ނުރައްކާތެރި އެކްސިޑެންޓެއްގެ ސަބަބުން މިޒުވާނާގެ ސިކުނޑިއަށް ލޭއެޅި، ކަނާތު ލޮލަށް ފެނުމުގެ އުންމީދު ނެތް ވާހަކަ ޑޮކްޓަރު ބުނި! އެހީތެރިވެދެއްވާ!

ނުރައްކާތެރި އެކްސިޑެންޓެއްގެ ސަބަބުން މިޒުވާނާގެ ސިކުނޑިއަށް ލޭއެޅި، ކަނާތު ލޮލަށް ފެނުމުގެ އުންމީދު ނެތް ވާހަކަ ޑޮކްޓަރު ބުނި! އެހީތެރިވެދެއްވާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 33 ސިކުންތު

ތިމާގެ ޒުވާން އުމުރު ބަލި އެނދުގައި ވޭތުކުރުމަކީ އެއްވެސް މީހަކު ކުރަން ނިންމައިގެން ހުންނާނެ ކަމެއް ނޫނެވެ. މުސްތަޤުބަލު އުޖާލާ ކުރުމަށް ދިރިއުޅުމުގެ އެކިކަންކަން ރާވާ އެކަންކަމަށް ތައްޔާރުވަމުން އަންނަ ދުވަސްވަރަކީ ވެސް ޒުވާން އުމުރުކަމުގައިވީ ހިނދު، ތިމާގެ ޙަޔާތުގެ މުހިންމު އެވަގުތުކޮޅު ގެއްލުމަކީ އެފަދަ މީހަކަށް ލިބޭ ޖިސްމާނީ އަދި ނަފްސާނީ ގެއްލުމެކެވެ.

އެފަދަަ ވޭނެއް ތަޙައްމަލު ކުރަމުންދާ ފ. ފީއަލި ދުއްލިސާގޭ މުޚްތާރް ޙަސަން (25އ.) އަކީ ވެސް، ދިރިއުޅުމާމެދު ފޮނި ހުވަފެންތަކެއް ދެކެމުންދިޔަ ހިިތްވަރުގަދަ ޒުވާނެކެވެ. އާއިލާގެ އެންމެންގެ ލޯބިލިބި، ނުހަނު ހިތްވަރާއި އުފަލާއިއެކު ދިރިއުޅެމުންދިޔަ މުޚްތާރްގެ ޙަޔާތް ބަދަލުވެގެން ދިޔައީ މިއަހަރުގެ ޖެނުއަރީ މަހުގެ 27 ވީ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓަކަށްފަހު އެވެ.މުޚްތާރުގެ ހާލާއިމެދު "މިއަދުނޫހަށް" މައުލޫމާތު ދެމުން އޭނާގެ ބޭބެ އަޙުމަދު މުސްތަފާ ބުނެފައިވަނީ، އެއެކްސިޑެންޓުގެ ސަބަބުން މުޚްތާރުގެ ސިކުނޑިއަށް ލޭއެޅި، ކުދި ނާރުތަކެއް ވެސް ހަލާކުވެފައިވާ ކަމަށެވެ.

"އެރޭ ފުޓުބޯޅަ ކުޅެން ކޮއްކޮ (އިރުފާނު) ގޮވައިގެން ދަނިކޮށް އެކްސިޑެންޓުވީ. ވަރަށް ހާލު ސީރިއަސްވެފަ އެއިރު އޮތީ. އެއެކްސިޑެންޓުގެ ސަބަބުން އޭނާގެ (މުޚްތާރުގެ) ސިކުނޑިއަށް ލޭއެޅި، ކުދި ނާރުތަކެއް ވެސް ހަލާކުވި. އަދި ކަނާތު ލޮލަށް ވެސް ފެނުމުގެ އުންމީދު ނެތްކަމަށް ޑޮކްޓަރު ބުނި. އެކްސިޑެންޓުވީ ފަހުން މިހާރު ހަތަރު މަސް ވުމާއި ގާތްވާއިރު، އަދި ވެސް އޭނާއަށް ވާހަކަ ނުދެއްކޭ" މުޚްތާރުގެ ބޭބެ ކިޔާދިނެއެވެ.

އެނުރައްކާތެރި އެކްސިޑެންޓުގެ ސަބަބުން ވަރަށް ގިނަ ދުވަސް ވަންދެން އޭޑީކޭ ގެ އައިސީޔޫ ގައި މުޚްތާރަށް ފަރުވާ ދީފައިވެއެވެ. އޭގެފަހުން އޭނާގެ ބަލިހާލަތު ތަންކޮޅެއް ރަނގަޅުވުމުގެ ސަަބަބުން މިހާރު އޭނާ ވަނީ އޭޑީކޭ އެޗްޑީޔޫ އަށް ބަދަލު ކޮށްފައެވެ.

ނަމަވެސް އެއްކޮށް ރަނގަޅުވުމަށްޓަކައި މުޚްތާރަށް ހާޑް‍ ފިޒިއޯ ދޭން ޖެހިފައިވުމުގެ ސަބަބުން، އެކަމަށްޓަކައި ރާއްޖެއިން ބޭރަށް ގެންދިޔުމަށް އާއިލާއިން ދަނީ މަސައްކަތް ކުރަމުންނެވެ.

"އާސަންދަ އެހީ ލިބިފަ އިނީ. ނަމަވެސް ރާއްޖެއިން ބޭރަށް ގޮސް ފަރުވާ ކުރުމަކީ އެހެނިހެން ވެސް ޚަރަދުތަކެއް ދާނެ ކަމަކަށްވާތީ އާއި އެކޮޅުގައި ބޭސްފަރުވާ ކުރުމަށް ވާނޭ ދުވަހެއް ނޭނގުމާއިއެކު ވެވެން އޮތް ދީލަތި އެހީއެއް ވެދެއްވުން އެދެން" މުޚްތާރުގެ ބޭބެ މުސްތަފާ ބުންޏެވެ.

މުޚްތާރަށް ބޭސްފަރުވާ ކުރުމަށް ދީލަތި އެހީއެއް ވެދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން ބީއެމްއެލް އެކައުންޓު ނަންބަރު 101 402315 7709 (އަހުމަދު މުސްތަފާ) އަށް ފައިސާ ޖަމާކޮށްދެއްވުމަކީ އެއާއިލާގެ ވަރަށް ބޮޑު އެދުމެކެވެ. އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ 9925792 ނަންބަރު ފޯނާއި ގުޅުއްވާ މައުލޫމާތު ހިއްސާ ކުރެއްވުން އެދެމެވެ.


ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ