ތިމަރަފުއްޓާއި ފެހެންދޫ ދިވެހި ޕްރެމިއާ ލީގަށް

ތިމަރަފުއްޓާއި ފެހެންދޫ ދިވެހި ޕްރެމިއާ ލީގަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 27 ސިކުންތު

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު މެޗުތަކުން މޮޅުވެގެން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށް ތ.ތިމަރަފުއްޓާއި ބ.ފެހެންދޫ ދިވެހި ޕްރެމިއާ ލީގުގައި ވާދަކުރުމުގެ ފުރުސަތު ހޯދައިފިއެވެ.

ފ.ނިލަންދޫ ފުޓުބޯޅަ ދަނޑުގައި ގްރޫޕް އެކެއްގައި އިއްޔެ ހަވީރު ކުޅުނު މެޗުން ސ.ހިތަދޫގެ މައްޗަށް ތ.ތިމަރަފުށި ކުރިހޯދީ 1-2 ގެ ނަތީޖާއިންނެވެ. މި މެޗުގައި ތިމަރަފުށީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ތޯހިރާއި ޝާމިޒު ހަސަނެވެ. ހިތަދޫގެ ހަމައެކަނި ލަނޑު އަޓަންގަނާ އޮނަމްބެލޭއެވެ.

ށ.ފޯކައިދޫ ފުޓުބޯޅަ ދަނޑުގައި އިއްޔެ ހަވީރު ގްރޫޕް ދޭއްގައި ބ.ފެހެންދޫއާއި އދ.ފެންފުށި ބައްދަލުކުރި މެޗު ފެހެންދޫއިން މޮޅުވީ 1-6 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި ފެހެންދޫގެ ހުސައިން ޝިފާހު ހެޓްރިކެއް ފުރިހަމަކުރިއިރު، އަނެއް ތިން ލަނޑު ކާމިޔާބުކޮށްދިނީ، ހަސަން ސާޖިދާއި، ހުސައިން އީމާނާއި، އާދަމް ނިޒާމެވެ. ފެންފުށީގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ޢަބްދުލް ކަރީމެވެ.

މި މެޗުތަކާއެކު މުބާރާތުގެ ފައިނަލް ބުރުގެ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ވަނީ ކުޅެ ނިމިފައެވެ. ތ.ތިމަރަފުށި އޮތީ ގްރޫޕް އެކެއްގެ އެއްވަނައިގައި 9 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ފ.ނިލަންދޫ އޮތީ 8 ޕޮއިންޓާއެކުގައެވެ. ތިންވަނައިގައި އޮތް ސ.ހިތަދޫއާއި ހަތަރުވަނައިގައި އޮތް ދ.ކުޑަހުވަދޫއަށް ލިބިފައިވަނީ 5 ޕޮއިންޓެވެ. ގްރޫޕްގެ އެންމެ ފުލުގައި އޮތް ގދ.ހޯނޑެއްދޫއަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނެތެވެ.
ގްރޫޕް ދޭއްގެ އެއްވަނައިގައި 10 ޕޮއިންޓާއެކު އޮތީ ށ.ފޯކައިދޫއެވެ. ދެވަނައިގައި ބ.ފެހެންދޫ އޮތީ 9 ޕޮއިންޓާއެކުގައެވެ. ތިންވަނައިގައި އޮތް އއ.މާޅޮހަށް ލިބިފައިވަނީ 7 ޕޮއިންޓެވެ. ހަތަރުވަނައިގައި އޮތް ހއ.މުރައިދޫއަށް ލިބިފައިވަނީ 3 ޕޮއިންޓެވެ. ގްރޫޕްގެ އެންމެ ފުލުގައި އޮތް އދ.ފެންފުއްޓަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނެތެވެ.

މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށް، ދިވެހި ޕްރެމިއާ ލީގުގައި ވާދަކުރުމުގެ ފުރުސަތު ހޯދާފައިވަނީ، ށ.ފޯކައިދޫ، ބ.ފެހެންދޫ، ފ.ނިލަންދޫ، އަދި ތ.ތިމަރަފުއްޓެވެ. މިދިޔަ އަހަރު ދިވެހި ޕްރެމިއާ ލީގުގައި ވާދަކުރި ށ.މިލަންދޫ، އއ.މާޅޮސް، ދ.ކުޑަހުވަދޫ، އަދި ގދ.ތިނަދޫ މި އަހަރުގެ މުބާރާތުގެ ގަދަ ހަތަރެއްގައި ނުހިމެނުމުން ދިވެހި ޕްރެމިއާ ލީގުގައި ވާދަކުރުމުގެ ފުރުސަތެއް ނުލިބެއެވެ. އޭގެ ތެރެއިން ށ.މިލަންދޫއާއި ގދ.ތިނަދޫ މި އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް މުބާރާތުގައި ވެސް ބައިވެރިއެއް ނުވެއެވެ.

މިނިވަން ޗެމްޕިއަންޝިޕް މުބާރާތުގެ ގަދަ ހަތަރު ޓީމުގެ އިތުރުން އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަ ޓީމަށް ވެސް ދިވެހި ޕްރެމިއާ ލީގުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މިނިވަން ޗެމްޕިއަންޝިޕް މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރެވެ. ފ.ނިލަންދޫގައި ކުޅޭ މެޗުގައި ނުކުންނާނީ ތިމަރަފުއްޓާއި ފެހެންދޫއެވެ. ފޯކައިދޫ ދަނޑުގައި ކުޅޭނީ ފޯކައިދޫއާއި ނިލަންދޫއެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް