމަށްވުރެ ނުބައިކަން ބޮޑު ކުށެކެވެ.

އެގޮތަށް ޤަބޫލުފުޅު ކުރައްވަވާ ޢިލްމުވެރިން ވިދާޅުވަނީ ފާހިޝް އަމަލު ކުރުމުން އެއީ އެކަން ކުރި 2 މީހުންނާއި މާތް ﷲ އާއި ދެމެދުގައި އޮތް ކަމެއް ކަމަށެވެ. ނަމަވެސް ބައެއް ޙާލަތްތަކުގައި ދޮގު ބުނުމުން އެކަމުގެ އަސަރު މުޅި މުޖުތަމައުއަށް ކުރެއެވެ. ޤައުމުގެ ހުރިހާ ރައްޔިތުންގެ މަޞްލަހަތަށް އެކަމުން އަސަރުކުރެއެވެ.

ދޮގު ބުނުމުން ޙައްޤު ނޫން ބައަކަށް އަނިޔާތައްވެސް އެބަ ލިބެއެވެ. މުޖުތަމައު ފަސާދަވެގެންދެއެވެ. ތަޅާ ފޮޅުންތައް ކުރިމަތިވެއެވެ. ފިތުނަ އުފެދި ބޮޑެތި ހަނގުރާމަތައް ކުރެއެވެ. ހަނގުރާމަތަކުގެ ސަބަބުން ޤައުމުތައް ސުންނާފަތިވެގެން އެބަދެއެވެ. މިއިން ކޮންމެ ޙާލަތެއްގައިވެސް އެތައް ހާސް ބައަކަށް ދޮގުގެ ސަބަބުން ގެއްލުން ލިބެއެވެ.

އިރާޤް މައްސަލައަކީ އެކަމުގެ ދިރިހުރި މިސާލެކެވެ. އިރާޤުން ކުވައިތަށް އެރީ، ކުވައިތުން އިރާޤްގެ ސަރަހައްދަށް ވަދެ ވަގަށް ތެޔޮނަގާ ކަމުގެ މައުލޫމާތުތަކެއް އިރާޤަށް ދިނުމުން އުފެދުނު ފިތުނައެއްގައެވެ. އެމެރިކާއިން އިރާޤަށް އަރައިގަތީ އިރާޤްގައި މާ ބިޔަ ހަތިޔާރުތަކެއް އެބަހުރިކަން ދުނިޔޭގެ ޤައުމުތަކަށް ދައްކައި އެ ޤައުމުތަކުގެ ބޯ ކައިގެންނެވެ. އާޚިރުގައި އިރާޤު އެއިގެ އަސްލު ސިފައިގައި ނެތިދިއައީއެވެ. އިރާޤް ނެތިކޮށްލުމަށްފަހު މުޅި މެދުއިރުމައްޗަށް އެމެރިކާ އެވަނީ އަތްގަދަކޮށްފައެވެ.

މިހުރިހާ ކަންކަމެއް ހިނގައިދިއައީވެސް ހަމަ ދޮގުތަކެއްގެ ސަބަބުންނެވެ.

ޢާއިލީ މައްސަލަތަކަށް ބަލާއިރު ހަދާ ދޮގުގެ ސަބަބުން މުޅި ޢާއިލާގެތެރޭގައި ފިތުނަ އުފެދި މޫނުކެނޑިގެން އެބަދެއެވެ. ރަހިމުގެ ގުޅުން ކަނޑަންޖެހޭ މިންވަރަށް ކަންތައްތައް އެބަދެއެވެ. ޢާއިލާގެ ތެރޭގައި އުފެދޭ ފިތުނައިން އަމިއްލަ އަޚުން އެބަ މަރައެވެ.

ތިބާ ހެދީ އެންމެ ދޮގެކެވެ. އެދޮގުގެ ސަބަބުން ޢާއިލާތެރޭގައި ފިތުނަ އުފެދި އެފިތުނައިގައި މަރައިލެވުނީއެވެ. ބައަކަށް ބޮޑެތި އަނިޔާތަކެއް ލިބުނީއެވެ. އެތައް ބައެއްގެ ޙައްޤުތައް ގެއްލިގެންދިއައީއެވެ. ދެން ނިކަން މިކަންކަމުގެ އަޒާބުގެ ހިސާބު ބަލައިލަން ނިކަން މަސައްކަތްކޮށްބަލާށެވެ. ހަމަ އެންމެ ދޮގެއްގެ ސަބަބުން ތިބާއަށް ނަރަކައަށް ވަންނަން ޖެހުމަކީ ވަރަށް ގާތްކަމެކެވެ.

ކަންކަން މިފަދައިން ފެންނަން ހުރި ނަމަވެސް ދޮގު ހެދުން މިވަނީ ޢާންމު ކަމަކަށްވެފައެވެ. ދޮގެއް ބުނުމަކީ ފާފައެއް ކަމަށް ދެކެނީވެސް މަދު މީހެކެވެ. އެފަދަ މީހުން ކިޔައިދިން ވާހަކަތަކާއިމެދު ވިސްނައިލުން ރަނގަޅުވާނެއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް